ކޮލަމިސްޓްދީނީ ލިޔުން

ނަބީބޭކަލުންގެ ވާހަކަ: ނޫޙު ޢަލައިހިއްސަލާމް (5 ވަނަ ބައި)

سورة نوح ގައި މާތް الله ވަޙީ ކުރައްވަފައިވަނީ ﴿إِنَّا أَرْسَلْنَا نُوحًا إِلَىٰ قَوْمِهِ أَنْ أَنذِرْ قَوْمَكَ مِن قَبْلِ أَن يَأْتِيَهُمْ عَذَابٌ أَلِيمٌ ﴾ ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، نوحގެފާނު އެކަލޭގެފާނުގެ قومގެމީހުންގެ ގާތަށް رسولކަމާއިގެން ފޮނުއްވީމެވެ. ކަލޭގެފާނުގެ قومގެމީހުންނަށް إنذارކުރައްވާށޭ އަންގަވަމުންނެވެ. (އެއީ) އެއުރެންނަށް ވޭންދެނިވި عذاب އައުމުގެ ކުރިންނެވެ. ﴿قَالَ يَا قَوْمِ إِنِّي لَكُمْ نَذِيرٌ مُّبِينٌ﴾ އެކަލޭގެފާނު ވިދާޅުވިއެވެ. އޭ، އަހުރެންގެ قومގެމީހުންނޭވެ! ހަމަކަށަވަރުން، އަހުރެންނީ، ތިޔަބައިމީހުންނަށް ބަޔާންވެގެންހުރި إنذارކުރާ މީހަކީމެވެ. ﴿أَنِ اعْبُدُوا اللَّـهَ وَاتَّقُوهُ وَأَطِيعُونِ ﴾ (ވިދާޅުވަމުންނެވެ.) ތިޔަބައިމީހުން اللَّهއަށް އަޅުކަންކުރާށެވެ! އަދި ތިޔަބައިމީހުން، އެކަލާނގެއަށް تقوىވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންވާށެވެ!

﴿ يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُؤَخِّرْكُمْ إِلَىٰ أَجَلٍ مُّسَمًّى إِنَّ أَجَلَ اللَّـهِ إِذَا جَاءَ لَا يُؤَخَّرُ لَوْ كُنتُمْ تَعْلَمُونَ ﴾

މާނައީ: (އޭރުން) އެކަލާނގެ، ތިޔަބައިމީހުންގެ ފާފަތައް ތިޔަބައިމީހުންނަށްޓަކައި ފުއްސަވައިދެއްވާނެތެވެ. އަދި ކަނޑައަޅުއްވާފައިވާ މުއްދަތަކަށް ތިޔަބައިމީހުން ފަސްކުރައްވާނެތެވެ. ހަމަކަށަވަރުން، اللَّه ކަނޑައަޅުއްވާފައިވާ أجلއަތުވެއްޖެނަމަ، ލަހެއް ނުކުރައްވާނެތެވެ. ތިޔަބައިމީހުންނަށް (އެކަން) އެނގޭކަމުގައި ވާނަމައެވެ.

﴿ قَالَ رَبِّ إِنِّي دَعَوْتُ قَوْمِي لَيْلًا وَنَهَارًا ﴾ އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ قومގެމީހުންނަށް (إيمانވުމަށް) ރެއާއި، ދުވާލު ތިމަންކަލޭގެފާނު ގޮވައިލެއްވީމެވެ.

﴿فَلَمْ يَزِدْهُمْ دُعَائِي إِلَّا فِرَارًا ﴾ ފަހެ، ތިމަންކަލޭގެފާނުގެ ގޮވައިލެއްވުން، ފިލާންދިޔުން ނޫންކަމެއް އެއުރެންނަކަށް އިތުރެއް ނުކުރިއެވެ. (އެބަހީ: އެކަލޭގެފާނު ތެދުމަގަށް ގޮވައިލެއްވިވަރަކަށް، އެއުރެންދަނީ، އެކަލޭގެފާނުގެ دعوةއާ ދުރަށެވެ.)

﴿ وَإِنِّي كُلَّمَا دَعَوْتُهُمْ لِتَغْفِرَ لَهُمْ جَعَلُوا أَصَابِعَهُمْ فِي آذَانِهِمْ وَاسْتَغْشَوْا ثِيَابَهُمْ وَأَصَرُّوا وَاسْتَكْبَرُوا اسْتِكْبَارًا ﴾ އަދި ހަމަކަށަވަރުން، އިބަރަސްކަލާނގެ އެއުރެންގެ ފާފަފުއްސެވުމަށްޓަކައި، ތިމަންކަލޭގެފާނު އެއުރެންނަށް (إيمانވުމަށް) ގޮވައިލައްވާ ކޮންމެ ފަހަރަކު، އެއުރެންގެ އިނގިލިތައް، އެއުރެންގެ ކަންފަތްތަކުގައި އަޅަތެވެ. އަދި އެއުރެންގެ ފޭރާމުން، އެއުރެން ނިވާވެގަނެތެވެ. އަދި އެއުރެން (كفرވެރިކަންމަތީ) ދެމިތިބެތެވެ. އަދި ނުހަނު ބޮޑާވެގަނެތެވެ.

﴿ثُمَّ إِنِّي دَعَوْتُهُمْ جِهَارًا ﴾ ދެން ހަމަކަށަވަރުން، ތިމަންކަލޭގެފާނު އެއުރެންނަށް ހަރުއަޑުން ގޮވައިލެއްވީމެވެ. ﴿ ثُمَّ إِنِّي أَعْلَنتُ لَهُمْ وَأَسْرَرْتُ لَهُمْ إِسْرَارًا ﴾ ދެން ހަމަކަށަވަރުން، ތިމަންކަލޭގެފާނު އެއުރެންނަށް ފާޅުގައި ގޮވައިލެއްވީމެވެ. އަދި ތިމަންކަލޭގެފާނު ވަންހަނާކޮށް ސިއްރުކުރައްވައި، އެއުރެންނަށް ގޮވައިލެއްވީމެވެ.

﴿فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا ﴾ ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرةގައި ފާފަފުއްސެވުމަށްއެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައިވެއެވެ. ﴿يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا ﴾ (އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ.

﴿ وَيُمْدِدْكُم بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَارًا ﴾ އަދި މުދާތަކާއި، ދަރިންގެގޮތުން، އެކަލާނގެ ތިޔަބައިމީހުންނަށް مددދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ. ﴿مَّا لَكُمْ لَا تَرْجُونَ لِلَّـهِ وَقَارًا ﴾ ތިޔަބައިމީހުން اللَّهގެ عظمةތެރިކަމަށް اعتقاد ނުކުރަނީ ކީއްވެގެންހެއްޔެވެ؟ ﴿وَقَدْ خَلَقَكُمْ أَطْوَارًا ﴾ ހަމަކަށަވަރުން، އެކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ތަފާތު مرحلةތަކަކުންނެވެ.

﴿ أَلَمْ تَرَوْا كَيْفَ خَلَقَ اللَّـهُ سَبْعَ سَمَاوَاتٍ طِبَاقًا ﴾ މަތިމައްޗަށް اللَّه، ހަތް އުޑުހެއްދެވީ ކިހިނަކުންކަން ތިޔަބައިމީހުން ބަލައި ނުވިސްނަނީ ހެއްޔެވެ؟ ﴿ وَجَعَلَ الْقَمَرَ فِيهِنَّ نُورًا وَجَعَلَ الشَّمْسَ سِرَاجًا ﴾ އަދި އެކަލާނގެ އެ އުޑުތަކުގައި ހަނދު نورއެއްކަމުގައި ލެއްވިއެވެ. އަދި އެކަލާނގެ އިރު، ވޮށެއްގެ ގޮތުގައި ލެއްވިއެވެ. ﴿ وَاللَّـهُ أَنبَتَكُم مِّنَ الْأَرْضِ نَبَاتًا ﴾ އަދި اللَّه، ތިޔަބައިމީހުން ބިމުން އުފައްދަވައި ހެއްދެވިއެވެ.

﴿ثُمَّ يُعِيدُكُمْ فِيهَا وَيُخْرِجُكُمْ إِخْرَاجًا ﴾ ދެން އެކަލާނގެ ތިޔަބައިމީހުން އެ ބިމަށް إعادةކުރައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުން (އެ ބިމުން) ނެރުއްވާނެތެވެ. ﴿ وَاللَّـهُ جَعَلَ لَكُمُ الْأَرْضَ بِسَاطًا ﴾ އަދި اللَّه، ތިޔަބައިމީހުންނަށްޓަކައި ފެތުރިގެންވާ ދޫލައެއްގެ ގޮތުގައި ބިންގަނޑުލެއްވިއެވެ. ﴿لِّتَسْلُكُوا مِنْهَا سُبُلًا فِجَاجًا﴾ (އެއީ) އެބިމުން ތިޔަބައިމީހުން ތަނަވަސް މަގުތައް ހޯދައިގަތުމަށްޓަކައެވެ. ﴿ قَالَ نُوحٌ رَّبِّ إِنَّهُمْ عَصَوْنِي وَاتَّبَعُوا مَن لَّمْ يَزِدْهُ مَالُهُ وَوَلَدُهُ إِلَّا خَسَارًا ﴾ نوحގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އެއުރެން މިއަޅާޔަށް އުރެދިއްޖައޫއެވެ. އަދި އެއުރެންގެ މުދަލުންނާއި، ދަރިންގެ ފަރާތުން އެއުރެންނަށް ގެއްލުމެއްނޫން އެހެންކަމެއް ނުލިބޭ މީހުނާ އެއުރެން تبع ވެއްޖައޫއެވެ.

﴿ وَمَكَرُوا مَكْرًا كُبَّارًا ﴾ އަދި އެއުރެން ބޮޑުވެގެންވާ މަކަރުވެރި ރޭވުމެއް ރޭވޫއެވެ. ﴿ وَقَالُوا لَا تَذَرُنَّ آلِهَتَكُمْ وَلَا تَذَرُنَّ وَدًّا وَلَا سُوَاعًا وَلَا يَغُوثَ وَيَعُوقَ وَنَسْرًا ﴾ އަދި އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ إلهންތައް ތިޔަބައިމީހުން ދޫނުކުރާހުށިކަމެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުން وَدّއާއި، سُواعއާއި، يَغوثއާއި، يَعوقއާއި، نَسرއާއި (މިހުރިހާ ބުދުތައް) ދޫކޮށްނުލާހުށިކަމެވެ! ﴿وَقَدْ أَضَلُّوا كَثِيرًا وَلَا تَزِدِ الظَّالِمِينَ إِلَّا ضَلَالًا﴾ އަދި ހަމަކަށަވަރުން، އެއުރެން ގިނަބަޔަކު މަގުފުރެއްދޫއެވެ. އަނިޔާވެރިންނަށް މަގުފުރެދުން ނޫން އެހެންކަމެއް އިތުރު ނުކުރައްވާނދޭވެ!

﴿مِّمَّا خَطِيئَاتِهِمْ أُغْرِقُوا فَأُدْخِلُوا نَارًا فَلَمْ يَجِدُوا لَهُم مِّن دُونِ اللَّـهِ أَنصَارًا﴾ އެއުރެންގެ ފާފަތަކުގެ ސަބަބުން އެއުރެން غرقކުރެއްވިއެވެ. ދެން އެއުރެން އަލިފާނަށް ވެއްދެވިއެވެ. ފަހެ، اللَّهފިޔަވައި نصرދޭނޭ ބަޔަކު އެއުރެންނަކަށް ނުފެނުނޫއެވެ. ﴿وَقَالَ نُوحٌ رَّبِّ لَا تَذَرْ عَلَى الْأَرْضِ مِنَ الْكَافِرِينَ دَيَّارًا﴾ އަދި نوحގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! كافرންގެ ތެރެއިން ހަމައެކަކުވެސް އިބަރަސްކަލާނގެ މި ބިންމަތީގައި ނުބަހައްޓަވާނދޭވެ!

﴿إِنَّكَ إِن تَذَرْهُمْ يُضِلُّوا عِبَادَكَ وَلَا يَلِدُوا إِلَّا فَاجِرًا كَفَّارًا﴾ ހަމަކަށަވަރުން، އިބަރަސްކަލާނގެ އެއުރެން ދޫކުރައްވައިފިނަމަ، އެއުރެން އިބަރަސްކަލާނގެ އަޅުތަކުން މަގުފުރައްދާނެތެވެ. އަދި އެއުރެން فاجر، كفرވެރިކަން ބޮޑު ދަރިޔަކުމެނުވީ ނުވެސް ވިހާނެތެވެ.

﴿ رَّبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَن دَخَلَ بَيْتِيَ مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ وَلَا تَزِدِ الظَّالِمِينَ إِلَّا تَبَارًا﴾ އަޅުގެ ވެރިރަސްކަލާކޮ! މިއަޅާޔާއި، މިއަޅާގެ މައިންބަފައިންނާއި، إيمانވެގެންހުރެ މިއަޅާގެ ގެޔަށް ވަދެއްޖެ މީހަކާއި، مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނަށް ފާފަފުއްސަވާނދޭވެ! އަދި އަނިޔާވެރިންނަށް ހަލާކުނޫން އެހެންކަމެއް އިތުރު ނުކުރައްވާނދޭވެ!"

ނޫޙުގެފާނުގެ ވާހަކައިގެ މުޅި މަޟްމޫނަށް ބަލާއިރު ކީރިތި ޤުރްއާނުގެ ތަފާތު ސޫރަތްތަކުގައި އެކަލޭގެފާނަށް އީމާންވީ މީހުންނަށް މަދަޙަ ވަޙީ ކުރައްވައިފައިވާއިރު، އީމާންނުވި މީހުންނާ މެދު ރުހިވޮޑިނުގަތުން ހާމަކުރައްވައިފައިވެއެވެ. (ނުނިމޭ)

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *