ފުލުހުންގެ އައު ބިލަކީ ރާއްޖޭގެ ޤައުމިއްޔަތު ލާދީނިއްޔަތަށް އަނބުރާލުމަށް ކަޅިކުރެވޭ މަންތަރެއްކަމަށް ސަލަފް ޖަމްޢިއްޔާގެ ރައީސް އައްޝައިޚު ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޝައިޚު ޢަބްދުﷲ މިހެން ވިދާޅުވެފައިވަނީ ފުލުހުންގެ ޚިދުމަތުގެ ބިލުގެ ނަމުގައި ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފު ހުށައަޅާފައިވާ ބިލަކާއި ގުޅިގެންނެވެ. މިގޮތުން ފުލުހުން މިހާތަނަށް ޢަމަލު ކުރަމުންދާ ޤާނޫނުގައި، ފުލުހުންގެ ހުވާގައި އިސްކުރެވިފައިވަނީ އިސްލާމްދީނެވެ. މިޤާނޫނުގައި ފުލުހުންގެ ހުވާގައިވަނީ "އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ޙިމާޔަތް ކުރުމުގައި ތެދުވެރިކަމާއި، އަމާނަތްތެރި ކަންމަތީ ދެމި ހުރުމަށް... މާތް ﷲ ގަންދީ ހުވާ ކުރަމެވެ" މިފަދައިންނެވެ.
އެހެނަސް މިހާރު މަޖްލިހުގައި ބަޙުޘް ކުރެވެމުންދާ މެންބަރު ޙަސަން ލަޠީފުގެ ބިލުގައިވާ ފުލުހުންގެ ހުވާ ފެށިފައިވަނީ ދީނުގެ ބަދަލުގައި ޤައުމުންނެވެ. ބަދަލުގެނެވުނު އައު ޤާނޫނުގައިވަނީ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއަށް، ދިވެހި ފުލުހެއްގެ މަޤާމުގައި ހުރެ، އަހުރެން ޚިދުމަތް ކުރާނީ އިންސާނީ ޙައްޤު ޙިމާޔަތްކޮށް ކުރިއެރުވުމުގައި އިސްނަގާ މަސައްކަތްކުރާ މީހެއްގެ ޙައިސިއްޔަތުން ވަކި މީހަކަށް މަންފާއެއް ހޯދައިދިނުމަށް ނުވަތަ ވަކި މީހަކަށް ގެއްލުމެއް ދިނުމަށް ވިސްނުމެއް ނެތި، މާތެވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ... މާތް ﷲ ގަންދީ ހުވާކޮށް އެކަން އެގޮތުގައި ކުރުންމަތީ ދެމިހުރުމަށް އެކަލާނގެ ޙަޟްރަތުން އަހުރެނން ވާގި އެދެމެވެ" މިފަދައިންނެވެ.
މިޤާނޫނާއި އިދިކޮޅަށް ޝައިޚު އާދަމް ނިޝާނާއި، ޝައިޚު ޢަލީ ޒައިދުވެސް ވަނީ ޓްވީޓު ކުރައްވާފައެވެ. މިގޮތުން ޝައިޚު އާދަމް ނިޝާނު ވިދާޅުވާ ގޮތުގައި އަޅުގަނޑުމެން ސިޔާސީ މަސްތާއި ދުނިޔަވީ ކަންކަމަށް ހެއްލިފައި ތިއްބާ، މިދިވެހިރާއްޖެ ޢަލްމާނީ ލާދީނީ ދައުލަތަކަށް ހެދުމަށް އެމްޑީއެންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ހުރިހާ ކަމެއް ކަހަލަ ގޮތަކަށް މިދަނީ ބާރު ސްޕީޑުގައި ތަންފީޛުކޮށް އިމްޕްލިމެންޓު ކުރެވެމުންނެވެ. ހަމަ މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ޝައިޚު ޢަލީ ޒައިދުވެސް ވަނީ ފުލުހުންގެ ހުވައަށް ބަދަލު ގެނެވިފައިވާތީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...