ރާއްޖޭގެ ޚަބަރު މިދިޔަ އަހަރުގެ ފަޤީރުންގެ ލިސްޓަށް މިއަހަރު ޒަކާތުގެ ފައިސާ ބެހި މައްސަލަ ބަލަނީ

މިދިޔަ އަހަރުގެ ފަޤީރުންގެ ލިސްޓަށް މިއަހަރު ޒަކާތުގެ ފައިސާ ބެހި މައްސަލަ ބަލަނީ

Midhiya Aharuge Faqeerunge Listah Miaharu Zakathuge Faisa Behi Massala Balany

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މިއަހަރުގެ ޙާލަތަށް ރިޢާޔަތް ނުކޮށް، މިދިޔަ އަހަރުގެ ފަޤީރުންގެ ލިސްޓަށް، މިއަހަރު ޒަކާތުގެ ފައިސާ ބެހި މައްސަލަ ބެލުމަށް މަޖްލިހުން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖްލިހުގެ އިޖްތިމާޢީ ކޮމިޓީން މިގޮތަށް ނިންމަވާފައިވަނީ، މަޖްލިހުގެ ރައީސް، މުޙައްމަދު ނަޝީދަށް، ތޮއްޑޫ ދާއިރާގެ މެންބަރު އިބްރާހީމް ޝިޔާމު، މިމައްސަލަ ބައްލަވާދެއްވުމަށް އެދި، ފޮނުއްވި ސިޓީއެއް، މަޖްލިހުގެ ރައީސް އިޖްތިމާޢީ ކޮމިޓީއަށް ފޮނުއްވުމުންނެވެ. އިބްރާހީމް ޝިޔާމް މިސިޓީގައި ލިޔުއްވާފައިވާ ގޮތުގައި އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރުގެ ލިސްޓަކަށް ބެލުމަށްފަހު، މިއަހަރު ޒަކާތުގެ ފައިސާ ބެއްސެވުމުން ދިރިއުޅުމުގެ ޙާލަތު މިހާރު ދަށްވެފައިވާ ގިނަ ބަޔަކަށް އޭގެ ޙައްޤު ލިބިފައި ނުވާކަމަށެވެ.

އިޖްތިމާޢީ ކޮމިޓީން މިހާރު ނިންމަވާފައިވަނީ އިސްލާމިކް މިނިސްޓްރީން، ފިޠުރު ޒަކާތް ބެހުމާއި ގުޅޭ އެންމެހާ ލިޔުންތައް ހޯއްދެވުމަށްފަހު މައްސަލަ ކުރިއަށް ގެންދެވުމަށެވެ. މިގޮތަށް ކޮމިޓީއަށް ހުށައަޅުއްވާފައިވަނީ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވާ ގޮތުގައި 2019 ވަނަ އަހަރު އެކުލަވާލެވިފައިވާ ފަޤީރުންގެ ލިސްޓަކީ ޒަކާތަށް އެދޭ ފޯރމު އިޞްލާޙު ކުރެވި، އަދި ކަމާއި ގުޅޭ އެތައް މުއައްސަސާތަކާއި ގުޅިގެން އެކުލަވާލެވިފައިވާ ލިސްޓެކެވެ. މިގޮތުން 2019 ވަނަ އަހަރުގެ އޭޕްރިލްގައި އެލިސްޓު އެކުލަވާލެވުމަށްފަހު އެއަހަރުގެ ސްޕްޓެމްބަރ މަހު ވަނީ އެލިސްޓުގައި ރަޖިސްޓްރީ ވާން އެދޭ ފަރާތްތަކަށް އިތުރު ފުރުޞަތުތަކެއް ދެވިފައެވެ. މީގެ އިތުރުން 2020 ވަނަ އަހަރު ރަމަޟާން މަހުގެ ކުރިންވެސް މިލިސްޓުގައި ނަން ހިމެނުމަށް އެދި ހުށައެޅުމަށް ފުރުޞަތު ހުޅުވާލެއްވުމަށް މިނިސްޓްރީންވަނީ ނިންމަވާ އެމަސައްކަތް ކުރުމަށް ޢާމިލުން ނެންގެވުމަށްވެސް އިޢުލާން ކުރައްވާފައެވެ. އެހެނަސް ކޯވިޑް 19 ގެ ސަބަބުން ފޯރމު ފުރަން އެދިލައްވާ ފަރާތްތަކުން ފުރިހަމަ ކުރައްވަން ޖެހިލައްވާ މަޢުލޫމާތުތަކާއި ލިޔުންތަކާއި ހޯއްދެވުމަށް ދަތިތައް ކުރިމަތިވާނެ ކަމަށް ބެލެވޭތީ އާއި، އަދި އެކަމަށް އެދިލައްވާ ފަރާތްތަކަށް ހަމަ ފުރުޞަތެއް ލިބިވަޑައިނުގަންނަވާނޭ ކަމަށް ބެލެވޭތީ، އިސްލާމިކް މިނިސްޓްރީން ނިންމެވީ އެދަނޑިވަޅުގައި މިފުރުޞަތު ހުޅުއްވާ ނުލުމަށެވެ.

އިސްލާމިކް މިނިސްޓްރީންވަނީ ފިޠުރު ޒަކާތް ބެއްސެވުމުގެ ކުރިންވެސް، ރާއްޖެއާއި، ރާއްޖެއިން ބޭރުގައި ކޯވިޑް 19 ގެ ސަބަބުން ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް، އެކިއެކި މުއައްސަސާތައް މެދުވެރިކުރައްވާ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ.

ޓެގް

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ދިއިސްލާމް ފިޠުރު ޒަކާތް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.