ވަރަށް ގިނަ މީހުން މިހާރު މާޝާﷲ ދީނީ ދަރުސްތަކަށް ގޮސް ހަދާތަން ފެއެނެވެ. އަދި ދީނީ ފޮތްތަކާ އާރޓިކަލްތައް ވެސް ކިޔައި ހަދައެވެ. އަދި މިހާރު ދީނީ ވެބް ސައިޓް ތަކުންވެސް ދީނީ މައުލޫމާތު ހޯދައެވެ. އަދި ގޫގްލް އިންވެސް އެކި އެކި ދީނީ މައުލޫމާތުތައް ސާރޗްކޮށް ހަދައެވެ. އެކަމަކު އަހަރެންގެ ހިތުގަ އުފެދޭ ސުވާލަކީ، މިހުރިހާ މައުލޫމާތެއް ލިބޭ އިރުވެސް އަހަރުމެންގެ އުޅުން ބަދަލު ވަނީ ކިހާ ވަރަކަށް ބާވައެވެ؟ ދީނުގެ މައުލޫމާތުތައް އަޑު އިވުމުން އެނގުނު މަޢުލޫމާތާ އެއްގޮތަށް އުޅުން ބަދަލު ކުރަން މަސައްކަތް އަހަރެމެންނަށް މަސައްކަތް ކުރެވޭ ބާވައެވެ؟ ދަރުސް އަޑު އެހުމުގެ ފަހުން އޭގެ ކުރިން ހުރި ގޮތާ އެއްވެސް ތަފާތެއް އާދޭ ހެއްޔެވެ؟
މިސާލަކަށް، "ދުލުގެ އާފާތާ" ބެހޭ ދަރުސް އެއް ނިންމާލާފަ، "މާޝާﷲ ވަރަށް ފުރިހަމަ ދަރުސެއް" މިހެން ބުނެލުމަށްފަހު މީހަކާ ދިމާލަށް ޣީބަ ބުނުމުން މިޖެހެނީ ކޮންތަނެއްގައި ހެއްޔެވެ؟ ނުވަތަ "މިއުޒިކް" އާބެހޭ ދަރުސް އެއް ނިންމާލާފަ، "މިއުޒިކަކީ ޙަރާމް އެއްޗެއް ކަމަކާ މެދު މިހާރު އެއްވެސް ޝައްކެއް ނެތް." މިހެން ބުނެލުމަށް ފަހު ގެޔަށް ދާ މަގުމަތީގައި އައިޕޮޑް ނަގާ ލަވައެއް ޖަހާލަމުން ދިޔުމުން އެވަނީ ކިހިނެއް ހެއްޔެވެ؟
އަހަރެމެން އަޑު އަހަން ބޭނުން ވަނީ، "އާ، އަހަރެންވެސް އެ ދަރުސް އަށް ދިޔައިން،" މިހެންނެއް ނޫނެވެ. އެ ދަރުސް އިން ލިބުނު ފައިދާތައް އެމީހެއްގެ ހަޔާތުން ފެނިގެންދާން ވާނެއެވެ. އިސްލާމްދީނަކީ މި އިލްމުތަކުގެ މައްޗައް އުޅުން ބިނާ ކުރުމެވެ. އިސްލާމް ދީނަކީ މުޅި ދިރި އުޅުމުގެ އުސޫލުތަކެވެ. ހަމަ އެކަނި ފޭސްބޫކް ސްޓޭޓަސް އަށް ޙަދީސެއް ލުމަކުން، ނުވަތަ ޑީޕީ އަށް ކޮންމެވެސް މިސްކިތެއްގެ ފޮޓޯ އެއް ލުމަކުން މީހާ ރަނގަޅު ވީކީ ނޫނެވެ. ނުވަތަ ދަރުސްތަކަށް ކިތަންމެ ގިނައިން ދިޔަޔަސް އޭގެ ސަބަބުން މީހާގެ ޢަމަލުތަކަށް ބަދަލެއް ނާންނަ ކަމުގައި ވާ ނަމަ ދަރުސަށް އެދާ މަޤްސަދާ މެދުވެސް ސުވާލު އުފެދެއެވެ.
އަހަރުމެން ދަރުސް އަށް ދަނީ އަހަރެމެންނަކީ ވެސް ދަރުސް އަށް ދާ ބައެއްކަން މިޙުންނަށް ދައްކަން ހެއްޔެވެ؟ ނުވަތަ ދަރުސްދޭ ޝެއިޚް ރީތި ކަމުން ބަލަން ހެއްޔެވެ؟ ނުވަތަ އެންމެ ގިނަ ދަރުސް އަށް ހާޒިރުވި މީހާގެ ރެކޯރޑް ހަދަން ހެއްޔެވެ؟ ނޫނެކެވެ.
އެހެންކަމުން އަހަރުމެން އެންމެންވެސް މި ހޯރމް ވޯރކް ހަދާލަމާ ހިނގާށެވެ. އަހަރުމެން މިސާލަކަށް "މަރު" މި މައުލޫގެ ދަރުސަކަށް، ނުވަތަ "ދެމަފިރިންގެ ޙައްޤުތައް" ނުވަތަ "ރަނގަޅު އެކުވެރިން ޚިޔާރުކުރުން" މި ނޫނަސް މިފަދަ ކޮންމެ މައުލޫއެއްގެ ދަރުސް އެއްވެސް، ނުވަތަ އެކަމާ ބެހޭ އާރޓިކަލް އެއް ނުވަތަ ފޮތެއް ނަމަވެސް ކިޔުމަށް ފަހު ނުވަތަ އަޑު އެހުމަށްފަހު އަހަރެމެން، ވަގުތު ކޮޅެއް ހުސްކޮއްލައި އެކަނިވެ އަމިއްލަ ނަފްސާ ސުވާލު ކޮއްލަމާ ހިނގާށެވެ. "އަހަންނަށް މި ދަރުސް އިން ނުވަތަ ފޮތުން/ލިޔުމުން މި ލިބުނު މައުލޫމާތުތައް އަހަރެންގެ ހަޔާތުގައި އެޕްލައި ކުރާނީ ކިހިނެއް ހެއްޔެވެ؟"
މިސާލަކަށް "ޣީބަބުން" ކަމުގައި ވާނަމަ، މިކަމުން ސަލާމަތް ވުމަށް ޓަކައި އަހެރެންނަށް ކުރެވޭނީ ކޮންކަންތައްތަކެއް ހެއްޔެވެ؟ މިހާރުން މިހާރަށް ހުއްޓާލަން ޖެހެނީ ކޮންކަންތައްތަކެއް ހެއްޔެވެ؟ އަހަރެން ވަގުތު ހޭދަކޮށް އުޅޭ ބައެއް އެކުވެރިންނާ ދުރުވާން ޖެހޭ ހެއްޔެވެ؟ ނުވަތަ މިކަމާ ބެހޭ މައުލޫމާތު އިތުރަށް ހޯދަން ޖެހޭ ހެއްޔެވެ؟ ނުވަތަ މީގެ އިތުރުންވެސް އަހަރެންނަށް ކުރެވޭނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ އެއަށްފަހު އެކަންތައްތައް ކުރެވޭތޯ މަސައްކަތް ކުރާށެވެ!
ޔާ ﷲ! އަހަރެމެން އެންމެންނަކީ ވެސް ޢިލްމަށް ޢަމަލު ކުރާ ބައެއް ކަމުގައި ލައްވާށި! އާމީން

















މާޝާ ﷲ. ވަރަށް ފުރިހަމަ ލިޔުމެއް. މިފަދަ ލިޔުންތައް ގިނައިން ގެނެސްދިނުން އެދެން. މިލިޔުމުގައިވާ ކަންތައްތަކަށް ސަމާލުކުންދިނުމަށް އަޅުގަނޑުގެ ޢަމިއްލަ ނަފްސަށާއި، ހުރިހާ ކިއުންތެރިންނަށް ނަސޭހަތްތެރިވަން.
ސަޅި. މާޝާﷲ .މިކަންތައް ނުވެގެން މިއުޅޭ ސަބަބަކީ ކޮބާ؟
މާޝާ ﷲ!މީ ހަމަ ޖުމުޢާ މެގަޒިން ކަހަލަ މަޖައްލާތަކުން ފެންނަ ފެންވަރުގެ ލިޔުމެއް! އޮހ..ހހމ އެބަ ބަލަން ﷲ އިރާދަކުރެއްވިއްޔާ މި ނަޞޭޙަތަށްވެސް ޢަމަލުކުރެވޭތޯ! =)