ދީން އަހަރުމެން ނަމާދު ކުރަނީ ކީއްވެ؟ -1

އަހަރުމެން ނަމާދު ކުރަނީ ކީއްވެ؟ -1

އަހަރުމެން ނަމާދު ކުރަނީ ކީއްވެ؟ -1

ކިޔާލަން ހޭދަވާނީ 6 މިނިޓް

ފޮންޓް ސައިޒް
الحمد لله و الصلاة و السلام على نبينا محمد وعلى آله و أصحابه أجمعين ومن تبعهم بإحسان إلى يوم الدين, وبعد….

ތަޢާރަފް:

ހަމަކަށަވަރުން، މި މަސައްކަތަކީ، މިއީ ތަރުޖަމާއެކެވެ. ޑރ.ޝުހައިބް ޙަސަންގެ " އަހަރުމެން ނަމާދު ކުރަނީ ކީއްވެ؟" މި މައުޟޫއަށް ލިޔުއްވާފައިވާ ވަރަށް ފުރިހަމަ ފޮތެއްގެ ތަރުޖަމާއެކެވެ. އެހެންކަމުން، ތަރުޖަމާ ގެނެސްދިނުމުގައި ފޮތުގެ އަޞްލު މަފްހޫމުތަކާއި ވީހާވެސް ގުޅޭގޮތަކަށް ގެނެސްދެވޭތޯ ބަލައިފައިވާނެއެވެ. ބޭނުމަކީ ހަމަ އެންމެ ކަމެކެވެ. ތިޔަ ލޮބުވެތި އަޚުންނާއި އުޚުތުންނަށް މިފޮތުގެ ފައިދާކުރުމެވެ. އަދި އަޅުގަނޑަށް މާތްﷲ ގެ ރުއްސެވުމާއި ފުއްސެވުން ލިބުމެވެ.

އެހެންކަމުން، މި ތަރުޖަމާގެ ލިޔުންތައް، އަދަދުތަކަކަށް ބަހާލައިގެން ކޮންމެ ހަފްތާއަކުވެސް ވަކި ވަރަކަށް ހުށައަޅަމުން ދާނަމެވެ. ރާއްޖެ އިސްލާމް ވެބްސައިޓް މެދުވެރިކޮށެވެ. ނަމަވެސް، މާތްﷲ ގެ އިރާދަފުޅުން ކައިރި މުސްތަޤްބަލެއްގައި، މިތަރުޖަމާ ފޮތެއްގެ ސިފައިގައި ތިޔަ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ލިބޭނެގޮތް ހެދޭތޯ މިދަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރެވެމުންނެވެ.

ދެން އަޞްލު ތަރުޖަމާގެ ބަޔާއިގެން ކުރިއަށްދާނަމެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ( إن الصلاة تنهى عن الفحشاء والمنكر ) العنكبوت/45  މާނައީ: " ހަމަ ކަށަވަރުން ނަމާދު ފާޙިޝް ކަންތަކާއި މުންކަރާތްތައް ނަހީ ކުރެއެވެ".

އިންސާނުން ނަމާދަށް ބޭނުންވަނީ ކީއްވެ؟

ދުވާލުގެ ގިނަ ވަގުތުތަކެއް ބުރަ މަސައްކަތުގައި ހޭދަކުރުމަށް ފަހު، ވަރުބަލިކަން އިހުސާސްކުރަން ޖެހިފައިވާ މީހަކަށް، މުސައްލަމަތީގައި ހުރެ އެންމެ މަތިވެރި ﷲ އަށް ކުރާ ނަމާދުގައި ދޭންޖެހޭ ފުރިހަމަ ޚުޝޫޢަތްތެރިކަން ދިނުމަކީ އުނދަގޫ ކަމެކެވެ. އަރާމު ދާނުގެ މަތީގައި އޮންނަ ހިނދު، މުއައްޒިނުން ގޮވާ "ސަލާމަތް ކަމާއި ނަސީބު ލިބިގަތުމަށް އަވަހަށް އަންނާށެވެ!" މިގޮވައިލުމަށް އިޖާބަ ދިނުމަކީ ދަތި ކަމެކެވެ.

މަޝްހޫރު ޑޮކްޓަރ އަދި ފިލޯސަފަރެއް ކަމުގައިވާ އިބްނި ސީނާ، އޭނާގެ ޙަޔާތުގައި ހިނގި މިފަދަ ހާދިސާއެއް ހަނދާނަށް ގެނައެވެ. ވަރަށް ފިނި ރެއެކެވެ. އެރެޔަކީ އޭނާއާއި އޭނާގެ އަޅުމީހާ ޚުރަސާންގެ ރަށްފުށު ހިސާބެއްގައި ހުރި ގެއެއްގައި މަޑުކޮށްލައިގެން ތިބި ރެޔެކެވެ. ރޭގަނޑުގެ ވަގުތެއްގައި އޭނާ ކަރުހިއްކައިގަނެގެން ފެންފޮދެއް ދިނުމަށް އެދި އޭނާގެ އަޅުމީހާއަށް ގޮވާލިއެވެ. އަރާމު ތަންމަތިން ތެދުވުމަށް އަޅުމީހާގެ ހިތެއް ނޭދުނެވެ. އެހެން ކަމުން އިބްނި ސީނާގެ ގޮވާލުމަށް ބީރު ކަންފަތެއްދިނެވެ. ނަމަވެސް އެނާއަށް ތަކުރާރުކޮށް ގޮވާލެވުމުން ހިތާއިދެކޮޅަށް ތެދުވުމަށް ފަހު ފެންބަލާ ދިޔައެވެ. އިރުކޮޅަކުން ބަންގީގެ ރިވެތި އަޑު ފަޒާގެ ތެރޭގައި ގުގުމާލިއެވެ. އީމާންވީ މީސްތަކުން ނަމާދަށް އަވަސްވެގަތުމަށް އެދި ގޮވާލާ މީހާއާއި މެދު، އިބްނި ސީނާ ފިކުރުކޮށްލިއެވެ. އޭނާ ހިނިތުންވުމަކާއި އެކު ހިތަށްއެރިއެވެ. އަހަރެންގެ އަޅު ޢަބްދުﷲ، އަހަންނަށް އަބަދުވެސް އިޙްތިރާމްކޮށް ޤަދަރު ކުރެއެވެ. ތަޢުރީފުގެ ބަސްތަކުން އަހަރެންގެ ހިތް ފުރާލުމަށާއި އަހަންނަށް ލޯބިދިނުމަށް އޭނާއަށް ލިބޭ ކޮންމެ ފުރުޞަތެއްގެ ބޭނުން ހިފައެވެ. ނަމަވެސް މިރޭ އޭނާ އެވަނީ އަހަރެންގެ ބޭނުންތަކުގެ މަށްޗަށް އޭނާގެ އަމިއްލަ ހިތްހަމަޖެހުމާއި އަރާމު އިސްކޮށްފައެވެ. ނިކަން ﷲ ތަޢާލާގެ މި ފާރިސީ އަޅާ ދެކިބަލާށެވެ. އޭނާގެ އަރާމު ތަންމަތި ދޫކޮށްލުމަށް ފަހު ފިނި ރޭގަނޑުގެ ތެރެއަށް ނިކުތެވެ. އަދި ފެން ފިނި، އާރަކުން ވުޟޫ ކުރުމަށްފަހު މިސްކިތުގައިވާ އުސް މުންނާރަށް އަރައި، އޭނާ އަޅުވެތިވާން އެންމެ ހައްޤު ފަރާތް މަތިވެރިކުރިއެވެ. " أشهد أن لا اله الا الله, أشهد أن محمدا رسول الله" މި މާތް ތައުޙީދުގެ ކަލިމަތަކުން އޭނާ ފަޒާގެ ތެރެ ގުގުމައިލައިފިއެވެ. "ﷲ ފިޔަވައި ހައްޤު ވެގެން އަޅުކަން ވެވޭ އެހެން އެއްވެސް އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ. މުޙައްމަދުގެފާނީ ﷲގެ ރަސޫލާކަމަށް އަޅު ހެކިވަމެވެ".
އިބްނި ސީނާ ލިޔުއްވާފައިވެއެވެ. މިރޭ އަހަންނަށް ހަޤީޤީ ލޯބީގެ ޖާޒުބިއްޔަތު އިޙްސާސް ކުރެވިއްޖެއެވެ. އެ ލޯބީގެ ނަތީޖާއަކީ ފުރިހަމަ ކިޔަމަންތެރިކަމެވެ. ﷲ ތަޢާލާ ދެކެ ފުރިހަމައަށް ލޯބިވެވޭނީ އެކަލާނގެއަށް ފުރިހަމައަށް ބޯލަނބައިގެންނެވެ.

އެހެންކަމުން މާތް ﷲ ވަޙީކުރައްވަނީ: ( قل إن كنتم تحبون الله فاتبعوني يحببكم الله و يغفر لكم ذنوبكم والله غفور رحيم ) آل عمران : 31
މާނައީ: " (އެމީހުން ގާތުގައި) ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން މާތް ﷲ ދެކެ ލޯބިވާކަމުގައި ވަނީ ނަމަ ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ތަބަޢަވާށެވެ. އޭރުން މާތް ﷲ ތިޔަބައިމީހުން ދެކެ ލޯބިވެ ވޮޑިގަންނަވާނެއެވެ. އަދި ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހުންގެ ފާފަތައް ފުއްސަވާދެއްވާނެތެވެ. މާތް ﷲ އެއީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ އިލާހެވެ ".

ނަމާދު: ފުރާނައިގެ އާދޭހެއް

އިންސާނާގެ ބޮޑާކަމާއި ކިބުރުވެރިކަމުގެ ނަތީޖާއެއްގެ ގޮތުން އަނިޔާވެރި، ޚުދުމުހުތާރު ވެރިއަކާއި އެއްފަދައިން އޭނާގެ އަމަލުތައް ބަހައްޓައެވެ. ބައެއް މީހުން، އެމީހުންގެ އަމިއްލަ ނަފްސާއި މެދު ފަޚުރުވެރިވާލެއް ބޮޑުކަމުން، ކަލަކުކަމަށް ދަޢުވާކޮށްފައި ވެސް އެބަހުއްޓެވެ. މޫސާގެ ފާނުގެ ޒަމާނުގައި މިޞްރުގައި ވެރިކަންކުރި ފިރުޢައުނަކީ މިގޮތަށް ކަންތައްކުރި އެކަކެވެ. އޭނާ އެކަން އިޢުލާންވެސް ކުރިއެވެ. ޤުރުއާނުގައި މާތް ﷲ މިވާހަކަ ބަޔާންކޮށްދެއްވިއެވެ.( فقال أنا ربكم الأعلى ) النازعات: 24  މާނައަކީ:" އަދި އޭނާ ބުންޏެވެ. އަހަންނަކީ ކަލޭމެންގެ އެންމެ މަތިވެރި ރައްބެވެ". އޭނާގެ ހިތުތެރޭގައި އުފެދިފައިވާ ބޮޑާކަމުގެ ސަބަބުން ބަނީ އިސްރާޢީލް ބާގައިގެ މީހުން އޭނާއަށް އަޅުވެތިކޮށް އެމީހުންގެ ދިރިއުޅުން ސުންނާފަތިކޮށް ވިއްސިވިހާލިކޮށްލިއެވެ.

ނަމަވެސް، އިންސާނާއަކީ އޭނާގެ ނަފްސު ވިސްނައިދޭ ފަދައިން އެހާ ބާރުގަދަ، ގަދަފަދަ މީހެއްބާއެވެ؟ އަހަރުމެންނަށް އިންސާނާގެ ޠަބީޢަތުގެ ހަޤީޤަތް، ކީރިތި ޤުރުއާނުގައި މާތް ﷲ އޮޅުންފިލުވައި ދެއްވައިފައިއެވެ.

އެގޮތުން، މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ( الله الذي خلقكم من ضعف ثم جعل من بعد ضعف قوة ثم جعل من قوة ضعفا و شيبة يخلق ما يشاء وهو العليم القدير ) الروم: 54 މާނައީ: " ބަލި ނިކަމެތި (ފެންފޮދަކުން) ތިޔަބައި މީހުން އުފެއްދެވީ، ދެން އެއަށްފަހުގައި (ޅަފުރައިގެ) ބަލިކަމަށްފަހު ބާރުދެއްވީ، ދެން އެއަށްފަހުގައި، ބާރުވެރިކަމަށްފަހު ބަލި ނިކަމެތިކަމާއި މުސްކުޅިކަން ލެއްވީވެސް މާތްﷲ އެވެ.  (މާތް ﷲ) އިރާދަކުރައްވާ އެއްޗެއް ޚަލްގުކުރައްވަތެވެ. އަދި އެއިލާހީ، މޮޅަށް ދެނެވޮޑިގެންވާ ކުޅަދުންވަންތަ ފާރާތެވެ".

ފެށެނީ ބަލިކަށިކަމަކުންނެވެ. އަދި ނިމެނީވެސް ބަލިކަށިކަމަކުންނެވެ. މިއީ އިންސާނާގެ ފިޠުރަތެވެ. ޅަފަތުގެ ބަލިކަށިކަމާއި ނިކަމެތިކަމުގެ ސަބަބުން އޭނާގެ ދިރިއުޅުން ބިނާވެފައިވަނީ އޭނާގެ މައިންބަފައިންނާއި އާއިލާގެ މައްޗަށެވެ. މިފަދަ ނާޒުކު ދުވަސްވަރެއްގައި އޭނާގެ އަމިއްލަ ހާލައިގެން އުޅެން ދޫކޮށްލެވިއްޖެ ނަމަ، އޭނާ ދިރިނުހުންނާނެކަން ކަށަވަރެވެ. އޭނާއަށް ބޭނުންވާނީ އޯގާތެރި ފިރުމުންތަކާއި މީހުންގެ އަޅާލުމެވެ. އޭނާގެ ތުއްތު އުމުރުގައެވެ. ކުޑަކުއްޖެއްގެ ގޮތުގައި ހޭދަކުރަންޖެހޭ ދުވަސްވަރުގައެވެ. އަދި ކިއެއްތޯއެވެ. އޭނާގެ ފުރާވަރު އުމުރުގައިވެސްމެއެވެ.

މިދެންނެވި ކުޑަކުއްޖާ ޒުވާންކަމާއި މިނިވަންކަމުގެ އަހަރުތައް ފެށުމަށްފަހު، އޭނާގެ ހަޔާތަށް ބާރުފޯރުވާ މީހެއް ކަމުގައި އޭނާ ވެއެވެ. އެހެންކަމުން، ބޮޑާކަމާއި އެކު އޭނާގެ ވަރުގަދަ ހަށިގަނޑާއި ރިވެތި ސޫރައާއި ލިބިފައިވާ އެތައް ހުނަރުތަކެއްގެ މައްޗަށް ނަޒަރުހިންގާލައެވެ. އަދި އޭނާއަށް ވުރެ ނިކަމެތި މީހުންނަށް ނަފްރަތު ކުރަން ފަށައެވެ. ގިނަ ފަހަރު، އެމީހުންގެ އަމިއްލަ ސިއްޙަތަށް ފަރުވާލެއްނެތި ބަލައި ބޮޑުކުރި މައިންބަފައިންނާއި މެދުވެސް އެމީހުންގެ ހިތްތަކުގައި ވަނީ ރުޅިވެރިކަން އުފެދިފައެވެ. ބޭއިންސާފާއި ކެހިވެރިކަމުގައި ހައްދުފަހަނައަޅައި ގޮސްފައެވެ. އޭނާއަށް ލިބިފައިވާ އާރާއި ބާރު މީހުންގެ މައްޗަށް އަތްގަދަކުރުމުގައި ބޭކާރުކޮށްލައެވެ. އޭނާއަށް ވިސްނޭ ގޮތުގައި އޭނާއަކީ އަމުރުވެރިޔެކެވެ. އޭނާގެ ހިތަށްއެރި ގޮތަކަށް އަމުރުކުރުމުގެ ހައްޤު އޭނާއަށް ލިބިގެންވާކަމަށް އޭނާ ޤަބޫލުކުރެއެވެ. ނަމަވެސް، ޒުވާންކަމާއި، ރީތިކަމާއި، އާރާއިބާރަކީ ތާއަބަދަށްޓަކައި ދެމިހުންނާނެ އެއްޗެއްތޯއެވެ؟ މަދު ދިހަތަކެއް ފާއިތުވުމަށްފަހު އޭނާގެ ގައިންބާރު ދެރަވެއެވެ. އޭނާގެ ސިއްޙީ ދުޅަހެޔޮކަން ގެއްލިދެއެވެ. އޭނާގެ ބޮލުގައި ނުރަޖަހައި ފުރާލައެވެ. އޭނަގެ ޒުވާންކަމުގެ މައްޗަށް މުސްކުޅިކަން ވެރިވެގިނެއެވެ. ޒުވާންކަމުން މުސްކުޅިކަމަށް ބަދަލުވުމަށް ކިތަންމެ ގިނަ ވަގުތުތަކެއް ވޭތުވިކަމުގައިވިނަމަވެސް، މިކަމަކީ ކޮންމެ މިހަކުވެސް ކުރިމަތިލާންޖެހޭނެ ޙަޤީޤަތެކެވެ. އެއްވެސް ހުއްޓުމެއްނެތި ވަގުތު ހިނގަމުން ދެއެވެ. އެންމެހައި ޅަކުދިން އެމީހުންގެ މުސްކުޅި އުމުރާއި ހަމައަށް ވާޞިލްކޮށްދިނުމަށެވެ. އިސްވެ ދެންނެވުނު ޚުދުމުހުތާރުވެރިޔާ، އޭނާ އުފަންވީއިރު އޮތް ފަދަ ނިކަމެތި، ބަލިކަށި ހާލަތަކަށް ރުޖޫޢަވާނެ ދުވަހެއް އަންނާނެއެވެ. ނަމަވެސް މިފަހަރު އޭނާއަށް އަޅާލުމަށް އޭނާގެ މައިންބަފައިންނެއް ނުތިބޭނެއެވެ. އޭނާގެ އަމިއްލަ އާއިލާއިން އޭނާގެ ބޭނުންނެތިގެން ބޭކާރުކޮށްލާނެއެވެ. ގިނަ ފަހަރު ކަންދިމާވަނީ މިގޮތަށެވެ. އޭނާގެ މުސްތަޤުބަލަކަށް ވަނީ މުސްކުޅިންނަށް އަޅާލާ ތަނެއްގައި އެކަނިވެރިކަމުގެ ދުވަސްތައް ވޭތުކުރުމެވެ.

" ފެށެނީ ބަލިކަށިކަމަކުންނެވެ. އަދި ނިމެނީވެސް ބަލިކަށިކަމަކުންނެވެ". މިއިން ލިބޭ މެސެޖް ކިތަންމެހާވެސް ސާފެވެ. ހަޤީޤީ އަމުރުވެރިޔަކީ ﷲ ތަޢާލާއެވެ. ގަދަފަދަވަންތަކަމާއި ކުޅަދުންވަންތަކަން ލިބިވޮޑިގެންވަނީ ހަމައެކަނި އެފަރާތަށެވެ. ވަރުބަލިކަން އިޙުސާސްކުރަން ނުޖެހޭ ހަމައެކަނި ފަރާތަކީ އެއީއެވެ. އެހެން ފަރާތަކަށް ބަރޯސާވާން ނުޖެހޭ ހަމައެކަނި ފަރާތަކީ އެއީއެވެ. الله أكبر - އެންމެ ބޮޑީ ﷲ އެވެ.

މިމެސެޖް ސިކުނޑީގައި ހަރުލުމަށްފަހު އިންސާނާ ނެތުމުގެތެރެއިން ވުޖޫދަށް ގެންނެވި ގަދަފަދަވަންތަ މާތް ﷲ އަށް އޭނާ ކިޔަމަންތެރިކަމާއި އެކު ބޯލަނބަން ޖެހޭނެކަން އޭނާއަށް ވިސްނެއެވެ. ކިޔަމަންތެރި އަޅެއްފަދައިން އެއިލާހުގެ ހަޟްރަތުގައި ޤިޔާމްގައި ހުރުން ފިޔަވައި އެފާރަތަށް ބޯލެނބުމަށް އޮތް މޮޅުއިތުރުގޮތަކީ ކޮބައިތޯއެވެ؟ އަދި އެފަރާތަށް ރުކޫޢުކޮށް، ސަޖިދަކުރުމާއި އެފަރާތުގެ މަދަދަށް އެދި ދެއަތް އުފުލާ ދުޢާކުރުން ވެސް މިކަމުގައި ހިމެނެއެވެ.

ނަމާދަކީ އިންސާނިއްޔަތަށް ކުރިމަތިކުރައްވާފައިވާ ބުރަކަމެއްނޫނެވެ. އަދިކިއެއްތޯއެވެ؟ އެއީ ކޮންމެ ފުރާނައެއް އެކަމަށް އެދި ފެންބޮވައިގަނެފައިވާ އަމަލެކެވެ. ހެއްދެވިފަރާތް ދެނެގަތުމަށްޓަކައި ކޮންމެ ހިތެއްގެ ރުއިމެވެ. ނަމާދަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނުންނަށް މިންވަރުކުރައްވާފައިވާ އަދަދުނުކުރެވޭހާ ގިނަ ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ ގޮތުން ކުރެވޭ ކުޑަކުޑަ ޢަމަލެކެވެ.

އަހަރެމެންގެ ޢާއްމު ދިރިއުޅުމުގައި މީހުން އަހަރެމެންނަށް ކޮށްދޭ ހެޔޮކަންތައްތަކުގެ ބަދުލުގައި ހިނިތުންވުމަކާއިއެކު އެމީހަކަށް ޝުކުރުއަދާކުރަމެވެ. އެހެންކަމުން ﷲ ތަޢާލާއަށް ޝުކުރުއަދާކުރުން ކީއްތޯއެވެ؟ އެއިލާހަކީ ކޮޅެއްނެތް ރަޙްމަތުން އަހަރެމެންގެ އެންމެހައި ބޭނުންތައް ފުއްދަވައިދެއްވާ އިލާހެވެ. އަހަރެމެންގެ     ވަށައިގެންވާ ދުނިޔޭގެ ޗާލުކަމާއި ފުރިހަމަކަމަށް ނަޒަރު ހިންގަވާލައްވާށެވެ. އަދި ކަކޫމައްޗަށް ތިރިވެ އެތަކެތި އުފެއްދެވި އިލާހަށް ޝުކުރުވެރިވާށެވެ.

(ނުނިމޭ)

ތަރުޖަމާ: އަލްއުޚުތު އުއްމު ފާޠިމާ
އަޞްލު ލިޔުއްވީ: ޑރ. ޝުހައިބް ޙަސަން

ޓެގް

ނަމާދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.