ލީބިޔާ އަކީ ޢަރަބި އިސްލާމީ ދުނިޔޭގައި ވަރަށް މުހިންމު ކަމެއް ދެވިފައިވާ ގައުމެކެވެ. އެފްރިކާގެ އުތުރުގައި އޮންނަ މި ގައުމަކީ އިސްތިޢުމާރިއްޔަތާއި ދެކޮޅަށް ވަރުގަދަ ޖިހާދެއް ކޮށްފައިވާ ތާރީޚެއް އޮތް ގައުމެކެވެ. މުސްލިމުން ލީބިޔާ ފަތަޙަކުރީ ކްރިސްޓިއަން ތާރީޚުން (ކ.ތ) 642 ވަނައަހަރުގެ ސެޕްޓެމްބަރ މަހުގައެވެ. މިޞްރު ވެސް ފަތަޙަ ކުރެއްވި މަޝްހޫރު ޞަޙާބީ ޢަމްރު ބުނިލް ޢާޞް ރަޟިޔަﷲ ޢަންހު ގެ ކޮމާންޑްގެ ދަށުގައިވާ ލަޝްކަރަކުންނެވެ. ފުރަތަމަ ފަތަޙަ ކުރެއްވީ ލީބިޔާ ގެ ސައިރެނައިކާ ސަރަޙައްދެވެ. 647 (ކ.ތ) ގައި ޢަބްދުﷲ ބިން ސަޢުދު ރަޟިޔަﷲ ޢަންހު ގެ އަމީރު ކަމުގެ ދަށުގައިވާ 40000 ބޭކަލުންގެ ލަޝްކަރަކުން ޙަމަލަ ދެއްވައި ލީބިޔާގެ ޓްރިޕޮލީ ސަރަޙައްދު ފަތަޙަ ކުރައްވައި ގްރީކް ނަޞާރާއިން (ރޫމީން ނުވަތަ ބައިޒަންޓައިނުން) ލީބިޔާއިން ފައްސާލެއްވިއެވެ. އެއަށްފަހު 1911 (ކ.ތ) އާއި ހަމަޔަށް ލީބިޔާ އޮތީ އިސްލާމީ ޚިލާފަތުގެ ދަށުގައެވެ. 1911 (ކ.ތ) ގައި އިޓަލީ ގެ ނަޞާރާއިން ލިބިޔާ އަށް ވެރިވެގަތެވެ. ތާރީޚު ދިރާސާ ކުރާ މީހުން ބުނާގޮތުގައި 1928 އާއި 1932 އާއިދެމެދު އިޓަލީގެ އަނިޔާވެރި ސިފައިން ލީބިޔާގެ ބަދަވީ ވަޒަންވެރީންގެ ދެބައިކުޅަ އެއްބައި ކޮންސެނޓްރޭޝަން ކޭމްޕް ތަކުގައި ހައްޔަރު ކޮށް ބަނޑަށްޖައްސައި މަރާފައި ވެއެވެ.
މަޝްހޫރު މުޖާހިދު ޢުމަރުލް މުޚުތާރު
“ސައިރެނައިކާގެ ސިންގާ” ގެ ނަމުން މަޝްހޫރު ވެފައިވާ ގެރިއްލާ މުޖާހިދު ޢުމަރުލް މުޚުތާރު އިޓަލީގެ ފެސިސްޓުންނާއި ދެކޮޅަށް ވަރުގަދަ ޖިހާދެއް ކުރެއްވީ މިދުވަސްވަރުގައެވެ. ޢުމަރުލް މުޚުތާރު ޖިހާދު ކުރެއްވީ އަޅުގަނޑުމެންގެ ގައުމީ ބަޠަލް، އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް ޢަޢުޡަމް އެކޭ އެއްބީދައިންނެވެ. އޭނާޔާއި އެކުގައި މަސައްކަތް ކުރެއްވި ހިތްވަރުގަދަ މުޖާހިދުންނާއިގެން ކުއްލިއަކަށް ރަށް ރަށަށް އަރުއްވައި، އިޓަލީ ސިފައިންގެ މަރުކަޒު ތަކަށް ޙަމަލަ ދެއްވުމަށްފަހު ސަޙަރާގެ ތެރެއަށް ފިއްލަވައެވެ. މިގޮތުން އިޓަލީގެ ފަރަންޖީންގެ ހިތްތަކަށް ބިރުވެރިކަން ވެއްދެވިއެވެ. އޭނާ ހިމެނިގެން ދިޔައީ ދުނިޔޭގައި ގެރިއްލާ ހަގުރާމައިގެ އުކުޅު ތަކަށް އެންމެ ކުރިއަރާފައިވާ އެންމެ މަޝްހޫރު ކޮމާންޑަރުންގެ ތެރެއިންނެވެ. ޢުމަރުލް މުޚުތާރުގެ ލަޝްކަރުގެ ޙަމަލާ ތައް ވަރުގަދަވެގެންގޮސް އިޓަލީ މީހުންނަށް ގޮތްހުސްވާ ހިސާބަށް ދިއުމުން އެމީހުން ލީބިޔާގެ މީހުންނާއިމެދު ޢަމަލު ކުރީ ވަރަށްވެސް އަނިޔާވެރި ގޮތަކަށެވެ. އިޓަލީގެ މިލިޓަރީ ކޮމާންޑަރ ޖެނެރަލް ރޮޑޮލްފޯ ގްރާޒިއާނީގެ އަމުރަށް މުޖާހިދުންނަށް އެހީވާ ރަށްރަށުގެ މީހުން ކޮންސެންޓްރޭޝަން ކޭމްޕް ތަކުގައި ބަންދު ކުރިއެވެ. މިގޮތުން އެންމެ ރަށަކުންއެކަނިވެސް އެއް ލައްކަ މީހުން ގެންދިޔަ ކަމަށް ވެއެވެ. އަދި ވައިގެ ޙަމަލާތައް އިތުރު ކުރިއެވެ. ކުރިމަތިވަމުންދިޔަ ދަތިތަކާއިއެކުވެސް ޢުމަރު މުޚުތާރު ވަރުގަދަޔަށް ޖިހާދު ކުރައްވަމުން ގެންދެވިއެވެ. 20 އަހަރުގެ ޖިހާދަށްފަހު 11 ސެޕްޓެމްބަރ 1931 (ކ.ތ) ވީ ދުވަހު ޒަޚަމްވެ ވަޑައިގެން އިޓަލީގެ މީހުންގެ އަތްދަށުގައި ހައްޔަރުވެ ވަޑައިގަތެވެ. އޭނާ ޖަލުގައި ހުންނެވި ތިން ދުވަހު ދެއްކެވި ހިތްވަރު ފުޅާއި އަދި އީމާން ކަމުގެ ވަރުގަދަ ކަމުން ޖަލުބަލަހައްޓާ މީހުން ޙައިރާން ވިއެވެ. އޭނަޔާއި ހަނގުރާމަ ކުރި އިޓަލީގެ ކޮމާންޑަރ ޖެނެރަލް ގްރޭޒިއާނީ އޭނާއާއިބެހޭ ގޮތުން ލިޔެފައިވާ ބަސްތަކުން މި މާތް މުޖާހިދުގެ ޝަޚުޞިއްޔަތުގެ ވަރުގަދަކަން ދޭހަވެއެވެ. އޭނާ ލިޔެފައި ވެއެވެ. “.. އޭނާޔަކީ އަވަހަށް ކަންކަން ވިސްނައިގަތުމުގެ ބާރު ހުރި، ވިސްނުން ތޫނު، އެނާގެ ދީނުގެ ޢިލްމަށް ބޮޑު، ރަގަޅު އަޚުލާގެއްގެ ވެރި އަޅުވެރި މީހެކެވެ. އަމިއްލައެދުން ނެތް، ގޮތުގައި ހިފެހެއްޓި މީހެކެވެ. (ޢަޖައިބަކީ، އޭނާޔަކީ ސައިރެނައިކާގެ އެންމެ ނުފޫޒުގަދަ މީހާ ކަމުގައި ވީނަމަވެސް އޭނާ އުޅުނީ ފަގީރެއްގެ ގޮތުގައެވެ.”
އޭނާ އަވަހާރަ ކޮށްލީ 15 ސެޕްޓެމްބަރ 1931 (ކ.ތ) ވީ ދުވަހު އޭނާގެ ލޯބިވާ ގައުމުގެ ރައްޔިތުންގެ ކުރިމަތީގައި ދަންޖައްސައިގެންނެވެ. އޭނާގެ އެންމެ ފަހު ބަސްފުޅަކަށްވީ “އަހަރެމެން މިލްކުވެގެން ވަނީ ﷲ އަށެވެ. އަދި އަހަރެމެން އެބުރިދާހުށީވެސް ﷲ ގެ ޙަޒުރަތަށެވެ.” މި އާޔަތެވެ. އޭރު ޢުމުރުފުޅުން 73 އަހަރުފުޅެވެ. ޔާ ﷲ! މުޙައްމަދު ނަބީކަލޭގެފާނުންގެ މި އުންމަތަށްޓަކައި، އެ މާތް މުޖާހިދަށް ރަޙުމަތް ލައްވާނދޭވެ!
ޢުމަރުލް މުޚުތާރަށްފަހު ލިބިޔާއަށް މިނިވަންކަން ހޯއްދެވުމަށް މަސައްކަތް ކުރެއްވީ އިދްރީސް އަލް މަހްދީ އަލްސަންޢޫސީއެވެ. 1 ޖެނުއަރީ 1952 ގައި ލީބިޔާ މިނިވަން ވުމަށްފަހު އޭނާ ކިންގް އިދްރީސް 1 ގެ ނަމުން އެގައުމުގެ ތަޚުތަށް އިސްކުރެވުނެވެ. 1 ސެޕްޓެމްބަރ 1969 ގައި، ޢުމުރުން 27 އަހަރުގެ މިލިޓަރީ އޮފިސަރެއް ކަމުގައިވާ މުޢައްމަރު އަލް ގައްޛާފީ އިންގިލާބެއް ގެންނަވައި ކިންގް އިދްރީސް ވެރިކަމުން ދުރު ކުރެއްވިއެވެ. އަދި މިއަދާއި ހަމަޔަށްވެސް އޭނާ އެގައުމުގެ ވެރިކަން ކުރައްވަމުން ގެންދަވަނީ ” އިންގިލާބުގެ ލީޑަރ އަދި މުރުޝިދު” ގެ ނަމުގައެވެ. ގައްޛާފީ ފާހަގަ ވެފައިވަނީ ހުޅަގުގެ އިސްތިޢުމާރިއްޔަތާއި ދެކޮޅަށް މަސައްކަތް ކުރައްވާ ލީޑަރެއްގެ ގޮތުގައެވެ. ދުނިޔޭގެ އެތަންމިތާގައި ހިނގަމުންދާ އިންގިލާބީ ޙަރަކާތް ތަކަށް ފާޅުގައި އެހީ ދެއްވައެވެ. މިގޮތުން ފިލިޕިންސް ގައި މުސްލިމުންނަށް މިނިވަންކަން ހޯދުމަށް ހަނގުރާމަ ކުރަމުންދާ މޯރޯ މުޖާހިދުންނާއި އަދި އިގިރޭސި ވިލާތުގެ އައި.އާރް.އޭ ފަދަ ޙަރަކާތް ހިމެނެއެވެ. އޭނާގެ ވެރިކަމުގެ ކުރީކޮޅުގައި ލީބިޔާގެ ތެޔޮވަޅުތައް ބޭރުގެ ބާރުތަކުން މިނިވަންކޮށް ނެޝަނަލައިޒް ކުރެއްވިއެވެ. މިފަދަ ސަބަބުތަކަށްޓަކައި އެނާ ހިމެނިވަޑައިގެންފައިވަނީ ހުޅަގުގެ އެންމެ ބޮޑު އެއް ހަތުރު ކަމުގައެވެ. އޭނާގެ ވެރިކަމުގައި ލީބިޔާއަށް ބޮޑެތި ޢުމްރާނީ ކުރިއެރުންތައް ގެންނެވިއެވެ. 1980 ގެ އަހަރު ތަކުގައި ލީބިޔާގެ މީހެއްގެ ބޮލަކަށް ޖެހޭ މިންވަރު ވަނީ އިޓަލީ، ސިންގަޕޫރ، އަދި ދެކުނު ކޮރެޔާ އަށް ވުރެ ކުރީގައެވެ. މިފަދަ މުއްސަނދި ކަމާއިއެކުވެސް ވަޒީފާ ނެތް މީހުންގެ ޢަދަދު ވަނީ 21 އިންސައްތައިގައިކަން ފާހަގަކުރެވެއެވެ. ބަދަލު ތަކެއް ގެނައުމުގެ ބޭނުމުގައި މަގުތައް މައްޗަށް ނިކުތް ޒުވާނުންނަކީ ހިކަނދި ތަކެއް ކަމުގައި ބުނުއްވުމާއި އަދި އެކަށީގެންނުވާ މިންވަރުގެ ބާރުގެ ބޭނުން ކުރެއްވުން ފަދަ ކަންކަން ހިމެނިގެން ދިޔައީ އޭނާގެ ވެރިކަމުގެ ނިމުމުގެ ފެށުން ކަމުގައެވެ. ދަހިވެތި ކަމާއި ވިސްނުންތެރިކަން ނެތުމުގެ ނަތީޖާ އަކީ ވަރަށް ހިތި އެއްޗެކެވެ.
މިއަދު އަޅުގަނޑުމެން ޓީވީ ތަކުން މި ދެކެމުން ދަނީ ދުނިޔޭގެ ތާރީޚުގެ މުހިންމު ފައްތަރެއް ކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ. ލަފާކުރެވޭ ގޮތުގައި ޢަރަބި ދުނިޔެ މީގެ އެއް އަހަރު ފަހުން އޮންނާނީ މިއަދު މިއޮތް ޙާލަތުގައެއް ނޫނެވެ. ޒަމާންވީ “ޚުދު މުޚުތާރު” ވެރިކަން ތައް ބަދަލުވެ “ރައްޔިތުންގެ ވެރިކަން” ތަކެއް އަށަގަނެފައެވެ. ސުވާލަކީ މިއީ އަމިއްލަޔަށް އުފެދިގެން އުޅޭ “ސްޕޮންޓޭނިއަސް” ޙަރަކާތެއް ބާވައެވެ؟ ނުވަތަ ބަޔަކު އަޑީގައި ތިބެގެން ކޮންޓްރޯލް ކުރަމުން ގެންދާ ކަންތަކެއް ބާވައެވެ؟ މި މުހިންމު ސުވާލު ތަކުގެ ޖަވާބު ލިބޭނީ އަންނަން އޮތް ތާރީޚުގެ ފަށްފުށް ތަކުންނެވެ. އަޅުގަނޑު ގަބޫލު ކުރާގޮތުގައި މިކަންތަކުގައި މަތީގައި ދެންނެވުނު ދެބައިވެސް އެކުލެވިގެން ވެއެވެ. މި ޙަރަކާތް ނިމިގެންދާނީ ދެގޮތަކުން އެއްގޮތަކަށެވެ. އެއްގޮތަކީ ޢަރަބި ދުނިޔޭގެ ޢާންމު ފަރުދުންގެ އަޣުލަބިއްޔަތު އެދޭފަދަ އިސްލާމީ ވެރިކަން ތަކެއް ގާއިމް ވުމެވެ. މިއީ އަޅުގަނޑުމެން އެންމެން އެދޭ ގޮތެވެ. އަދި އެގޮތެއް ވިޔަ ނުދިނުމަށް ހުޅަގުގެ ގައުމު ތަކުން ނުފޮރުޅާ އެންމެ ގަލެއްވެސް ނުބާއްވާނޭ ގޮތް މެއެވެ. އަލްޖީރިއާ އާއި ފަލަސްޠީނުގެ ޣައްޒާއަކީ މީގެ ރަގަޅު ދެމިސާލެވެ. ރައްޔަތުންގެ ފުރިހަމަ ތާއީދާއިއެކުގައިވެސް އިސްލާމީ ބަޔަކު ވެރިކަމަށް އަތުވެއްޖެނަމަ އެއީ “ޑިމޮކްރަސީ” އަކަށް ނުވެއެވެ. އަނެއް ގޮތަކީ، 19 ފެބްރުއަރީ 2011 (ކ.ތ) ވީ ހުކުރު ދުވަހުގެ ޚުޠުބާގައި، ޤާހިރާގެ ތަޙުރީރު މައިދާނުގައި އިޚުވާނުލް މުސްލިމޫންގެ މަޝްހޫރު ޢިލްމު ވެރިއާ ޢައްލާމާ ޔޫސުފުލް ޤަރްޟާވީ އިންޒާރު ކުރެއްވި ގޮތް ވުމެވެ. އެއީ މުސްލިމުންގެ އެތައް ބައެއްގެ ލޭ އޮހޮރުވައިގެން ގެނައި ބަދަލު ނުވަތަ އިންގިލާބު އެހެން ބަޔަކު “ވަގަށް ނެގުމެވެ.” ހުޅަގުގެ ސެކިއުލަރ ނިޒާމަށް ތަބާވާ ލާދީނީ މީހުން ވެރިކަމަށް އައުމެވެ. މިގޮތަކީ އިސްރާއީލާއި އަދި ހުޅަނގުގެ ހުރިހާ ގައުމުތަކުން ނުވަތަ “ދައްޖާލީ ބާރުތަކުން” ފުރިހަމަޔަށް ތާއީދު ކޮށް އެކަމަށް މަރުދީ މަސައްކަތް ކުރާނޭ ގޮތެވެ. އަޅުގަނޑުމެންގެ ރާއްޖެއިންވެސް ފެނުނީ މިކަހަލަ މަންޒަރެކެވެ. “ބޮޑުގަސް” ކަނޑާލަން އެންމެން މަސައްކަތް ކުރީ އަންނަން އުޅޭ ބަދަލަކީ “ހެޔޮ ބަދަލަކަށް” ވާނޭ ކަމުގެ އުންމީދުގައެވެ. ނަގާކިޔާ އުޅުނީ ލާދީނީ، ސެކިއުލަރ ވިސްނުމުގެ މީހުން ކަމުގައިވިޔަސް ދީނީ ޚިޔާލުގެ މީހުންވެސް މީގައި ބައިވެރި ވެގެން އުޅޭތީ ދީނީ މީހުންނަށް ލާދީނީ މީހުން ކޮންޓްރޯލް ކުރެވޭނޭ ކަމުގެ އުންމީދުގައެވެ. ނަމަވެސް މިއަދު ކަންތައް ވަމުންދަނީ މީސްތަކުން އުންމީދު ކުރިގޮތާއި އެއްގޮތަށް ނޫންކަމީ ޙަގީގަތެކެވެ.
ލީބިޔާގައި އުދުހުން މަނާ ސަރަހައްދެއް ހަދައި އެމެރިކާއާއި ހުޅަނގުގެ ގައުމު ތަކަށް އެކަންތައް ޙަވާލު ކުރުމަކީ ކަންބަޅި ތައް ޙިމާޔަތް ކުރުމަށްޓަކައި ވުލްފް ތަކާއި ޙަވާލު ކުރުން ފަދަ ކަމެކެވެ. ލީބިޔާއަކީ ދުނިޔޭގެ ތެލުގެ މުއްސަނދިކަން އެންމެ ބޮޑަށް އޮތް 10 ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ވީމާ ޢިރާޤަށް ހެދިގޮތަށް އެ ގައުމަށްވެސް “ޑިމޮކްރަސީ” ގެނެސް ގޮނޑިކޮއްކޮ އެއް ބެހެއްޓުމަކީ ކޮންމެހެންވެސް ކުރަން ޖެހޭނޭ ކަމެކެވެ.
މި މަޒުމޫނު އަޅުގަނޑު ލިޔަމުން މިދާއިރު ޚަބަރުގައި މިވަގުތު ގޮވަނީ ކީރިތި ޤުރުއާން ކަރީމް ގެ އެތައް މުސްޙަފެއް މާލޭގެ ކުނިގޮނޑަށް އުކާލާފައި ވަނިކޮށް ފެނިގެންއުޅޭ ވާހަކައެވެ. އަނެއް ޚަބަރަކީ ކުރީގައި ދައުލަތާއި ދެކޮޅަށް ބަޣާވަތް ކުރި މީހެއް ކަމުގައި އަޅުގަނޑުމެން ދަންނަ މީހަކަށް ދިވެހި ދައުލަތުގެ ޚާރިޖީ ވަޒީރު ކަން ދިން ޚަބަރެވެ. މިމީހާޔަކީ ދިވެހިރާއްޖެއަށް ޒަޔަނިސްޓުން ތަކެއް ގެނެސްގެން އެހިންގި ކަންތައް ގަނޑާއި ދެކޮޅަށް އިޙުތިޖާޖު ކުރުމަށް އައި.ޖީ.އެމް.އެޗް ކާރިއަށް އަޅުގަނޑާއި ޝައިޚު މުޙައްމަދު ދީދީ އާއި އަދި ޒުވާން ކުދިންކޮޅެއް އެއްވުމުން ނިކުމެ މި ގެނެސްގެން އުޅެނީ ޒަޔަނިސްޓުންނެއް ނޫނޭ ބުނެ އަޅުގަނޑާއި ޒުވާބު ކުރި މިހާއެވެ. އޭނާގެ ބަސްމަގު ހުރިގޮތުން ޒަޔަނިސްޓުންނާއި އޭނާގެ ގުޅުން ހުރި މިންވަރާއި އެމީހުންނަށް ދިވެހި ރާއްޖެ ހުޅުވާލަން އޭނާ ބޭނުންވާ މިންވަރު އަޅުގަނޑަށް ދޭހަވިއެވެ. ވީމާ މުސްލިމް ދިވެހި ރާއްޖޭގެ ޚާރިޖިއްޔާ އާއި ޙަވާލު ކުރުމަށް މިއަށްވުރެ އެކަށީގެންވާ ކެންޑިޑޭޓެއްވެސް ނޯންނާނެތާއެވެ!
އަޅުގަނޑުގެ ދުޢާއަކީ ޢަރަބި އިސްލާމީ ދުނިޔެއަށް އަންނަ ބަދަލީ ހެޔޮ ބަދަލަކަށް ވުމެވެ. ހޫނު ތަވައެއްގެ މަތީގައި ހުރެފައި އަލިފާންގަނޑަށް ފުންމާލާ މީހާގެ ބީދައިން މިކަންތައް ނުލެއްވުމެވެ.
ނޯޓް: މިއީ ދިއިސްލާމް މަޖައްލާގެ 1 ވަނަ އަދަދުގައި ޝާއިއުކޮށްފައިވާ ލިޔުމެކެވެ. މިއަދަދުގެ އެހެން ލިޔުންތައް ވިދާޅުވޭ!

ކޮމެންޓް (0)
ލޯޑް ކުރަމުން...