ކޮލަމިސްޓްދީނީ ލިޔުން

ނަބީބޭކަލުންގެ ވާހަކަ: ނޫޙު ޢަލައިހިއްސަލާމް (2 ވަނަ ބައި)

سورة يونس ގައި މާތް الله ވަޙީ ކުރައްވަފައިވަނީ ﴿ وَاتْلُ عَلَيْهِمْ نَبَأَ نُوحٍ إِذْ قَالَ لِقَوْمِهِ يَا قَوْمِ إِن كَانَ كَبُرَ عَلَيْكُم مَّقَامِي وَتَذْكِيرِي بِآيَاتِ اللَّـهِ فَعَلَى اللَّـهِ تَوَكَّلْتُ فَأَجْمِعُوا أَمْرَكُمْ وَشُرَكَاءَكُمْ ثُمَّ لَا يَكُنْ أَمْرُكُمْ عَلَيْكُمْ غُمَّةً ثُمَّ اقْضُوا إِلَيَّ وَلَا تُنظِرُونِ ﴾ نوح ގެފާނުގެ ވާހަކަ އެއުރެންނަށް ކަލޭގެފާނު ކިޔައިދެއްވާށެވެ! އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވި ހިނދުގައެވެ. އޭ ތިމަންކަލޭގެފާނުގެ قوم ގެމީހުންނޭވެ! ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ ތެރޭގައި ހުންނެވުމާއި، اللَّه ގެ آية ތަކުން ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ހަނދާންކޮށް ދެއްވުން، ތިޔަބައިމީހުންގެ މައްޗަށް ބޮޑުކަމަކަށް ވެއްޖެނަމަ، ފަހެ، ތިމަންކަލޭގެފާނު، اللَّه އަށް وكيل ކުރައްވައިފީމެވެ. ދެން ތިޔަބައިމީހުންގެ ބައިވެރިންނާއެކު، ތިޔަބައިމީހުންގެ ކަންތަކާމެދު އެއްބަސްވާށެވެ! ދެން ތިޔަބައިމީހުންގެ ކަންތައް (ނިންމިގޮތް) ތިޔަބައިމީހުންނަށް އޮޅޭގޮތެއްގައި، ވަންހަނާވެފައި އޮވެގެނެއް ނުވާނެއެވެ. ދެން ތިޔަބައިމީހުން ނިންމިގޮތް، ތިމަންކަލޭގެފާނުގެ މައްޗަށް ހިންގާށެވެ! އަދި ތިޔަބައިމީހުން ތިމަންކަލޭގެފާނަށް مهلة ނުދޭށެވެ!

﴿ فَإِن تَوَلَّيْتُمْ فَمَا سَأَلْتُكُم مِّنْ أَجْرٍ إِنْ أَجْرِيَ إِلَّا عَلَى اللَّـهِ وَأُمِرْتُ أَنْ أَكُونَ مِنَ الْمُسْلِمِينَ﴾ ފަހެ، ތިޔަބައިމީހުން ފުރަގަސްދީފިނަމަ (ދަންނާށެވެ!) ފަހެ، ތިޔަބައިމީހުންގެ ކިބަޔަކުން އުޖޫރައަކަށް ތިމަންކަލޭގެފާނު އެދިވަޑައެއް ނުގަންނަވަމެވެ. ތިމަންކަލޭގެފާނުގެ އުޖޫރަ، اللَّه ގެ حضرة ގައި މެނުވީ ނުވެތެވެ. އަދި ތިމަންކަލޭގެފާނަށް أمر ކުރައްވާފައިވަނީ، ތިމަންކަލޭގެފާނު مسلم ންގެ ތެރެއިން ވުމަށެވެ. ﴿ فَكَذَّبُوهُ فَنَجَّيْنَاهُ وَمَن مَّعَهُ فِي الْفُلْكِ وَجَعَلْنَاهُمْ خَلَائِفَ وَأَغْرَقْنَا الَّذِينَ كَذَّبُوا بِآيَاتِنَا فَانظُرْ كَيْفَ كَانَ عَاقِبَةُ الْمُنذَرِينَ ﴾ ފަހެ، އެއުރެން އެކަލޭގެފާނު ދޮގުކުރޫއެވެ. ދެން ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަރިހުގައި ނާކޮޅުގައިވާ އެންމެން ސަލާމަތް ކުރެއްވީމެވެ. އަދި އޭގެފަހުން (ބިމުގައި) އުޅޭނެ ބަޔަކު ކަމުގައި އެއުރެން ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ آية ތައް ދޮގުކުރިމީހުން غرق ކުރެއްވީމެވެ. ފަހެ، إنذار ވެވުނު މީހުންގެ ނިމުންހުރީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ!"

سورة هود ގައި މާތް الله ވަޙީ ކުރައްވަފައިވަނީ ﴿ وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِ إِنِّي لَكُمْ نَذِيرٌ مُّبِينٌ ﴾ ހަމަކަށަވަރުން، نوح ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތަށް ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. (ވިދާޅުވެ އެންގެވުމަށެވެ.) ހަމަކަށަވަރުން، އަހުރެންނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވެވި، بيان ވެގެންހުރި إنذار ކުރާ މީހަކީމެވެ.
﴿ أَن لَّا تَعْبُدُوا إِلَّا اللَّـهَ إِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ أَلِيمٍ ﴾ اللَّه އަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުރާހުށިކަމެވެ! ހަމަކަށަވަރުން ވޭންދެނިވި ދުވަހެއްގެ عذاب އަށް ތިޔަބައިމީހުންނާމެދު ތިމަންކަލޭގެފާނު ބިރުފުޅުގަނެއެވެ. ﴿ فَقَالَ الْمَلَأُ الَّذِينَ كَفَرُوا مِن قَوْمِهِ مَا نَرَاكَ إِلَّا بَشَرًا مِّثْلَنَا وَمَا نَرَاكَ اتَّبَعَكَ إِلَّا الَّذِينَ هُمْ أَرَاذِلُنَا بَادِيَ الرَّأْيِ وَمَا نَرَىٰ لَكُمْ عَلَيْنَا مِن فَضْلٍ بَلْ نَظُنُّكُمْ كَاذِبِينَ ﴾ ފަހެ، އެކަލޭގެފާނުގެ قوم ގެމީހުންކުރެ، كافر ވި ބޮޑުން ބުނެފޫއެވެ. ތިމަންމެންކަހަލަ آدم ގެދަރިޔަކު ކަމުގައި މެނުވީ ތިމަންމެން، ކަލޭގެފާނު ނުދެކެމުއެވެ. އަދި ކަލޭގެފާނަށް تبع ވި މީހުންނަކީ، ތިމަންމެންގެ ތެރެއިން އެންމެ ދެރަ ނިކަމެތިން ކަމުގައި މެނުވީ ތިމަންމެން ނުދެކެމުއެވެ. (އެއުރެން تبع ވީ) މަތިމަތިން ފެންނަ ފެނުމަށެވެ. އަދި ތިމަންމެންގެ މައްޗަށް އެއްވެސް މޮޅުކަމެއް ތިޔަބައިމީހުންނަށް ލިބިގެންވާ ކަމަކަށް ތިމަންމެން ނުދެކެމުއެވެ. އަދި ކިއެއްތަ! ތިމަންމެން ހީކުރަނީ، ތިޔަބައިމީހުންނަކީ ދޮގުހަދާ ބަޔަކުކަމުގައެވެ. ﴿ قَالَ يَا قَوْمِ أَرَأَيْتُمْ إِن كُنتُ عَلَىٰ بَيِّنَةٍ مِّن رَّبِّي وَآتَانِي رَحْمَةً مِّنْ عِندِهِ فَعُمِّيَتْ عَلَيْكُمْ أَنُلْزِمُكُمُوهَا وَأَنتُمْ لَهَا كَارِهُونَ ﴾ އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން ނިކަން ބުނެބަލާށެވެ! އަހުރެންގެ ވެރިރަސްކަލާނގެ حضرة ން އައި ފާޅުވެގެންވާ ތެދުމަގެއްގައި އަހުރެންވީނަމަ، އަދި އެކަލާނގެ حضرة ން އަހުރެންނަށް رحمة އެއް ދެއްވައިފިނަމަ، ދެން އެކަންތައް ތިޔަބައިމީހުންނަށް ވަންހަނާކުރެއްވިހިނދު، ތިޔަބައިމީހުން އެކަމަށް ނުރުހުންވެ ތިއްބައި، އަހުރެމެންނަށް ތިޔަބައިމީހުންގެ މައްޗަށް އެކަން لازم ކުރެވިދާނެ ހެއްޔެވެ؟ ﴿ وَيَا قَوْمِ لَا أَسْأَلُكُمْ عَلَيْهِ مَالًا إِنْ أَجْرِيَ إِلَّا عَلَى اللَّـهِ وَمَا أَنَا بِطَارِدِ الَّذِينَ آمَنُوا إِنَّهُم مُّلَاقُو رَبِّهِمْ وَلَـٰكِنِّي أَرَاكُمْ قَوْمًا تَجْهَلُونَ ﴾ އޭ އަހުރެންގެ قوم ގެމީހުންނޭވެ! އެކަމުގެ މައްޗަށް އެއްވެސް މުދަލެއް ތިޔަބައިމީހުންގެ ކިބަޔަކުން ނޭދެމެވެ. ތިމަންކަލޭގެފާނުގެ އުޖޫރަ، اللَّه ގެ حضرة ން ނޫނީ ނުވެއެވެ. އަދި إيمان ވެއްޖެ މީސްތަކުން ފަހައި ބޭރުކުރާ މީހަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ. ހަމަކަށަވަރުން، އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނޭ ބަޔެކެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންނީ، جاهل ބަޔަކު ކަމުގައި ތިމަންކަލޭގެފާނު ދެކެވަޑައިގަންނަވަމެވެ. ﴿ وَيَا قَوْمِ مَن يَنصُرُنِي مِنَ اللَّـهِ إِن طَرَدتُّهُمْ أَفَلَا تَذَكَّرُونَ ﴾ އޭ އަހުރެންގެ قوم ގެމީހުންނޭވެ! އަހުރެން، އެއުރެން ފަހައި ބޭރުކޮށްފިނަމަ، اللَّه ގެ عذاب ން އަހުރެން ސަލާމަތްކޮށް نصر ދޭނީ ކާކުހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ހަނދުމަ ނުކުރަނީހެއްޔެވެ؟ ﴿ وَلَا أَقُولُ لَكُمْ عِندِي خَزَائِنُ اللَّـهِ وَلَا أَعْلَمُ الْغَيْبَ وَلَا أَقُولُ إِنِّي مَلَكٌ وَلَا أَقُولُ لِلَّذِينَ تَزْدَرِي أَعْيُنُكُمْ لَن يُؤْتِيَهُمُ اللَّـهُ خَيْرًا اللَّـهُ أَعْلَمُ بِمَا فِي أَنفُسِهِمْ إِنِّي إِذًا لَّمِنَ الظَّالِمِينَ ﴾ އަދި اللَّه ގެ خزانة ތައް ތިމަންކަލޭގެފާނުގެ އަރިހުގައި ވެއެކޭ ތިޔަބައިމީހުންނަކަށް ވިދާޅެއް ނުވަމެވެ. އަދި ތިމަންކަލޭގެފާނަކަށް غيب އެއްވެސް އެނގިވަޑައެއް ނުގަނެތެވެ. އަދި ތިމަންކަލޭގެފާނީ، ملائكة އެކޭވެސް ވިދާޅެއް ނުވަމެވެ. އަދި ތިޔަބައިމީހުންގެ ލޯތަކުން، ނިކަމެތިކޮށްހިތާ މީހުންނާމެދު، އެއުރެންނަށް، އެއްވެސް ހެވެއް اللَّه ނުދެއްވާނެކަމަކަށްވެސް ތިމަންކަލޭގެފާނު ވިދާޅެއް ނުވަމެވެ. އެއުރެންގެ ހިތްތަކުގައިވާ ކަންތައް، އެންމެމޮޅަށް ދެނެވޮޑިގެންވަނީ، اللَّه އެވެ. (އެފަދަ އެއްޗެއް ތިމަންކަލޭގެފާނު ވިދާޅުވިނަމަ) އެހިނދު ތިމަންކަލޭގެފާނު ވާހުށީ، އަނިޔާވެރިންގެ ތެރެއިންކަން ކަށަވަރެވެ. ﴿ قَالُوا يَا نُوحُ قَدْ جَادَلْتَنَا فَأَكْثَرْتَ جِدَالَنَا فَأْتِنَا بِمَا تَعِدُنَا إِن كُنتَ مِنَ الصَّادِقِينَ ﴾ އެއުރެން ދެންނެވޫއެވެ. އޭ نوح ގެފާނެވެ! ހަމަކަށަވަރުން، ކަލޭގެފާނު ތިމަންމެންނާ ޖަދަލުކުރައްވައިފީމުއެވެ. އަދި ތިމަންމެންނާ ޖަދަލުކުރެއްވުން ގިނަކުރައްވައިފީމުއެވެ. ފަހެ، ކަލޭގެފާނުވަނީ، ތެދުވެރިންގެ ތެރެއިން ކަމުގައިވާނަމަ، ތިމަންމެންނަށް ތިޔަ وعد ކުރައްވާ ކަންތައް ތިމަންމެންނާ ހަމަޔަށް ގެންނަވައި ބައްލަވާށެވެ! ﴿قَالَ إِنَّمَا يَأْتِيكُم بِهِ اللَّـهُ إِن شَاءَ وَمَا أَنتُم بِمُعْجِزِينَ ﴾ އެކަލޭގެފާނު ވިދާޅުވިއެވެ. އެކަލާނގެ އިރާދަކުރައްވައިފިނަމަ، އެކަންތައްތައް ތިޔަބައިމީހުންނާ ހަމަޔަށް ގެންނަވާހުށިކަން ކަށަވަރީ، اللَّه އެވެ. އަދި ތިޔަބައިމީހުންނަކީ، އެކަލާނގެ ނުކުޅައްދައި، ރެކިގެންދާނޭ ބަޔަކު ކަމުގައި ނުވެތެވެ.

﴿ وَلَا يَنفَعُكُمْ نُصْحِي إِنْ أَرَدتُّ أَنْ أَنصَحَ لَكُمْ إِن كَانَ اللَّـهُ يُرِيدُ أَن يُغْوِيَكُمْ هُوَ رَبُّكُمْ وَإِلَيْهِ تُرْجَعُونَ ﴾ ތިޔަބައިމީހުން މަގުފުރެއްދެވުމަށް اللَّه އިރާދަކުރައްވާ ކަމުގައިވީނަމަ، ތިޔަބައިމީހުންނަށް نصيحة ދެއްވަން ތިމަންކަލޭގެފާނު އެދިވަޑައިގަތަސް، ތިމަންކަލޭގެފާނުގެ نصيحة އަކުން ތިޔަބައިމީހުންނަކަށް މަންފާއެއް ނުކުރާނެތެވެ. އެކަލާނގެއީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުން رجوع ކުރައްވާހުށީ، އެކަލާނގެ حضرة އަށެވެ. ﴿ أَمْ يَقُولُونَ افْتَرَاهُ قُلْ إِنِ افْتَرَيْتُهُ فَعَلَيَّ إِجْرَامِي وَأَنَا بَرِيءٌ مِّمَّا تُجْرِمُونَ ﴾ ނުވަތަ އެކަލޭގެފާނު އަމިއްލަފުޅަށް އެ قرآن ހެއްދެވިކަމަށް އެއުރެން ބުނަނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު އެ قرآن އަމިއްލަފުޅަށް ހެއްދެވިނަމަ، ފަހެ، އެކަމުގެ ކުށް އޮތީ ތިމަންކަލޭގެފާނުގެ މައްޗަށެވެ. އަދި ތިޔަބައިމީހުން ކުރަމުންގެންދާ ކަންތަކުގެ ކުށުން، ތިމަންކަލޭގެފާނު ބަރީއަވެގެންވަމެވެ. ﴿ وَأُوحِيَ إِلَىٰ نُوحٍ أَنَّهُ لَن يُؤْمِنَ مِن قَوْمِكَ إِلَّا مَن قَدْ آمَنَ فَلَا تَبْتَئِسْ بِمَا كَانُوا يَفْعَلُونَ ﴾ نوح ގެފާނަށް وحى އިއްވެވިއެވެ. ކަލޭގެފާނުގެ قوم ގެމީހުންގެ ތެރެއިން މިހާތަނަށް إيمان ވެގެންތިބި މީހުން މެނުވީ، إيمان އެއް ނުވާނެތެވެ. ފަހެ، އެއުރެން ކޮށްއުޅޭ ކަންތަކާމެދު، ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ! ﴿وَاصْنَعِ الْفُلْكَ بِأَعْيُنِنَا وَوَحْيِنَا وَلَا تُخَاطِبْنِي فِي الَّذِينَ ظَلَمُوا إِنَّهُم مُّغْرَقُونَ ﴾ އަދި ތިމަންރަސްކަލާނގެ ބެއްލެވުމުގެ ދަށުން، އަދި ތިމަންރަސްކަލާނގެ وحى އާއެކު، ކަލޭގެފާނު ނާކޮޅު ބަންނަވާށެވެ! އަދި އަނިޔާވެރިވި މީހުންނާ މެދުގައި، ތިމަންރަސްކަލާނގެ حضرة އަށް ނުދަންނަވާށެވެ! ހަމަކަށަވަރުން، އެއުރެންނަކީ، غرق ކުރައްވާނޭ ބަޔެކެވެ. ﴿وَيَصْنَعُ الْفُلْكَ وَكُلَّمَا مَرَّ عَلَيْهِ مَلَأٌ مِّن قَوْمِهِ سَخِرُوا مِنْهُ قَالَ إِن تَسْخَرُوا مِنَّا فَإِنَّا نَسْخَرُ مِنكُمْ كَمَا تَسْخَرُونَ ﴾ އަދި އެކަލޭގެފާނު ނާކޮޅު ބަންނަވަމުން ގެންދެވިއެވެ. އެކަލޭގެފާނުގެ قوم ގެމީހުންކުރެ، ބޮޑުންގެ ބަޔަކު އެކަލޭގެފާނުގެ އަރިހުންލާފައި ހިނގައްޖެ ކޮންމެ ފަހަރަކު، އެކަލޭގެފާނަށް މަލާމާތްކުރެތެވެ. އެކަލޭގެފާނު ވިދާޅުވެތެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނަށް މަލާމާތްކުރާނަމަ، ތިޔަބައިމީހުން މަލާމާތްކުރާ ފަދައިން، ހަމަކަށަވަރުން، ތިމަންމެންވެސް ތިޔަބައިމީހުންނަށް މަލާމާތް ކުރާނަމެވެ. ﴿فَسَوْفَ تَعْلَمُونَ مَن يَأْتِيهِ عَذَابٌ يُخْزِيهِ وَيَحِلُّ عَلَيْهِ عَذَابٌ مُّقِيمٌ ﴾ ފަހެ، ނިކަމެތިކަން އެމީހަކަށް ދެނިވި عذاب، އެމީހަކާ ހަމައަށް އަންނަނީ، އަދި ދެމިހުންނަނިވި عذاب، އެމީހަކަށް ކުރިމަތިވެގެން އަންނަނީ، ކާކަށްކަން ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ. ﴿حَتَّىٰ إِذَا جَاءَ أَمْرُنَا وَفَارَ التَّنُّورُ قُلْنَا احْمِلْ فِيهَا مِن كُلٍّ زَوْجَيْنِ اثْنَيْنِ وَأَهْلَكَ إِلَّا مَن سَبَقَ عَلَيْهِ الْقَوْلُ وَمَنْ آمَنَ وَمَا آمَنَ مَعَهُ إِلَّا قَلِيلٌ ﴾ ތިމަންރަސްކަލާނގެ أمر ފުޅު އައިސް، އަދި އުނދުނުގެ ތެރެއިން ފެން އަރައި އުތުރިގެންފުމަށް ދާނދެނެވެ. (އެހިނދު) ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ. ކޮންމެ އެއްޗަކުން (އަންހެން ފިރިހެން) ދެ ޖިންސުގެ ދޭއްޗާއި، އަދި ހަލާކުވެ ނެތިދިއުމުގެ ބަސްފުޅު، އިސްވެގޮސްފައިވާ މީހަކު ފިޔަވައި، ކަލޭގެފާނުގެ أهل ވެރިންނާއި، إيمان ވެގެންތިބި މީހުން އެ ނާކޮޅަށް ލައްވާށެވެ! މަދު މީހަކު މެނުވީ، އެކަލޭގެފާނުގެ އަރިހުގައި إيمان ވެގެނެއް ނުވެތެވެ. ﴿وَقَالَ ارْكَبُوا فِيهَا بِسْمِ اللَّـهِ مَجْرَاهَا وَمُرْسَاهَا إِنَّ رَبِّي لَغَفُورٌ رَّحِيمٌ ﴾ އަދި އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން އެ ނާކޮޅަށް އަރާށެވެ! އެ ނާކޮޅު ދުވުމާއި، ބަނދަރުކުރުންވަނީ، اللَّه ގެ اسم ފުޅުންނެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ. ﴿ وَهِيَ تَجْرِي بِهِمْ فِي مَوْجٍ كَالْجِبَالِ وَنَادَىٰ نُوحٌ ابْنَهُ وَكَانَ فِي مَعْزِلٍ يَا بُنَيَّ ارْكَب مَّعَنَا وَلَا تَكُن مَّعَ الْكَافِرِينَ﴾ އަދި ފަރުބަދަތައް ފަދަ ރާޅުތަކެއްގެ ތެރޭގައި، އެއުރެންނާއިގެން އެ ނާކޮޅު ދުވަމުންދެއެވެ. އަދި نوح ގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ގޮވައިލެއްވިއެވެ. އޭރު އެ ދަރިކަލުންވީ (އެހެންމީހުންނާ) ވަކިން ދުރުގައެވެ. އޭ ދަރިފުޅާއެވެ! ތިމަންމެންނާއެކު (ނާކޮޅަށް) އަރާށެވެ! އަދި كافر ންނާ އެކުގައި ނުވާށެވެ! - ނުނިމޭ

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *