1441 ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާއިން ފޮނުއްވާފައިވާ ކަދުރު ބެހުމުގެ އުޞޫލު އިސްލާމިކް މިނިސްޓްރީއިން ޢާއްމު ކޮށްފިއެވެ.
މި އުޞޫލު ޢާއްމު ކޮށްފައިވަނީ މިއަދު އެމިނިސްޓްރީއިން ނެރެފައިވާ ނޫސް ބަޔާނެއްގައެވެ.
މިގޮތުން އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ސަޢުދީ ޢަރަބިއްޔާއިން ވަނީ 2 ކިލޯގްރާމުގެ 25000 ކަދުރު ޕެކެޓު ހަދިޔާ ކޮށްފައެވެ. މިޕެކެޓުތަކުގެ ތެރެއިން 500 ޕަކެޓު ބެހުމަށް ހަމަޖެހިފައިވަނީ ދިވެހި ރާއްޖޭގައި ހުންނަ ސަޢޫދީ އެމްބަސީގެ ދަށުންނެވެ. އަދި ބާކީ 24500 ޕެކެޓު ބެހުމަށް ހަމަ ޖެހިފައިވަނީ އިސްލާމިކް މިނިސްޓްރީގެ ދަށުންނެވެ.
ކަދުރު ބެހުމަށް ހަމަޖައްސަވާފައިވަނީ 2019 ވަނަ އަހަރު މިނިސްޓްރީގެ ފަޤީރުންގެ ދަފްތަރުގައި ނަންނޯޓު ކުރެވިފައިވާ 2350 ގޭބީސީގެ ތެރެއިން ކޮންމެ ގޭބީސީއަކަށް 1 ޕަކެޓުގެ ރޭޓުންނެވެ. މިގޮތުން މިހާތަނަށް މާލެއާއި ވިލިމާލޭގެ ފަޤީރުންގެ ލިސްޓުގައި ހިމެނޭ 426 ގޭބީސީއަކަށް މިނިސްޓްރީ އޮފް ޔޫތުގެ އެހީތެރިކަމާއިއެކު ކަދުރު ބަހާފައިވެއެވެ. އަދި މުޅިއަކު ފަޤީރުންގެ ގޭބީސީތަކުގެ ޖުމްލަ 1483 ގޭބީސީއަކަށް ކަދުރު ޕެކެޓުވަނީ ހަވާލުކޮށްފައެވެ.
ސަޢޫދީ ޢަރަބިއްޔާއިން މިފަހަރު ފޮނުއްވާފައިވާ ކަދުރުތައް ފަޤީރުންނަށް ބެހުމަށްފަހު ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ފޯރުކޮށްދެވޭ ވަރަށްވުރެ މަދުވެފައިވާތީ، އިސްލާމިކް މިނިސްޓްރީއިން ކަދުރު ބެހުމަށް ހަމަޖައްސަވާފައިވަނީ ގޭބީސީ ތަކުން ކަދުރާއި ހަވާލުވުމަށް ޙާޟިރުވާ ތަރުތީބުންނެވެ. މިގޮތުން މާލޭގައި ހަލުވިކަމާއި އެކު ކޯވިޑް 19 ފެތުރެމުންދާތީ މާލެއާއި ވިލިމާލޭގައި ރައްކާތެރިކަމާއިއެކު ކަދުރު ބެހޭނެ ގޮތެއް ނިންމުމަށް މިހާރުވެސް މަޝްވަރާކުރަމުން ގެންދާކަމަށް މިނިސްޓްރީއިން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ހުޅުމާލޭގައި ކަދުރު ބެހުން އެޗްޑީސީއާއި ހަވާލު ކޮށްފައިވާއިރު، ރާއްޖޭގެ އަތޮޅުތަކުގެ ކައުންސިލްތަކުން 11 މެއިގެ ނިޔަލަށް ކަދުރާއި ހަވާލުވުމަށް ޙާޟިރުވުމަށް މިނިސްޓްރީއިން އެދެއެވެ.
މަސައްކަތުގެ ގޮތުން އެކަހެރިވެފައިވާ ފަރާތްތަކުން ތިބި ފެސިލިޓީތަކަށް މިނިސްޓްރީންވަނީ މިހާތަނަށް 250 ކަދުރު ޕެކެޓު ހަދިޔާކޮށްފައެވެ. މީގެ އިތުރުން މިނިސްޓްރީ ދީފައިވާ މުއްދަތުގެ ނިޔަލަށް ނުގެންގޮސް ހުންނަ ކަދުރުތައް ކަރަންޓީނު އަދި އައިސޮލޭޝަން ފެސިލިޓީތަކާއި، ޙާލުގައި ޖެހިފައިވާ ބިދޭސީން ތިބި ފެސިލިޓީތަކަށް އަދި އެކަހެރިކޮށް މަސައްކަތްކުރަމުން ގެންދާ ފަރާތްތަކަށް ބެހުމަށް ހަމަޖެހިފައިވާކަމަށްވެސް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައިވަނީ ބުނެފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...