ދީނީ ލިޔުންދީން

ރަމަޟާން މަހުގެ ދަރުސްތައް؛ ރޯދައިގެ ޙަޤީޤީ މާނަ (3)

ތިންވަނަ ދަރުސް: ރޯދަވެރިޔާ ރޯދަ ވީއްލާނީ ކޮން އެއްޗަކުން ހެއްޔެވެ؟

الحمد لله رب العالمين، والصلاة والسلام على أشرف الأنبياء والمرسلين، نبينا محمد وآله وصحبه أجمعين، أما بعد.

ސުނަން އަބީ ދާވޫދާއި އައްތިރްމިޛީގައި އަނަސް ރަޟިޔަ ﷲ ޢަންހުގެ އަރިހުން ވާރިދުވެގެންވާ ޙަދީޘެއްގައިވެއެވެ. كان رسول الله g يفطر على رطبات قبل أن يصلي، فإن لم تكن رطبات فعلى تمرات، فن لم تكن حسا حسوات من ماء. މާނައީ: މާތް ނަބިއްޔާ g ރޯދަވީއްލަވާ ކަމުގައިވަނީ ރުޠަބިންނެވެ. (ރުޠަބަކީ ހިއްކާފައި ހުންނަ ކަދުރުގެ ވައްތަރެކެވެ. މިވައްތަރުގެ ކަދުރު ހިއްކާފައި ހުއްޓަސް އޭގެ ފެންފޮދު އެއްކޮށް ދަމާލެވިފައެއް ނުހުންނާނެއެވެ. މިހެންކަމުން ރުޠަބު ހުންނާނީ މަޑުކޮށެވެ.) ރުޠަބު ނެތްނަމަ އެކަލޭގެފާނު ރޯދަ ވީއްލަވަނީ ތަމްރުންނެވެ. (ތަމްރަކީ ރުޠަބަށްވުރެ ބޮޑަށް ހިއްކާފައިވާ ކަދުރެވެ. ތަމްރުގެ ބޭރު ތޮށިގަނޑު ހުންނާނީ ރުޠަބަށްވުރެ ހަރުކޮށެވެ.) އަދި ތަމްރު ނެތްނަމަ އެކަލޭގެފާނު ފެން ކޯވަރުފޮދު ތަކަކުން ރޯދަ ވީއްލަވައެވެ. سنن أبي داود في  كتاب الصوم، باب ما يفطر عليه  (2356) (531/2) واللفظ له، والترمذي (696)، وأحمد (12676).

މިއީ ޙަސަން ޣަރީބު ޙަދީޘެއްކަމަށް އަލްއިމާމް ތިރުމިޛީ ލިޔުއްވާފައިވެއެވެ.

އަދި ހަމަ އެފަދައިން ސުނަނުއް ތިރްމިޛީގައި سلمان بن عامر الضبي ގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. إذا أفطر أحدكم فليفطر على تمر. މާނައީ: ތިޔަބައިމީހުންގެ ތެރެއިން މީހަކު ރޯދަވީއްލާ ކަމުގައިވާ ނަމަ ތަމްރުން ރޯދަވީއްލާ ހުށިކަމެވެ. سنن الترمذي في  أبواب الزكاة عن رسول الله صلى الله عليه وسلم.، باب ما جاء في الصدقة على ذي القرابة (658) (39/2) އިބްނު ޢުޔައިނާ މިލަފްޡަށް އިތުރު ކުރައްވާފައިވެއެވެ. “އެހެނީ އެއީ ބަރަކާތެކެވެ. ފަހެ (ތަމްރު) ނުލިބިއްޖެ މީހާ ފެނުން ރޯދަ ވީއްލާ ހުށިކަމެވެ. އެއީ ޠާހިރު އެއްޗެކެވެ.”

އިމާމް ތިރްމިޛީ މިޙަދީޘަކީ ޙަސަން ޞަޙީޙް ޙަދީޘެއްކަމަށް ލިޔުއްވާފައިވެއެވެ.

މިޙަދީޘުން ރޯދަވެރިޔާ، ރޯދަވީއްލުން ސުންނަތްވެގެންވާ ގޮތް ބަޔާންވެގެންވެއެވެ. އެހެނަސް ރޯދަވެރީންގެ ތެރޭގައި މިކަމުގައި އެއްމެ ސުންނަތް ގޮތަށް ޢަމަލުކުރުމުގައި ފަރުވާކުޑަކުރެވޭކަމީ ފާހަގަކޮށްލެވޭކަމެކެވެ. ރޯދަވީއްލާއިރު، ރޯދަ ވީއްލެނީ ކަދުރަކުންތޯ، ނުވަތަ ފެނުންތޯ އަޅާނުލާ، އެހެނިހެން ކާތަކެއްޗަށް އިސްކަން ދެވެއެވެ. މިއީ އެއްމެ ސުންނަތް ގޮތާއި ޚިލާފު ގޮތެކެވެ.

ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮއެވެ. އަޅަމެންނަށް ހެޔޮ ގޮތުގައި އިބަރަސްކަލާނގެ ދީނަށް ތަބާވުމުގެ ރިޒްޤު ދެއްވާފާނދޭއެވެ! އަދި ސުންނަތް ކަންކަމުގައި ހިފުމުގެ ތައުފީޤު ދެއްވާފާންދޭއެވެ! وصل اللهم وسلم على نبينا محمد.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *