ރާއްޖޭގެ ޚަބަރު

ހާލުގައި ޖެހޭ މީހުންނަށް އެހީ ވުމަށް ޒަކާތު ފަންޑުން އެއް މިލިއަން ރުފިޔާ ހޭދަކުރަނީ

ކޯވިޑް-19ގެ ސަބަބުން ދިމާވާ ކަންކަމުގައި ހާލުގައި ޖެހޭ މީހުންނަށް އެހީތެރިވާން ޒަކާތު ފަންޑުން އެއް މިލިއަން ރުފިޔާ ހަރަދު ކުރަން އިސްލާމިކް މިނިސްޓްރީއިން ނިންމައިފިއެެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ، މި ދުވަސްވަރު ހާލުގައި ޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޒަކާތު ފަންޑުން އެއް މިލިއަން ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި މި ފައިސާ ހަވާލު ކުރެވިގެންދާނީ ޖެންޑާ މިނިސްޓްރީއާ ކަމަށާއި ހާލުގައި ޖެހޭ މީހުންގެ ކަންކަން ބެލުމުގެ މަސައްކަތް ކުރަމުންދާނީ ޖެންޑާ މިނިސްޓްރީ އިން ކަމުގައި ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ޒަކާތު ފަންޑުން އަޅުގަނޑުމެން ފުރަތަމަ ހަރަދު ކުރީ ރާއްޖެއިން ބޭރުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް. އެއީ ތިން މިލިއަން ރުފިޔާ. ދެން މިހާރު އެތެރޭގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އަޅުގަނޑުމެން ޖެންޑާ މިނިސްޓްރީއަށް މި ދިނީ އެއް މިލިއަން ރުފިޔާ،"

މިނިސްޓަރު ވިދާޅުވިއެވެ.

ހާލަތަށް ރިއާޔަތްކޮށް ޒަކާތު ފަންޑުން އެއަށް ވުރެ ގިނައިންވެސް ހަރަދު ކުރައްވަން ޖެހިދާނެ ކަމުގައި ދޭހަވާ ފަދަ ގޮތަކަށް ވެސް މިނިސްޓަރު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މިގެ އިތުރުން ހާލުގައި ޖެހިފައިވާ ރޯދަ މަހު ރޯދަ ވީއްލަން ކަދުރު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ކަދުރުވެސް އިރާދަކުރެއްވިއްޔާ، މިހެން ތިބޭ ފަރާތްތައް ފާހަގަކޮށް، އެ މީހުންނަށް ހަދިޔާކޮށް ރޯދަ ވީއްލޭނެ އިންތިޒާމުވެސް އިރާދަކުރެއްވިއްޔާ ޖެންޑާ މިނިސްޓްރީއާ ގުޅިގެން އަޅުގަނޑުމެން ކުރިއަށްގެންދާނަން،"

މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ އިގުތިސޯދަށް ބޮޑު އަސަރުތަކެއް ކޮށް ގިނަ ބަޔަކަށް ވަނީ ވަޒީފާ ގެއްލިފައެވެ. މި ހާލަތުގައި ބައެއް ފަރާތްތަކުން ގޭގެ ކުލި ކުޑަކޮށް ދިންނަމަ ވެސް ކުލި ނުދެއްކިގެން ގެއިިން ނެރެލާ ގިނަ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.

މީގެ އިތުރުންވެސް ލޮކްޑައުން ކުރިއިރު މާލޭގައި ދުވަހު ކުއްޔަށް އުޅެމުން ދިޔަ ގިނަ ދަތުރުވެރިން ވެސް ވަނީ ހާލުގައި ޖެހިފައެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދު އަޑިއަޅާލައި ގިނަ ބައެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކަށް ވަނީ ކުލި ދައްކަން ދަތިވެފައެވެ. ބައެއް ބިންވެރިން، ކުލި ކުޑަކޮށްދިން ނަމަވެސް، އަނެއްބައި މީހުން މި ހާލަތުގައި ދަނީ ކުލި ނުދެއްކޭ މީހުން ގެއިން ނެރެމުންނެވެ.

ކުލި ނުދައްކައިގެން ބޭރުކުރުމުގެ އިތުރުން، މި މަހުގެ 15 ވަނަ ދުވަހު މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން ބައެއް މީހުން މަގުމަތިވެ ހާލުގައި ޖެހުނެވެ. އޭގެ ތެރޭގައި އެކި ކަންކަމުގައި މާލެ އައިސް، ލޮކްޑައަން ކުރުމުން މާލެއިން ނުފުރި ތާށިވެފައިވާ މީހުން ހިމެނެއެވެ. އޭގެ އިތުރުން ގިނަ އަދަދެއްގެ ބިދޭސީންވެސް ވަނީ ހާލުގައި ޖެހިފައެވެ.

މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ 24 އޭޕްރިލް 2020 ވާ ހުކުރު ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީން ރޭ ވަނީ އިއުލާނުކޮށްފައެވެ. ކޮންމެ ރަމަޟާން މަހެއްގައި މިސްކިތްތަކުގައި ސުފުރާ ތައްޔާރުކޮށް، ރޯދަ ވީއްލާނެ އިންތިޒާމު ހަމަޖައްސައެވެ. ގިނަ އަދަދެއްގެ ބިދޭސީން ރޯދަ ވީއްލަނީ އެފަދަ ތަންތަނުންނެވެ. އެހެންނަމަވެސް، މާލެ ލޮކްޑައުންގައި އޮތުމުން މި އަހަރު އެގޮތަށް ރޯދަ ވިއްލުމުގެ އިންތިޒާމު ހަމައެއް ނުޖެހޭނެއެވެ.

ހާލުގައި ޖެހޭ މީހުން ބޭތިއްބުމަށް އިމާދުއްދީން ސްކޫލާއި، ރެހެންދި ސްކޫލާއި ޣާޒީ ސްކޫލުގެ އިތުރުން ގަލޮޅު ދަނޑު ހަމަޖެހިފައިވާ އިރު އިތުރު ތަންތަން ހަމަޖެއްސުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *