ވާހަކަ

ވަޢުދު (ނަވާރަވަނަބައި)

އެރޭ 10:30 ވާން ގާތްވެފައި ވަނިކޮށް މަލާކް ނިދަން އޮށޯތްއިރު އެ މޫނުމަތީގައި ހިނިތުންވުމެއްވިއެވެ. ކޮޓަރިއަށް ވެރިވެފައިވި ފަނޑު އޮރެންޖު ކުލައިގެ އަލީގެ ތެރެއިން ވެސް އެ ލޮލުގައި ވިދުމެއްވިއެވެ. ދޭތެރެދޭތެރެއިން އޭނަގެ ހިނިތުންވުން ފުންވަމުން ދިޔައީ ހިތަށް އަރާ ފައިބަމުން ދިޔަ ޖަޒުބާތުތަކެއްގެ ސަބަބުންނެވެ. އެ ޖަޒުބާތުތަކުގެ ފަހަތުގައިވީ އޭނަގެ ސިކުނޑި ހުއްޓުމެއްނެތި އޭނަގެ ލޮލަށް ސިފަކުރުވަމުން ދިޔަ މަންޒަރުތަކެވެ. އޭނަ އަޔާޒާއި ގާތްކޮށް ހޭދަކުރި ވަގުތުކޮޅުތަކެވެ. އޭނަ އަޔާޒާއި މެދު ތަފާތު ނަޒަރަކުން ދެކެން ފެށީ އެދުވަހު ކަމަށްވިޔަސް ނޭނގޭ ސަބަބަކާހުރެ އެރޭގެ އެ ވަގުތުކޮޅުގައި އޭނަ އަޔާޒާއި އެކީ ހޭދަކުރި ކޮންމެ ހިނދުކޮޅެއް އޭނައަށް ރީތިވިއެވެ. އަޔާޒް އޭނަ އަތްދަނޑިމައްޗަށް އުފުލާލި ވަގުތުތަކެވެ. ކައިވެންޏަށްޓަކައި އޭނައާއި އަޔާޒާއި ދެމެދު ވާހަކަ ދެކެވުނު ދުވަހެވެ. އަޔާޒް އޭނައާއި އިންނަން ބޭނުންވާ ވާހަކަ ބުނި ދުވަހެވެ. ކައިވެނީގެ ފުރަތަމަ ރޭ އޭނަގެ ފައިގައި ރިއްސުމުން އަޔާޒް އޭނައާއިމެދު ބެހެއްޓި އޯގާތެރިކަމެވެ. އޭނަ ރުޅި އިސްކުރުމުން ވެސް އަޔާޒް ރުޅި އިސްނުކުރި ގޮތެވެ. އަދި އޭގެ ދުވަސްތަކެއް ފަހުން ވެސް އަޔާޒް އޭނަގެ ގޮނޑި ދުއްވައިދީގެން އެހީވާން އުޅުނު ގޮތެވެ. އަނެއްކާވެސް އޭނައަށް ގޮތެއް ދިމާވުމުން އަޔާޒް އޭނަ ރައްކާތެރި ކޮށްދިން ގޮތެވެ. އެއަށްފަހު އެދުވަހު އެދެމެދުގައި އެކުވެރިކަން އުފެދިގެން ދިޔަ ގޮތް ސިފަވުމުން ހިތުގެ އެންމެ ފުން މިނުން މަލާކަށް އުފާވެރިކަމެއް އިޙްސާސް ކުރެވުނެވެ.

އެ އިޙްސާސާއެކީ އޭނައަށް ވަގުތުން ޚިޔާލުކުރެވެން ފެށީ އޭނައާއި އަޔާޒްގެ މުސްތަޤްބަލެވެ. ނުހަނު އަވަސްއަވަހަށް ނުވެސް ހިނގާ ކަންތައް އޭނަގެ ސިކުނޑި އޭނައަށް ސިފަކޮށްދިން ގޮތުން މަލާކް ޙައިރާންވެސްވިއެވެ. އޭނައަށް ކުރިން ދުވަހަކުވެސް މިފަދަ އިޙްސާސެއް ކުރެވިފައެއްނުވެއެވެ. ދުވަހަކުވެސް ފިރިހެނަކާއެކީ މުޅި ޢުމުރު ހޭދަކުރުމުގެ ޚިޔާލުވެސް އޭނައަށް ކުރެވިދާނެކަމަށް މަލާކް ހިއެއްނުކުރެއެވެ. އެހެނަސް މިއަދު މިހެން ވާންވީ ކީއްވެ ހެއްޔެވެ؟ މީހުން އެ ބުނާ ލޯތްބަކީ މިއީ ހެއްޔެވެ؟

އެ ސުވާލު ހިތަށް ވެރިވުމުން މަލާކްގެ ހިތް ނުތަނަވަސްވީ ހިނދު އަމިއްލަ ނަފްސާއި ހީވެސް ލެވުނެވެ. ނުތަނަވަސްވެގެން ދިޔައީ އޭނަގެ މި އިޙްސާސްތަކުގެ އާޚިރު ނަތީޖާ ނިކުމެދާނެ ގޮތަކާއިމެދުގައެވެ. އޭނަގެ އެކުވެރިން ފިރިހެން ކުދިންދެކެ ލޯބިވެގެން ރައްޓެހިވެގެން އުޅެއުޅެފައި އެ އެކުވެރިންގެ ލޯބިވެރިން ބޭވަފާތެރިވުމުން އެމީހުން ތަޙައްމަލު ކޮށްފައިވާ ހިތާމަ މަލާކަށް ފެނިފައިވެއެވެ. އޭނައަށް ވެސް އެހެންވެދާނެތޯ މަލާކްގެ ހިތަށްއެރިއެވެ. އެހެނަސް އޭނައަށް އެހެންވާނީ ކިހިނެއް ހެއްޔެވެ؟ އޭނައަށް ލޯތްބެއް ވެވެންޏާ ލޯބި މިވެވެނީ އޭނަގެ ފިރިމީހާ ދެކެއެވެ. އަޔާޒް ވެސް އޭނައާއި އިނީ އަޔާޒް ބޭނުންވެގެންނެވެ. ވީއިރު އޭނަގެ ލޯބީގެ ވާހަކައަށް އަންނާނީ އުފާވެރި ނިމުމެއް ނޫންހެއްޔެވެ؟

އެ ސުވާލު ހިތަށްވެރިވުމުން މަލާކަށް އަނެއްކާވެސް ހީލެވުނެވެ. އެ ހީލުމުގެ ފަހަތުގައި އެ ސުވާލުން އޭނަގެ ހިތަށް ލިބުނު އުފާވެރިކަންވިއެވެ. އަދި އޭނައަށް މިހާ އަވަހަށް މީހެއްދެކެ ލޯބި ވެވިދާނެކަމުގެ ޝައްކުވެސްވިއެވެ. އެންމެ 3 ދުވަހުން އޭނައަށް ފިރިހެނެއްދެކެ ލޯބިވެވުނު ވާހަކަ ކިޔައިދިނުމުން އޭނަގެ އެކުވެރިންނަށް ވެސް ހެވޭނީނޫންތޯ އޭނަގެ ހިތް ބުންޏެވެ. ޚުދު މަލާކަށް ވެސް އެކަން ޤަބޫލުކުރަން ދަތިވިއެވެ. އެހެނަސް އޭނައަށް ޔަޤީންވީހާ ކަމަކީ އޭނަ ވީހާވެސް ގިނަ ވަގުތު އަޔާޒާއި އެކީ ހޭދަކުރަން އެ ހިތް އެދުނުކަމެވެ. އެއީ އަޔާޒާއި އެކީ ހުރުމުން އެހެންޏާ ނުލިބޭ އުފާވެރިކަމެއް އޭނައަށް ލިބޭތީ ކަންނޭނގެއެވެ.

އެ ހިނދު ވެސް އެނދުގައި އޮވެފައި މަލާކަށް އަޔާޒްގެ ކޮޓަރީގެ ދޮރާއި ދިމާލަށް ނަޒަރު ހިންގާލެވުނެވެ. މީގެ 2 ގަޑިއެއްހާއިރު ކުރިން އަޔާޒްގެ އެ ފޯނު ކޯލު ނެގުމަށްޓަކައި އޭނަގެ ކޮޓަރިއަށް ވަން ގޮތަށް ނުނިކުމެވެ. މަލާކް ގަޑިއިރެއްހާއިރު ވަންދެން އަޔާޒް ނިކުންނާނެ އިރެއްގެ އޭނަ ހުރިތާ ހުއްޓެވެ. އަޔާޒް އެހާ ގިނައިރު ވަންދެން ވާހަކަ ދައްކަނީ ކާކާތޯ އަމިއްލަ ނަފްސާއި އެތައް ފަހަރެއްގެ މަތިން ސުވާލު ކުރެވުނެވެ. އެ ސުވާލާއިމެދު ވިސްނި ވިސްނުމުން އެއީ އަޔާޒް ހޯދަން އުޅޭ ވަޒީފާއާއި ގުޅޭ ކޯލަކަށް ވެދާނެކަމަށް އޭނައަށް ނިންމުނެވެ. އެހެނަސް އެފަދަ ކޯލެއް އެހާ ދިގުވާންޖެހޭ ސަބަބެއް އޭނައަށް ނުވިސްނުނެވެ.

ރޭގަނޑު ކާން އައުމަށް ބޮޑުމަންމަ އެދުނީ މަލާކް އެ ވިސްނުމުގައި ވަނިކޮށެވެ. އަޔާޒާއި ބެހޭގޮތުން ބޮޑުމަންމަ ސުވާލުކުރުމުން އޭނަ ހުރީ ފޯނެއްގައި ކަމަށް މަލާކް ބުންޏެވެ. އަޔާޒާއި ނުލާވިޔަސް ކާން އައުމަށް ބޮޑުމަންމަ ބުނެލީ އަޔާޒާއި އޭނަގެ ދޮންބެ ހުޅުމާލެއިން އައީ ރެސްޓޯރެންޓަކުން ކައިގެން ކަމަށް ބުނަމުންނެވެ. އަޔާޒް އޭނައާއެކީ ނުކާނެކަން އިވުމާއެކު މަލާކް ކާހިތް ކެނޑުނެވެ. އެހެނަސް ބޮޑުމަންމަގެ ބަސްއަހައިގެން އޭނަ ކާންދިޔައީ ނުކެއުމުގެ ފަހަތުގައިވި ސަބަބު ކިޔައިދޭން އޭނަ ނުކުޅެދޭނެކަން ދަނެގެންނެވެ.

އޭނަ ކައި ނިމިގެން އަންނަންވާއިރަށް އަޔާޒް ކޮޓަރިން ނިކުމެފައި ހުންނާނެކަމަށް މަލާކަށް އުއްމީދު ކުރެވުނެވެ. އެހެނަސް އެ އުއްމީދުވެސް ފުރިހަމަ ނުވުމުން މަލާކް ގޮސް ލައްޕާލެވިފައިވި އެ ދޮރުގައި ޓަކި ދޭން ވެސް ޚިޔާލުކުރިއެވެ. ނަމަވެސް އެހެން ހަދާކަށް ނުކެރުނީ އޭނަގެ އެ ޙަރަކާތުގެ މާނަ އަޔާޒް ނަގާނެ ގޮތެއް ޔަޤީން ނުވުމުންނެވެ. އެހެންކަމުން މަލާކް އަމިއްލައަށް ނިދަން ތައްޔާރުވެ މިހާރުގެ އާދައިގެ މަތިން ސްވިޗް ބޯޑަށް އަމިއްލައަށް އަތް ދިއްކޮށް ބޮކި ބަދަލުކުރިއެވެ. އަދި ގޮނޑި ދުއްވާފައި އެނދު ކައިރިއަށް ގޮސް ކުޑަ ހިނދުކޮޅަކަށް ތެދުވެ އެނދުމައްޗަށް ވެއްޓިގަތެވެ. އެހުރިހާއިރު ވެސް ހަމަ އިސާހިތަކު އަޔާޒް ނިކުމެދާނެ ކަމަށް އޭނަގެ ހިތް ބުނަމުން ދިޔައެވެ.

އެހެނަސް އެ ދޮރަށް ބަލަން އޮވެފައި މަލާކް ކުރިމަތީގައި ހުރި ފާރުގައި ހުރި ގަޑިން 11 ޖަހަން ގާތްވަމުން ދިޔަ މަންޒަރު ފެނިފައި އެ އުއްމީދު ކަނޑާލިއެވެ. އެ ފޯނަށް ފަހު އަޔާޒް ވަގުތުން ނިދަން ދިޔައީތާއޭ އެންމެ ފަހުން އޭނަގެ ސިކުނޑި ބުންޏެވެ. އެ ޚިޔާލުން އޭނަގެ ހިތް ދެރަވެސްވިއެވެ. އަޔާޒް އޭނަ ގާތު އެބަ އަންނަމޭ ބުނެފައި އެ ވާހަކަ ހަނދާން ނައްތާލިކަން އެނގުންވުމުންނެވެ. އަޔާޒަށް ބޮޑުކަމެއް ދިމާވީބާވައޭ ހިތް ބުނި ހިނދު ކަންބޮޑުވެސްވިއެވެ. އެހެނަސް މަލާކަށް އިތުރު އެހެން އެއްވެސް ކަމެއް ނުކުރެވުނެވެ. އޭނައަށް އެރޭ ނިދިގެން ދިޔައީ އެ ހައިޖާނެއްގައި ވަނިކޮށެވެ.

އޭގެ އަނެއްދުވަހު އާދައިގެ މަތިން މަލާކަށް ހޭލެވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. އެހެން ދުވަސްދުވަހު ބަންގީގެ އަޑު އިވިފައި މަލާކް ކަންނެތްކަމާއެކީ ދެލޯ މަރާލިޔަސް އެދުވަހު ހޭލެވުމާއެކު މަލާކަށް ތެދުވެލެވުނީ އަޔާޒްމަތިން ހަނދާންވުމުންނެވެ. އޭނަ ވަގުތުން އެނދުން ފައިބައި އޭނަގެ ގޮނޑިއަށް އެރީ އަޔާޒް ހޭލައިފިތޯ ބެލުމަށެވެ. ހޭނުލާނަމަ ނަމާދުގެ ބަހަނާގައި ވެސް އޭނައަށް އަޔާޒަށް ގޮވާލުމުގެ ފުރުޞަތު ލިބޭނެކަމުގެ އުއްމީދުގައެވެ. އެހެނަސް މަލާކް އަވަސްއަވަހަށް ގޮނޑި ދުއްވާފައި ގޮސް އަޔާޒްގެ ކޮޓަރީގެ ދޮރު ކުރިމަތީގައި ހުއްޓިލިއެވެ. އޭރު އެ ދޮރުގެ ފެންލައިޓުން އެ ކޮޓަރީގެ އަލި ބޮކިތައް ދިއްލިގެން ދިޔަ މަންޒަރު ފެނުމުން މަލާކްގެ ހިތަށް އުފާވެރިކަމެއް ލިބުނު ހިނދު ދެރަވެސްވިއެވެ. އުފާވީ ދެން މާ ގިނައިރެއްނުވެ އަނެއްކާވެސް އޭނައަށް އަޔާޒް ފެނިގެންދާނެކަން އެނގުންވުމުންނެވެ. ދެރަވީ އޭނައަށް އެވަގުތު އަޔާޒަށް ގޮވާލުމުގެ ފުރުޞަތެއް ނުލިބުމުންނެވެ. ކޮންމެ ގޮތެއްވިޔަސް މަލާކް ދެރަނުވެ ނަމާދަށްޓަކައި ވުޟޫކުރަން ދިޔައީ އަނެއްކާވެސް އަޔާޒާއި އެކީ އުފާވެރި ވަގުތުކޮޅުތަކެއް ހޭދަ ކުރުމުގެ އުއްމީދުގައެވެ.

އެދުވަހުގެ ފަތިސް ނަމާދުކޮށް މަންމަ ދަސްކޮށްދީފައިވި ބައެއް ހެނދުނުގެ ޒިކުރުތައް ކިޔައި މަލާކަށް ޤުރުއާން ކިޔަވާލެވުނީ އަވަސްވެފައިވި ހިތަކާއެކީ ކުރު ގޮތަކަށެވެ. އޭނަ އެކަންތައް ކުރަނީ ހަމައެކަނި މަންމަ ބުނީތީވެ ކަމަށްވުމުން މަލާކް އެކަންތައް ކުރިޔަސް އޭގެ މާ ބޮޑު މާނައެއް އޭނަގެ ހިތުގައި ނޯވެއެވެ. ވަކިން ޚާއްޞަކޮށް އޭނައަށް ދީނާއި ބެހޭގޮތުން މި ހުރިޙާ ދުވަސްވަންދެން ކިޔައިދިން މަންމަ ނިޔާވި ފަހުން އޭނަ ވަނީ އިހުނަށްވުރެ ބޮޑަށް އަޅުކަންތަކާއި ދުރުވާން ފަށާފައެވެ. އަދި އަމުދުން އިއްޔެ އޭނަގެ ހިތުގައި އުފަންވާން ފެށި އިޙްސާސްތަކެއްގެ ސަބަބުން އެހެންކަމަކަށް ސަމާލުކަން ދޭން އޭނައަށް ދަތިވެފައިވިއެވެ. އޭނަގެ އެހެނިހެން އިޙްސާސްތައް ހަމައަކަށް އެޅި އޭނަގެ ހިތަށް ހަމަޖެހުމެއް ލިބޭނީ ހަމައެކަނި ﷲ ގެ ހަނދުމައިންކަން އޭނައަށް ރޭކާނުލައެވެ.

އެހެންކަމުން ޤުރުއާނުގެ އެންމެ ޞަފްޙާއެއް ކިޔަވާލުމަށްފަހު މަލާކް އަޔާޒްގެ އިންތިޒާރުގައި ވަގުތު ގުނަން ފެށިއެވެ. ރޭ އިންގޮތަށް އޭނަގެ ގޮނޑި ހުރިތާ ބަހައްޓައިގެން އަޔާޒްގެ އިންތިޒާރުގައި އިނީ އޭނަ ރޭއްސުރެ މިހެން ހުރި ވާހަކަ ސަމާސާއެއްގެ ގޮތުން ބުނުމަށެވެ. އަދި އަންނާނަމޭ ކިޔާފައި ނައީ ކީއްވެތޯ ސުވާލުކޮށް ޝަކުވާކޮށްލުމަށެވެ. އެދެމީހުންގެ ދެމެދުގައި އުފެދިގެންދާނެ އެ ޒުވާބުވެސް ސަމާސާއަކަށްވެ ދެމީހުންނަށް ވެސް ހެވޭނެ ގޮތް ޚިޔާލުކުރެވުމުން މަލާކަށް އެވަގުތުވެސް ހިނިތުންވެވެމުން ދިޔައެވެ.

އެހެނަސް ކަންތައްވެގެން ދިޔައީ މަލާކް ހީކުރި ގޮތަކަށްނޫނެވެ. 7 ޖަހައި ބޮޑުވި ފަހުން އަޔާޒްގެ ކޮޓަރީގެ ދޮރު ހުޅުވެން ފެށި އަޑަށް އޭނަ ސިއްސައިގެން ދިޔަ ގޮތަށް ހިތް ނުތަނަވަސްވީ ހިނދު އެ ހިތް އުފާވެސްވިއެވެ. ދޮރު ރަނގަޅަށް ހުޅުވި އަޔާޒް ނިކުމެގެން އައި މަންޒަރު ފެނިފައި އޭނަ ވަގުތުން ހިނިތުންވުމަކާއެކީ ވާހަކަ ދައްކަން އުޅުނެވެ. އެހެނަސް އަޔާޒް ދޮރު ލައްޕާލަމުން އޭނައަށް ބަލާލި ވަގުތު އެ މޫނުމަތިން ފެނުނު ސީރިއަސްކަމުން މަލާކްގެ ހުރިހާ ޖޯޝެއް ގެއްލިދިޔައެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ ވަރަށް ބޮޑު ކަމަކާމެދު އަޔާޒް ފިކުރުކުރަން ޖެހިފައިވި ފަދަ އަސަރެކެވެ.

މަލާކް ބަލަބަލާ ހުއްޓާ އަޔާޒް އެ ސީރިއަސް ނަޒަރުގައި ހުރެ ސައިބޯންވީދޯއޭ ބުނެލިއެވެ. މަލާކް އަޔާޒަށް ބަލަން އިނދެ ކިހިނެއްވީތޯ އަހާލަން ބޭނުންވިއެވެ. އެހެނަސް ހިތަށްވެރިވި ޖެހިލުންވުމުގެ ސަބަބުން އަހާކަށް ނުކެރުނެވެ. އެހެންކަމުން އަޔާޒް ކުރި ސުވާލުގެ ޖަވާބުގައި ބޯޖަހާލުން ނޫންކަމެއް ނުކުރިއެވެ.

އެދުވަހުގެ ހެނދުނުގެ ސަޔަކީ އޭނައާއި އަޔާޒްގެ ގުޅުމުގެ ބިންގާ ވަރުގަދަ ކުރުވާނެ ސަޔެއްކަމަށް މަލާކް ހީކުރިއެވެ. އެހެނަސް އަޔާޒް އޭނައާއިމެދު ބަހައްޓަމުން ދިޔަ ދުރުކަމުން އޭނަގެ ހިތް ދެރަވަމުން ދިޔައެވެ. އަޔާޒް ދެމީހުންނަށް ސައި ތައްޔާރު ކުރުމަށްފަހު މަލާކް ގެ ކުރިމައްޗަށްވާ ގޮތަށް ހުރި ގޮނޑީގައި އިށީނދެ އޭނައަށް ބަލާނުލި ގޮތުންނާއި، މުޅި އެވަގުތުކޮޅުގައި ހިމޭންކަން ޚިޔާރު ކުރަމުން ދިޔަ ގޮތުން ވެސްމެއެވެ. މަލާކް އެތައް ފަހަރެއްގެ މަތިން އަމިއްލައަށް ވާހަކައެއް ފަށަން ޤަޞްދުކުރިއެވެ. އެތައްފަހަރެއްގެ މަތިން އޭނަ އެއްޗެކޭ ބުނުމުން އަޔާޒް ހިނިތުންވުމަކާއެކީ ޖަވާބުދޭނެއޭ ހިތަށްއެރިއެވެ. އެހެނަސް އެހެން ނުވެއްޖެނަމަ އޭނަ މާޔޫސްވާނެވަރު ހިތަށް ގެނެވުމުން މަލާކްވެސް ހިމޭންކަން ޚިޔާރު ކުރިއެވެ.

ދެމީހުން ވެސް ސައިބޮއި ނިމެން ކައިރިވެފައި ވަނިކޮށް ބޮޑުމަންމަ ކޮޓަރިން ނިކުމެގެން އައި މަންޒަރު ފެނުނެވެ. ވަސީމާ އެދެމީހުން ފެނުމާއެކުހެން ހިނިތުންވެލިއެވެ.

"އަނހަ.....އެއްކަލަ ހީވާގި ދެމީހުން އެހެން މީހުންނަށްވުރެ ކުރިން ތެދުވެފަދޯ މިތިބީ؟ ހެހެ...." ވަސީމާ ސަމާސާ ރާގަކަށް އެހެން ބުނަމުން ކާމޭޒުގެ ވަށައިގެން ގޮސް މަލާކްގެ ކައިރީގައި ހުއްޓި މަލާކްގެ ބޮލުގައި ފިރުމާލިއެވެ. މަލާކް އޭނައަށް ބަލައި ހިނިތުންވެލުމުން ވަސީމާ އަޔާޒަށް ވެސް ބަލާލިއެވެ. އަޔާޒްގެ މޫނުމަތިން އޭނަ ކަމަކާ ފިކުރު ބޮޑުވެފައި ހުރިހެން ހީވުމުން ވަސީމާއަށް އެއްޗެކޭ ނުބުނެ ނުހުރެވުނެވެ.

"އަޔާޒް ކިހިނެއްތަވީ؟ ކޮންމެވެސް ކަމަކާ ވަރަށް ބޯ ބޮޑުވެފަ ހުރިހެން ހީވަނީ..." ވަސީމާ ބުނެލިއެވެ. އެއާއެކު އަޔާޒް އޭނަގެ ބޮޑުމަންމައަށް ބަލާލިއެވެ. އެއަށްފަހު މަލާކަށް ވެސް ނަޒަރެއް ދީފައި އަނެއްކާވެސް ބޮޑުމަންމައަށް ސަމާލުކަން ދެމުން ލުއި ހިނިތުންވުމެއް ދައްކާލިއެވެ.

"މާ ބޮޑު ކަމެއްނުވޭ އަނެއްހެން...ކޮންމެވެސް ކަމެއް ކުރަން މި ޚިޔާލުކުރަނީ..." އަޔާޒް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ބުނެލިއެވެ.

"ކޮން ކަމެއްތަ އަނެއްކާ؟" ވަސީމާ ކޮށްލީ މަލާކްވެސް ކުރަން ބޭނުންވެގެން ހުރި ސުވާލެވެ. އެއާއެކު މިފަހަރު އަޔާޒްގެ ނަޒަރު އަމާޒުވީ މަލާކަށެވެ. އެ ހިނދު މަލާކްގެ އަތްފައި ފިނިވެގެން ދިޔައިރު އަޔާޒްގެ ޖަވާބު އަޑުއަހަން އޭނަގެ ހިތް ކެތްމަދުވެފައިވިއެވެ.

"މި ވިސްނަނީ.....މަލާކްއާއެކީ ރަޝިޔާއަށް ދާން ކުޑަ ދުވަސްކޮޅަކަށް." އަޔާޒް ހަމަ އެ ސީރިއަސް ނަޒަރުގައި މަލާކަށް ބަލަން އިނދެ ބުނެލި ވާހަކައިން މަލާކަށް ފުރަތަމަ ހިނދުކޮޅުގައި އިޙްސާސް ކުރަންވީ ގޮތެއް ނޭނގިފައި އިނދެވުނެވެ. އެހެނަސް އޭގެ ދެވަނަ ސިކުންތުގައި އަޔާޒް ދެންމެ އެ ބުނެލީ އޭނައަށް އަޔާޒާއެކީ ގިނަ ވަގުތު ހޭދަކުރެވިދާނެ ގޮތެއްކަން އެނގުންވި ހިނދު އޭނަގެ ހިތް އުފަލުން ނަށައިގަތެވެ. އެ އުފާވެރިކަމާމެދު ޤަބޫލުކުރަން ވެސް ދަތިވުމުން މަލާކަށް ހިނިތުންވާން ނޭނގިފައި އިނދެވުނެވެ. އޭނަ ފެނި ގެއްލެމުން ދިޔަ ހިނިތުންވުމެއްގައި އިންދާ ވަސީމާ ވާހަކަ ދެއްކިއެވެ.

"މާ ޝާ ﷲ! ވަރަށް ރަނގަޅު ނިންމުމެއްތީ! ތިއީ އަނެއްހެން ބުނަންޏާ ތިދެކުދިންގެ ހަނީމޫން ދޯ؟ ހެހެ....ބޮޑުމަންމަ ހިތުން ތިކުދިންގެ ކައިވެނި ކުރެވުނު ގޮތުން ދެކުދިންވެސް ބޭނުމެއްނުވާނެ އެގޮތަށް ތަނަކަށް ދާކަށް. އެހެންވެ އެކަހަލަ ކަމެއް ނުރާވާ ހުރީވެސް. އަޔާޒް އަމިއްލައަށް ތި ނިންމުން ނިންމީމަ ހަމަ ޙަޤީޤަތުގަ ވެސް ވަރަށް އުފާވެއްޖެ. މާތް ﷲ ތި ދެކުދިންނަށް ބާއްޖަވެރި ޒަވާޖީ ޙަޔާތެއް މިންވަރު ކުރައްވާށި!" ވަސީމާ އުފަލުން ފުރި ބަންޑުންވެގެން ދިޔަ ހިތަކާއެކީ ވާހަކަ ދެއްކިއެވެ. އޭނަ ދެއްކި ވާހަކަތަކުން މަލާކް ލަދުވެސްގަތެވެ. ކޯތާފަތް ރަތްވެގެން ދިޔަ ހިނދު އޭނައަށް އިސްޖަހާލެވުނީ ބޭއިޚްތިޔާރުގައި ހިނިތުންވެސްވަމުންނެވެ. އެ ހިނދު އޭނަގެ ކުރިމަތީގައި ހުރި އަޔާޒްގެ ނަޒަރު އަމާޒުވެފައިވީ އޭނައަށެވެ. އަޔާޒަށް ދުރުން ބަލާ މީހަކަށް އެ މޫނުމަތިން ސީރިއަސްކަން ފެނުނެއްކަމަކު ފަރުވާތެރިކަމާއެކީ ބަލާލި މީހަކަށް އެ ލޯމަތިން ޙަމްދަރުދީއެއް ފެންނާނެއެވެ. އޭނަގެ ކުރިމަތީގައި އިން އަންހެން ކުއްޖާއަށްޓަކައި ވި ޙަމްދަރުދީއެވެ.

އަޔާޒް އަމިއްލަ ޚިޔާލުތަކުގައި މަލާކަށް ބަލަން އިނދެފައި އަޔާޒް ގޮނޑިން ތެދުވެލީ އާދައިގެ މަތިން އޭނަގެ ތަށްޓާއި އެކީގައެވެ.

ތަށިތައް ދޮވުމަށްފަހު އަޔާޒް ގޮސް އޭނަގެ ކޮޓަރިއަށްވަނީ ބޮޑުމަންމަ މަލާކާއި ކޮންމެވެސް ވާހަކައެއް ދެއްކުމަށްޓަކައި ބޮޑުމަންމަގެ ކޮޓަރިއަށް ގެންދިޔަ ވަގުތެވެ. އަޔާޒް ކޮޓަރީގެ ތެރެއަށް ވަދެގެން ގޮސް އޭނަ ނިދައި އުޅޭ އެތެރޭގެ ކޮޓަރި ތެރެއަށްވަދެ ދޮރު ލައްޕާލިއެވެ. އެއަށްފަހު ދެލޯ މަރާލަމުން ފުން ނޭވައެއް ދޫކޮށްލީ އޭނަގެ ހިތުގައި އުފެދިފައިވި ހައިޖާނެއްގެ ސަބަބުންނެވެ. އެ ހިނދު ލައްޕާލެވިފައިވި އެސްފިޔައިގެ ދޭތެރެއިން އޭނައަށް ސިފަވަމުން ދިޔައީ މަލާކްގެ ސޫރައެވެ. އިއްޔެ އޭނައާއެކީ ހުރިއިރު މަލާކްގެ މޫނުމަތިން ފެނުނު އުފާވެރިކަމެވެ. އޭނަގެ ހިނިތުންވުން ގެއްލޭ ވަގުތު އެ މޫނުމަތިން ވެސް ހިނިތުންވުން ގެއްލެމުން ދިޔަ ގޮތެވެ. އެއަށްފަހު މިއަދު އޭނަ ދިން ޚަބަރުން އެ މޫނުމައްޗަށް އުޖާލާކަން ވެރިވެގެން ދިޔަ ގޮތެވެ.

އެ މަންޒަރު ލޮލަށް ސިފަވެގެން ދިޔުމުން އަޔާޒަށް ލޯ ހުޅުވާލެވުނެވެ. އެއަށްފަހު އޭނަ ލަސް ހިނގުމެއްގައި ގޮސް އެނދުގައި އިށީނީ އޭނަގެ ފޯނު ނަގަމުންނެވެ. ފޯނު ހުޅުވައި ކޯލް ލިސްޓަށް ދިޔައިރު އެންމެ މަތީގައި މައުވާގެ ނަން އޮތްތަން ފެނިފައި ރޭ އޭނައާއި މައުވާއާއި ދެމެދު ދެކެވުނު ވާހަކަތައް އޭނަގެ ހަނދާނަށްއައެވެ.

"ހެލޯ މައު..." އަޔާޒްގެ އެ ބަސްތައް އިވުމާއެކު އެކޮޅުން މައުވާގެ އަސަރެއްނެތް ހީލުމެއްގެ އަޑު އިވުނެވެ. އެ އަޑު އިވިފައި އަޔާޒްގެ ދެބުމަ ކައިރިވިއެވެ.

"މައު؟ ހެހެ.....ޙައިރާންވެއްޖެ އަހަރެންގެ ނަން ހަނދާން ހުރީތީވެސް. އިމްޕްރެސިވް ދޯ...." މައުވާ ރާގަކަށް އެހެން ބުނެލީ އޭނަ ދެރަވެގެން ހުރި މިންވަރު އަޔާޒަށް އަންގަން އުޅޭ ފަދައަކުންނެވެ. މައުވާގެ އެ ދަންތުރައިގައި މި ފަހަރުވެސް އަޔާޒް ޖެހުނެވެ. އޭނަގެ ދުވަސްވީ ލޯބިވެރިޔާ ދެރަކޮށްލެވުނީތީ އޭނަގެ ހިތުގައި ޖެހުނެވެ.

"މައު....މައުއަށް އެނގެއެއްނު އަހަރެން ދުވަހަކުވެސް މައު މަތިން ހަނދާން ނުނެތޭނެކަން؟" އަޔާޒް ޖަޒުބާތުން ފުރެން ފެށި ހިތަކާއެކީ ބުނެލިއެވެ. މައުވާއާއި އޭނަ ގުޅިގެން ދިޔަ ފުރަތަމަ ދުވަސްކޮޅު އޭނަ މައުވާއާއެކީ ހޭދަކުރިހާ އުފާވެރި ވަގުތުކޮޅުތަކެއްގެ މަތިން ހަނދާންވުމުންނެވެ.

"ރައިޓް! އެހެންވެދޯ އަހަރެން ދޫކޮށްލާފަ ނުވެސް ހިނގޭ ކުއްޖަކާ އިނދެގެން ތިއުޅެނީ؟" މައުވާ ހިސާބެއްގެ ނުރުހުންތެރިކަމާއެކީ ބުނެލި އަޑު އިވުނެވެ.

"އިޓްސް ނޮޓް ވަޓް ޔޫ ތިންކް މައު....އަސްލު ދޮންބެ އަހަރުމެންގެ ގެދޮރާއި ގުޅިގެން ކޯޓުގަ ފައިޓްކުރާ ކޭސްއެއްގެ ސަބަބުން އަހަރެން އެ ކުއްޖާއާއި އިންނަން ޖެހުނީ." އަޔާޒް އެހެން ބުނެލީ އޭނަ މައުވާއަށް ބަދަލެއް ގެނައުމަށް ރޭވި ރޭވުމުގެ ވާހަކަ ފޮރުވަމުންނެވެ.

"އަހަރެންވީ ހަމަ ތި ވާހަކަ ޤަބޫލުކުރަންތަ އަޔާޒް؟ އަޔާޒް އައި ނޯ ޔޫ ބެޓާރ ދޭން އެނީވަން އެލްސް....އަޔާޒް ބޭނުންވިނަމަ އެކުއްޖާއާއި ނުއިންނަން ގޭގެ ހުރިހާ އެންމެންނާވެސް ދެކޮޅު ހެދީސް. އަޔާޒްއަށް ވަރަށް ޓްރަސްޓްކޮށްފަ އަހަރެން ތިކޮޅަށް ނުދިޔައީ. ހިތަށްއެރީ މިއީ އަހަރެން ދެކެ ލޯބިވާ އަޔާޒްއޭ. އަހަންނަށް ސިއްރުން އަހަންނަށް ދެރައެއް ނުދޭނެއޭ އަޔާޒް....އެކަމަކު....." މައުވާގެ އެ ވާހަކައިގެ ފަހުކޮޅަށް ދިޔަދިޔަހެން އެ އަޑުން އިވުނު ކުރަކިކަމުން އަޔާޒްގެ މޭގައި ރިހުމެއް އުފެދުނެވެ. މައުވާގެ ފަހު ބަހަށްފަހު މައުވާގެ ގިސްލުމުގެ އަޑު އިވެން ފެށުމުން އަޔާޒްގެ ލޮލުން ވެސް ދިލަނެގިއެވެ. މައުވާގެ ވާހަކައިން އޭނައަށް މަލާކްއާއި އިނދެގެން ޙަޤީޤަތުގައި ވެސް މި ހެދުނީ ވަރަށް ބޮޑު ގޯހެއްކަމަށް އޭނައަށް ނިންމުނެވެ. ކޮންމެ ފަދަ ނިޔަތެއްގައި ވެސް އޭނައަށް މައުވާއަށް މި ދެވުނީ ކިހާ ބޮޑު ދެރައެއް ހެއްޔެވެ؟ މައުވާއަށް އެންގުމެއްނެތި އެހެން މީހަކާ އިނުމުން އޭނައަށް މައުވާއަށް ބޭވަފާތެރި ވެވުނީ ނޫންހެއްޔެވެ؟ އަދި އެއީ ވެސް މައުވާ އޭނައަށްޓަކައި ރަނގަޅުވާން މަސައްކަތް ކުރަމުން ދަނިކޮށެވެ. ހިތަށް ވެރިވަމުން ދިޔަ ޚިޔާލުތަކުން އަމިއްލަ ނަފްސު ކުށްވެރި ކުރެވިގެން ދިޔަދިޔަހެން އަޔާޒަށް ވާހަކަ ދެކެވުނެވެ.

"އައިމް ސޮރީ މައު.....އައިމް ރިއަލީ ސޮރީ. ބަޓް އައި ޕްރޯމިސް މައު. އައި ސްޓިލް ލަވް ޔޫ. އަހަރެން ޤަޞްދެއް ނުކުރަން އެކުއްޖާއާއެކީ މުޅި ޢުމުރު ހޭދަ ކުރާކަށް. އެކުއްޖާއަކީ ދުވަހަކުވެސް މައުއަށް ނުވާނެ އަހަރެންގެ ނަޒަރުގަ. އަހަރެން އަހަންނަށް ވީހާވެސް އަވަހަކަށް އެކުއްޖާއާއި ވަކިވެވޭތޯ ބަލާނަން. އެގޮތަށް ނިންމައިގެން އެންމެ ކުރިން ހުރީ ވެސް. އެކުއްޖާއާއި ވަކިވެވުނުހާ އަވަހަކަށް އަހަރެން މައު ކައިރިއަށް އަންނާނަން." އަޔާޒް އެހެން ބުނެލީ އަނެއްކާވެސް މައުވާގެ ދަޅަތަކަށް މުޅިން ހެއްލެމުންނެވެ.

"އަހަރެން ކިހިނެއް ތިވާހަކަ ޤަބޫލުކުރާނީ އަޔާޒް؟ އަހަރެން އަމިއްލަ ލޮލުން ދުށީމޭ އަޔާޒް ރޯމާ ދުވާލު މަގުމަތިން އެކުއްޖާ އަތްމައްޗަށް އުފުލައިގެން ގެންދިޔަ މަންޒަރު!" މައުވާ ރޮވިފައިވާ އަޑަކުން ބުނެލި ވާހަކައިން އަޔާޒްގެ ދެލޯ ބޮޑުވިއެވެ.

"މް...މައު ހުރީތަ މިކޮޅުގަ؟ ކޮންތާކު ތިހިރީ؟ އަހަރެން ހަމަ މި ވަގުތު...." އަޔާޒް އަވަސްއަވަހަށް ބުނަން އުޅުނު ވާހަކަ މެދުކެނޑުނެވެ.

"ތީގެ ބޭނުމެއްނެތް އަޔާޒް. އަހަރެން މިހިރީ އަނބުރާ ރަޝިޔާއަށް ދާން ފުރަން އައިއްސަ. އަޔާޒް ދެންވެސް އަހަރެން ދެކެ ލޯބިވަންޏާ އަހަރެން ކައިރިއަށް ވީހާވެސް އަވަހަކަށް އަންނަންވީ. އެހެންނޫނީ އަހަންނަށް އަހަރެންގެ ފުރަތަމަ ލޯބި މުޅިން ގެއްލުނީކަމަށް އަހަރެން ނިންމާނަން." މައުވާ ހަމަ އެ ރޮވިފައިވާ އަޑުން އެހެން ބުނެ ފޯނު ކަނޑާލީ އަޔާޒަށް އިތުރު އެއްޗެކޭ ބުނުމުގެ ފުރުޞަތެއް ނުދީއެވެ. ފޯނު ކެނޑިގެން ދިޔުމުން ވެސް އަޔާޒަށް ހެލޯއޭ ކިޔައި ދެވަނަ ފަހަރަށް ވެސް އެ ނަންބަރަށް ގުޅުނެވެ. އޭނަ ގުޅި ފުރަތަމަ ފަހަރު ނަންބަރު ބިޒީކަމަށް އިވެން ފެށިއިރު ދެން ގުޅިއިރު އިވެން ފެށީ ފޯނު ނިވާލެވިފައިވި ވާހަކައެވެ.

މައުވާއަށް ދެން ގުޅޭނެ ގޮތެއް ނުވުމުން އަޔާޒަށް އަމިއްލަ ނަފްސު އިތުރަށް ކުށްވެރި ކުރެވުނެވެ. އޭނަ ވީހާވެސް އަވަހަކަށް މައުވާ އެދޭ ގޮތަށް މައުވާ ހުރިތަނަށް ދާން ޖެހޭ ކަމަށް އޭނަގެ ޒަމީރު އަންގައިފިއެވެ. އެކަމަށްޓަކައި އެވަގުތުން ވަގުތަށް ވެސް ފިޔަވަޅު އަޅަން އޭނަ ބޭނުންވިއެވެ. އެހެނަސް އޭގެ ނަތީޖާ ނިކުމެދާނެ ގޮތަކާއިމެދު ވިސްނާލެވުނެވެ. އޭނަ ކުއްލިއަކަށް ރަޝިޔާއަށް ދާ ވާހަކަ އިވުމުން ބޮޑުމަންމައާއި ދޮންބެ ސުވާލު އުފައްދާނެއެވެ. އޭނަގެ ރެޒިޑެންސީ ފެށެން އޮތީ އަދި މަހެއްހާ ދުވަސްފަހުން ކަމަށްވުމުން އެކަން ވެސް ބަހަނާއަކަށް ދެއްކޭކަށްނެތެވެ. އަދި އެހެންނޫނަސް އޭނައަށް ޝައްކުކުރަމުންދާ އޭނަގެ ދޮންބެ ބޭނުންވަނީ ވެސް މިކޮޅުގައި އޭނަގެ ރެޒިޑެންސީ ފުރިހަމަ ކުރާށެވެ. އެހެންކަމުން ރަޝިޔާއަށް އޭނަ ދާންވީ އެހެން ސަބަބަކާމެދު ވިސްނަން އަޔާޒަށް މަޖުބޫރުވިއެވެ.

އަޔާޒަށް އޭނަގެ ކޮޓަރީގެ ދޮރުގެ ފެންލައިޓާއި ދިމާލަށް ބަލާލެވުނީ އެ ސަބަބާއި މެދު ވިސްނަމުން ދަނިކޮށެވެ. އެއާއެކު އެ ދޮރުގެ އަނެއްފަރާތުގައިވީ ކާކުކަން އެނގުންވުމުން އޭނައަށް އެއްވެސް މީހަކަށް ޝައްކު ނުކުރެވޭނެ ފަދަ ރޭވުމެއް ސިކުނޑީގައި ރާވާލެވުނެވެ. އެ ރޭވުމަށްވުރެ ފުރިހަމަ ރޭވުމެއް އޭނައަށް މި ޙާލަތުގައި ނެތްކަން ވެސް އޭނައަށް އެނގުންވިއެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ އޭނަގެ ހިތް އެ ރޭވުމާއިމެދު ދެކޮޅު ހެދިއެވެ. އެ ރޭވުމުގެ ސަބަބުން އޭނައަށް އެންމެ ބޮޑު ނިކަމެތިކަމެއް ދެވޭނީ ކާކަށްކަން އެނގުންވުމުންނެވެ. އޭނަ އެގޮތަށް ކަންތައް ކޮށްފިނަމަ އެއިން އެ ކުޅެވެނީ މަލާކްގެ ހިތާއިކަން އެނގުންވުމުން އަޔާޒްގެ ހިތްވެސް ހިނދުކޮޅަކަށް ހުއްޓުމަކަށްއައެވެ. އިސާހިތަކު އޭނަގެ ހިތް މަލާކަށްޓަކައި ޙަމްދަރުދީއިން ފުރިގެންއައެވެ. ހިނދުކޮޅަކަށް ނަމަވެސް މައުވާ އެ ބުނާ ގޮތަށް ނަހަދަންވެސް ހިތަށްއެރިއެވެ. އެހެނަސް އިހަކަށް ދުވަހު ދިމާވި އަންހެން ކުއްޖަކާމެދު އޮތް ޙަމްދަރުދީއަކާ ހެދި ތިން އަހަރު އެކީގައި ހޭދަކުރި ލޯބިވެރިޔާ އޭނަ ދޫކޮށްލާނީ ކިހިނެއްހެއްޔެވެ؟ އޭނައަށް އެ ކުއްޖެއްގެ ޒާތް އެނގި ހިތުން ޖާގައެއް ދެވިގެން ދިޔަ ކުއްޖަކީ މައުވާއެވެ. އެހެންކަމުން އޭނައަށް ޙަޤީޤީ ލޯތްބެއް ވެވޭނީ މައުވާދެކެ ނޫން ހެއްޔެވެ؟ އަދި އަމުދުން އޭނަ ޚިޔާރު ކުރަން ޖެހިފައިވި ދެމީހުންގެ ތެރެއިން އޭނަ ވަކިވެއްޖެނަމަ އެންމެ ބޮޑަށް ހިތާމަކުރާނީ ވެސް މައުވާއެވެ. މީގެ 4 ދުވަސްކުރިން އޭނައާއި ދިމާވި ކުއްޖާއެއް ނޫނެވެ. އަޔާޒް އެ ނިންމުން ނިންމާލި ހިނދު އޭނަ ހަނދާން ނައްތާލީ އޭގެ ތެރެއިން އަމިއްލަ އިޙްސާސްތަކަށް ބާރުފޯރުވަން އެންމެ ދަތިވާނީ ކާކަށްކަމެވެ. އަދި އޭގެ ތެރެއިން އޭނައަށް ދެރައެއްދީ ބޭވަފާތެރިވުމުން އެންމެ ދުރުވާނީ ކާކުކަން ވެސްމެއެވެ.

ކޮންމެ ގޮތެއްވިޔަސް އަޔާޒް ވަނީ އެ ނިންމުން ނިންމާފައެވެ. އޭނަ އެދުވަހު ހެނދުނު ތެދުވީ މަލާކަށް ވީހާވެސް އަވަހަކަށް ޙަޤީޤަތް ކިޔައިދޭން ނިންމަމުންނެވެ. އިއްޔެ އޭނައާއި މަލާކާއި ދެމެދު އެކުވެރިކަން ބަދަހިވެގެން ދިޔަ ގޮތުން މަލާކްގެ އިޙްސާސްތައް ބަދަލުވެގެން ގޮސްފައިވާނެ ގޮތް އޭނައަށް އަންދާޒާ ކުރެވެއެވެ. އޭނަ ވީހާވެސް އަވަހަކަށް މަލާކަށް ޙަޤީޤަތް ކިޔައިދިނުން މުހިއްމުވަނީ އެހެންވެއެވެ. އޭނަގެ ސަބަބުން އިތުރު މީހަކަށް ދެރައެއް ލިބޭކަށް އޭނަ ބޭނުމެއް ނުވެއެވެ. އޭނަ ކޮންމެ ހެނދުނެކޭ އެއްފަދައިން ނަމާދަށްފަހު ކަސްރަތު ކޮށްގެން ކޮޓަރިން ނިކުތީ މަލާކާއި ކުރިމަތިލާން ނުހަނު ހިތްވަރު ކުރަމުންނެވެ. މަލާކަށް ހުރިހާ ވާހަކައެއް އެވަގުތުން ވަގުތަށް ވެސް ކިޔައިދީ ދެމީހުންގެ ދެމެދުގައި ބާއްވަން ބޭނުންވާ ދުރުކަން ވެސް ކިޔައިދޭން ނިންމަމުންނެވެ.

އެހެނަސް ކީއްވެކަމެއް ނޭނގެއެވެ. އޭނަ ކޮޓަރީގެ ދޮރު ހުޅުވާލި ވަގުތު ފެނުނު އުޖާލާވި ހިނިތުންވުމުން އޭނަގެ ދުލުގައި ތަޅުއެޅުވި އޭނަގެ ނޭވާ މެދުކެނޑުނެވެ. ނުހަނު ޖޯޝާއެކީ މަލާކް އެއްޗެކޭ ބުނަން އުޅެފައިވެސް އެ ޖޯޝު ގެއްލި އެ ހިނިތުންވުން ފޭދިގެން ދިޔަ މަންޒަރު ފެނިފައި އަޔާޒް ފުރަތަމަ ސިކުންތުގައި ޙައިރާންވިއެވެ. ކުއްލިއަކަށް މަލާކްގެ މޫނުމަތި މިލައިގެން ގޮސް އެ މޫނުމަތިން ކަންބޮޑުވުން ފާޅުވީ ކީއްވެތޯ އޭނަގެ ހިތް ސުވާލުކުރިއެވެ. އޭގެ މާ ގިނައިރެއްނުވެ އޭނައަށް ވިސްނުނެވެ. މަލާކް ކަންބޮޑުވީ އޭނަ ކަންބޮޑުވެފައި ހުރިހެން ހީވާތީވެއެވެ. އެކަން އެނގުންވުމުން އަޔާޒްގެ ހިތަށް ދުވަހަކުވެސް ނުލިބޭފަދަ ހިތްހަމަޖެހުމެއް ލިބުނެވެ. އޭނަގެ އިޙްސާސްތަކާމެދު ހިތުގެ ފުން މިނުން އަޅާލާ މީހަކު އެހާ ގާތުގައި ހުރިކަން އެނގުންވުމުންނެވެ.

އަޔާޒަށް އެވަގުތު މަލާކަށް ޙަޤީޤަތް ކިޔައިނުދެވުނީ އެހެންވެއެވެ. އެ ވާހަކަ ކިޔައިދީގެން އޭނައާއިމެދު އެހާ އަޅާލާ މީހަކު ގެއްލުވާލާކަށް އޭނަ ބޭނުމެއް ނުވީއެވެ. އެހެނަސް އެހެން ހެދުމުން ވެސް އޭނައަށް އެ ވެވެނީ ހާދަ އަމިއްލަ އެދުން ބޮޑު މީހަކަށެވެ. މުޅި ސައި ގަޑީގައި އަޔާޒަށް ސީރިއަސް ނަޒަރެއްގައި އިނދެވުނީ އެ ޚިޔާލުގެ ސަބަބުންނެވެ. އަދި އަމުދުން ބޮޑުމަންމަ ދެއްކި ވާހަކަތަކަށްފަހު މަލާކްގެ މޫނުމަތިން ފެނިގެން ދިޔަ ކުލަވަރުން އޭނަ ދެން ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް ވާނީ ނުބައި މީހަކަށްތާއޭ ހިތަށްއެރިއެވެ.

ހިތަށްވެރިވި އެ ޚިޔާލުން އަޔާޒަށް ދެންވެސް އެނދުގައި އިނދެ ފުން ނޭވައެއް ދޫކޮށްލެވުނީ ނަފްސާނީ ގޮތުން އިޙްސާސް ކުރެވުނު ވަރުބަލިކަމުގެ ސަބަބުންނެވެ.

**

"މަލާކް....ވަރަށް މުހިއްމު ވާހަކައެއް ދައްކަންވެގެން ބޮޑުމަންމަ މަލާކް މި ގެނައީ." ވަސީމާ ގޮސް ކޮޓަރީގައި ހުރި ސޯފާއެއްގައި އިށީނދެ މަލާކް އައިސް އޭނަގެ ކުރިމަތީގައި ހުއްޓިލިއެވެ.

"ކޮން ވާހަކައެއް ބޮޑުމަންމާ؟" މަލާކަށް އެހެން ބުނެލެވުނީ ވެސް ލަދުރަކިކޮށް ހިނިތުންވަމުންނެވެ. އޭނައަށް ލިބެން މިއުޅެނީ ފިރިމީހާއާއެކީގައި ހޭދަ ކުރެވޭ ވަގުތުތަކާއި ބެހޭ ނަޞޭޙަތްތަކެއްތޯ ހިތަށްއެރިއެވެ. އެ ޚިޔާލުން އޭނަ ތުރުތުރު އަޅަން އުޅުނެއްކަމަކު ގޮނޑީގެ އަތްގަނޑުގައި ބާރަށް ހިފަހައްޓައިގެން ހުރުމުން އެ ޙަރަކާތް އޭނައަށް ހުއްޓުވުނެވެ.

ވަސީމާ މަލާކަށް ބަލަން އިނދެފައި ހިނިތުންވިޔަސް މަލާކްގެ އެއްއަތް މަތީގައި އަތް އަޅަމުން ވާހަކަ ފެށީ މާޔޫސީ ގޮތަކަށް އެއްދިމާލަކަށް ނަޒަރު ހުއްޓާލަމުންނެވެ.

"ބޮޑުމަންމައަށް ނޭނގޭ އަޔާޒް މި ވާހަކަ މަލާކަށް ކިޔައިދީފަ އޮތްކަމެއް. އެކަމަކު މިއީ މަލާކަށް އެނގުން މުހިއްމު ވާހަކައެއް....މަލާކްއާ އިނުމުގެ ކުރިން އަޔާޒްގެ ލޯބިވެރިޔެއް ހުރި...މައުވާ އޭނައަށް ކިޔަނީ. މިހާރު އަހަރެއްހާ ދުވަސްވެދާނެ އަޔާޒް އޭނައާއި އިންނަން ބޭނުންވެގެން އުޅޭތާ. އެކަމަކު އެއީ ރާ ބޮއި ފިރިހެނުންނާއެކީ ނާޗަރަންގީ ކުޅެ ހަދާ ނުލަފާ އަންހެނެއް. އޭނަ އަބަދު އަޔާޒްގެ ލޮލުގަ އަނދުން އަޅުވާވަރުން އަޔާޒަށް އޭނަގެ ޙަޤީޤަތް ނުފެންނަފަދަ. އަޔާޒަށް ޤަބޫލުކުރުވާފަ އޮންނަނީ އޭނަ ކޮންމެވެސް އެއްދުވަހަކުން ބަދަލުވާނެ ކަމަށް....3 އަހަރުވެއްޖެ އަޔާޒް މި ގުޅުމުގަ ޤައިދުވެގެން އުޅޭތާ....އަޔާޒް މަލާކްއާ އިންނަން އެއްބަސްވީމަ ބޮޑުމަންމަ އެހާ އުފާވީ އަޔާޒް އެ ޤައިދުން ސަލާމަތްވީ ކަމަށް ހީކޮށް. މަލާކްދެކެ ލޯބިވެގެން ނޫނަސް މަލާކްގެ މަންމައަށް ވީ ވަޢުދު ފުއްދަން ނަމަވެސް އަޔާޒް އެ ގުޅުމާއި ދުރުވިކަމަށް. އެކަމަކު މިއަދު މިއިވުނު ވާހަކައިން އަނެއްކާވެސް ބޮޑުމަންމަ އަޔާޒަށްޓަކައި ބިރުހީވޭ މަލާކް. މަލާކް އަނދިރީގަ ބަހައްޓާކަށް ބޮޑުމަންމަ ބޭނުމެއްނޫން. އެހެންވީމަ މި ވާހަކަ މި ބުނަނީ. އަޔާޒްގެ އެ ލޯބިވެރިޔާ ހުންނަނީ ރަޝިޔާގަ. ހުރިހާ ޤައުމެއްގެ ތެރެއިން މަލާކް ގޮވައިގެން އެތަނަށްދާށޭ ބުނީމަ ބޮޑުމަންމަގެ ހިތުގައި ޝައްކު އުފެދޭ ދަރިފުޅު. ވަކިން ޚާއްޞަކޮށް އިއްޔެ ތި ދެކުދިން ފިހާރައިގަ ތިއްބާ މައުވާ އެތާހުރިހެން ހީވެގެން ބޮޑުމަންމަ ހޯދި ހޯދުމުން. ރޭ ބޮޑުމަންމަ ދިޔައިން މައުވާ އާއްމު ގޮތެއްގަ މާލެއަށް އައިސް އުޅޭ ޢިމާރާތުގެ ކައިރިއަށް. ބޮޑުމަންމަ ހިތުން ދިޔައީ އަޔާޒާއި ދުރުގަ ހުންނަން އޭނައަށް އިންޒާރެއްދޭން. އެކަމަކު އޭނަ ޢިމާރާތުން ނިކުމެގެން އައިއިރު ކޮންމެވެސް މީހަކާ ފޯނުން ވާހަކަ ދެއްކި އަޑު އިވުނު. ބުނީ ކޮންމެ ގޮތެއްވިޔަސް އަޔާޒް އަނބުރާ އަންނާނީ ތިމަންނަ ކައިރިއަށޭ..." ވަސީމާ ހިތާމަވެރި ދެލޮލުން މަލާކަށް ބަލާލަމުން ވާހަކަ ނިންމިއެވެ. އެ ހިނދު މަލާކަށް އިނދެވުނީ ދެލޯ ވަކިވަރަކަށް ބޮޑުކޮށްގެން ހުއްޓުން އަރާފައެވެ. ދެންމެ އެއްފަހަރާ އިވިގެން ދިޔަ ވާހަކަތަކުން އެތައް ހާސް ޖަޒުބާތެއް އޭނަގެ ހިތަށް އަރާ ފައިބަމުން ދިޔައެވެ. އަޔާޒްގެ ލޯބިވެރިޔާއޭ ބުނި ހިސާބުން ވެސް އޭނަގެ ހިތް ގެނބެން ފެށި އިޙްސާސެއް އޭނައަށް ކުރެވުނެވެ. އިސާހިތަކު އަޔާޒާއި އޭނައާއި ދެމެދު ހިނގިހާ ވަގުތުކޮޅުތަކާމެދު ތަފާތު ނަޒަރަކުން ދެކެވެން ފެށިއެވެ. އަޔާޒް ކޮށްދިންހާ ކަމެއްކޮށްދިނީ ހަމައެކަނި ޙަމްދަރުދީގެ ސަބަބުންތާއޭ އޭނަގެ ހިތް ބުނިހިނދު ގެނބިގެން ދިޔުމުން ސަލާމަތްވާން އުޅުނު ފަދައަކުން އޭނައަށް ކުރު ނޭވައެއް ލެވުނެވެ.

މަލާކަށްވަމުން ދިޔަ ގޮތް ފެނިފައި ބޮޑުމަންމަ ވާހަކަ ދެއްކިއެވެ.

"މި ވާހަކަތައް އިވުނަސް އުއްމީދު ކަނޑާނުލައްޗޭ ދަރިފުޅު. ހަމަ ވެދާނެ ބޮޑުމަންމައަށް މި ހީވަނީ ކުށްހީއެއް ކަމަށްވެސް. ނިކަން އެއްފަހަރު އަޔާޒްއާ މި ވާހަކަ ދައްކާލަބަލަ. ދުރުދުރުން ފަށައިގެން ސުވާލުކޮށްބަލަ އަޔާޒް އެއްވެސް ލޯބިވެރިޔަކު ގެންގުޅުނުތޯ. މިހާރު އޭނައާއިމެދު ދެކެނީ ކޮން ގޮތަކަށްތޯ. ޢާއްމު ގޮތެއްގަ ކައިވެންޏެއްގަ އެކަކު އަނެކެއްގެ މާޒީއާމެދު ސުވާލުކުރުމަށްވުރެ ނުކުރުން ރަނގަޅީ. އެކަމަކު ދެމަފިރިންގެ ދެމެދުގަ ޝައްކެއް އޮތިއްޔާ ލަސްނުކޮށް ވާހަކަ ދައްކައި އޮޅުން ފިލުވުން ބުއްދިވެރީ. ކައިވެންޏަށްފަހު ދެމަފިރިންގެ ދެމެދުގަ އެއްވެސް ސިއްރެއް އޮވެގެން ނުވާނެ....އެހެންވީމަ އަޔާޒްއާ ވާހަކަ ދައްކާލައްޗޭ މަލާކް. އޭގެ ޖަވާބު އަންނަ ގޮތަކުން މަލާކް ނިންމާ އެއްވެސް ނިންމުމަކަށް ބޮޑުމަންމަމެން ބަހެއް ނުބުނާނަން." ވަސީމާ ބުނެލިއެވެ. ބޮޑުމަންމަ އެ ބުނެލި އުއްމީދީ ބަސްތަކުން މަލާކްގެ ހިތަށް އާރޯކަން ލިބެން އުޅުނެއްކަމަކު އެ ބުނެލި ފަހު ބަސްތަކުން އަނެއްކާވެސް އޭނަގެ ރޫޙު މަރުވިއެވެ.

މަލާކް ބޮޑުމަންމައާއި ވާހަކަ ދެއްކުމަށްފަހު އެ ކޮޓަރިން ނިކުމެގެން އައީ މުޅިން މިލާފައިވި މޫނަކާއި އެކީގައެވެ. ލަސްލަހުން އޭނަގެ ގޮނޑީގެ ފުރޮޅު އަނބުރަމުން އައިއިރު މަލާކަށް އަމިއްލަ ނަފްސަށް މަލާމާތް ކުރެވެމުން ދިޔައެވެ. އޭނައަށް އަޔާޒާއިމެދު ދެކެވެން ފެށި ގޮތުންނެވެ. އަޔާޒް ކަހަލަ ހުރިހާ ގޮތަކުން ކާމިޔާބު ޒުވާނަކަށް އޭނަ ކަހަލަ ނުކުޅެދުންތެރިއަކު ކަމުދާނެ ކަމަށް އޭނައަށް ހީކުރެވުނީވެސް ކިހިނެއް ހެއްޔެވެ؟ އަޔާޒް ވެސް ބޭނުންވާނީ ދެފައި މައްޗަށް ކޮޅަށް ތެދުވެ އޭނައަށް ކަންތައް ކޮށްދެވޭނެ ފަދަ އަންހެން ކުއްޖެއް ނޫންހެއްޔެވެ؟ އެފަދަ ގޮތަކަށް އެދުމުގައި ވަކި އަޔާޒްގެ ކުށެއްނެތެވެ. އެއީ އިންސާނީ ތަބީޢަތެވެ. ހަމައެކަނި އޭނަގެ މަންމައަށްވީ ވަޢުދު ފުއްދުމަށްޓަކައި އަޔާޒް އޭނައާއި އިނިއްޔާ އެއީ އަޔާޒްގެ ހިތްހެޔޮކަމެވެ. އެ ހިތްހެޔޮކަމުގެ ނާޖާއިޒު ފައިދާ އޭނަ ނަގައިގަނެއް ނުވާނެއެވެ.

އެ ޚިޔާލު ހިތަށްވެރިވުމުން މަލާކް ފުން ނޭވައެއް އެތެރެއަށް ލައި ލަސްލަހުން އެ ނޭވާ ބޭރުކޮށްލީ އެ ޙަޤީޤަތާއި ކުރިމަތިލާން ނިންމަމުންނެވެ. ތެދެކެވެ. އޭނަގެ ހިތުގައި އަޔާޒަށްޓަކައި އިޙްސާސްތަކެއް އުފަންވެ ކުޑަ ހިނދުކޮޅަކަށް ނަމަވެސް ޒީނަތްތެރިވިއެވެ. މަދު ވަގުތުކޮޅަކަށް ކެއްކުނު އެ ޚިޔާލީ ފޮލާ އޭނައަށް ރީތިވިއެވެ. އެހެނަސް ނަސީބު ރަނގަޅު ކަމުން އެ އިޙްސާސްތަކުގެ މޫތައް އަދިވެސް ބަލިކަށްޓެވެ. މާ ބޮޑު ދައްޗަކާއި ނުލާ އޭނައަށް އެ އިޙްސާސްތައް ހިތުން ފޮހެލެވިދާނެއެވެ. އެހެންނޫނަސް އޭނަ އަޔާޒާއި އިނީ ވަކި ލޯބިން އުޅެން ނޫންކަން އޭނަ ހަނދާންކުރިއެވެ. އެހެނެއްކަމަކު އޭނަ މި ކައިވެނި ކުރުމުގެ މަޤްޞަދަކަށްވީ މައްޗަށް ކިޔެވުމުގެ ފުރުޞަތު ހޯދައި އޭނަގެ މަންމައާއި ބައްޕަގެ ހުވަފެންތައް ފުރިހަމަ ކުރުންކަން ހަނދާންކުރިއެވެ.

ހިތަށް ވެރިވި އެ ޚިޔާލުތަކުން ހިތްވަރު ހޯދަމުން މަލާކް ނުހަނު އަވަހަށް އޭނައާއި އަޔާޒް އުޅޭ ކޮޓަރިއާއި ދިމާލަށް ދާން ގޮނޑި ދުއްވަން ފެށިއެވެ.

މަލާކް ގޮސް ކޮޓަރިއަށްވަދެ ދޮރު ލައްޕާލި ވަގުތަކީ އަޔާޒް ވެސް އޭނަގެ ކޮޓަރިން ނިކުތް ވަގުތެވެ. ދެމީހުންނަށް އެކަކު އަނެކަކާއި ހަމަ ކުރަމުން އެކަކު އަނެކެއް ނަމުން ގޮވާލެވުނީ އެކުއެކީހެންނެވެ. އެއާއެކު ދެމީހުން ވެސް ހިނދުކޮޅަކަށް ހުއްޓުން އެރިއެވެ. އެހެނަސް މާ ގިނައިރެއް ނުވެ ދެމީހުންވެސް އެކަކު އަނެކަކާއި އަރައި ހަމަ ކުރިއެވެ. މަލާކް އައިސް އޭނަގެ ކުރިމަތީގައި ހުއްޓުމާއެކު އަޔާޒް ކުރުފައިމައްޗަށް ތިރިވިއެވެ. މިފަހަރު ދެމީހުންކުރެ އެންމެ ފުރަތަމަ ވާހަކަ ދެކެވުނީ އަޔާޒަށެވެ.

"މަލާކް އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފަ އެބައޮތް." އަޔާޒް މަލާކަށް ބަލަން އިނދެ ބުނެލިއެވެ. އޭނައަށް އިތުރު އެއްޗެކޭ ނުބުނެވެނީސް މަލާކް ވާހަކަ ދެއްކިއެވެ.

"އަޔާޒްގެ ގާލްފްރެންޑްގެ ވާހަކަ ކިޔައިދޭންދޯ ތިއުޅެނީ؟" މަލާކް އެ ސުވާލުކޮށްލީ ލުއި ހިނިތުންވުމަކާއި އެކީގައެވެ. އޭނަ ބުނެލި ވާހަކައިން އަޔާޒްގެ ދެލޯ ބޮޑުވެ އެ މޫނުމައްޗަށް ޙައިރާންކަން ވެރިވިއެވެ.

"ކް....ކިހިނެއް މަލާކަށް އެނގުނީ؟ ކާކު ބުނީ؟!" އަޔާޒަށް އަވަސްއަވަހަށް އަހާލެވުނެވެ.

"މީހަކު ނުބުންޏަސް ރޭގަނޑުގެ ވަގުތު އެހާ ދިގު ފޯނުކޯލެއް ނުކުރާނެ ކަންނޭނގެދޯ ލޯބިވެރިއެއް ހުރެގެން ނޫނީ؟" މަލާކް އެހެން ބުނެލި ހިނދު މޭތެރެއިން ކުޑަ ރިހުމެއް ހިނގާލިއެވެ. އޭނަ އަޔާޒްގެ އިންތިޒާރުގައި ވީ ހިނދު އަޔާޒް ވާހަކަ ދައްކަމުން ދިޔައީ ކާކާއިކަން އެނގުންވުމުންނެވެ. އެހެނަސް އޭނަ އެ އިޙްސާސުގެ މައްޗަށް ވެސް ފަސްއަޅާލިއެވެ.

މަލާކްގެ އެ ސުވާލުން އަޔާޒްގެ ނޭވާއަށް ހުއްޓުމެއް އައި ހިނދު ރޭ ކަންތައް ވެފައިވާނެ ގޮތް ޚިޔާލަށް ގެނެވުމުން އަޔާޒަށް އަމިއްލަ ނަފްސަށް ރުޅި އާދެވުނެވެ. އަނތްބަކު ހުއްޓާ ލޯބިވެރިއަކު ގެންގުޅޭ މީހުންނަށް އޭނަ އަންނަނީ އަމަށަކު ރުޅިއެއްނޫނެވެ. ދުވަހެއްގެ ކޮޅުން ވެސް އޭނަ އެފަދަ މީހަކަށް ވެދާނެ ކަމަށް އޭނަ ހިއެއްނުކުރެއެވެ. އެހެނަސް އެދުވަސް މިއޮތީ އައިސްޖެހިފައެވެ. އޭނައަށްވަނީ އޭނަގެ އަނބިމީހާއަށް އެފަދަ ހިތްދަތިކަމެއް ދެވިފައެވެ. މިއަދު ބައްޕަ ދުނިޔޭގައި ހުރިނަމަ އޭނައަށް ނުރުހުންވާނެ މިންވަރު ހިތަށް ގެނެވުމުން އަޔާޒް އިތުރަށް އަމިއްލަ ނަފްސުދެކެ ނުރުހުންވިއެވެ. އެ ވީ ނުރުހުމުގައި އޭނަ އެއްޗެކޭ ބުނަން ވެސް ނުކުޅެދިފައި ވަނިކޮށް މަލާކް ވާހަކަ ދެއްކިއެވެ.

"އަސްލު.....އަޔާޒް ކައިރި މަލާކް ވެސް ބުނަން ބޭނުން ވާހަކަތައް އެބަހުރި. ބުނެލަން ބޭނުންވަނީ މަލާކްވެސް އަޔާޒާއި އިނީ ވަކި ލޯތްބެއް ލިބޭނެ ކަމުގެ އުއްމީދުގައެއް ނޫނޭ. އެންމެ ކުރިން ވެސް ހީވި މިކަހަލަ ގޮތެއް ވެދާނެއޭ. އެހެންވެ އަސްލު އެންމެ ފުރަތަމަ ކައިވެންޏަށް ނޫނެކޭ ބުނީވެސް. އެކަމަކު އަޔާޒާއި އިންނަން ފަހުން ނިންމީ ބައްޕަ ދެރަ ނުކުރަންވެގެން. މި ގޭގަ އުޅެގެން މަލާކަށް މައްޗަށް ކިޔަވަން ފުރުޞަތު ލިބޭނެ ކަމުގެ އުއްމީދުގަ.....ވަރަށް އަމިއްލަ އެދުން ބޮޑު ދޯ މަލާކް؟" މަލާކް އެ ސުވާލުކޮށްލީ އެއްވެސް އަސަރެއް ނެތް ފަދައަކުންނެވެ. އޭނަގެ މޫނުމަތިން ވެސް އެއްވެސް އަސަރެއް ފާޅުނުވީ އެ ވާހަކަ ދެއްކިދެއްކިހެން އޭނަ އަބަދުވެސް ބޭނުންވި ގޮތަކީ އެއީކަން އޭނަގެ ސިކުނޑި އޭނައަށް ވިސްނައިދިނުމުންނެވެ. ހިނދުކޮޅަކަށް ނަމަވެސް އޭނަގެ ހިތުގައި އަޔާޒަށްޓަކައި އެއްވެސް އިޙްސާސެއްވިކަން ހަނދާން ނެތުނެވެ.

މަލާކްގެ އެ ވާހަކަ އަޑު އަހާފައި އަޔާޒް އިރުކޮޅަކަށް އިނދެފައި ލުއި ގޮތަކަށް ހީލިއެވެ. އެއަޑަށް މަލާކް އޭނައަށް ބަލާލިއެވެ.

"އެހެންވީއިރު އަހަރުމެން ދެމީހުން ވެސް މިވީ އަމިއްލަ އެދުން ބޮޑު ދެމީހުންނަށް. އަހަރެން މަލާކްއާ އިނީ މައުވާއަށް ކަމެއް ސާބިތުކޮށްދޭންވެގެން. އެކަން ކާމިޔާބުވުމުން މިހާރު އަނެއްކާ އަހަންނާއި މައުވާ ގުޅެން މިއުޅެނީ...." އަޔާޒް ކިޔައިދިނެވެ. އެއާއެކު މަލާކް ދެބުމަ އަރުވާލަމުން އަނގައަށް ގޮތެއް ހަދާލިއެވެ.

"އިންޓްރެސްޓިންގް....ދެން އެހެންވެއްޖެއްޔާ ކިހިނެއްބާ މަލާކްއާއި އަޔާޒްއަށް ވާންވީ؟ މި ގެއިން ނިކުމެގެންދާން ވިއްޔާ ނިކަން އަވަހަށް އަންގާލަދީ. އޭރުން މަލާކަށް އެއްޗެހި ޕެކްކުރަން ވެސް އެނގޭނީ." މަލާކް އެ ވާހަކަ ދެއްކީ އޭނަ މި ދައްކަނީ އޭނަގެ މުޅި ދިރިއުޅުން ބަދަލުކޮށްލާނެ ނިންމުމެއްހެން ވެސް ހީނުވާ ފަދައަކުންނެވެ. އެވަގުތު އޭނަގެ ސިކުނޑީގެ ވިސްނުން އެފަދަ ގޮތަކަށް ބައްޓަންވެފައިވުމުންނެވެ. މަލާކް ވާހަކަ ދެއްކި ގޮތުން ޙައިރާންކަމެއް ލިބުނު އަޔާޒަށް އަނެއްކާވެސް ލުއި ގޮތަކަށް ހީލެވުނެވެ. މިއީ ކޮންކަހަލަ އަންހެން ކުއްޖެއްތޯ ހިތަށްއެރިއެވެ.

"ޔޫ އާރ އަންޕްރިޑިކްޓެބްލް! ހިތަށް އެބައަރާ ކީއްވެބާއޭ އެންމެ ކުރިންވެސް މަލާކް ކައިރި މި ވާހަކަ ނުބުނެ ހުރީ. މަލާކް މިކަމާހެދި ދެރަވާނެއޭ ހިތާ ހާދަ ބޯގޭނީމޭ އަހަރެން..." އަޔާޒް އެހެން ބުނެލީ ދެންވެސް މަލާކްގެ މޫނުމަތިން ކުޑަވެސް ނިޝާނެއް ފެނޭތޯ ބަލަމުންނެވެ. މި ވޭތުވި ދުވަސްކޮޅުގައި މަލާކަށް އޭނަ ކަމުދިޔަހެން އޭނައަށް ހާދަ ހީވިއެވެ. އެހެނަސް....

"އައްޗި! މަލާކް ފިރިހެނަކާހެދި ދެރަވާ މަންޒަރު ފެނިދާނެ ފަހަރެއްގަ ހުވަފެނަކުން. އެއީ ޙަޤީޤީ ދިރިއުޅުމުގަ ނުވާނެ ކަމެއް. ވަރަށް ފޫހިވޭ މަލާކްގެ ފަހަތުން ރައްޓެހިވާން އަންނަ ފިރިހެނުންދެކެ....މިހާރު އެރަށުގަ އުޅޭނެ އެހެން ރަށަކުން އައިއްސަ ހުރި މަލާކް ލައިކްވާ މީހެއް. ހިޝާމްއެކޯ ކިޔާނީ." މަލާކް ޙަޤީޤަތުގައި ބުނަން އުޅުނީ އޭނަ ކަމުގޮސްގެން އުޅޭ ފިރިހެނެއްގެ ވާހަކައެވެ. އެހެނަސް އޭނައަށް ބަސްތައް އަތުރާލެވުނު ގޮތުން އަޔާޒަށް ނެގުނީ ނުބައި މާނައެކެވެ.

"އާޗާ! އެހެންވީމަ އެ ހުރިހާ ފޫހިވާ ފިރިހެނުންގެ ތެރެއިން ހިޝާމްދޯ މަލާކް ލައިކްވީ؟ ލަކީ ޑޫޑް! އެހެންވީމަ މިހެން ހަދަމާ.....އަހަރުމެން މި ކައިވެނި ކުރަން ޖެހުނީ ދޮންބެ އަސްލު އަހަރުމެންގެ ގެދޮރުގެ މައްސަލަ ކޯޓަށް ގެންގޮސްގެން އުޅޭތީ. އެ މައްސަލަ ނިމެންދެން އަހަރުމެން މި ގުޅުން ކުރިއަށް ގެންދަމާ. އެނީވޭ އަހަރެން މަލާކްގެ ހެލްޕް ބޭނުން މައުވާ ކައިރިއަށް ދާން. މަލާކްއާއެކީ ހަނީމޫނަށް ދިޔުމުގެ ބަހަނާގަ ވިއްޔާ ދޮންބެމެން އަހަރެން ރަޝިޔާއަށް ފޮނުވާނީ. މަލާކް އަހަންނަށް ހެލްޕްވީމަ އަހަރެންވެސް މަލާކަށް ހެލްޕްވެދޭނަން. ކިޔަވަން ފުރުޞަތު ހޯދަދީ ވަޒީފާ ހޯދުމުގަ ވެސް އެހީވެދޭނަން. އެއަށްފަހު ވީ ގޯ އަވާރ ސެޕަރޭޓް ވޭސް. އަހަރެން މައުވާ ކައިރިއަށް، މަލާކް ހިޝާމް ކައިރިއަށް. ޑީލް؟" އަޔާޒް އޭނަގެ އެއްއަތް ދިއްކޮށްލަމުން ސުވާލުކުރިއެވެ. މަލާކް ވަކި ޖެހިލުންވުމެއްނެތި އެ އަތްމަތީގައި އަތް އެޅީ މި ކުރެވެނީ ކިހާ ބޮޑުކަމެއްކަން ނޭނގިއެވެ. އަމިއްލަ ފިރިމީހާ ލޯބިވެރިޔާ ކައިރިއަށް ދިޔުމަށް އެހީވެދިނުމަކީ ކިހާ ބޮޑު ފާފައެއްކަން ނޭނގިއެވެ. އެދެމީހުން ވެސް އެކަކު އަނެކަކާ އެ ނުބައި ވަޢުދުވީ ކައިވެންޏެއް ވަކި ވަގުތަކަށްފަހު ރޫޅާލުމަށް ޝަރުޠުކުރުމަކީ ވެސް ކިހާ ބޮޑު ގޯހެއްކަން ރޭކާލުމެއްނެތިއެވެ. އަދި އެ ގޯސް އެދެމީހުންނަށް ވެސް އެނގެން ނުހަނު ގާތްވެފައިވިކަމެވެ.

**

އެދުވަހުގެ މެންދުރު ވަގުތު ނިޝާން މާފަންނުގައި ހުރި ޢިމާރާތެއްގެ 6 ވަނަ ފަންގިފިލާއަށް ގޮސް އެ ފަންގިފިލާގައި ހުރި ކޮޓަރީގައި ބެލް އަޅުވާލިއެވެ. އޭގެ މާ ގިނައިރެއްނުވެ އެ ދޮރު ހުޅުވާލުމުން ފެނިގެން ދިޔައީ މި ދުވަސްކޮޅު އޭނަ ވާހަކަ ދައްކަމުންދާ ކްލައިންޓުންގެ ތެރެއިން މެދު ޢުމުރުގެ ކްލައިންޓެކެވެ. 48 އަހަރުގެ ފާރޫޤު މައްސަލަ ހުށަހަޅާފައިވަނީ އޭނަގެ ފެންވަރު ރަނގަޅު ޢިމާރާތުގެ އެންމެ މަތީ ފަންގިފިލާ ހިފައިގެން އުޅޭ އަންހެނަކާއި ގުޅިގެންނެވެ.

"މިނިސްޓްރީއެއްގަ މަސައްކަތް ކުރައްވާ ކަނބަލެއްތޯއްޗެ! އެކަމަކު ކުލި ނުދައްކާ އެތައް މަހެއް ވޭތުވެގެންދޭ. ގިނަ ފަހަރު އެ ފަންގިފިލާގަ ނުވެސް އުޅޭ. އެކަމަކު މުޅި އަހަރަށް ހިފައިގެން އުޅޭނީ ދޭތެރެ ދޭތެރެއިން މިކޮޅަށް އަންނާތީ. އޭނަ އުޅެނީ އޭނަގެ އަންހެން ދަރިއާއެކީ ރަޝިޔާގަޔޯ މަ އަޑުއެހީ....މަސްތަކެއް ވަންދެން ކުލި ނުދީ ހުރެފަ ކުއްލިއަކަށް ރުފިޔާ އަޅާލާނީ. އެކަމަކު އެއީ ގޮތެއްނޫންދޯ؟ އެއްބަސްވުމުގަ އޮންނަނީ ކޮންމެ މަހަކު ދައްކަން....މިހާރުވެސް 6 މަސްވެއްޖެ މަ ލާރި ނުލިބިގެން އުޅޭތާ." ފާރޫޤު އޭނަގެ ކުރިމަތީގައި ހުރި ސޯފާގައި އިން ނިޝާނަށް ކިޔައިދިނެވެ.

"ތި އަންހެން މީހާއަށް ކިޔަނީ ކީކޭތޯ؟ ފޮޓޯއެއް ހުރިއްޔާ ދައްކާލެވިދާނެތޯ؟" ނިޝާން ސުވާލުކުރިއެވެ. އެއާއެކު ފާރޫޤު އޭނަގެ އަތުގައި އޮތް ބޮޑު ފޯނު ހުޅުވާލިއެވެ.

"މިއީ އެއްކަލަ އަމިއްލައަށް މަޝްހޫރުވެގެން އުޅޭ މަހީރާ އާދަމެއްނު؟ ނިކަން ބަލާލާ!" ފާރޫޤު އޭނަގެ އަތުގައި އޮތް ފޯނު ނިޝާނަށް ދިއްކޮށްލުމުން ނިޝާން އޭގައި ހިފިއެވެ. އެ ނަން އިވިފައިވެސް އެއީ ކާކުކަން ނިޝާނަށް ޔަޤީންވިއެއްކަމަކު އޭނަ އެ ފޯނުގެ ސްކްރީނަށް ބަލާލިއެވެ. ފޯނުން ހުޅުވިފައިވީ މަހީރާގެ ޓުވިޓާ އެކައުންޓެވެ. އޭގެ ތެރެއިން ސްކްރޯލް ކޮށްލުމާއެކު މިއީ ކޮން ގިންތިއަކަށް ނިސްބަތްވާ މީހެއްކަން ނިޝާނަށް އެނގުންވިއެވެ. މަހީރާއަކީ މިއަދު ފާޅުގައި ދީނަށް ފުރައްސާރަ ކުރާ ބައެއް މީހުންގެ ތެރެއިން އެކެކެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ވާހަކަ