ދުނިޔެ ދެކެމުން މިދާ ކަންކަމާއި މެދު ފިކުރު ކޮށްލާކަށް ނުވޭ ހެއްޔެވެ؟ ދުވާލަކު 5 ވަގުތު ﷲގެ އަޅުތަކުން، އެކަލާނގެއަށް ކިޔަމަންތެރިކަން އަދާ ކުރުމަށް ވަންނަމުންދާ އެކަލާނގެ ގެކޮޅުތަށް ބަންދުވަމުން ދާތަން ފެނުމުން އަސަރެއް ނުކުރޭ ހެއްޔެވެ؟
ﷲގެ ގެކޮޅުތަކުން އޮހެމުން ދިޔަ ރަހުމަތަށް ލިބިގަތުމުގައި ހިތްވަރާއި މުރާލި ކަމުގައި އެންމެ ފަހު ވަގުތާއި ޖެހެންދެން މަސައްކަތްކުރާ އަޅުތަކުން ވެހުނުތާ ފެން ނަގައިފިއެވެ. އެކަލާނގެ ހަޒްރަތަށް ރުޖޫއަ ވުމަށާއި، ކިޔަމަންތެރިކަން އަދާ ކުރުމަށް ދެއްވި ފުރުސަތު މުޅިން ބަންދުވާނެ ދުވަހެއް ވެސް އައްނާނެއެވެ. ގަދަ ކީރިތިވަންތަ އިލާހު ކަންކާން ރާއްވަވައި ހިންގަވާ ގޮތުގެ މޮޅުކަން ނިކަން ދެކެބަލާށެވެ! ޢާފިލު ވެފައި ތިއްބާ މިފަދަ އެތަށް ފުރުސަތެއް ގެއްލިދާނެ އެވެ. ތައުބާ ވުމަށާއި، ހެޔޮ ޢަމަލެއް ކޮއްލަން ލިބިފައިވާ ރަނުގެ ފުރުސަތު ވެސް ގެއްލިދާނެއެވެ.
ލޮބުވެތި އަޚުންނާއި އުޚްތުއްނޭވެ! އެންމެ ސިކުންތެއް ވެސް ބޭކާރު ކޮށްލަން ހެޔޮނުވާނެ އެވެ. ﷲގެ ގެކޮޅުތަކަށް ވަނުމުގެ ފުރުސަތު ނުގެއްލި ތިބި އަޚުން، 5 ވަގުތު އެތަންތަނަށް ޒިޔާރަތްކުރާށެވެ. ލޮބުވެތި އުޚްތުން ވެސް، ގޭގައި ތިބެގެން ﷲއާއި ގާތް ގުޅުމެއް ބާއްވާ އެއިލާހާއި ގުޅުން ބަދަހި ކުރާށެވެ. ﷲ ބައްސަވަމުން އެގެންދަވާ ކޮއްތުން، ތިޔަ އަޚުއްނާއި އުޚްތުންގެ އާޚިރަތުގެ ދަތުރަށް ތައްޔާރު ކުރާށެވެ. ޤިޔާމަތް ކައިރި ވެއްޖެކަން ދައްނާށެވެ.
ތެދެކެވެ. ބޮޑު ދަށްޖާލު އަދި ފާޅެއް ނުވެ އެވެ. އީސާގެ ފާނު ވެސް އަދި ވަޑައި ނުގަނެއެވެ. ހުޅަނގު ފަރާތުން އިރެއް ވެސް އަދި ނާރަ އެވެ. ދައްނާށެވެ. މިއީ ދުނިޔޭގައި ހިންގާނެ އެންމެ ފަހުގެ ބޮޑެތި ކަންކަމެވެ. މިކަންކަން ފާޅު ނުވި ނަމަވެސް، އަޅުގަންޑުމެންގެ އަޖަލު ހަމަ މިވަގުތު ވެސް އަތުވެދާނެއެވެ. އެހިސާބުން ޤިޔާމަތުގެ ފުރަތަމަ މަންޒިލް ކަމަށްވާ ކަށްވަޅަށް ދާން ޖެހުނީއެވެ. ދުނިޔޭގައި ކުރި ޢަމަލަކާއި އެކަށީގެންވާ ބަދަލު ލިބެން ފަށާނެ އެވެ.
ވަގުތު ފާއިތު ނުވަނީސް، ތަޢުބާ ވާށެވެ. ގޯސް ކަމެއް ކުރެވެމުން ދާނަމަ އެކަމެއް ދޫކޮށްލާށެވެ. އެންމެ ކުޑަމިނުން، ދީނުގައި ވާޖިބު ކުރަށްވާފައިވާ ކަންކަން ދޫނުކޮށް އަދާ ކުރުމަށް ޢަޒުމު ކަނޑައަޅާށެވެ. ދުނިޔޭގައި ބޭކާރު ކުރެވުނު ވަގުތު ތަކާއި މެދު ހިތާމަކޮށް، ވީވަރަކުން ސުންނަތް ކަންކަން ވެސް އިތުރުކުރާށެވެ. ދީނުގައި ސާބިތު ވުމަށް، ދީނުގެ ކަންކަން ސައްހަ މަގުން އުނގެނެން ޖެހޭނެ އެވެ. އަމިއްލަ އަމިއްލަ އަކަށް ނޫނެވެ. އިލްމުވެރިންގެ އިރުޝާދުތަކާއި ދަރުސް ތަކުންނެވެ. ހެޔޮ ކަންކަމުން ދުރުކޮށް، ހަލާކުގެ ތެރޭއަށް ވައްޓާލުމަށް، ޝައިތޯނާ އަބަދުވެސް އެންމެ ގާތުގައި ހުންނާނެކަން ހަނދާން ނައްތައިނުލާށެވެ.
ސާބިތުކަން ދެއްވުން އެދި ދުޢާކުރާ ހާލު، ކަށްވަޅާއި ނަރަކައިގެ އަޒާބުން ސަލާމަތްވެ، ދާއިމަށްޗާ ސުވަރުގެ ހޯދުމަށް ލަސްނުކޮށް މަސައްކަތް ފަށާށެވެ. ދުޢާ އަކީ ސުވަރުގޭގެ މަތިވެރި ނިޢުމަތް އެދުވަހުން މިއަޅާ އަށާއި ތިބާއަށް ދެއްވުމެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...