ކޮވިޑްގެ ނުރައްކާތެރި މިފަދަ ވަގުތަކު ދުލުން ބުނާ ބަސްތަކަށް ވަރަށް ބޮޑަށް ސަމާލުކަންދޭން ވާނެކަމަށް ދުނިޔޭގެ މަޝްހުރު ޢިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެއްޖެއެވެ.
އޮންލައިންކޮށް އާންމުކުރި ވީޑިއޯއެއްގައި ވާހަކަ ދައްކަވަމުން މުފްތީ މެންކް ވިދާޅުވީ "މުޅި ދުނިޔެ މިވަނީ ވަރަށް ބޮޑު ކަންބޮޑުވުމެއްގައި، އެންމެންވެސް މިތިބީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައި. މިފަދަ ވަގުތަކު ދުލުން ބުނާ ބަސްތަކަށް ވަރަށް ބޮޑަށް ސަމާލުކަންދޭން ވާނެ. އެއްވެސް މީހަކު ކަންބޮޑުވާނެ ބަހެއް ނުބުނުމަށް ގަދައަޅައި މަސައްކަތްކުރައްވާ. ތިމާއަށް ބުނެވޭ ބަހެއްގެ ސަބަބުން އެހެން މީހަކު ކަންބޮޑުވެދާނެ ފަދަ ބަހެއް ބުނެގެންނުވާނެ."ކަމަށެވެ.
"ބުނާ ބަހަކީ އެ ބަހެއްގެ ސަބަބުން އެހެން މީހުންނަށް ހިތްހަމަޖެހުން ލިބޭ ފަދަ ބަހަކަށް ހަދަން ގަދަޅައި މަސައްކަތްކުރަންވާނެ. އެއްވެސް މީހަކަށް ތިމާގެ ކިބައިން ހިތް ހަމަޖެހުމެއް ލިބުނު ނަމަވެސް އެއީ ކުރެވޭ ހެޔޮ ޢަމަލެއް. ސަވާބު ލިބޭނެ އަޅުކަމެއް." ކަމަށްވެސް މުފްތީ މެންކް ވިދާޅުވިއެވެ.
އިތުރަށް ތަފްސީލުކޮށްދެއްވާ މެންކް އިތުރަށް ވިދާޅުވީ މީގެ މާނައަކީ އެއްވެސް ޙާލެއްގައި އެއްވެސް މީހެއްގެ ހިތް ހަމަޖައްސައިދިނުމަށް ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ނުވަތަ އިސްލާމް ދީނުގައި ޙަރާމް ކަމެއް ކުރަން އެހީތެރިވުމެއް ނޫން ކަމަށައި އެއީ އެއްވެސް ޙާލަތެއްގައި އިސްލާމް ދީނުގައި ހުއްދަ ކަންކަމެއް ނޫން ކަމަށެވެ. އަދި އެއީ ޢަޛާބު ލިބޭނެ ކަންކަން ކަމަށެވެ.
މުފްތީ މެންކް ގެންދަވަނީ ދުނިޔޭގެ ކަންކޮޅުތަކަށް ދިމާވެގެން މިއުޅޭ ކޮރޯނާ ވައިރަސްގެ މައްސަލާގައި ދީނުގައި އޮންނަކޮށް އޮންލައިން މެދުވެރިކޮށް އަގުހުރި ނަސޭހަތްތަކެއް ދެއްވަމުންނެވެ.

















ޚިޔާލު