ކޮލަމިސްޓް ތަހުޒީބުގެ ރަސްކަން ބިކަކޮށް، ޓެކްނޮލިޖީގެ މާހިރުން މާޔޫސްކުރުވި ޙަޤީޤަތް!

ތަހުޒީބުގެ ރަސްކަން ބިކަކޮށް، ޓެކްނޮލިޖީގެ މާހިރުން މާޔޫސްކުރުވި ޙަޤީޤަތް!

ތަހުޒީބުގެ ރަސްކަން ބިކަކޮށް، ޓެކްނޮލިޖީގެ މާހިރުން މާޔޫސްކުރުވި ޙަޤީޤަތް!

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ކީރިތި ޤުރުއާނަކީ ޝިފާއެކެވެ. ހިތްތަކަށް ހަމަޖެހުން ގެނެސްދޭ ފަރުވާއެކެވެ. އިންސާނާއަށް ބޭނުންވާ މަޢުނަވީ ކާނާ އެއިން ލިއްބައިދޭ މަތިވެރި ފޮތެކެވެ. ކޮންމެ ނުތަވަސްކަމަކާއެކު އެ ފޮތުން ފައިދާ ލިބިގަނެ ރައްކާތެރިކަމާއި އަމާންކަން ހޯދުމަށް ލިބިފައިވާ ވޮށެކެވެ. އެ ފޮތުގެ އާޔަތްތަކާއި ސޫރަތްތަކުން ދަލީލުކޮށްދެނީ މާތްﷲގެ މަތިވެރިކަމާއި އެކަލާނގެ ކުޅަދުންވައްތަކަމެވެ. އެކަލާނގެ ވޮޑިގެންވުމާއި، ތަދުބީރުކުރެއްވުމުގެ މަތިވެރިކަމެވެ. ބާރާއި އާރު ލިބިވޮޑިގެންވާ ޙަޤީޤީ ފަރާތަކީ އެއީ ކަމެކެވެ. އިންސާނާގެ ނުކުޅެދުންތެރިކަމާއި އާރެއް ބާރެއް ނެތްކަމެވެ. ލިބިފައިވާ ކޮންމެ ނިޢުމަތަކާއި މޮޅު ކަމެއް ދެއްވި ފަރާތަކީ އެ މަތިވެރި އިލާހުކަމެކެވެ.

سورة البقرة ގެ 214 ވަނަ އާޔަތާމެދު ފުންކޮން ވިސްނައިލަބަލާށެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. أَمْ حَسِبْتُمْ أَن تَدْخُلُوا الْجَنَّةَ وَلَمَّا يَأْتِكُم مَّثَلُ الَّذِينَ خَلَوْا مِن قَبْلِكُم ۖ مَّسَّتْهُمُ الْبَأْسَاءُ وَالضَّرَّاءُ وَزُلْزِلُوا حَتَّىٰ يَقُولَ الرَّسُولُ وَالَّذِينَ آمَنُوا مَعَهُ مَتَىٰ نَصْرُ اللَّـهِ ۗ أَلَا إِنَّ نَصْرَ اللَّـهِ قَرِيبٌ މާނައީ "ތިޔަބައިމީހުންގެ ކުރީގައި އުޅެ ގޮސްފައިވާ މީހުންގެ حال ތައް ތިޔަބައިމީހުންނާ ހަމައަށް އަދި ނައިސްވަނިކޮށް، ތިޔަބައިމީހުން ސުވަރުގެ ވަންނާނެކަމަށް ތިޔަބައިމީހުން ހީކުރީ ހެއްޔެވެ؟ އެއުރެންނަށް ތަދުމަޑުކަމާއި ބަލިމަޑުކަން ޖެހުނެވެ. އަދި އެއުރެންނަށް ގުޑުންއަރައިގެން ދިޔައެވެ. رسول އާއާއި އެކަލޭގެފާނުގެ އަރިހުގައި ތިބި إيمان ވި މީސްތަކުންނަށް ބުނެވިއްޖައުމަށް ދާނދެނެވެ. اللَّه ގެ نصر އަންނާނީ، ދެން ކޮންއިރަކުން ބާވައެވެ؟ ދަންނާށެވެ! ހަމަކަށަވަރުން، اللَّه ގެ نصر ވަނީ ދާދި ގާތުގައެވެ."

މި ޙަޤީޤަތް ޤަބޫލުކުރަމާތޯއެވެ. ކުރީގެ އުއްމަތްތަކަށް މާތްﷲ ވަނީ ތަފާތު ބަލިމަޑުކަމާއި، ތަދުމަޑުކަން ޖައްސަވާފައެވެ. ނުރައްކާތެރި ބަލިތަކާއި ވަބާތައް ފޮނުއްވާފައެވެ. އެބައިމީހުންގެ ޢަމަލުތަކުގެ ސަބަބުންނެވެ. މާތްﷲ ދެއްވި ނިޢުމަތްތައް ހަނދާން ނައްތާލައި، ބޮޑާވެ ކިބުރުވެރިވުމުގެ ސަބަބުންނެވެ. އެ ވާހަކަތައް އެވަނީ ޤުރުއާންގައި ބަޔާންކޮށްދެއްވާފައެވެ. ޢިބުރަތްތެރި ފިލާވަޅުތަކެއްގެ ގޮތުގައެވެ.

މިއަދުގެ ހާލަތާމެދު ވިސްނައިލަމާތޯއެވެ. އިންސާނުންގެ ޢިލްމީ ކުރިއެރުން ދުނިޔެ ފަސްދީ ފަޒާގެ ތެރެއަށް ނުކުމެއްޖެއެވެ. ހޯދުންތަކާއި ދިރާސާގެ ވެށިފުޅާވެ، އެތައް ކަމެއް ކުރިއާލައި ހޯދައި ދެނެގަންނަށް ފަށައިފިއެވެ. ޓެކްނޮލޮޖީއާއި ޒަމާނީ ވަސީލަތްތަކުގެ އެހީގައި ހޯދި ކުރިއެރުން އިންސާނާގެ ބުއްދި އަޖާއިބުކުރުވާ ހިސާބަށް ފޯރައިފިއެވެ. ކުރިން ޤަބޫލުކުރުމަށް ދަތިވި އެތައް ކަމެއް މިއަދު ސިކުންތަކުން ފުއްދޭ ކަމެއްގެ ގޮތުގައި ވެގެން ހިނގައްޖެއެވެ. އެހެންނަމަވެސް، މި ހުރިހާ ކުރިއެރުމަކާއެކު އިންސާނާގެ އުނި ވިސްނުމާއި ފިކުރަށް ހިޔަނިއަޅައި ފޮރުވައިލި އެއް ކަމެއް އެބައޮތެވެ. އިންސާނާއަކީ ކާކުކަމެވެ. އާރެއް ބާރެއް ނެތް މަޚްލޫޤެއްކަމެވެ. ﷲގެ ޢިލްމުން އިންސާނާއަށް ދެއްވީ ވަރަށް ކުޑަ މިންވަރެއްކަމެވެ. އެކަލާނގެ މަދަދާއި އެހީތެރިކަމާ ނުލައި އިންސާނާއަށް ކުރެވޭނެ ހަމަ އެއް ކަމެއް ވެސް ނެތްކަމެވެ.

އެ ވާހަކަ ވެސް އެކަލާނގެ ފޮތުގައިވަނީ ޢިބުރަތްތެރި މެސެޖެއްގެ ގޮތުގައި ބަޔާންކޮށްދީފައެވެ. سورة آل عمران ގެ 160 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. إِن يَنصُرْكُمُ اللَّـهُ فَلَا غَالِبَ لَكُمْ ۖ وَإِن يَخْذُلْكُمْ فَمَن ذَا الَّذِي يَنصُرُكُم مِّن بَعْدِهِ ۗ وَعَلَى اللَّـهِ فَلْيَتَوَكَّلِ الْمُؤْمِنُونَ  މާނައީ "اللَّه، ތިޔަބައިމީހުންނަށް نصر ދެއްވާނަމަ، ފަހެ، ތިޔަބައިމީހުން ބަލިކުރާނޭ އެއްވެސް ފަރާތެއް ނެތެވެ. އަދި، އެކަލާނގެ ތިޔަބައިމީހުން ދެރަކުރައްވާނަމަ، އެއަށް ފަހު ތިޔަބައިމީހުންނަށް نصر ދޭނީ ފަހެ، ކާކު ހެއްޔެވެ؟ އަދި، ހަމައެކަނި اللَّه އަށް مؤمن ން وكيل ކުރާހުށިކަމެވެ!"

ޔޫރަޕުގެ ތަހުޒީބާއި ތަރައްޤީވަނީ ދުނިޔެ އަޅުވެތިކޮށްފައެވެ. އުފެއްދުމާއި ޓެކްނޮލިޖީގެ ރޮނގުން ޗައިނާއާއި އެމެރިކާ ވަނީ ޗާޓުން ކުރިހޯދާފައެވެ. މުއްސަނދިކަމާއި ތަނަވަސްކަމުން، ބޭނުން ކޮންމެ ކަމެއް ކުރެވޭފަދަ ފައިސާވެރިން ދުނިޔޭގެ ބައްރުތަކުގައި ބައިވަރެވެ. ބޭނުން ކޮންމެ ކަމެއް، ބޭނުން ކޮންމެ ހިނދަކު ކުރުމުގެ ޤާބިލްކަންލިބިފައިވާކަމަށް ދަޢުވާކުރާ ޤައުމުތަކާއި މީސްތަކުން މަދެއް ނޫނެވެ. އެހެންނަމަވެސް، ޙަޤީޤީ ލޮލަށް މިއަދު އިންސާނާ ދެކެން ޖެހުނީ ކޮން ކަމެއްތޯއެވެ؟ ލޮލަށް ނުފެންނަވަރުގެ ކުޑަ މަޚްލޫޤެއް މުޅި ދުނިޔެ އަޅުވެތިކުރި ތަނެވެ. ތަހުޒީބުގެ ރަސްކަން ބިކަކޮށް، ޓެކްނޮލިޖީގެ މާހިރުން މާޔޫސްކުރުވި ޙަޤީޤަތެވެ. އަތުންފައިން ކުރެވޭނެ އެއްވެސް ކަމެއް ދެން ނެތޭ ބުނެ، ހާއްޔަށް ވަދެ ފިލަން މަޖުބޫރުކުރުވި މަންޒަރެވެ. މާތް ﷲއަށް ވަކީލުކުރުން ނޫން އެހެން އެއްވެސް ގޮތެއް ނެތްކަމަށް ޤަބޫލުކުރަންޖެހުނީއެވެ.

ވިސްނައިލަބަލާށެވެ. އަދިވެސް އެއް ފަހަރު ވިސްނައިލަބަލާށެވެ. އެކަލާނގެއީ ރަޙްމަތުގެ ވެރި އިލާހެވެ. އަޅުތަކުންގެ ޙާލަތު ބައްލަވައިވޮޑިގެންވާ، ކާއިނާތުގެ ވެރި އިލާހެކެވެ. ލިބިފައިވާ ކޮންމެ މޮޅުކަމާއި ކުރިއެރުމެއް ދެއްވީ އެ ފަރާތުންނެވެ. ހޯދުނު ކޮންމެ ހޯދުމަކާއި، އުފެއްދި ކޮންމެ އުފެއްދުމެއްގެ ވިސްނުމާއި ފިކުރާއި ޢިލްމު ދެއްވީ އެ މަތިވެރި އިލާހެވެ. ކޮންމެ ބައްޔަކާއެކު ވެސް ޝިފާވެއެވެ. އަވަހަށް ތައުބާވާށެވެ. ﷲއަށް ވަކީލުކުރާށެވެ. ސަބަބުތަކުގައި ހިފާށެވެ.

ޓެގް

ދިއިސްލާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.