ކޮވިޑް-19 އާއި ގުޅިގެން މީސްމީޑިޔާގައި އެކި ފަރާތްތަކުން ތަފާތު ޗެލެންޖްތައް ކުރަމުން އަންނަނިކޮން ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ކީރިތި ޤުރުއާން ހަތިމް ކުރުމުގެ ޗެލެންޖެއް ފެއްޓެވުމުން އެކަމަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދެއެވެ.
“ސޯޝަލް މީޑިއާ ޤުރުއާނުން ފުރާލަމާ. އަޅުގަނޑު ފަށާނަން. އިންޝާﷲ” މިހެން ވިދާޅުވެ އިއްޔެ ޑރ ޝަހީމު ފެއްޓެވި މިޗެލެންޖްގައި ދަނީ ގިނަ ބަޔަކު ބައިވެރިވަމުންނެވެ. މިޗެލެންޖުގައި ބޮޑެތި މީހުންގެ އިތުރުން ކުޑަކުދިންވެސް މިހާރު ދަނީ ބައިވެރިވަމުންނެވެ.
"ޤުރުއާން ޗެލެންޖް" ފެށުމުގެ ގޮތުން ޑރ. ޝަހީމް ވަނީ ފާތިހާ ސޫރަތުން ފެށިގެން ބަޤަރާ ސޫރަތުގެ ފުރަތަމަ ސަފްހާ ކިޔެވުމަށްފަހު ފޭސްބުކްއަށް އަޕްލޯޑްކޮށްފައެވެ. ވީޑިއޯ ޝެއާރ ކުރުމަށްފަހު މިޗެލެންޖަށް ނޮމިނޭޓްކޮށްފައިވަނީ "ހަސަން ޒާހިރު އަދި ސުލްތާން މުހައްމަދު ލަތީފް ގެ އިތުރުން އަހްމަދު ރަފީޤް"އަށެވެ.
މިހާ ހިސާބުން ނޮމިނޭޓްކުރި ލިސްޓުގައި ހިމެނޭ ހަސަން ޒާހިރު ވަނީ ޗެލެންޖް ޤަބޫލުކޮށް އެބޭފުޅާގެ ވީޑިއޯވެސް އަޕްލޯޑް ކޮށްފައެވެ. މިޗެލެންޖް ފެށިތާ 5 ގަޑިއިރު ތެރޭގައި 10 މީހުން ވަނީ ޤުރުޢާންގެ މިންވަރެއް ކިޔެވުމަށް ފަހު ފޭސްބުކްއަށް އަޕްލޯޑްކޮށްފައެވެ.
"ޤުރުއާން ޗެލެންޖް" ފެށުމުގެ ގޮތުން ޑރ. ޝަހީމް ޤުރުއާން ކިޔަވާ ވީޑިއޯ ބައްލަވާ!
ޗެލެންޖު ފެށުމާއި އެކު ލިބެމުންދާ ތަރުހީބުގެ ސަބަބުން ޑރ. ޝަހީމްވަނީ ފޭސްބުކްގައި މިޗެލެންޖްގެ އިތުރު ތަފްސީލް ދެއްވާފައެވެ. އެބޭފުޅާ ފޭސްބުކްގައި ލިޔުއްވާފައިވަނީ "ތިޔަ ބޭފުޅުންގެ ކިޔަވާ ވިދާޅުވުން އަޅުގަނޑުގެ ފޭސްބުކް ޕޭޖްއަށް ޓެގް ކުރައްވާ، އޭރުން ޕޭޖްގައި ޝެއާރ ކުރެވޭނެ." ކަމަށެވެ.
އަދި މީގެ އިތުރުން ޑރ. ޝަހީމް ވަނީ ޤުރުއާން ޗެލެންޖާއި އެކު އިތުރު ކަންތައްތަކެއް ކުރިއަށްދާނެކަމަށް ވިދާޅުވެފައެވެ. "ޤުރުއަން ޗެލެންޖި ކުރިޔަށް ދާއިރު، އެކި އާޔަތަކާއި، ނަބީބޭކަލުންގެ ވާހަކަތަކާއި، ޤުރުއާން ގައިވާ އެކި އެކި މުހިންމު ކަންކަމާ ބެހޭ ގޮތުން ވާހަކަ ދައްކާނަން. އެބައި ކުރިޔަށް ގެންދާނީ އަޅުގަންޑުގެ ރަސްމީ ފޭސްބުކް ޕޭޖްއިން. މި ދުވަސް ތަކަކީ ޤުރުއާނާ އި އެކީގަ އަޅުގަނޑުމެން ހޭދަކުރާ ދުވަސް ތަކަކަށް ހަދަމާ ހިންގަވާށެވެ." މިފަދައިން ލިޔުއްވާފައިވެއެވެ.
މިޗެލެންޖަށް ބޮޑު ތަރުހީބެއް ލިބެނުން އަންނައިރު މިޗެލެންޖުގެ ތެރެއިން ރީތި ކިޔެވުންތައް ތަޢާރަފްވާކަން ފާހަގަކޮށްލަންޖެހެއެވެ.

















ޚިޔާލު