ދީނީ ލިޔުންދީން

ﷲ ތަޢާލާ ގެ ޚާއްޞަ ރަޙްމަތް ހޯދާނީ ކިހިނެއް؟

ﷲ ތަޢާލާ ގެ ރަޙްމަތް ވަނީ ހުރިހާ މަޚްލޫޤުންގެ މައްޗަށް އާންމު ވެގެންނެވެ. އަދި ޚާއްޞަ ކޮށް އިންސާނުންގެ ތެރެއިން އީމާްވެގެން ތިބި މީހުންނަށެވެ. الرحيم އެއީ އެކަލާނގެ އިސްމުފުޅުތަކުގެ ތެރެއިން އިސްމުފުޅެކެވެ. އެހެންކަމުން الرحيم ގެ ރަޙްމަތް އަހަރެމެންނަށް ލިބޭނީ ކިހިނެއް ހެއްޔެވެ؟

1- ﷲ ތަޢާލާ އަށް ކިޔަމަންތެރިވެ އެކަލާނގެ ރަސޫލާއަށް ތަބާވުން.

އަދި، ﷲ އަށާއި، ރަސޫލާ އާއަށް، ތިޔަބައިމީހުން ކިޔަމަންތެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ރަޙްމަތް ލެއްވުމަށްޓަކައެވެ. (ސޫރަތުލް އާލްޢިމްރާން 132)

2- ﷲ ތަޢާލާ އަށް ބިރުވެތިވެ ތަޤްވާވެރިވުން.

މި ޤުރްއާން އަކީ، ތިމަންރަސްކަލާނގެ ބާވައިލެއްވި، ފޮތެކެވެ. ބަރަކާތްތެރި ފޮތެކެވެ. ފަހެ، ތިޔަބައިމީހުން، އެފޮތަށް ތަބާ ވާށެވެ! އަދި ތިޔަބައިމީހުން ތަޤްވާ ވެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ރަޙްމަތް ލެއްވުމަށްޓަކައެވެ. (ސޫރަތުލް އަންޢާމް 155)

އަދި ތިމަންރަސްކަލާނގެ ރަޙްމަތް ކޮންމެ އެއްޗަކަށްމެ ތަނަވަސް ވެގެންވެއެވެ. ފަހެ، ތަޤްވާ ވެރިވާ މީހުންނަށް ތިމަންރަސްކަލާނގެ އެ ރަޙްމަތް ލިޔުއްވާހުށީމެވެ. (ސޫރަތުލް އަޢުރާފް 156)

3- ﷲ ތަޢާލާ އަށް އިޙްސާންތެރިވެ އަދި މަޚްލޫޤުންނަށްވެސް އިޙްސާންތެރިވުން.

ހަމަކަށަވަރުން، ﷲ ގެ ރަޙްމަތްފުޅުވަނީ، އިޙްސާން ތެރިންނާ ގާތުގައެވެ. (ސޫރަތުލް އަޢްރާފް 56)

4- ޢަޞްރު ނަމާދުގެ ކުރިން ސުންނަތް 4 ރަކްޢަތް ކުރުން.

ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. ޢަޞްރު ނަމާދުގެ ކުރިން 4 ރަކްޢަތް ކޮށްފި މީހަކަށް ﷲ ރަޙްމަތް ލައްވާށިއެވެ! (ތިރްމިޛީ)

5- ސަމާލުކަމާ މަޑުމައިތިރި ކަމާއެކު ޤުރްއާން އަޑު އެހުން.

އަދި ޤުރްއާން ކިޔަވާހިނދު ތިޔަބައިމީހުން ހަނުތިބެ، އެއަށް ކަނުލައި އަހާށެވެ! (އެއީ) ތިޔަބައިމީހުންނަށް ރަޙްމަތް ލެއްވުމަށްޓަކައެވެ. (ސޫރަތުލް އަޢްރާފް 204)

6- ﷲ ތަޢާލާ ގެ އަޅުތަކުންނަށް ރަޙުމް ކުރުން.

ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. މީސްތަކުންނަށް ރަޙުމް ނުކުރާ މީހަކަށް ﷲ ރަޙުމް އެއް ނުކުރައްވާނެއެވެ! (ބުޚާރީ އާއި މުސްލިމް) އަދިވެސް ޙަދީޘް ކުރެއްވިއެވެ. މީސްތަކުންނަށް ރަޙުމް ކުރާށެވެ. އޭރުން ތިޔަބައިމީހުންނަށް ރަޙްމަތް ލައްވާނެއެވެ. އަދި މީސްތަކުންނަށް މާފު ކުރާށެވެ. އޭރުން ﷲ ތިޔަބައިމީހުންގެ ފާފަ ފުއްސަވާނެއެވެ. (އަޙްމަދް)

ﷲ ތަޢާލާ އަހަރެމެން އެންމެނަށް ރަޙްމަތް ލައްވާށި! އަދި އެކަލާނގެ ރަޙްމަތުން މަޙްރޫމްވާ މީހުންގެ ތެރެއިން އަހަރެމެން ނުލައްވާށި!

އަދިވެސް އެކަލާނގެ ރަޙްމަތް ލިބޭނެ އިތުރު ކަމެއް ހޯދައިގެން ކޮމެންޓެއްގެ ގޮތުގައި ހިއްސާ ކުރައްވާށެވެ!

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *