ފެތުރެމުންމިދާ ނުރައްކާތެރި ބަލިމަޑުކަމާއި ގުޅިގެން މާލެ ސަރަހައްދުގެ މިސްކިތް ތަކުގައި ޖަމާޢަތުގެ ނަމާދު ކުރުން ހުއްޓާލުމަށް އަންގައިފިއެވެ.
އިސްލާމިކް މިނިސްޓްރީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން މިވަނީ ޢާންމުކޮށް އަންގަވާފައެވެ. އެގޮތުން މާލެ ހުޅުމާލެ ވިލިމާލެ އަދި މާލެ ސަރަހައްދުގައި ހިމެނޭ ރިސޯޓް ތަކުގެ މިސްކިތް ތަކުގައި މިވަނީ ޖަމާޢަތުގެ ނަމާދު ކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް އަންގަވާފައެވެ. އަދި މިކަން މިއަދުގެ މެންދުރު ނަމާދުން ފެށިގެން މިމަހުގެ 28ވާ ހޮނިހިރު ދުވަހާއި ހަމައަށް މިކަން ތަންފީޒުކުރާނެ ކަމަށް އެމިނިސްޓްރީ އިން މިވަނީ ވިދާޅުވެފައެވެ.
މިކަން ތަންފީޒު ކުރެވޭ މުއްދަތުގެ ތެރޭގައި ހުކުރުދުވަހުގެ ހުކުރުނަމާދުވެސް ޖަމާޢަތުގައި ނުކުރާނެ ކަމަށް އެމިނިސްޓްރީ އިން މިވަނީ ވިދާޅުވެފައެވެ.
ޖަމާޢާތުގެ ނަމާދު މިސްކިތުގައި ނުކުރި ނަމަވެސް މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މިސްކިތްތަކުގައި ނަމާދުވަގުތުގައި ބަންގި ގޮވާނެކަމަށް އެމިނިސްޓްރީ އިން ވިދާޅުވިއެވެ. އަދި މާލެ ނޫނަސް އެހެން ރަށެއްގައި ރަށުބަންދުގެ ޙާލަތު ޢިއުލާނު ސަރުކާރުން އިޢުލާނު ކޮށްފިނަމަ އެރަށެއއްގައިވެސް މިގޮތަށް ޢަމަލުކުރުމަށް ނިންމާފައިވާ ކަމަށް އެމިނިސްޓްރީ އިން ވަނީ ވިދާޅުވެފައެވެ.
ރާއްޖެ ނޫނަސް ބޮޑެތި އިސްލާމީ ޤައުމުތަކުގައި ވެސް ނަމާދުގެ ޖަމާޢަތަށް ދިއުމުގެ ބަދަލުގައި ގޭގައި ނަމާދު ކުރުމަށް މިވަނީ ނިންމާފައެވެ. އޭގެތެރޭގައި ސަޢުދީ ޢަރަބިއްޔާވެސް ހިމެނެއެވެ. އަމިއްލަ ރައްކާތެރިކަމަށާއި އަނެކާގެ ރައްކާތެރިކަމަށް ފިޔަވަޅުއަޅައި ފަރުދީ ޒިންމާއަދާކުރުމަށް މިދުވަސްވަރު ޙާއްސަ ސަމާލުކަމެއް ދެއްވުން ކޮންމެހެން ބޭނުމެވެ.
ޚިޔާލު