އަންނަ މަހުގެ 18 ވަނަދުވަހުގެ ކުރިން މާވެޔޮ މިސްކިތް ނިންމާ، ހަވާލުކުރަން އެތަނުގެ މަސައްކަތްކުރާ ފަރާތަށް އިސްލާމިކް މިނިސްޓްރީން މުހުލަތު ދީފި އެވެ.
މާވެޔޮ މިސްކިތް އިމާރާތްކުރުމަށް އަމިއްލަ ފަރާތަކާއި ހަވާލުކޮށްފައިވަނީ މީގެ 4 އަހަރު ކުރިންނެވެ. މި މިސްކިތް އަންނަ މަހުގެ 18ގެ ކުރިން ހަވާލު ނުކޮށްފި ޕްްރޮޖެކްޓް އަތުލާނެ ކަމަށް މިނިސްޓްރީން ވަނީ އަންގައިފަ އެވެ. މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަނީ އަންނަ ރޯދަ މަހު މާވެޔޮ މިސްކިތުގައި ނަމާދުކުރަން ފެށޭ ވަރު ކުރުމަށެވެ.
މި މިސްކިތުގައި މި އަންނަ ރޯދަމަހުން ފެށިގެން ނަމާދުކުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. އެހަންނަމަވެސް މިސްކިތް ރަސްމީކޮށް ހުޅުވާނޭ ވަކި ތާރީޚެއް ނޭނގޭ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މާވެޔޮ މިސްކިތް މިދިޔަ އަހަރުގެ ރޯދަ މަހު ހުޅުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ކުރިން ވިދާޅުވި އެވެ. ނަމަވެސް އަހަރު ނިމިގެން ދިޔައިރު ވެސް އެ މަސައްކަތެއް ނުނިމެ އެވެ.
މާވެޔޮ މިސްކިތުގައި އެއްފަހަރާ ގާތްގަނޑަކަށް 1،800 އެއްހާ މީހުންނަށް ނަމާދުކުރެވޭނެ އެވެ. އަދި މިސްކިތުގައި އަންހެނުންނަށް ހާއްސަ ބައެއް ވެސް ހިމެނެ އެވެ. މިސްކިތުގެ ޓެރަސް މަތީގައި ދީނީ މައުލޫމާތު ދިނުން ފަދަ ހަރަކާތްތައް ބޭއްވޭނެ ކަމަށް މިނިސްޓަރު އޭރު ވިދާޅުވި އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...