"ފޭކް ނިއުސް" ފަތުރާތީ ޕާކިސްތާނުން ހެދި ޤާނޫނަކުން ސޯޝަލް މީޑިއާތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
"ސިޓިޒަންސް ޕްރޮޓެކްޝަން ރޫލްސް" ގެ ނަމުގައި ޕާކިސްތާނުން އާންމުކުރި ގާނޫނުގެ ސަބަބުން ފޭސްބުކް، ގޫގްލް އަދި ޓްވިޓާ އިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި ޕާކިސްތާނުގައި އެފަރާތްތަކުން ދެމުން އައި ހިދުމަތް ހުއްޓާލަން ޖެހިދާނެކަމަށްވެސް ވަނީ ހާމަކޮށްފައެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ކަންބޮޑުވާ މިޤާނޫނުގައި އޮތީ ކީކޭ؟ -
ފޭކް ނިއުސް ފެތުރުމާއި އަބުރާ ބެހުމާއި ނަފްރަތު އުފެދޭ ވާހަކަތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ފެތުރުމާއި ޓެރަރިޒަމާއި ހައްދުފަހަނަޅައިދިއުމމުގެ ކޮންޓެންޓްގެ އިތުރުން ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ލިޔުންތައް ސޯޝަލް މީޑިއާގައި ޝާއިއު ކުރާނަމަ އެކަން ހުއްޓުވަން ވަނީ ސޯޝަލް މީޑިއާތަކުގެ މައްޗަށް ލާޒިމްކޮށްފައެވެ. އެކަން ކުރުމަށް ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަސްތެރޭ ފޭސްބުކް އަދި ޓްވިޓާ ފަދަ ކުންފުނިތަކުން ޕާކިސްތާނުގައި އޮފީސް ހުޅުވަން ޖެހޭނެއެވެ. އަދި އެފަދަ ކުންފުނިތަކުން ޤާނޫނުގައި ބުނާ ފަދަ ކޮންޓެންޓް ނަގާނެ ގޮތެއް ހޯދަންޖެހޭނެއެވެ.
ޤާނޫނުގެ ދަށުން ޤާނޫނުން މަނާ ކުރާ ފަދަ ކޮންޓެންޓެއް ނަމަ 24 ގައިޑިއިރުތެރޭ ނެގުމަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް އެންގުމުގެ ބާރު ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކަށް ދީފައިވެއެވެ.
ސޯޝަލް މީޑިއާއަށް އޮތް އަދަބަކީ ކޮބާ؟ -
ޤާނޫނުން ލިބިދޭ ބާރުގެ ދަށުން ސޯޝަލް މީޑިއާތަކަށް ޕާކިސްތާނުގެ ކަމާއި ބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް ކިޔަމަން ނުވެއްޖެނަމަ އެސޯޝަލް މީޑިއާއެއް ބްލޮކް ކުރުމަށް ނިންމާފައިވާއިރު 6 މިލިއަން ޑޮލަރަށްވުރެ މަދު ނުވާނެ އަދަދަކަށް ޖޫރިމަނާ ކުރެވިދާނެ ގޮތަށް ޤާނޫނު ވަނީ ބައްޓަން ކޮށްފައެވެ. އަދި މިކަންކަން ތަންފީޒު ކުރުމަށް ޤާނޫނުން ލިބިދޭ ބާރުގެ ދަށުން ނޭޝަނަލް ކޯޑިނޭޓަ އޮފީހެއް އުފެއްދުމަށް ޕާކިސްތާނުގެ ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.
މިފަދަ ވަރުގަދަ ޤާނޫނެއް ޕާކިސްތާނަށް މިއައީ ކީއްވެ؟ -
މިއީ "ގާނޫނު ތައާރަފް ކުރަން ނިންމީ ޕާކިސްތާނުގެ އިޖްތިމާއީ، ސަގާފީ އަދި ދީނީ ކަންކަން ހިމާޔަތް ކުރަން." އައި ޤާނޫނެއްކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރުގެ އެޑްވައިޒަރު ފިރްދައުސް ވަނީ ހާމަކޮށްފައެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ފޭކު ޚަބަރާއި މައުލޫމާތު އާންމުވަމުންދާ ދަނޑިވަޅެއްގައި މިފަދަ ޤާނޫނެއް ވަރަށް މުހިންމުކަމަށް ބައެއް ފަރާތްތަކުން ބުނާއިރު މިއީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅަން ޕާކިސްތާނުން ހެދި ޤާނޫނެއްކަމަށް އަނެއް ބަޔަކު ދަނީ ބުނަމުންނެވެ.

















advertisment
ޚިޔާލު