ދިވެހިރާއްޖޭގައިވެސް ކޮވިޑް-19 ފެތުރެން ފެށި މި ދަނޑިވަޅުގައި ރާއްޖޭގެ ފެންވަރުގައި ތަފާތު ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ. މީގެތެރޭގައި ގިނައީ ސަރުކާރުން އަޅާ ފިޔަވަޅުތަކެވެ. އެހެންނަމަވެސް ބައެއް އަމިއްލަ ފަރާތްތަކުންނާއި އަމިއްލަ ވިޔަފާރިތަކުންވެސް އަންނަނީ ފިޔަވަޅު އަޅަމުންނެވެ.
ކޮރޯނާ ވައިރަހުން ރަށުގެ ރައްޔިތުން ސަލާމަތްކުރުމަށް އއ. އުކުޅަހުގައި މިފަހަރު އެންމެ ކުރިން އިސްނަގާފައިވަނީ "އަތިރި އިން" ނަމަކަށް ކިޔާ ގެސްޓް ހައުސްއަކުންނެވެ. އއ. އުކުޅަހަކީ ރާއްޖޭގެ ނިސްބަތުން ގެސްޓް ހައުސް ވިޔަފާރި ކުރިއަރަމުން އަންނަ ރަށެކެވެ. އެހެންނަމަވެސް ރަށުގެ އެހެން ވިޔަފާރިތަކަށްށާއި ރަށަށް ނަމޫނާ ދައްކަމުން އަތިރި އިން މިވަނީ 4 މަހަށް ބަންދުކޮށްފައެވެ. މިއީ މި ދަނޑިވަޅުގައި އެ ރަށުގެ ފެންވަރުން އެޅިގެންދިޔަ މުހިންމު އަދި ބޭނުންތެރި ފިޔަވަޅެކެވެ.
"އަތިރި އިންގެ" ފަރާތުން މި މައުލޫމާތު ދެއްވަމުން އަތިރި އިންގެ މެނޭޖިން ޑިރެކްޓާރ ރާމިޒް އިބްރާހީމް ފާހަގަކުރެއްވީ މިއީ މި ދަނޑިވަޅުގައި އެޅުން މުހިންމު ފިޔަވަޅެއް ކަމަށާއި، މިއީ ރައްޔިތުންގެ ސަލާމަތަށް މިއަދު ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަމެއް ކަމުގައެވެ. އެހެންނަމަވެސް މި މަހުވެސް މި ގެސްޓް ހައުސް ވަނީ އޯވާ ބުކްވެފަ ކަމަށާއި މި އަންނަ އޭޕްރީލް މަހުގެ ވެސް އޮކިއުޕެންސީ ވަނީ %70 އަށް އަރާފައި ކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ.
މާލީ ގޮތުން ލިބިދާނެ ގެއްލުމަކަށް ނުބަލާ އއ. އުކުޅަހު ގެސްޓް ހައުސެއްކަމަށްވާ "އަތިރި އިން" ގެ ފަރާތުން މިފަހަރު އަޅާފައިމިވަނީ ނަމޫނާ ފިޔަވަޅެކެވެ. ހަމައެހެންމެ ތޮއްޑޫގެ ހުރިހާ ގެސްޓްހައުސްތަކަކާއި ދަތުރުފަތުރުގެ ހިދުމަތްދޭ ފަރާތްތަކުންވަނީ 15 މާރިޗް އިން ފެށިގެން ފަތުރުވެރިން ނުގެނައުމަށް ނިންމާފައެވެ. އއ. ގެ ދެ ރިސޯޓު ކަމަށްވާ ބަތަލާ އާއި ކުރަމަތި ރިސޯޓުންވަނީ ކޮރޯނާ ވައިރަސްގެ ކޭސް ފެންމަތިވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...