ދީނީ ލިޔުންދީން

ވަރަށް ފުރިހަމަ ދުޢާއެއް!

رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ މި ދުޢާ އަކީ އަހަރެމެންނަށް ތަކުރާރުކޮށް އެތައްފަހަރަކު އަޑު އިވޭ ދުޢާއެކެވެ. އެކަމަކު އަހަރެމެން މި ދުޢާގެ ފުރިހަމަ ކަމާމެދު ވިސްނާލިން ހެއްޔެވެ؟

ﷲ (سبحانه وتعالى) ވަޙީކުރައްވާފައި ވެއެވެ.

فَمِنَ النَّاسِ مَن يَقُولُ رَبَّنَا آتِنَا فِي الدُّنْيَا وَمَا لَهُ فِي الآخِرَةِ مِنْ خَلاَقٍ وِمِنْهُم مَّن يَقُولُ رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ

މާނަ: "އަޅަމެންގެ ރައްބެވެ! ދުނިޔޭގައި އަޅަމެންނަށް (ހެޔޮކަން) ދެއްވާނދޭވެ" އޭ ކިޔައި ދުޢާ ކުރާ މީހުން، މީސްތަކުންގެ ތެރެއިންވެއެވެ. އެއިން މީހަކަށް އާޚިރަތުގައިި އެއްވެސް ނަޞީބެއް އެއް ނެތެވެ. އަދި "އަޅަމެންގެ ރައްބެވެ! ދުނިޔޭގައި ހެޔޮކަން އަދި އާޚިރަތުގައިވެސް ހެޔޮކަން އަޅަމެންނަށް ދެއްވާނދޭވެއެވެ. އަދި ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވާނދޭވެ" އޭ ކިޔައި، ދުޢާ ކުރާ މީހުންވެސް އެއުރެންގެ ތެރެއިންވެއެވެ. (ސޫރަތުލް ބަޤަރާ 200، 201)

މިއާޔަތްތަކަކީ ބަޤަރާ ސޫރަތުގައި ޙައްޖުގެ މަތިވެރި އަޅުކަމާ ބެހޭ ގޮތުން ބާވައިލައްވާފައިވާ އާޔަތްތަކުގެ ތެރޭގައި ވާ އާޔަތެކެވެ. ފުރަތަމަ ބައިގައި ﷲ (سبحانه وتعالى) ވަޙީ ކުރައްވާފައި ވަނީ، އެބައިމީހުންގެ ދުޢާގައި ހަމަ އެކަނި ދުނިޔޭގެ މަތިން ހަނދުމަކުރާ ބައެއްގެ ވާހަކައެވެ. އެބައިމީހުން ބުނަނީ މިފަދައިންނެވެ. "އަޅަމެންގެ ވެރި ރައްބެވެ! ދުނިޔޭގައި އަޅަމެންނަށް (ހެޔޮކަން) ދެއްވާނދޭވެ". އެބައިމީހުން ހައްޖުގެ އަޅުކަން އަދާ ކުރާ އިރުގައިވެސް ދުޢާ ކުރަނީ ހަމަ އެކަނި ދުނިޔަވީ ކަންތައްތަކަށެވެ. އެފަދަ ވަގުތެއްގައި މީހަކު ދުޢާ ކުރާނީ އެމީހަކަށް އެންމެ މުހިއްމު އެންމެ ބޭނުންވާ އަދި އެންމެ ބޮޑަށް ފިކުރު ކުރާ ކަމަކަށް ނޫންހެއްޔެވެ؟ އެހެންކަމުން އެބައިމީހުންގެ (ﷲ (سبحانه وتعالى) އެބައިމީހުންގެ ތެރެއިން އަޅަމެން ނުލައްވާށި!) ހުރިހާ ވިސްނުމެއްވެސް ބިނާވެފައިވަނީ ދުނިޔޭގެ މައްޗަށެވެ. އަދި އެބައިމީހުން ކޮންމެ ތަނެއްގައި ވީ ނަމަވެސް އެބައިމީހުން ވިސްނަމުންދަނީ އެކަންކަމަށެެވެ. ޠަވާފް ކުރާއިރުގައިވެސް ނުވަތަ ޢަރަފާތު ބިމުގައި ތިބޭ އިރުވެސް އެބައިމީހުން ފިކުރު ކުރަމުން ދަނީ ހަމައެކަނި ދުނިޔޭގެ އުފަލާ ހިންހަމަ ޖެހުން ހޯދުމާ މެދުގައެވެ.

އެއާޔަތުގެ ފަހުބައިގައި ﷲ (سبحانه وتعالى)  ވަޙީ ކުރައްވާފައި ވަނީ އެބައިމީހުންނަކަށް އާޚިރަތުގައި އެއްވެސް ނަޞީބެއް ކާމިޔާބެއް ނުލިބޭނެ ވާހަކައެވެ. ކީއްވެގެން ހެއްޔެވެ؟ ޝައްކެއް ނެތެވެ. އެއީ އެބައިމީހުން އެދުނު ކަމެއްނޫނެވެ. އެބައިމީހުން އެދުނީ ހަމަ އެކަނި ދުނިޔެއެއް ނޫންހެއްޔެވެ؟

ޖެހިގެން އައި އާޔަތުގައި ﷲ (سبحانه وتعالى) ވަޙީ ކުރައްވާފައިވަނީ އެހެން ބާވަތެއްގެ މީސްތަކުންގެ ވާހަކައެވެ. އެބައި މީހުންގެ ދުޢާގައިވެސް މިފަދައިން ބުނެއެވެ. "އަޅަމެންގެ ރައްބެވެ! ދުނިޔޭގައި ހެޔޮކަން އަޅަމެންނަށް ދެއްވާންދޭވެ!" އެމީހުން ދުނިޔެއިން އެދެނީ ކޮންކަންކަމަކަށް ހެއްޔެވެ؟ ހެޔޮ ރިޒްޤާއި، ޞާލިޙް ދަރިންނާއި، މުދަލާއި، ގެދޮރާއި، ރަނގަޅު ޞިއްޙަތަށެވެ. އަހަރެމެން ދިރި އުޅެނީ މިދުނިޔޭގައެވެ. އެހެންކަމުން މި ދުނިޔޭގައިވެސް އަހަރުމެންގެ ބޭނުންތައް ހުންނާނެއެވެ. އަދި އެކަންކަމަށް އެދި ދުޢާކުރުމަކީ ހުއްދަކަމެކެވެ. މާތް ޞަޙާބީން އެބޭކަލުންގެ ފައިވާނުގެ ވަދު ހަލާކު ވުމުންވެސް ﷲ (سبحانه وتعالى) އަށް ދުޢާ ކުރައްވައެވެ. އެހެން ކަމުން މިއާޔަތުގައި ﷲ (سبحانه وتعالى) މި ވަޙީ ކުރައްވަނީ މި ދުނިޔޭގެ ހެވަށް އެދި ދުޢާ ކުރާބައެއްގެ ވާހަކައެވެ.

އެކަމަކު އެބައި މީހުން އެދެނީ ހަމަ އެކަނި ދުނިޔޭގެ ހެޔޮކަމަކަށް ހެއްޔެވެ؟ ނޫނެކެވެ. އެއާ ވިދިގެން އެބައި މީހުން މިފަދައިން ވެސް ދަންނަވައެވެ. "އަދި އާޚިރަތުގެ ހެޔޮކަންވެސް ދެއްވާނދޭވެ!" އާޚިރަތުގެ ހެޔޮ ކަމަކީ ކޮބައި ހެއްޔެެވެ؟ ސުވަރުގެއެވެ. އަދި އެ ސުވަރުގެއާ ހަމައަށް ވާސިލް ކޮށްދޭ ހުރިހާ މަރުޙަލާތަކެއްގައި ކާމިޔާބު ވުމެވެ. އެހެން ކަމުން އެބައި މީހުން އެދެނީ ކަށް ވަޅުގެ ޢަޛާބުން ސަލާމަތްކަން ދެއްވުމަށެވެ.

އަދި ތާޅަފިލި ފުމެލެއްވޭ ދުވަހު ބިރުގަނެ، ހާސްވެ ކަންބޮޑުވާ މީހުންގެ ތެރެއިން ސަލާމަތް ކުރެއްވުމަށެވެ. ["ހެޔޮކަމާއިގެން އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް އެއަށްވުރެ ހެޔޮވެގެންވާ ޘަވާބު (އާޚިރު ގައި) ހުށްޓެވެ. އަދި އެދުވަހުން އެއުރެންވަނީ، ހުރިހާ ބިރުވެރިކަމަކުން އަމާން ކަން ލިބިގެންނެވެ." (ސޫރަތުއް ނަމްލް 89) ]

އަދި އަދި އެބައެއްގެ ޢަމަލުތަކުގެ ފަތް ކަނާތަށް ލިބޭ މީހުންގެ ތެރެއިން ލެއްވުމަށެވެ. ["ފަހެ، އެމީހެއްގެ ފަތް، އެމީހެއްގެ ކަނާތަށް ލިބުނު މީހާ ދަންނާށެވެ! ފަހެ، ލުއިފަސޭހަވެގެންވާ ޙިސާބު ބެއްލެވުމަކުން، ނިކަންހުރެ އެމީހަކާމެދު ޙިސާބު ބައްލަވާނެތެވެ. އަދި އުފަލުންހުރެ، އޭނާގެ އަހުލު ވެރިންގެގާތަށް (ސުވަރުގެޔަށް) އެނބުރިދާނެތެވެ." (ސޫރަތުލް އިންޝިޤާޤް 7 - 9) ]

އަދި އެބައިމީހުން ޢަމަލުތައް މީޒާން ކުރެވޭ ހިނދު ނުބައި ޢަމަލުތަކަށް ވުރެ ހެޔޮ ޢަމަލުތައް ބަރުވާ މީހުންގެ ތެރެއިން ލެއްވުމެވެ. ["އެދުވަހުން (މީސްތަކުންގެ ޢަމަލު ތައް) ކިރައި ވަޒަން ކުރައްވާހުށީ ޙައްޤު ގޮތުގައެވެ. ފަހެ، އެމީހެއްގެ (ހެޔޮ ޢަމަލު ތަކުގެ) ތިލަފަތްތައް ބަރުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، ދިންނަވާނޭ މީހުންނަކީ ހަމަ އެއުރެންނެވެ. " (ސޫރަތުލް އަޢްރާފް 8 ]

އަދި ޞިރާތު މަގު އަވަސް ކަމާއި ފަސޭހަ ކަމާއެކު ހުރަސް ކުރާ މީހުންގެ ތެރެއިން ލެއްވުމަށެވެ. ["އަދި ތިޔަބައިމީހުންކުރެ ނަރަކަ މަތިންލާފައި ނުދާނޭ ހަމައެކަކުވެސް ނުވެއެވެ. އެއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ކަނޑައެޅި ލާޒިމުކުރައްވާފައިވާ ކަމެއްކަމުގައިވިއެވެ. ދެން ތިމަންރަސްކަލާނގެ ތަޤްވާ ވެރިވީ މީހުން ސަލާމަތް ކުރައްވާހުށީމެވެ. އަދި އަނިޔާވެރިވީ މީހުން، ކަކޫޖެހިގެންވާ ޙާލު، އެ ނަރަކައިގެ ތެރެއަށް ދޫކުރައްވާހުށީމެވެ." (ސޫރަތު މަރްޔަމް 71 - 72) ]

އަދި އެއަށް ފަހު ފަސޭހަކަމާއެކު އުފަލުން ހުރެ ސުވަރުގެއަށް ވަންނަ މީހުންގެ ތެރެއިން ލެއްވުމަށެވެ.

އަހަރެމެން މި ދުޢާ ކުރާ އިރު މި ހުރިހާ ކަމެއް ހިތުގައި ބަހައްޓަން އެބަ ޖެހެއެވެ. މިކަންތައް ތަކަށް މީހާ އެދޭނީ، އާޚިރަތުގައި އެމީހާ ކަޑައްތު ކުރަންޖެހޭ ރާސްތާތައް އެނގޭ މީހެކެވެ. އެހެންކަމުން އަހަރުމެން މި އެދެނީ ކޮންކަމަކަށް ކަން ރަނގަޅަށް އެނގޭ މީހާގެ ދުޢާ ވާނީ ހަމަ އެކަނި ދުލުން ބުނެލާ ކަލިމަ ތަކަކަށް ނޫނެވެ. އެހެނެއްކަމަކު އެއީ ހިތުގެ އެންމެ ފުންމިނުން އުފެދިގެން އަންނާނެ އިހުސާސް ތަކެކެވެ. އެހެން ކަމުން އޭނާ ހަމަ އެކަނި އެ ކިޔާލަނީ "ހެޔޮކަން" އެބަހެއް ނޫނެވެ. އެބަސް ބުނާ ހިނދު، އެބަހުގެ ތެރޭގައި ވާ ހުރިހާ ކަންތައް ތަކެއްވެސް އޭނާގެ ހިތުގެ ތެރޭގައި ވެއެވެ.

އަދި މިއާޔަތް ނިންމާލައްވަމުން ﷲ (سبحانه وتعالى) ވަޙީ ކުރައްވަނީ، އެބައިމީހުންގެ ދުޢާގައި މިފަދައިން ވެސް ބުނާ ކަމަށެވެ. "އަދި ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވާނދޭވެ." އެބައިމީހުން އެކަމަށް އެދެނީ ކީއްވެގެން ހެއްޔެވެ؟ އެއީ އެތަނުގެ ވޭނާއި، ބިރުވެރިކަމާ، ޢަޛާބުގެ ގަދަފަދަކަން އެނގި އެބައިމީހުންގެ ހިތްތަކަށް އެކަމުގެ ބިރުވެރިކަން ވަދެފައި ވުމުންނެވެ.

އެހެން ކަމުން މި ދުޢާގައި އަހަރެމެން ދުނިޔެއިން މި އެދެނީ ކޮންކަމަކަށް ކަމާއި، އާޚިރަތުން މި އެދެނީ ކޮން ކަންތައްތަކައް  ކަމާއި ރައްކާތެރިކަމަށް މި އެދެނީ ކޮން ތަނަކުން ކަން ހިތުގައި ބާއްވައިގެން މި ދުޢާ ކުރުމުން މި ދުޢާގެ ޙަގީގީ ފޮނިކަން ލިބިގެންދާނެ ކަމާމެދު ޝައްކެއް ނެތެވެ.

އަނަސް (رضالله عنه) ގެ އަރިހުން ރިވާ ވެގެން ވެއެވެ. ރަސޫލް (صلي الله عليه وسلم) އެންމެ ގިނައިން ކުރައްވާ ދުޢާ އަކީ މި ދުޢާ އެވެ. اللَّهُمَّ آتِنَا في الدُّنْيَا حَسَنَةً ، وَفِي الآخِرَةِ حَسَنَةً ، وَقِنَا عَذَابَ النَّارِ (متفق عَلَيْهِ). އަދި އަނަސް (رضالله عنه) ވިދާލު ވެފައި ވެއެވެ. ތިމަން ކަލޭގެފާނު ދުޢާ އެއް ކުރައްވާ ނަމަ މި ދުޢާ ހިމަނުއްވަމެވެ. އެހެން ކަމުން އަހަރުމެންވެސް މި ދުޢާ ގިނައިން ކިޔުމަށް އާދަ ކުރަމާ ހިނގާށެވެ! އަދި ދުޢާ ކުރާ އިރު އޭގެ މާނަ އާއި އޭގައި ހިމެނޭ ކަންތައްތައް ހިތަށް ގެނެސް ގެން ދުޢާ ކުރަމާ ހިނގާށެވެ!

رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ

ގުޅުންހުރި

2 ޚިޔާލު

  1. mi article ga in photo in alhuganda dheyhavanee e photo ga in miskithaa dhimaala kurimathi laigen ai ufulaigen dhua kurun. ehen ve mikamaa medhu visnaalun edhen

  2. ވަރައް ފުރިހަމަ ދުވާއެއް ގިނަގިނައިން ކިޔޭތޮބަލާނަން.

Your email address will not be published. Required fields are marked *