ދުނިޔެ މިސްކިތަށް ހަމަލާދޭން އުޅުނު ޓެރަރިސްޓް ހުއްޓުވި ބަޠަލު

މިސްކިތަށް ހަމަލާދޭން އުޅުނު ޓެރަރިސްޓް ހުއްޓުވި ބަޠަލު

މިސްކިތަށް ހަމަލާދޭން އުޅުނު ޓެރަރިސްޓް ހުއްޓުވި ބަޠަލު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދުނިޔޭގެ އެންމެ އަމާން ފަސް ޤައުމުގެ ތެރޭގައި ހިމެނޭ ނޯވޭގައި ދިރިއުޅެމުންދާ މުސްލިމުންނަށް އިއްޔެއަކީ ބިރުވެރި ދުވަހެކެވެ. ދޮން ނަސްލުގެ ޓެރަރިސްޓަކު ނޯވޭގެ ވެރިރަށް އޮސްލޯގެ އަލް ނޫރު މިސްކިތުގައި ދޭން މަސައްކަތްކުރި ބަޑީގެ ހަމަލާ ﷲ ގެ ރަހުމަތުންވަނީ ނާކާމިޔާބު ކޮށްލާފައެވެ.

ކެނެޑާގެ މަޝްހޫރު ދާޢީ އަދި “ޓްރެވެލިން ޝައިޚް”ގެ ނަމުން މަޝްހޫރުވެފައިވާ ޝައިޚް ވަލީދް ޢަބްދުލް ޙަކީމްގެ ފޭސްބުކް ޕޭޖުގައި އިއްޔެގެ ހާދިސާވަނީ ކިޔައިދެއްވާފައެވެ. ޝައިޚް ވިދާޅުވެފައިވާ ގޮތުން 21 އަހަރުގެ ޓެރަރިސްޓް މިސްކިތަށް ހަމަލާދޭން އައިސްފައިވަނީ ހަނގުރާމައިގެ ފުލް ކިޓުގައެވެ. ހަނގުރާމަ މަތީ ޖެކެޓެއްގައި ހެލްމެޓް އަޅައިގެން ހުރި ޓެރަރިސްޓް ފިލިޕް އަތުގައި ލޯޑްކޮށްފައިވާ ދެ ޝޮޓް ބަޑީގެ އިތުރުން ފިސްތޯލައެއް އޮތެވެ.

މިސްކިތުގައި ތިބި މުސްލިމުންނަށް ހަމަލާދިނުމަށް ފިލިޕް މިސްކިތުގެ ބިއްލޫރި ދޮރަށް ބަޑި ޖަހާ ދޮރު ހަލާކުކޮށްލިއެވެ. އެތެރެއަށްވަދެ ހަމަލާދޭން ތައްޔާރުވި ވަގުތު މިސްކިތު ތެރޭގައިހުރި އުމުރުން 75 އަހަރުގެ މުޙައްމަދު ރަފީޤްވަނީ ހިތްވަރާއެކު ޓެރަރިސްޓާއި ހަމައަށް ދަތުރުކޮށް ހަމަލާއެއް ދިނުމުގެކުރިން ހިފަހައްޓާ ހުއްޓުވާފައެވެ. އަދި ރަފީޤް ފިލިޕް ހުއްޓުވުމުން އެވަގުތު މިސްކިތުގައި ހުރި މުހައްމަދު އިޤްބާލްވަނީ ފިލިޕް ހިފެހެއްޓުމުގައި ރަފީޤަށް އެހީތެރިވެދީފައެވެ.

ހޮނިހިރު ދުވަހުގެ މިހަމަލާއާއި ގުޅިގެން މިސްކިތުގެ ޑިރެކްޓަރު އިރްފާން މުޝްތާގު ވިދާޅުވެފައިވަނީ ފިލިޕް ހަމަލާދޭން އައިވަގުތު އެއިމާރާތުގެ ތެރޭގައި 15 މީހުން ތިބި ކަމަށާއި އަޞްރު ނަމާދަށްފަހު އެމީހުންދިޔައީ އަޟްހާ ޢީދުގެ އުފާފާޅުކުރުމުގެ ތައްޔާރީތައް ވަމުން ކަމަށެވެ.

މިހަމަލާ ހުއްޓުވަން ހަރަކާތްތެރިވުމުގެ ތެރޭގައި ރަފީޤަށް ލިބުނު ޒަޚަމްތަކަށް މިހާރު އަންނަނީ ފަރުވާ ދެމުންނެވެ. ރަފީޤްގެ ހިތްވަރަށް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅެމުންދާ މުސްލިމުން އަންނަނީ ތަޢުރީފު ކުރަމުންނެވެ.

އަލް ނޫރު މިސްކިތަށް ހަމަލާދޭން މަސައްކަތްކުރި ފިލިޕް އޮންލައިންއަށް ދޫކޮށްލާފައިވާ މެސެޖެއްގައިވާ ގޮތުން މިހަމަލާ ދިނުމަށް އޭނާއަށް ހިތްވަރު ލިބުނީ ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތެއްގައި މި އަހަރު ކުރީކޮޅު ބަޑިޖަހައި 50 މީހުން މަރާލި ހާދިސާއިން ނެވެ. މީހުން މަރަން އުޅުމުގެ ދައުވާ ފިލިޕް މައްޗަށް ކުރުމަށް ނޯވޭ ފުލުހުން ނިންމާފައިވާއިރު އޭނާގެ 17 އަހަރުގެ އަންހެން ކޮއްކޮ މަރާލުމުގެ ތުހުމަތުވެސްވަނީ މީގެ ކުރިން އޭނާގެ މައްޗަށް ކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.