ޕީސް ފައުންޑޭޝަންގެ ފަރާތުން ކުރިއަށް ގެންދާ "ދަ ލެގަސީ" ގެ ހަތަރުވަނަ އިވެންޓް ކުރިއަށް ގެންގޮސްފިއެވެ.
މިފަހަރުގެ ލެގަސީ އިވެންޓުގައި ތަޤްރީރުކޮށްފައިވަނީ އެމެރިކާގެ ޢިލްމުވެރިއެއް ކަމުގައިވާ އައްޝައިޚް އަބްދުއްރަހީމް މަކާރިޘީއެވެ.
އަމީނިއްޔާ ސްކޫލް ގޯތިތެރޭގައި އޮންނަ ހުސްބިމުގައި ކުރިއަށް ގެންދިޔަ މިއިވެންޓުގައި ޝައިޚް ތަޤްރީރުކުރައްވާފައިވަނީ "ދަ ޕަވަރ އޮފް ރިޕެންޓެންސް" މައުޟޫއަށެވެ. ކީރިތި ޤުރުއާނާއި ސުންނަތުގެ އަލީގައި އަދި ޞަހާބީ ބޭކަލުންގެ ހަޔާތްޕުޅުގައި ހިނގާފައިވާ ކަންކަމަށް އަލިއަޅުވާލާ ޝައިޚް މަކާރިޘީ ދެއްވި ތަޤްރީރު އަޑުއެއްސެވުމަށް ރައްޔިތުންގެ މަޖްލީހުގެ މެމްބަރުންނާއި ސްކޫލްތަކުގެ ހިންގުންތެރިންގެ އިތުރުން ސްކޫލްތަކުގެ ދަރިވަރުންނާއި ގިނަ އަދަދެއްގެ އާއްމުންވަނީ ޙާޟިރުވެފައެވެ.
ޕީސް ފައުންޑޭޝަންގެ “ދަ ލެގަސީ” އިވެންޓަކީ ރާއްޖެއިން ބޭރުގެ އިލްމުވެރިން ރާއްޖެ ވަޑައިގެން ތަގުރީރުކުރެއްވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށް ގެންދާ އިވެންޓެކެވެ. މީގެ ކުރިން ޑރ ބިލާލް ފިލިޕްސްއާއި ޝައިހް ހުސައިން ޔީ އަދި ޝައިހް އަބޫ އުސާމާ ފަދަ ބޭފުޅުންވަނީ ރާއްޖެ ވަޑައިގެން ލެގަސީ އިވެންޓްގައި ތަގްރީރު ކުރައްވާފައެވެ.
ޝައިހް މަކާރިސީ އިސްލާމްވެ ވަޑައިގަތީ 1994 ވަނަ އަހަރުގައެވެ. އިސްލާމްވުމަށްފަހުގައި ސޫދާނަށް ކިޔަވައި ވިދާޅުވުމަށް ވަޑައިގެންނެވިއެވެ. އެއަށްފަހުގައި ސައުދީ އަރަބިއާގެ މަދީނާ އިސްލާމިކް ޔުނިވަރސިޓީއިން ޝައިހް މަކާރިސީ ތައުލީމު ހާސިލްކުރެއްވިއެވެ.
“ދަ ލެގަސީ” އިވެންޓް ކުރިއަށް ގެންދާ ޕީސް ފައުންޑޭޝަން އަކީ 2010 އަހަރުުން ފެށިގެން ދީނީ އަދި އިޖުތިމާއީ ހަރަކާތްތައް ހިންގަމުން އަންނަ ޖަމްޢިއްޔާއެކެވެ. ޕީސް ފައުންޑެޝަން ގެ މައިގަނޑު މަގުސަދަކީ ތައުލީމާއި ތަމްރީނުގެ ތެރެއިން ހެޔޮލަފާ ރަނގަޅު މުޖުތަމައެއް ބިނާކުރުމެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...