ޙައްޖު ކޯޕަރޭޝަނަށް މިއަހަރު ޙައްޖަށް މީހުން ގެންދިޔުމަށް ދޫކޮށްފައިވާ ފުރަތަމަ ކޯޓާގެ ތެރެއިން 439 މީހަކު ޙައްޖަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް އެކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
މިއަހަރު ޙައްޖަށް ގެންދިޔުމަށް ޙައްޖު ކޯޕަރޭޝަނަށް ލިބިފައިވާ ފުރަތަމަ ކޯޓާގެ ޖާގަ ދޫކޮށްފައިވާ ގޮތުގެ ތަފްޞީލް ހާމަކުރުމުގެ ގޮތުން އެކޯޕަރޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިއަހަރު ދިވެހިރާއްޖެއަށް ސައުދީ ސަރުކާރުން ދީފައިވާ ފުރަތަމަ ކޯޓާގެ 1000 ޖާގައިން ޙައްޖު ކޯޕަރޭޝަނަށް 550 ޖާގަ އިސްލާމިކް މިނިސްޓްރީން ދީފައިވާ ކަމަށާއި “ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލު” ގެ 10 ވަނަ މާއްދާގެ (ހ) ގެ ދަށުން އެއިގެތެރެއިން 80 ޖާގަވަނީ އިސްލާމިކް މިނިސްޓްރީގެ ބޭނުމަށް ރިޒާވްކޮށްފައި ކަމަށެވެ.
އެގޮތުން ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ޙައްޖުގެ ކަންކަމުގައި ބޭނުންވާ އެކިއެކި އެހީތެރީންނާއި ފަންނީ މަސައްކަތްތެރީންނަން 31 ޖާގަ ނެގުމަށްފަހު އެކޯޕަރޭޝަންގެ ފަރާތުން 439 މީހުން ޙައްޖަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ބުނެއެވެ.
ކޯޕަރޭޝަނުން ބުނެފައިވާ ގޮތުގައި “މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޚިދުމަތް ހޯދުމާއިބެހޭ އުސޫލު” ގައިވާ ގޮތުން ޙައްޖަށް ދިއުމަށް ޖާގަ ދެވޭނީ އެކޯޕަރޭޝަންގައި ރަޖިސްޓްރީވެ، ޙައްޖުގެ ޖުމްލަ އަގުގެ %75 ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތަރުތީބުން ކަމަށާއި އެޝަރުތުތައް ހަމަވާ 514 ބޭފުޅުންނަށް ޙައްޖަށް ވަޑައިގަތުމަށް ޖާގަ ލިބުނުކަމުގެ ދަޢުވަތު ފޮނުވާފައިވާ ކަމަށެވެ. އަދި އެފަރާތްތަކުގެ ތެރެއިން އެކިއެކި ސަބަބުތަކަށްޓަކައި 75 ފަރާތަކުން މިއަހަރު ހައްޖަށް ދެވެން ނެތްކަން އަންގާފައިވާ ކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...