ރާއްޖޭގެ ޚަބަރު ގުޅުންތައް އުފައްދާނީ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރެވޭނެ ގޮތަށް: ރައީސް

ގުޅުންތައް އުފައްދާނީ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރެވޭނެ ގޮތަށް: ރައީސް

ގުޅުންތައް އުފައްދާނީ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރެވޭނެ ގޮތަށް: ރައީސް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރާއްޖެއަށް ހެޔޮއެދޭ ޤައުމުތަކާއި ރާއްޖެއާއި އަވަށްޓެރި ޤައުމުތަކާއި ގުޅުން ބަދަހި ކުރަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކޮށް ރައްކާތެރި ކުރެވޭނެ ގޮތުގެ މަތިން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިފަދައިން ވިދާޅުވީ، ސިންގަޕޫރަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ސިންގަޕޫރުގައި ދިރިއުޅުއްވާ ދިވެހިންނާ އިއްޔެ ހަވީރު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން ޚާރިޖީ ގުޅުންތައް އިތުރަށް ބަދަހިކޮށް، ގިނަ ޤައުމުތަކާ އެކު ގާތް ގުޅުންތަކެއް އުފައްދަން މަސައްކަތްތަކެއްކުރައްވަމުން ގެންދަވާ ކަމަށާއި، އެގުޅުންތައް އަލުން އިޢާދަކުރުމަށް ކުރާ މަސައްކަތުގައި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ކުޑަވެސް ގެއްލުމެއް ލިބޭފަދަ ކަމެއް ސަރުކާރުން ނުކުރާނެކަމަށެވެ.

"މި ދެންނެވި މަސައްކަތުގެ ތެރެއިން، ކޮމަންވެލްތާ އަލުން ގުޅުމަށްޓަކައި ސަރުކާރުން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް މިހާރު ވާނީ، ފުރިހަމަކޮށް ކޮމަންވެލްތަށް ހުށަހަޅާފައި. އިރާދަކުރެއްވިއްޔާ، ކޮމަންވެލްތުގެ މެންބަރުކަން އަނެއްކާ ވެސް ވަރަށް އަވަހަށް ރާއްޖެއަށް ލިބިގެންދާނެ. އޭރުން، އެ ޖަމާޢަތުގެ ޤައުމުތަކުން ކުރިން ލިބެމުން އައި އެހީތަކާއި އެހީތެރިކަން އަނެއްކާވެސް ލިބެން ފަށާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ސިންގަޕޫރުގެ ޒިންމާދާރު ފަންނީ ވަޒީފާތަކުގައި ވެސް ދިވެހިން ތިބިކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެބޭފުޅުންނަކީ ދިވެހިންގެ ޢިލްމީ ޤާބިލްކަމާއި ފަންނުވެރިކަމާއި ހުނަރުވެރިކަމުގެ ނަމޫނާ ބައެއްކަމަށާއި، އެ ބޭފުޅުން އެ ވަޒީފާތަކުގެ މަސްއޫލިއްޔަތު އުފުއްލަވަމުން ގެންދަވަނީ ރާއްޖެ ފަޚުރުވެރިވާހާ ފުރިހަމައަށް ޒިންމާދާރުކަމާ އެކުގައިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާ އެކު ގާތް ގުޅުމެއް އުފައްދަން، ދިވެހި އެމްބަސީން މިހާރު ވަރަށް މުހިންމު މަސައްކަތްތަކެއް ފަށާފައިވާކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމްބަސީން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް އޮންލައިންކޮށް ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ފަށާފައިވާކަން ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި ސިންގަޕޫރަކީ ވަރަށް ޒަމާންވީ ވަރަށް ގާތް އެކުވެރި ގުޅުމެއް އޮންނަ ދެ ޤައުމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖެ ތަރައްޤީކުރުމުގެ މަސައްކަތުގައި ސިންގަޕޫރުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ރާއްޖެއާއި ސިންގަޕޫރާ ދެމެދު ދެ އެއްބަސްވުމެއްގައި ސޮއި ކުރެވިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.