ރާއްޖޭގެ ޚަބަރު

އިސްލާމީ ޔުނިވަރސިޓީ އުވާލުމަށް އެމްޑީޕީގެ ބައެއް މެމްބަރުން ތާއީދުކޮށްފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އުވާލާ އައިޔޫއެމްގެ މެއިންޑޭޓްގެ ތެރެއިން ކުރަމުންދާ މަސައްކަތްތައް ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީއެއްގެ ގޮތުގައި ކުރުމަށް ރައްޔިތުން މަޖްލީހުގައި އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ތާއީދު ކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން އައިޔޫއެމްގެ ޤާނޫނަށް އިސްލާހު ހުށަހެޅި ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި ޤައުމީ ޔުނިވާސިޓީއަކީ ވެސް އިސްލާމިކް ޔުނިވާސިޓީއެއް ކަމަށާއި އިސްލާމިކް ޔުނިވާސިޓީއެއް ވަކިން އޮންނަން ޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އަދި އެއް ޔުނިވަސިޓީއަކަށް ހިންގާ ނަމަ، ފުރިހަމަ ނިޒާމެއްގެ ދަށުން މާ ބޮޑަށް އަޅާލެވިގެން ޔުނިވަސިޓީ ހިންގިދާނެ ކަމަށާއި ދެ ޔުނިވަސިޓީ އެއްކޮށްލައިގެން އިސްލާމީ ތައުލީމު ދެވޭ ގޮތަށް ވަރަށް ފުރިހަމަ އިސްލާމީ ފެކަލްޓީއެއް ބާއްވައިގެން ހިންގުމަކީ ރަނގަޅު ފެންވަރެއްގައި ކުރެވިދާނެ ކަމެއް ކަމުގައި އިމްތިޔާޒް ވިދާޅުވިއެވެ.

މިބިލުގެ ބަހުސްގައި ތުޅާދޫ ދާއިރާގެ މެމްބަރ ހިސާން ހުސައިން ވިދާޅުވީ ވަކި މާއްދާއަކަށް ވަކި ކޮލެޖެއް ނުވަތަ ވަކި ޔުނިވާސިޓީއެއް އޮންނަން ނުޖެހޭ ކަމަށާއި ދުނިޔޭގައި އަމަލުކުރަމުންދާ އުސޫލަކީވެސް ވަކި މާއްދާތަކަށް ޔުނިވަރސިޓީތަކުގައި ވަކި ފެކަލްޓީތައް ހިންގުން ކަމަށެވެ.

މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫންވެސްވަނީ މިބަހުސްގައި އައިޔޫއެމް އުވާލުމަށް ތާއީދުކޮށް ވާހަކަދައްކަވާފައެވެ. އެގޮތުން ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި އިސްލާމީ ތައުލީމު ދިނުމަށް ވަކި ޔުނިވާސިޓީއެއް ހުންނަން ނުޖެހޭ ކަމަށާއި އިސްލާމިކް ޔުނިވާސިޓީގެ މަސައްކަތްތައް ގައުމީ ޔުނިވާސިޓީގެ ދަށަށް ގެންގޮސް އެ މަސައްކަތް ކުރެވޭނެ ކަމަށް ހާރޫން ވިދާޅުވިއެވެ.

އައިޔޫއެމް އުވާލުމަށް ވާހަކަދެއްކެވި އެމްޑީޕީގެ މެމްބަރުންނަށް ރައްދުދެއްވައި މަޑުއްވަރި ދާއިރާގެ ޕީއެންސީ މެމްބަރ އާދަމް ޝަރީފް ވިދާޅުވީ ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ޔުނިވާސިޓީތަކުގެ ހިންގުން ބަދަލު ކުރާނަމަ އެކަމުން ނޭދެވޭ އަސަރު ކުރާނެ ކަމަށާއި ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި އިސްލާމީ ވަހުދަތު ހިމާޔަތް ކުރުމަށްޓަކައި ކޮންމެހެންވެސް އިސްލާމީ ޔުނިވާސިޓީއެއް ހުންނަން ޖެހޭނެ ކަމަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *