އެބަޔަކު ޤަބޫލުކުރާ ދީނެއްގެ މަތީގައި ތަރުބިއްޔަތުދީ ބޮޑެތި ކުރާ ކުދިން އެނޫން ކުދިންނާ އަޅާ ބަލާއިރު ސިއްޚީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް މާ ދުޅަހެޔޮ ކަމަށް ހަވާޑް ޔުނިވަރސިޓީގެ ދިރާސާއަކުން ދައްކައިފިއެވެ.
ހަވާޑް ޔުނިވަރސިޓީގެ ޕަބްލިކް ހެލްތް ސްކޫލުން ކުރިއަށް ގެންގޮސް މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގައި އާއްމުކޮށްފައިވާ މިދިރާސާގައި ބުނެފައިވާ ގޮތުން ދީނީ ތަރުބިއްޔަތާއެކު ބޮޑެތިކުރާ ކުދިން އެކުދިން ޒުވާން ދުވަސްވަރަށް އެޅުމުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އެނޫން ކުދިންނާއި އަޅާބަލާއިރު މަބޮޑަށްވެސް ދުޅަހެވެ.
މިދިރާސާ ކުރުމުގައި އުމުރުން 8 އަހަރާއި 14 އަހަރާއި ދެމެދުގެ 5000 ކުދިންވަނީ ބޭނުންކޮށްފައެވެ.
މިދިރާސާގައި ބުނެފައިވާ ގޮތުން ކޮންމެ ދުވަހަކު ނަމާދުކުރާ ނުވަތަ އެނޫންވެސް ދީނީ ކަމެއްގައި މަޝްޢޫލުވާކުދިންގެ ދިރިއުޅުން އެނޫން ކުދިންނާއި އަޅާބަލާއިރު 16 އިންސައްތަ އުފާވެރިއެވެ. އަދި މިފަދަ ކުދިން ފުރާވަރަށް އަޅަމުން އަންނަ ދުވަސްވަރު ޖިންސީ ޖަޒުބާތުގައި ގޯހެއް ހެދުން އެހެން ކުދިންނާއި އަޅާބަލާއިރު 30 އިންސައްތަ ދަށެވެ. މިއާއެކު ޖިންސީ ގޮތުން އަރާ ބަލިތަކުން މިފަދަކުދިން ރައްކާތެރިވެފައިވާ މިންވަރުވެސް އިތުރު ކަމަށް މިދިރާސާގައި ބުނެފައިވެއެވެ. މީގެ އިތުރުން އެކުއްޖަކަށް ދީނީ ތަރުބިއްޔަތު ދެވިފައިވާނަމަ މަސްތުވާތަކެއްޗާއި ދުރުވެ އެފަދަ ތަރުބިއްޔަތެއް ނެތް ކުދިންނަށްވުރެ މުޖުތަމަޢުގައި ހިލޭ ސާބަހަށް މަސައްކަތްކުރުމުގެ އަޙްލާޤެއް އަށަގަންނަ ކަމަށްވެސް މިދިރާސާގައި ފާހަގަކޮށްފައިވެއެވެ.
މިދިރާސާގެ ހޯދުންތަކަކީ ފުރާވަރަށް އަރަމުން އަންނަ ކުދިންގެ ސިއްޚަތާއި އެކުދިން ތަރުބިއްޔަތު ކުރުމުގައި ބޭނުންކުރާނެ އުކުޅުތައް ތަރައްޤީކުރުމަށް މުހިއްމު ހޯދުުންތަކެއް ކަމުގައި މިދިރާސާގައި ހަރަކާތްތެރިވި ފަރާތްތަކުން ބުނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...