އަވަށްޓެރި އިންޑިއާއިން ފުރަތަމަ ފަހަރަށް ހައްދުފަހަނަ އަޅާފައިވާ ހަރުކަށި ޔަހޫދީންނާއި އެއްކޮޅަށް އ.ދ ގައި ވޯޓު ދީފިއެވެ.
އިންޑިއާއިން ހައްދުފަހަނަ އެޅި ޔަހޫދީ އިޒްރޭލާއި އެއްކޮޅަށް ވޯޓު ދީފައިވަނީ މިމަހުގެ 6 ވަނަ ދުވަހު އ.ދ ގެ އިކޮނޮމިކް އަދި ސޯޝަލް ކައުންސިލްގައި ނެގި ވޯޓުގައެވެ. އެދުވަހު ވޯޓު ނަގާފައިވަނީ ފަލަސްތީނުގެ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ "ޝަހީދު" އަށް އ.ދ ގެ އޮބްޒާވަރެއްގެ ދަރަޖަ ދިނުމަށެވެ.
އިޒްރޭލާއި އެއްކޮޅަށް އިންޑިއާ އާއެކު ވޯޓު ދިން ޤައުމުތަކުގެ ތެރޭގައި އެމެރިކާ، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، އިނގިރޭސިވިލާތާއި ޖަޕާނާއި ކެނެޑާފަދަ ޤައުމުތައް ހިމެނެއެވެ. މިޖަމިއްޔާއަށް އޮބްސާވަރެއްގެ ދަރަޖަ ދިނުމަށް ވޯޓު ދިން ޤައުމުތަކުގެ ތެރޭގައި ޗައިނާ، ރަޝިޔާ، ސައުދީ އަރަބިއާ، ޕާކިސްތާނު ހިމެނެއެވެ.
މިވޯޓުގައި 14 ޤައުމަކުން އެޖަމިއްޔާއަށް އޮބްސާވަރެއްގެ ދަރަޖަ ދިނުމަށް ވޯޓު ދިންއިރު 28 ޤައުމަކުންވަނީ އެކަމާއި ދެކޮޅަށް ވޯޓުދީފައެވެ.
އިންޑިއާގެ މިނިންމުމާއި ގުޅިގެން ނިއުދިއްލީގައި ހުންނަ އިޒްރޭލު އެމްބަސީގެ ޑެޕިއުޓީ ޗީފް މިޝަން މާޔާ ކަދޯޝްވަނީ އިންޑިއާއަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާފައެވެ. މިއީ ހެޔޮފާލެއް ކަމަށާއި އިޒްރޭލާއި އިންޑިއާ ގުޅިގެން ޓެރަރިޒަމާއި ދެކޮޅަށްކުރާ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އޭނާ ބުނެފައިވެއެވެ.
2014 ވަނަ އަހަރުގެ އާއްމު އިންތިހާބު ހިންދޫންގެ ވަތަނީ ހަރުކަށި ސިޔާސަތުތަކަށް ތާއީދުކުރާ ބީޖޭޕީއިން ކާމިޔާބުކޮށް ބޮޑުވަޒީރަކަށް މުސްލިމުންނާއި ދެކޮޅު ސިޔާސަތުތަކެއް ގެންގުޅޭކަމަށް މަޝްހޫރު ވެފައިވާ މޯދީ އައުމަށްފަހުގައި އިންޑިއާއިން އިޒްރޭލާއި އަންނަނީ ވަރަށް ބޮޑަށް ގުޅުން ބަދަހިކުރަމުންނެވެ. އެގޮތުން 2017 ވަނަ އަހަރުގެ ޖުލައިމަހު މޯދީވަނީ އިޒްރޭލަށް ދަތުރެއްވެސް ކޮށްފައެވެ. މޯދީގެ މިދަތުރަކީ ޔަހޫދީން ފަލަސްތީނުގެ ބިންތައް ފޭރި އިޒްރޭލުގެ ނަމުގައި ދައުލަތެއް ޤާއިމްކުރިފަހުން އިންޑިއާގެ ބޮޑު ވަޒިރަކު އެތަނަށްކުރި ފުރަތަމަ ދަތުރެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...