ރާއްޖޭގެ ޚަބަރު އޯއައިސީގެ އެންމެ މަތީ މަޤާމުތަކުގައި ދެދިވެހިން

އޯއައިސީގެ އެންމެ މަތީ މަޤާމުތަކުގައި ދެދިވެހިން

އޯއައިސީގެ އެންމެ މަތީ މަޤާމުތަކުގައި ދެދިވެހިން

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އެންމެ މަތީ މަޤާމުތަކުގެ ތެރެއިން 2 މަޤާމެއް 2 ދިވެހިން ފުރުއްވަމުން އެބަގެންދަވައެވެ.

އޯއައިސީގެ މަޤާމުތައް ފުރުއްވަމުން ގެންދަވާ ދެދިވެހިންނަކީ ޑރ މުހައްމަދު ޝަހީމް އަލީ ސައީދުއާއި ކުރީގެ ފޮރިން ސެކެޓްރީ އަހުމަދު ސަރީރުއެވެ.

މިކަމާއި ގުޅޭގޮތުން ޑރ ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އޯއައިސީގެ އެންމެ މަތީ މަޤާމުތަކުގައި އެއް ޤައުމެއްގެ ދެ ރައްޔިތަކު އުޅެނީ ރާއްޖެއިން އެކަނި ކަމަށާއި އެއީ ޤައުމަށް ލިބޭ ޝަރަފެއް ކަމަށެވެ.

ޑރ މުހައްމަދު ޝަހީމް އަލީ ސައީދަކީ އޯއައިސީގެ ސެކްރެޓްރީ ޖެނަރަލްގެ ޔޫސު ބިން އަހުމަދު އަލް އޮތައިމީންގެ ހާއްސަ އެޑްވައިޒަރެވެ. އަދި ދާދިފަހުން އެމަނިކުފާނުވަނީ އޯއައިސީގެ ފިކުރީ ގޮފީގެ އިސްވެރިޔާގެ މަޤާމަށްވެސް އައްޔަން ކުރައްވާފައެވެ. ޑރ ޝަހީމްވަނީ ކުރީގެ ރައީސުން ކަމުގައިވާ ޑރ ވަހީދާއި އަބްދުﷲ ޔާމިންގެ ކެބިނެޓްގައި އިސްލާމިކް މިނިސްޓަރުގެ މަޤާމު ފުރުއްވާފައެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އުފައްދަވާ އެޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ކަމާއި ޗާންސެލަރ ކަންވެސްވަނީ ކުރައްވާފައެވެ. ޑރ ޝަހީމްވަނީ މަދީނާ އިސްލާމިކް ޔުނިވަރސިޓީއިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން މާސްޓަރސް އަދި ޕީއެޗްޑީ ފުރިހަމަ ކުރައްވާފައެވެ.

އަހުމަދު ސަރީރުވެސް ފުރުއްވަމުން ގެންދަވަނީ އޯއައިސީގެ ސެކްރެޓްރީ ޖެނަރަލްގެ ޔޫސު ބިން އަހުމަދު އަލް އޮތައިމީންގެ އެޑްވައިޒަރުގެ މަޤާމެވެ. ރާއްޖޭގެ އެންމެ ގިނަ ދުވަސް ވީ އެއް ކެރިއާ ޑިޕްލޮމެޓް ސަރީރު މީގެ ކުރިންވަނީ އ.ދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ޕަމަނަންޓް ރެޕްރެޒެންޓެޓިވްގެ މަޤާމާއި އެމެރިކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގެ އިތުރުން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމުގެ މަގާމުވެސް ފުރުއްވާފައެވެ.

ހާރިޖީ ދާއިރާގައި ސަރީރު ފުރުއްވާފައިވާ ބައެއް އެހެން މަޤާމުތަކުގެ ތެރޭގައި ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ 3 ވަނަ ސެކްރެޓަރީ ކަމުގެ މަގާމާއި އ.ދ. ގައި ހުންނަ ރާއްޖޭގެ ޕަރމަނަންޓް މިޝަންގެ 2 ވަނަ ސެކްރެޓަރީ ކަމުގެ މަގާމު ހިމެނެއެވެ. އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެސިސްޓެންޓް އަންޑަ ސެކްރެޓަރީ ކަމުގެ މަގާމާއި އެސިސްޓެންޓް ޑިރެކްޓަރު ފޮރިން ރިލޭޝަންސް ކަމުގެ މަގާމުގެ އިތުރުން ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމުވެސް އޭނާ ފުރުއްވާފައިވެއެވެ.

ފޮރިން ސެކްރެޓަރީގެ މަޤާމުވެސް ފުރުއްވި ސަރީރަކީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވަސިޓީން ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ރޮގުން މާސްޓަސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

އޯއައިސީއަކީ 58 މުސްލިމް ގައުމުތައް ޝާމިލްވާ އިސްލާމީ އެންމެ ބޮޑު އޯގަނައިޒޭޝަނެވެ. ރާއްޖެއަކީ ވެސް އޭގެ މެންބަރެކެވެ. އޯގަނައިޒޭޝަންގެ ހެޑް އޮފީސް ހުންނަނީ ޖިއްދާގަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.