ކީރިތި ޤުރުއާނާއިބެހޭ މަރުކަޒުން މިއަހަރުގެ ދެވަނަ ސެމިސްޓަރގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އެމަރުކަޒުން ހުޅުވާލައިފިއެވެ.
މާލޭގައި ހުންނަ އެމަރުކަޒުގެ މައި އިދާރާއާއި އަތޮޅު ތެރޭގައި ހިންގަމުން އަންނަ އެމަރުކަޒުގެ ގޮފިތަކުގައި މިއަހަރުގެ 2 ވަނަ ސެމިސްޓަރގައި ޖުމްލަ 4 ކޯހެއް ފެށުމަށްވަނީ ހަމަޖެހިފައެވެ. އެއީ ޤިރާއަތު ލެވެލް 1،2،3، ގެ ކޯސްތަކުގެ އިތުރުން ޤާރީ ކަމުގެ އެޑްވާންސް ސެޓްފިކެޓް ކޯހެވެ.
8 ހަފްތާގެ މުއްދަތަށް ހިންގާ ޤިރާއަތު ސެޓްފިކެޓް 1 ގައި ބައިވެރިވެވޭނީ ގްރޭޑް 7 ނިންމާ އުމުރުން 16 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ. އެއް ސެމިސްޓަރގެ މުއްދަތަށް ކުރިއަށް ގެންދާ ލެވެލް 2 ގައި ބައިވެރިވެވޭނީ ލެވެލް 1 ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށެވެ. ލެވެލް 3 ގައި ބައިވެރިވެވޭނީ ލެވެލް 2 ނިންމާފައިވާ ފަރާތްތަކަށެވެ. މިއީ އެއް އަހަރުގެ މުއްދަތަށް ހިންގާ ކޯހެކެވެ. އެޑްވާންސް ސެޓްފިކެޓްގައި ބައިވެރިވުމަށް ލެވެލް 3 ފުރިހަމަކުރުމަކީ ޝަރުތެއް ކަމުގައި މަރުކަޒުން ބުނެއެވެ.
މިކޯސްތަކަށް ބައިވެރިން ހޮވާނީ ފޯމް ހުށަހަޅައި ފަރާތްތަކާއި އިންޓަވިއުކުރުމަށްފަހު އެއިން ފާސްވާ ފަރާތްތައް ކަމުގައި މަރުކަޒުން ބުނެއެވެ.
މިކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމް އެމަރުކަޒުންނާއި މަރުކަޒުގެ ގޮފި ތަކުގެ އިތުރުން މަރުކަޒުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެފަރާތުން ބުނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2019 ޖޫން 16 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއެކު ހުށަހެޅުމަށް މަރުކަޒުން އެދެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...