މިދިޔަ ހުކުރު ދުވަހުގެ ރޭ ސަލަފާއި ސަންއެފްއެމްގެ ރޭޑިޔޯ ޕްރޮގްރާމް - ޢިލްމީ ޚަޒާނާގެ 100 ވަނަ ޕްރޮގްރާމްގައި ކުރީގެ މަޝްހޫރު 4 ލަވަކިޔުންތެރިއަކު ލަވަކިޔުމާއި ދުރަށްދިޔަކަން އިޢުލާނުކުރުން ވެގެންދިޔައީ ވަރަށްވެސް ބޮޑު ޚަބަރަކަށެވެ. ދީނީ އެފަދަ އިވެންޓެއް ކަވަރު ކުރުމަށް ދިވެހިރާއްޖޭގެ މީޑިއާއިން މީގެ ކުރިން ނުދޭ ވަރުގެ އަހައްމިއްޔަތެއް ސީދާގޮތުންނާއި ނުސީދާގޮތުން ދީފައިވެއެވެ. ސަބަބަކީ އެތަނުގައި 4 ފަންނާނުން މިޔުޒިކާ ދުރަށްދާނެކަން އިޢުލާނުކުރަން ހަމަޖެހިފައިވާކަން ކުރިއްސުރެ އިޢުލާނުކުރެވިފައިވާތީއެވެ.
ފަންނުގެ މަތީފަޑީގައި، އެމައިދާނުގެ މީހުންގެ ބަހުރުވައިން ނަމަ، ދިވެހި "މުނިފޫހިފިލުވުމުގެ ދުނިޔޭގެ" ފަޒާގައި ރަސްކަން ކުރަމުން އައި އަލިގަދަ ތަރިންތަކެއް، ރަސްކަމުން ފޭބި ވާހަކައެވެ. އަމިއްލަ އިޚްތިޔާރުގައި، ލަވައާއި މިޔުޒިކަކީ އިސްލާމްދީނުގައި ޙަރާމް އެއްޗެއްކަން އެނގުމުން އެކަން ދޫކޮށްލީއެވެ.
ޢަލީ ރަމީޒާއި އިބްރާހީމް ރަމީޒާއި ޢަބްދުލްބާރީއާއި މޫސާ ޝިފާޢު ވަނީ އެރޭ މުޅި ދިވެހި ޤައުމަށް މެސެޖެއް ދީފައެވެ. އެއީ އިސްލާމްދީނުގެ ތެދުމަގަކީ ހޯދަން އުޅޭ ކޮންމެ މީހަކަށްމެ، ފަސޭހައިން ފެންނާނެ އެއްޗެއް ކަމެވެ. ހަމަގައިމުވެސް މި 4 އަޚުންގެ ޙަޔާތް އެއްކޮށް ބިނާކޮށްފައި އޮތީ ލަވައާއި މިޔުޒިކުގެ މައްޗަށެވެ. އެހެންނަމަވެސް ﷲ އަށްޓަކައި އެކަން ދޫކޮށްލީ ނުހަނު ހިއްވަރު ހުރެގެންނެވެ.
މިފުރުޞަތުގައި ތިޔަ 4 އަޚުންގެ ތިޔަ ނިންމެވުމަށް އަޅުގަނޑުގެ ނަމުގައްޔާއި ނޫރުލްއިސްލާމް އެޑިޓޯރިއަލް ބޯޑުގެ ނަމުގައި އިޚްލާޞްތެރިކަމާއެކު، މަރުޙަބާ ދަންނަވަމެވެ. ތިޔަ އިޚްތިޔާރުކުރެއްވީ ސަލާމަތުގެ މަގެވެ. މުޅި ޙަޔާތް އޭގެ މައްޗަށް ބިނާކުރެވިފައި އޮތް މަސައްކަތް ތިޔަ ދޫކުރެއްވީ ﷲ އަށްޓަކައެވެ. ތިޔަ ހަތަރު ބޭކަލުންނަށް ﷲ ސާބިތުކަން ދެއްވާށިއެވެ. މިއަދު އަޅުގަނޑުގެ ހިތުގެ އަޑިން ތިޔަ ހަތަރު ބޭކަލުންނަށް ޝަރަފާއިއެކު ސެލިޔުޓު ކުރަމެވެ. އަދި ތިޔަ ހަތަރުބޭކަލުން ދެކެ ﷲ އަށްޓަކައި ލޯބިވާކަން އިޢުލާނުކުރަމެވެ.
ލޮބުވެތި އަޚުންނޭވެ. ﷲ އަށްޓަކައި ނުބައިކަމެއް ދޫކޮށްލާމީހާ އެއިލާހު ގެއްލެނި ނުކުރައްވާނެއެވެ. އަދި އެއިލާހަށްޓަކައި ކަމެއް ދޫކުރި މީހަކަށް އެއަށްވުރެ ހެޔޮ ބަދަލެއް އެއިލާހު ދެއްވާނެކަން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަގުމާތްވި އިރުޝާދުތަކުންވަނީ ބަޔާންވެގެންނެވެ. ޔޫސުފް ޢަލައިހިއްސަލާމްގެ ޙާދިޘާއިން މިކަން ވަރަށް ތަފްޞީލުކޮށް އެނގި ބަޔާންވެގެން ދެއެވެ.
ލޮބުވެތި އަޚުންނޭވެ! ތިޔަ އަޚުންގެ ތިޔަ ނިންމެވުމަކީ ޙަރާމްކުރެވިގެންވާ މިޔުޒިކުގެ ތެރޭގައި ޣަރަޤު ވެފައިވާ އެތައްހާސް މުސްލިމު ދިވެހިންނަށް ހިދާޔަތު ލިބުމުގެ ސަބަބެއް ކަމުގައި ލައްވާތޯ ﷲ އަށް ދުޢާކުރަމެވެ. އޭރުން އެކަމުގެ ސަވާބާއި ދަރުމަ ތިޔަ ބޭކަލުންގެ ހެޔޮކަމުގެ ފަތުން ފެނިގެން ދާނެކަން ގައިމެވެ.
ވަރުގަދަ ޢަޒުމަކާއެކު ރައްޔިތުންގެ ކުރިމަތީގައި ލަވައާއި މިޔުޒިކަށް ނޫނެކޭ ބުނި ހިތްވަރުގަދަ ފަހުލަވާނުންނޭވެ! ތިޔަ ބޭކަލުންނަށާއި އަޅުގަނޑަށް ﷲ ސާބިތުކަން ދެއްވައި، އެއިލާހު ރުހިވޮޑިގަންނަވާފަދަ މުސްލިމުންގެ ގޮތުގައި މަރުވުމުގެ ތައުފީޤް ދެއްވާށިއެވެ.
މި ލިޔުން ވިދާޅުވާ، ނުވަތަ އަޑުއައްސަވާ ދިވެހި ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ހިތްވަރުގަދަ މި ހަތަރު ބޭކަލުންގެ ޚަބަރު ތިޔަބޭފުޅުންނަށް އިވޭ ކޮންމެ ހިނދަކު، ނުވަތަ ފެންނަ ކޮންމެ ހިނދަކު އެބޭފުޅުންނަށާއި އަޅުގަނޑުމެން އެންމެންނަށް އިސްލާމްދީން މަތީގައި ސާބިތުވެ ތިބުމުގެ ތައުފީޤަށް އެދި ﷲ އަށް ދުޢާކުރައްވާށެވެ.
އޭ ލަވައާއި މިޔުޒިކުގެ ދުނިޔެއަށް ޣަރަޤުވެފައިވާ މުސްލިމުންނޭވެ! ތިޔަބައިމީހުން އަދިވެސް ވިސްނަންވީ ވަގުތު ނުޖެހެނީ ހެއްޔެވެ؟ ތިޔަބައިމީހުންގެ ތިޔަ ދުނިޔޭގެ އުޑުގައި ވިދަވިދާ ހުރި ތަރިތައް ތިޔަ ވަހުމެއްފަދަ ދުނިޔެއިން ބޭރުވެ، އިސްލާމްދީނުގެ އިމުގެ ތެރެއަށް، ތަރިއަކަށްފަހު ތަރިއެއް ވަންނަމުން އެހެރަ ގެންދަނީއެވެ. އަދިވެސް ހޭއަރަންވީ ވަގުތު ނާންނަނީ ހެއްޔެވެ؟ ހަމަކަށަވަރުން މިކަމުގައިވެސް ވިސްނާ ފިކުރު ކުރާ ބަޔަކަށް ޢިބްރަތްތަކެއްވާކަން ކަށަވަރެވެ.
އަސްލު: ނޫރުލްއިސްލާމް

ކޮމެންޓް (0)
ލޯޑް ކުރަމުން...