ރިޕޯޓް މި ރަށްތައް ފަޅުވިގޮތް އެނގޭތަ؟

މި ރަށްތައް ފަޅުވިގޮތް އެނގޭތަ؟

މި ރަށްތައް ފަޅުވިގޮތް އެނގޭތަ؟

ކިޔާލަން ހޭދަވާނީ 5 މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގައި މީހުން ދިރިއުޅެން ފެށި ތާރީޚެއް ކަނޑައެޅިގެން އެނގޭކަށް ނެތެވެ. އެހެން ނަމަވެސް ބޭރުގެ ބައެއް ލިޔުންތަކަށް ރިއާޔަތް ކުރާ ނަމަ މިހާރު ދިވެހިރާއްޖެގައި މީހުން ދިރިއުޅޭތާ 2500 އަހަރަށް ވުރެ ގިނަވެދާނެއެވެ. ޖިއޮގުރަފީގޮތުން ބަލާ ނަމަ ދިވެހިރާއްޖެ އުފެދިފައި މި ވަނީ އިންޑިއާ ކަނޑުގައެވެ. އެހެންކަމުން ކައިރީގައިވާ ޤައުމުތަކުން، ހާއްސަކޮށް އިންޑިއާއިން އައިސް ދިވެހި ރާއްޖޭގައި މީހުން ވަޒަންވެރިވުމަކީ ދުރުގައިވާކަމެއްނޫނެވެ. ރާއްޖެ އަކީ ޖަޒީރާ ރަށްތަކަކަށް އެކުލެވިގެންވާ ޤައުމެކެވެ. ކޮންމެއަކަސް ރާއްޖޭގައި ކޮންމެ ޒަމާނެއްގައި މީހުން އުޅެން ފަށާފައި ވީނަމަވެސް މި ޖަޒީރާ ރަށްތަކުގައި މީހުން ދިރި އުޅެ ފަޅުވެފައިވާކަމުގެ ތަފާތު ވާހަކަތަކާއި ހެކިތައް ފެންނަން އެބަހުއްޓެވެ. ދިވެހިރާއްޖޭގެ ބައެއް ރަށްތައް ފަޅުވިގޮތާއި ބެހޭގޮތުން ތުންތުންމަތިން ތަފާތު ވާހަކަތައް ދެކެވިފައި ވެސް އެބަހުއްޓެވެ. އެހެން ނަމަވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ރަށްތައް ފަޅުވުމުގައި މި ދެކެވިފައިވާ ވާހަކަތަކުގައި ތާރީޚީ ހެކިތަކެއް ވެސް ވާކަމެވެ.

ފުވައްމުލައް ފަޅުވުން

ތުންތުންމަތިން ދެކެވިފައިވާ ވާހަކައާއި އަދި ތާރީޚަށް ބަލާ ނަމަވެސް ދިވެހިރާއްޖޭގެ ބައެއް ރަށްތައް ފަޅުވެފައިވަނީ ރޯގާއާއި ބަލިމަޑުކަމުގެ ސަބަބުން ކަމުގައި ބެލެވެއެވެ. އެ ގޮތުން ތާރީޚީ ގޮތުން ބަލާނަމަ ޏ. އަތޮޅު ފުވައްމުލައް ވަނީ 7 ފަހަރު ފަޅުވެފައި ކަމުގައި ބުނެއުޅެއެވެ. އަދި މިހާރު ފުވައްމުލައް އެ ވަނީ 7 ވަނަ ފަހަރު ފަޅުވުމަށް ފަހު އާބާދުވެފައި ކަމަށް ތާރީޚު ދިރާސާ ކުރާ ފަރާތްތަކުން ބުރަވެއެވެ. ނަމަވެސް މިކަމުގައި ވެސް ޚިލާފުތަކެއް އުފެދިފައިވެއެވެ. އެ ގޮތުން ފުވައްމުލަކުގެ ދުވަސްވީ ބައެއް މީހުން ފާހަގަކުރާގޮތުން ނަމަ އެ ރަށް ފަޅުވެފައި ވަނީ އެންމެ 3 ފަހަރަށެވެ. އެއީ ދިވެހިރާއްޖެއަށް ޕޯޗުގީޒުން އައުމުގެ ކުރިންކަމުގައި ވެސް އެ ރަށުގެ ދުވަސްވީ މީހުން ފާހަގަކުރެއެވެ. ކޮންމެއަކަސް ފުވައްމުލައް ފަޅުވާން ދިމާވި މައިގަނޑު ސަބަބަކީ ގަދަހުމާއި ރޯގައިގެ ސަބަބުން މާގިނަ މީހުން މަރުވާން ފެށުމުން ރަށުގައި ދެންތިބި މީހުން އައްޑު އަތޮޅާއި ހުވަދު އަތޮޅަށް ހިޖުރަކުރަން ފެށުމެވެ.

ދެވަނަ ފަހަރަށް ފުވައްމުލައް ފަޅުވީ ވެސް ގަދަ ރޯގާއެއްގެ ސަބަބުން ކަމަށްވެއެވެ. އެ ފަހަރު ވެސް ބާކީ ތިބި މީހުން އައްޑު އާއި ހުވަދު އަތޮޅަށް ހިޖުރަ ކުރިކަމަށް ވެސް ވެއެވެ. އަދި އެ ފަހަރު ހައްދުންމަތީ ގަމު ފާނު ދޮން އަބާކިރު ކިޔާ ބޭކަލަކު ފުވައްމުލައް ފަޅުވިކަމުގެ ޚަބަރު ލިބިގެން ދޯނީގައި ގަމުގެ މީހުންނާއިގެން ފުވައްމުލަކަށް އައިކަމަށްވެއެވެ. މި ދަތުރުގައި ގަމު ފާނު ދޮން އަބާކިރާއި ގަމު 60 މީހުން ފުވައްމުލަކަށް އައީ ފުވައްމުލަކުގެ ހާލަތު މާ ގޯސްވެފައިވާތީ ކަމަށްވެސް ވެއެވެ.

ތިން ވަނަ ފަހަރަށް ފުވައްމުލައް ފަޅުވާން ދިމާވި ސަބަބަކީ “މާހޫން” ކިޔާ ގަދަ ހުމެއްގެ ސަބަބުންކަމަށް ތުންތުންމަތިން ވަނީ ވާހަކަ ފެތުރިފައެވެ. އެ ޒަމާނުގައި މިބައްޔަށް “ޠާޢޫން” ބައްޔޭ ވެސް ކިއުނެވެ. މި ފަހަރު ރަށުގެ އެންމެން ދިޔައީ އައްޑު އަތޮޅާއި އެ އަތޮޅު މީދޫއަށެވެ. ދޯނި ފަހަރުގައި ފުރައިން ދިޔައިރު، ދޯނި މަތީގައި ވެސް މީހުން މަރުވި ކަމަށްވެއެވެ. އަދި މާލޭގައި ހުންނަ މުލަކު ފަންޑިތަ ވެރިއެއް، މި ޚަބަރު ލިބިގެން، އައްޑު އަތޮޅު މީދުއަށް ދުރުވެ، މީދޫގައި ތިބި މުލަކު މީހުން ގޮވައިން މުލަކަށް ދުރުވެ ކިޔެވެލި ކިޔެވިއެވެ. ފުވައްމުލަކުގައި މީހުން އާބާދުވީ މި އަށްފަހުގައި ކަމަށް ތުންތުންމަތިން ވާހަކަ ދެކެވިފައިވެއެވެ.

ގއ. ކޫއްޑޫ (ކުބުއްޑޫ) ފަޅުވުން

މިއީ ވެސް ރާއްޖޭގެ ވަރަށް ޤަދީމީ ރަށެއްކަން ފާހަގަ ކޮށްލަން ޖެހެއެވެ. އަދި މިއީ ރާއްޖޭގެ އަސްލު ވަޒަންވެރިން ދިރިއުޅުނު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެއްކަމުގައި ދިވެހި ތާރީޚު ހެކިދެއެވެ. މި ރަށުގައި މީހުން ދިރިއުޅުނުކަމުގެ ބައިވަރު ނިޝާންތައް ފެންނަން އެބަހުއްޓެވެ. އެހެން ނަމަވެސް މިރަށް ފަޅުވި ސަބަބެއް އެނގޭކަށް ނެތެވެ. ނަމަވެސް، ރާއްޖޭގެ ޗާޓް ކުރެހުންތެރިޔާ ކޮމާންޑާރ އާރ. މޮރެސްބީ (1836) ގައި ބަޔާން ކުރައްވާފައިވާ ގޮތުގައި އެ އަހަރު ހުވަދު އަތޮޅު އިރުމަތީ ބިތުގައި ނިލަންދޫން ފެށިގެން އުތުރަށް އޮތީ މީހުން ދިރިއުޅޭ ތިން ރަށެވެ. އެއީ މާމެންދޫއާއި ކުބުއްޑޫ އާއި ވިލިގިނލި ކަމުގައި އެ ބޭފުޅާ ފާހަގަކުރައްވާފައިވެއެވެ.

އަދި ހަމައެހެންމެ، މިއިން ކޮންމެ ރަށެއްގައި ވެސް 250 ހެއްހާ މީހުން ދިރިއުޅޭ ކަމަށާއި މި ރަށް ރަށުގެ ސިއްޙީ ހާލަތު އެހާ ރަނގަޅު ނޫން ކަމުގައި މޮރެސްބީ ފާހަގަ ކުރައްވާފައިވެއެވެ. ރަށް ފަޅުވި ސަބަބެއް ނޭނގުނު ނަމަވެސް، ފަހަރުގައި މޮރެސްބީ އެ ބުނާ ބަލިތަކުގެ ސަބަބުންނާއި ބޭރަށް ހިންގުންފަދަ ރޯގާ ބަލިމަޑުކަމުގެ ސަބަބުން އެރަށް ފަޅުވި ކަމުގައި ލަފާކުރެވެއެވެ. މިއީ ރާއްޖޭގެ އެހެން ރަށްރަށް ފަޅުވުމަށް މެދުވެރިވެފައިވާ މުހިއްމު ސަބަބެއް ކަމަށް ވުމާއި އެކު، މި ސަބަބާއި ހުރެ ކުބުއްޑޫ ފަޅުވި ކަމުގައި ވެސް ބެލެވުމެވެ. މިހާރު ކުބުއްޑޫ އަކީ ރާއްޖޭގެ އިޤްތިސާދީ ވަރުގަދަ ރަށެކެވެ.

ގދ. ކާޑެއްދޫ ފަޅުވުން

މިއީ ވެސް ގަދީމީ، ބިން ބޮޑު ރަށެއްކަމުގައި ތާރީޚު ހެކިދެއެވެ. މި ރަށަކީ ވެސް ރާއްޖޭގެ ޤަދީމީ ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އަދި މިހާރު ވެސް ރަށުގެ މެދުތެރެއިން ހަވިއްތައެއް ފެންނަން އެބަހުއްޓެވެ. މިއީ މި ރަށުގައި މީހުން ދިރިއުޅެފައިވާ ކަމުގެ އަލިގަދަ ތާރީޚީ ހެއްކެކެވެ. ހަމައެހެންމެ، މިއީ ވެސް ރާއްޖޭގެ އަސްލު ވަޒަންވެރީން އުޅުނު ރަށްތަކުގެ ތެރެއިން ރަށެއްކަން ފާހަގަ ކޮށްލަން ޖެހެއެވެ. ރަށް ފަޅުވީ ކީއްވެގެންކަމެއް ސީދާ އެނގޭކަށް ނެތެވެ. އަދި މިރަށް ފަޅުވި ތާރީޚެއް ވެސް އެނގޭކަށް ނެތެވެ.

މިރަށް ފަޅުވުމާއި މެދު ދެކެވޭ ފުލޯކް ވާހަކަތަކެއް އެބަހުއްޓެވެ. އެ ގޮތުން، މި ފަދަ ފުލޯކްތައް ގިނަ ފަހަރަށް ގުޅިފައި އޮންނަނީ ރޫޙާނީ ބާރުތަކާއި ސިޙުރުހާހޫރާއި ފަންޑިތައާއެވެ. ކާޑެއްދޫ ފަޅުވިކަމަށް ދެކެވޭ ވާހަކަޔަކީ “ވާދޫ އެދުރުކަލޭގެފާނުގެ ބޮޑު ފަންޑިތަ ފޮތް ކާޑެއްދޫ އެދުރުކަލޭގެފާނު އަތުގައި އޮވެގެން އެދެމެދުގައި ހިނގި ފަންޑިތަވެރިކަމުގެ ތަޅާފޮޅުމެއްގެ ވާހަކަ”އެވެ. އެ ގޮތުން، މި ފަންޑިތަފޮތް ބަލާ ވާދޫ އެދުރުކަލޭގެފާނު ކާޑެއްދުއަށް އަންނަކަން އެންގުމުން، ފަންޑިތައިގެ އެހީގައި ނެރުގެ އަނގަމަތީގައި ޖިންނިއެއްގެ އެހީ ހޯދާއިގެން ފިނޮޅެއް އުފެއްދި ކަމަށްވެއެވެ. ވާދޫ އެދުރުކަލޭގެފާނު ދުރުވި ދޯނި ކާޑެއްދޫ ނެރުން ވަނުމާއި އެކު އުފެދިފައި އޮތް ފިނޮޅުގައި ދޯނި ބީހުނީއެވެ. ބީހުމުން ދޯނީގައި ތިބި މީހުނާއި އެކު ފައިބައިގެން ރަށަށް އެރީއެވެ. އަދި މި މަންޒަރު ކާޑެއްދޫ އެދުރުކަލޭގެފާނަށް ފެނުމުން ގެންގުޅޭ އެކުވެރި ޖިންނި ގާތު ކުޑައަށީ ފޮށިމަތީގައި ހުރި ގަލަންދާން މަތީގައި ހުރި ކިޔެވެލި ކިޔަވާފައި ހުރި ފުޅި ހިފައިން އަންނަން ބުންޏެވެ. އަދި ޖިންނި އަވަސް ކުރަން އުޅެން ހަދައިގެން، ގޭގެ އޮޅީގައި އަޅައިގަނެ ފުޅި ތަޅައިން ދިޔައީއެވެ. ޖިންނި ގޮސް އެ ވާހަކަ ކާޑެއްދޫ ތަކުރުފާނު ގާތު ބުނުމުން، “ތިމަންމެންގެ ކަމާބަހާ މި ނިމި ދިޔައްޔޭ” މިހެން ބުނިކަމަށްވެއެވެ. އަދި ވާދޫ އެދުރުކަލޭގެފާނު ރަށަށް އަރާ ދެކޮޅުވެރިކަން އުފެދިގެން އުޅުނު ފޮތް ހިފައިގެން އަނބުރާ ރަށަށް ދިޔަ ކަމަށްވެއެވެ. އޭގެ ފަހުން ރަށުގައި ރޯގާ ފެތުރި، ގިނަ އަދަދަކަށް މީހުން މަރުވާންފެށިއެވެ. ހަމައެހެންމެ، ވަޅުނުލެވި ގިނައަދަދެއްގެ ބަޔަކު ފަސްމަތީ ތިބުމުން، ތިބި މީހުން އަތޮޅުގެ އެކި ރަށްރަށަށް ހިޖުރަކުރި ކަމަށްވެއެވެ.

ކާޑެއްދޫ ފަޅުވުމާއި ބެހޭގޮތުން މި ނޫން ވެސް ގޮތްގޮތަށް ވާހަކަދެކެވިފައިވެއެވެ. އެގޮތުން، ކުރިން ފާހަގަކުރިފަދަ ދެ އެދުރުންގެ ދެމެދުގައި ހިނގި އެހެން ހާދިސާއަކަށް ވެސް މި ވާހަކަ ނިސްބަތްކޮށްފައިވެއެވެ. މި ދެކޮޅުވެރިކަން އުފެދުނީ ވާދޫ ކަންވެރިކަލޭގެ އަންހެން ދަރިފުޅު، ކާނޑެއްދޫ ގޮއިމަކަލޯގެ ދަރިފުޅުދެކެ ލޯބި ވުމުން އެކަމާ ވާދޫ ކަންވެރިކަލޭގެ ހިތްހަމަނުޖެހިގެންކަމަށް ތުންތުންމަތިން ވާހަކަދެކެވިފައިވެއެވެ.

އެގޮތުން، ތާރީޚީ ހެކި ތަކަށް ބަލާއިރު ކާޑެއްދޫ ފަޅުވެފައި ވަނީ މީލާދީ ގޮތުން 1836 ވަނަ އަހަރު ކަމުގައި ބެލެވެއެވެ. އަދި އޭރު ރަށުގެ އާބާދީ އަކީ 200 އެއްހާ މީހުން ކަމުގައިވެއެވެ. އެހެން ނަމަވެސް، މިރަށް ފަޅުވެފައި ވަނީ ބަނޑުވޭން ފަދަ ރޯގާއެއް ޖެހިގެން ކަމުގައި ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ކޮންމެއަކަސް ތާރީޚަށް ބަލާނަމަ، މިކަމަށް ބާރުލިބޭ ހެކިތައް އިސްވެ ފާހަގަ ކުރެވިއްޖެއެވެ.

-ނުނިމޭ-

ނޯޓު: މި ލިޔުމަށް މައުލޫމާތު ނެގުމަށްޓަކާ ބޭނުންކުރެވިފައިވާނީ މުޙައްމަދު އިބްރާހީމް ލުޡުފީގެ ލިޔުންތަކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.