ޒީނަތްތެރި ކުރެވިއްޖެއެވެ. އަހަރެއަހެރެމެންގެ ގެދޮރެވެ. ޖަރީކުރެވިއްޖެމެއެވެ. ރީތިވިހާ ކުލަތަކުންނެވެ. ގޭގެ ދޮރުފޮތިތައްވެސް ހަމަ އެހާމެއެވެ. އަދި ކިއެއްތަ؟ ކާ ތަށި، ސަމުސާވެސް އައު ކޮށްފިއެވެ. ސުފުރާމަތިވެސް ދޮވެ ސާފުކުރެވިއްޖެއެވެ. މިފަހަރު ރޯދައަށް ލިބުނު ޢިނާޔަތުން ކުރެވުނުހާވެސް ކަމަކީ މިއީއެވެ. ތާޒާ މޭވަޔާ ތަރުކާރީން އައިސްއަލަމާރި ފުރި ބާރުވެއްޖެއެވެ. ހަމަ އެންމެ ސަބަބަކަށްޓަކައެވެ. ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުންނެވެ. އަމާންކަމާއި އޮމާންކަމާއެކު ރޯދަތައް ހިފުމަށްޓަކައެވެ. ހިތް ބޭނުންވިހާ އެއްޗަކުން ކެއުމަށް އިންސާފުކުރުމަށެވެ. އަދި ހަމައެހެންމެ، ނުކެވުނެއްކަމަކު ރޯދަވީއްލާ ވަގުތުގައި ސުފުރާމަތި ތިޔާގިވީމާ އެ ލިބޭ ހިތްހަމަޖެހުން ލިބިގަތުމަށްޓަކައެވެ. އެހެނަސް، ރަމަޟާން މަހަށް ތައްޔާރުވުމީ އިސްވެ މިދެންނެވުނު ކަންކަން ތަރުތީބުވެގެން އައުންތޯއެވެ؟ ނުވަތަ، އަހަރެމެންގެ ހިތް ނިޔަތް ޚާލިޞްކޮށް، ސާފުވެގެންވާ ހިތަކައިގެން މި މާތް މައްސަރާއި ބައްދަލުކުރުން ހެއްޔެވެ؟
ޝައްކެތްނެތެވެ. އެއީ ދިވެހީންގެ ކަށީގައި ހިފައިފައި ހުރިކަމެކެވެ. އަހަރެމެން ރަމަޟާން މަހަށް ތައްޔާރުވަނީ ދުނިޔެވީ އެދުންތަކުން ނަފްސު ކަސްތަޅުއަޅުވަމުންނެވެ. އަހަރެމެން އެންމެ ފިކުރު ބޮޑުވަނީ ރޯދަ ވީއްލުމަށް ތައްޔާރުކުރާނެ ކާއެއްޗަކަށެވެ. ބައެއް މީހުންގެ ފިކުރަކީ ހަވީރުގެ ފިންޏަށް ސައިކަލު ބުރެއް ޖެހުމަށް ދިޔުމެވެ. އަނެއް ބަޔަކު، ރޯދަ ކުރުކުރުމުގެ ތަފާތު ކުޅިވަރުތައް ކުޅުމުގައި ވަގުތުތައް ނަގާލަނީއެވެ. މިއީ ޙަޤީޤަތުގައިވެސް ހިތާމަ ހުރިކަމެކެވެ. ރަމަޟާން މަހަކީ އަޅުކަމާއި ތަޤުވާގެ މައްސަރަކަށް ވެފައި، އަހެރެއަހަރެމެންގެ ޢަމަލުތައް ބައްޓަންވެފައި މިވަނީ މި މާތް މައްސަރުގެ ޙަޤީޤީ މަޤުޞަދާއި ފުށުއަރާ ބީދައަކުންނެވެ. ފަހެ ވިސްނާލުން ކީއްތޯއެވެ؟
ރަމަޟާން މަހުގެ ޚާޞިއްޔަތަކީ ތަރާވީޙް ނަމާދެވެ. އަހަރުގެ އެންމެ 30 ރޭ މި މާތް އަޅުކަން އަދާކުރުމަށްވެސް އަހަރެމެން މިދަނީ ދެކޮޅު ހަދަމުންނެވެ. ރަނގަޅެވެ. ތަރާވީޙް ނަމާދު ފެށެނީ ބޮޑު ޖަމާޢަތަކުންނެވެ. އެހެން ނަމަވެސް، ހިތާމައަކީ، ކޮންމެ ދެ ރަކުޢަތަކުން ދެ ރަކުޢަތަކުން އެ ބިޔަ ބޮޑު ޖަމާޢަތުގެ ސަފުތައް ދަނީ ރޫޅެމުންނެވެ. ޤިޔާމަށް ތިބޭ މީހުންގެ ނިސްބަތް ދަނީ މަދުވަމުންނެވެ. އަހެރެމެން ބުނާކަހަލައެވެ. ރޯދަވީއްލި ވަގުތުގައި މާ ގިނައިން ފަނި ބޮވުނީތީ ބަނޑުގައި ރިއްސަނީއެވެ. ނުވަތަ މާގިނައިން ކެވުނީތީ ހޮޑުލަވާ ގޮތްވަނީއެވެ. ބޯ އަނބުރަނީއެވެ. އެހާ ގިނައިރު ރޯދައަށް ހުރެފައި ކުއްލިއަކަށް އެއްފަހަރާ އެހާ ބައިވަރު ކެވުމުންނެވެ. އާއެކެވެ. އަހަރެމެންނަށް މިފަދަ އެތައް ބަހަނާއެއް ދެއްކިދާނެއެވެ. ނަމަވެސް އެއްފަހަރުވެސް ވިސްނާލީމުހެއްޔެވެ؟ މި ރަމަޟާން މަހުގައި ނުކުރެވުނު ހެޔޮކަމެއް ދެން އަންނަ ރަމަޟާން މަހެއްގައި ކުރެވިދާނެ ހެއްޔެވެ؟ ނުވަތަ އެހާތަނާޖެހެންދެން އަހަރެމެން ދުނިޔޭގައި ހުންނާނެ ހެއްޔެވެ؟
ނަމަވެސް ވިސްނޭހެއްޔެވެ؟ މި ކުރެވެނީ ކިތައްމެ ކުޑަކަމެއްކަމެއްކަމުގައި އަހަރެމެންނަށް ހީކުރެވުނެއްކަމަކު، އަހަރެމެންގެ މި ޢަމަލުތައް ނަކަލުކުރާ ބަޔަކު އެބަ ތިއްބެއެވެ. އާއެކެވެ. އަހަރެމެންގެ ޅަ ދަރިންނެވެ. މިއަދު އަހަރެމެން ދީނީ ކަންކަމުގައި އެކުދިންނަށް ނަމޫނާ ދެއްކުމަށް ނުކުޅެދިއްޖެނަމަ، ދީނުގައި ސާބިތުވެ ތިބޭނެ ޖީލެއް ބިނާކުރުމަށް އުއްމަތް ކުރާ އުއްމީދު ދާނީ ވިއްސިވިހާލިވެގެންނެވެ. ވީއިރު، އުއްމަތެއް ހަލާކުވެދާތަން ބެލުމަށް ތިބާގެ ޟަމީރު އެދެނީ ކީއްވެގެންހެއްޔެވެ؟
ޣާފިލްކަމުގެ ނިދިން އަހަރެމެން ހޭއަރަންވެއްޖެއެވެ. ދީނުގެ ޝިޢާރުތައް ނެގެހެއްޓުމުގައި ހުށިޔާރުވެ ތިބެން ވެއްޖެމެއެވެ. ރަމަޟާން މަހަށް އަހަރެމެން އިސްތިޤުބާލުކުރާއިރު، އެ މާތް މައްސަރުގެ ހެޔޮކަމާއި ނަޞީބު ލިބެނިވިގޮތަށް އަހަރެމެންގެ ޢަމަލުތައް ބައްޓަންކުރަންޖެހެއެވެ. ޙަޔާތަކީ ކުރު އެއްޗެއްކަން ދަނެ، ލިބިފައިމިވާ ވަގުތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭތޯ މަސައްކަތްކުރަންޖެހެއެވެ. ދިންނަވާ ނަޞީބު ލިބޭނީ ﷲ އަށް ކިޔަމަންތެރިކަން އަދާކޮށްފި އަޅަކަށްކަމީ ޝައްކެތް އޮތްކަމެއް ނޫނެވެ.
ފޮޓޯ / އަފްރާހްފޮޓޯގްރަފީ




ކޮމެންޓް (0)
ލޯޑް ކުރަމުން...