ވެހިކަލުން ފުރި ތޮއްޖެހިފައިވާ މިވާ ވެރިރަށް މާލޭގައި އެންމެ އުނދަގޫ އެއްކަމަކީ ވެހިކަލް ޕާކްކުރާނެ ޖާގައެއް ހޯދުމެވެ. ކިތަންމެ އަވަސް ކޮށްލާފަ ނިކުންނަ އިރުވެސް ބޮޑު އަދަދަކުން ޖޫރިމަނާވެ ޕާކިން ވައިލޭޝަން ފީ ދައްކަން ޖެހޭ ކިތަންމެ ފަހަރެއް އާދެއެވެ. ޕާކްކުރާނެ ތަނެއް ނުލިބިގެން އެންމެ ހިތްދަތިވާ އެއްވަގުތަކީ މިސްކިތަށްދާ ވަގުތެވެ.
ކުރިއަށް ބަލާނަމަ އިސްލާމީ މަރުކަޒު ވެފައިވަނީ ނަމާދަށްދާ މީހުންނަށް ފަސޭހަކަމާއެކު ޕާކްކޮށްފައި މިސްކިތަށް އެރޭ ތަނަކަށެވެ. ނަމަވެސް ރަސްރަނި ބަގީޗާއާއެކު އިސްލާމީ މަރުކަޒުގެ ދެފަރާތުން އޮތް މަގުތައް ބަންދުކުރުމުން އެސަރަހައްދުގައި ޕާކްކުރަން ދަތިވެ މަރުކަޒުގެ ނަމާދުގެ ޖަމާއަތަށްވެސް އެނގުންވެގެން ދިޔައެވެ.
ފާހަގަކޮށްލަން މިއުޅެނީ މިމަހުގެ ހަތްވަނަ ދުވަހު އަމީނީމަގުގައި ހުންނަ ފިނޭންސް މިނިސްޓްރީގެ އިމާރާތުގެ ކައިރީގައި ވެހިކަލްތަކަށް ޕާކު ކުރެވޭނެ ގޮތް ސިޓީ ކައުންސިލުން ހެދުމާއެކު އެކަމުން ލިބިގެންދިޔަ ލުއިފަސޭހައިގެ ވާހަކައެވެ.
ފިނޭންސް މިނިސްޓްރީއާއި ޖެހިގެންހުރި އާސަހަރާ މިސްކިތަކީ ގިނަ އަދަދެއްގެ ބަޔަކު އަބަދުވެސް ނަމާދުކުރުމަށް ޖަމާވާ މިސްކިތެކެވެ. މާލޭ ސަރަހައްދުގައި އެންމެ ގިނައިން ކަށު ނަމާދުކުރާ މިމިސްކިތަށް ކަށު ނަމާދުގައި ބައިވެރިވުމަށް މައްޔިތާގެ އާއިލާގެ މީހުންނާއި ގާތް މީހުންނާއި ހެޔޮއެދޭ އެތައް ބަޔަކު ޖަމާވެއެވެ. މިފަދަ ވަގުތެއްގައިވެސް އެންމެ ދަތި ކަމަކަށް ވެފައި އޮންނަނީ އެސަރަހައްދުގައި ޕާކްކުރާނެ ޖާގަނެތުމެވެ. ޕާކްކުރަން އެތައް ތަކްލީފުތަކެއް އުފުލުމަށްފަހުގައި މިސްކިތަށް އެރޭއިރު ނަމާދުގެ ޖަމާއަތުން ބޮޑު ބައެއް ގެއްލިފައި އޮތުމަކީ ގިނަ ބަޔަކު ތަޖުރިބާ ކޮށްފަ ހުންނާނެ ކަމެކެވެ. ކަށު ނަމާދުގެ އިތުރުން ރަމަޟާންމަހުގައި ގިނަ އަދަދެއްގެ ބަޔަކު ތަރާވީޙް ނަމާދު ކުރުމަށްވެސް ސަހަރަާ މިސްކިތަށް ދެއެވެ.
އަންގާރަ ދުވަހު ސިޓީ ކައުންސިލުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ފިނޭންސް ބިލްޑިންގެ ކައިރީގައި އޮންނަ ހުސް ޖާގައިގައި، ދެ ފުރޮޅުލީ އުޅަނދުތަކަށް މިހާރު ޕާކު ކުރެވޭނެ ކަމަށެވެ. އަމީނީ މަގުން ވަދެވޭ ގޮތަށް ހަދާފައިވާ މިސަރަހައްދުގައި 350 ސައިކަލު ޕާކް ކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އަދި ހަތަރު ފުރޮޅު ލީ އުޅަނދުތަކަށް ޕާކް ކުރެވޭނެ ޖާގަވެސް މިސަރަހައްދުގައި ކަނޑައަޅާފައިވެއެވެ.
މިސަރަހައްދު ހުޅުވިގެން ދިއުމާއެކު އެންމެ ފަސޭހައެއްވީ އެއްބަޔަކީ ސަހަރާ މިސްކިތަށް ނަމާދަށް ދާމީހުންނަށެވެ. ޕާކްކުރާނެ ތަންކޮޅެއް ނުލިބިގެން ކުރިން އުފުލަން ޖެހުނު ތަކްލީފް މިހާރު އުފުލާކަށް ނުޖެހެއެވެ. ފަސޭހަ ކަމާއެކު ވެހިކަލް ޕާކްކޮށްފައި ހިތްހަމަޖެހިގެން މިސްކިތަށްއަރާ ނަމާދުކޮށްލެވެއެވެ. އެކަމުގެ ހެޔޮ އަސަރު ނަމާދުގެ ޖަމާއަތުންވެސް ފެނެއެވެ. އެހެނީ ނަމާދުގެ ޖަމާއަތުގައި ބައިވެރިވާ މީހުންގެ އަދަދު ކުރިއަށްވުރެ އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.
ރައްޔިތުންނަށްޓަކައި މިފަދަ ލުއި ފަސޭހައެއް ކޮށްދިނުމުގައި ޝާމިލްވި ހުރިހާ ފަރާތްތަކަށް ޝުކުރު ޙައްޤެވެ. ޙާއްސަ ގޮތެއްގައި ސިޓީ ކައުންސިލްގެ މެމްބަރުން ފާހަގަކޮށްލަންޖެހެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...