ނާޒިމް އަފާ ފައުންޑޭޝަނުން ދަނގެތި ދާއިރާގައި ހިމެނޭ ރަށްތަކަށް ރޯދަ ހަދިޔާގެ ގޮތުގައި ބިހާއި ފިޔާ ހަދިޔާ ކުރަމުން އެބަގެންދެއެވެ.
މިމަސައްކަތުގައި ހަރަކާތްތެރިވާ އޮފިޝަލަކު މައުލޫމާތު ދިން ގޮތުގައި ދަނގެތި ދާއިރާގައި ހިމެނޭ ފަސް ރަށުގެ ކޮންމެ ގެއަކަށް ބިސް ކޭހަކާއި ފިޔާ ބަސްތާއެއް ނާޒިމް އަފާ ފައުންޑޭޝަންގެ ފަރާތުން ހަދިޔާކުރާ ގޮތަށްވަނީ ހަމަޖެހިފައެވެ. އަދި ރަށްތަކަށް މިހާރު ތަކެތި ގެންގޮސް ބެހުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.
ދަނގެތި ދާއިރާގައި ހިމެނެނީ ދަނގެތީގެ އިތުރުން، އޮމަދޫ، ދިގުރަށް، މަންދޫ އަދި ދިއްދޫއެވެ.
ނާޒިމް އަފާ ފައުންޑޭޝަންގެ އެއް މުއައްސިސަކީ ދަނގެތި ދާއިރާގެ އިންތިހާބީ މެންބަރ އަދި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމްއެވެ.
މިފައުންޑޭޝަންގެ ފަރާތުން މީގެ ކުރިންވެސް އަންނަނީ މިދާއިރާގެ ރަށްތަކުގައި އިޖްތިމާއީ ގޮތުން ގިނަ މަސައްކަތްތަކެއްގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ދަނގެތި ހުކުރު މިސްކިތުގައި ކާޕެޓު އެޅުމާއި ދަނގެއްޗަށް މީހުން އަރާ ފައިބާ ދިމާލުގައި ގިޑިގެއެއް ހެދުމުގެ މަސައްކަތް މިފައުންޑޭޝަންގެ އެހީއާއެކު އަންނަނީ ކުރަމުންނެވެ.
މިފަހަރުގެ ރަމަޟާންމަހާއި ދިމާކޮށް ރޯދަ ހަދިޔާގެ ގޮތުގައި ރަށްރަށުގެ ކައުންސިލްތަކާއި ހެޔޮ އެދޭ ފަރާތްތަކުންވެސް އަންނަނީ ރައްޔިތުންނަށް ގިނަ އެހީތަކެއް ވަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...