އެމެރިކާ ސިފައިންގެ ތެރޭގައި 2018 ވަނަ އަހަރު ޖިންސީ ގޮތުން ފުރައްސާރަކުރުން 38 އިންސައްތަ އިތުރުވެފައިވާ ކަމަށް އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން ބުނެފިއެވެ.
ބުރާސްފަތި ދުވަހު ޑިފެންސް ޑިޕާޓްމަންޓުން ބުނެފައިވަނީ ސިފައިންގެ ތެރޭގައި ކުރެވޭ ޖިންސީ ފުރައްސާރައިގެ ކަންކަން 2004 ވަނަ އަހަރު ރެކޯޑް ކުރަންފެށުމަށްފަހު މިދިޔަ އަހަރަކީ މިފަދަ އެންމެ ގިނަ މައްސަލަތައް ހުށަހެޅުނު ފަހަރު ކަމަށެވެ. އެގޮތުން އަންހެނުންނާއި ފިރިހެނުން ހިމެނޭ ގޮތަށް މިދިޔަ އަހަރު ޖިންސީ ފުރައްސާރަ ކުރުމުގެ 20،500 އަށްވުރެ ގިނަ މައްސަލަ ރެކޯޑް ކުރެވިފައިވާ ކަމަށް އެފަރާތުން ބުނެއެވެ. ޖިންސީ ފުރައްސާރައިގެ މައްސަލަ މިއަށްވުރެ އިތުރުވާނެ ކަމަށް ލަފާކޮށް އެފަރާތުން ބުނެފައިވަނީ ޖިންސީ ފުރައްސާރަ ކުރިމަތިވާ ކޮންމެ ތިން މީހެއްގެ ތެރެއިން މައްސަލަ ހުށަހަޅަނީ އެކަކުއެވެ.
އެކްޓިން ޑިފެންސް ސެކްރެޓަރީ ޕެޓްރިކް ސަނަހާން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިކަމުން އެނގިގެންދަނީ ޖިންސީ ފުރައްސާރައަކީ ކުރިންސުރެ ދިމާވެފައިވާ ގޮންޖެހުމެއް ކަމަށެވެ. ސިފައިންގެ ތެރޭގައި ކުރެވޭ ޖިންސީ ފުރައްސާރައަކީ ވަކި ކުށެއް ކަމުގައި ކަނޑައަޅައި އެކަންކުރާ މީހުންނަށް އަދަބު ދިނުމަށް އޭނާވަނީ ތާއީދުކުރާކަން ހާމަކޮށްފައެވެ.
ޖިންސީގޮތުން އެންމެ ގިނައިން ފުރައްސާރަ ކޮށްފައިވަނީ އަންހެނުންނަށެވެ. އަދި ސިފައިންގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ އަންހެނުންގެ ތެރެއިން އެންމެ ގިނައިން ޖިންސީ ފުރައްސާރައާއި ކުރިމަތިލާން ޖެހިފައިވަނީ މެރިންސްގައި މަސައްކަތްކުރާ އަންހެނުންނަށެވެ. މެރިންސްގެ 10.7 އިންސައްތަ އަންހެނުންވަނީ މިދިޔަ އަހަރު ޖިންސީ ފުރައްސާރައިގެ މައްސަލަ ރިޕޯޓް ކޮށްފައެވެ.

















ޚިޔާލު