މަރާއި ގުޅޭ ޚާއްސަ ވީޑިއޯއެއް ނަސޭހަތުން މިރޭ ނެރެނީ

މަރާއި ގުޅޭގޮތުން ތައްޔާރު ކޮށްފައިވާ ޚާއްސަ ވީޑިއޯއެއް މިރޭ ރިލީޒްކުރަން ހަމަޖެހިފައިވާ ކަމަށް ނަސޭހަތުން ބުނެފިއެވެ.

ނަސޭހަތުން ވާހަކަދެއްކި އޮފިޝަލަކު ބުނިގޮތުގައި މިވީޑިއޯގައި ދުނިޔެއާއި ރާއްޖޭގެ ރައްޔިތުންގެ ސަމާލުކަން ހުއްޓުނު ގިނަ މަރުތަކަކަށް ބަލާލާފައިވާނެ ކަމަށާއި މިރޭ ރާއްޖެ ގަޑިން 9 ޖަހާއިރު ނަސޭހަތުގެ ޔޫޓިއުބް ޗެނަލުން ވީޑިއޯ ނެރޭނެ ކަމަށެވެ.

"މިމީހުން މަރުވިގޮތުގެ ވާހަކަ އަޑުއަހާ" ނަމުގައި ގެނެސްދިނުމަށް ހަމަޖެހިފައިވާ މިވީޑިއޯގެ ޕޯސްޓަރުން މަޝްހޫރިވި ގިނަ މޫނުތަކެއް ފެނިގެންދެއެވެ. އެގޮތުން އިންޑިއަން އައިޑަލް ކާމިޔާބުކުރި އިސްމީތު ސިންހާއި، ފާސްޓް އެންޑް ފިއުރިއަސްގެ ތަރި ޕައުލް ވޯކާގެ އިތުރުން ސައިންޓިސްޓް ސެޓެފަން ހޯކިންވެސް ފެނިގެންދެއެވެ. މީގެ އިތުރުން މުސްލިމުންނާއި މުސްލިމުނޫން މީހުންގެވެސް ސަމާލުކަން ޙުއްޓުނު، ކެންސަރު ބަލީގައި ނިޔާވި އަލީ ބަނާތުގެ ފޮޓޯވެސް ޕޯސްޓަރުގައި ހިމަނާފައިވެއެވެ.

ނަސޭހަތުން މީގެ ކުރިންވެސް ތައްޔާރުކުރި ގިނަ ވީޑިއޯތަކެއްވަނީ ދިވެހިންގެ ގިނަ ބަޔަކަށް ކަމުގޮސްފައެވެ. އެގޮތުން ޕޮމްޕޭގެ ވާހަކަތައް ގެނެސްދިން "ހަނދާންތަކުގެ ތެރެއިން ޕޮމްޕޭ" ވީޑިއޯއަށް ފޭސްބުކުން 1،35000 އަށްވުރެ ގިނަ ވިއުސް ލިބިފައިވާއިރު ޓައިޓޭނިކްގެ ވާހަކަތައް ހިމެނޭ "ޓައިޓޭނިކްގެ ހަނދާންތައް" ވީޑިއޯއަށް 1،43000 އަށްވުރެ ގިނަ ވިއުސް ލިބިފައިވެއެވެ. ނަސޭހަތުގެ ވީޑިއޯތަކުގެ ތެރެއިން އެންމެ ބޮޑު ތަރުހީބެއް ލިބުނު އެއްވީޑިއޯއަކީ "ވެލެންޓައިންސް ޑޭގެ ޙަޤީގަތް" ވީޑިއޯއަށެވެ. މިވީޑިއޯއަށް ފޭސްބުކުން 2،28000 އަށްވުރެ ގިނަ ވިއުސް ލިބިފައިވެއެވެ.

މިއިން ކޮންމެ ވީޑިއޯއެއްވެސް ތައްޔާރު ކޮށްފައިވަނީ އެއިން މުޖުތަމައުއަށް ޢިބްރަތްތެރި މެސެޖުތަކެއް ލިބިގެންދާނެ ގޮތަކަށެވެ.

2013 ވަނަ އަހަރުގެ މެއިމަހު ނަސޭހަތުގެ ނަމުގައި އުފެއްދި ފޭސްބުކް ޕޭޖާއި ޔޫޓިއުބް ޗެނަލުން އަންނަނީ ޢިބްރަތުން ފުރިގެންވާ ވީޑިއޯތަކާއި ނަސޭހަތުން ފުރިގެންވާ އެތަކެއް ޕޯސްޓަރުތަކެއް ތައްޔާރުކޮށް ރާއްޖޭގެ ރައްޔިތުންނާއި ހަމައަށް ގެނެސްދެމުންނެވެ.

އެހެން ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.