ޑރ މުޙައްމަދު އިޔާޟް އަބްދުއްލަތީފް މިސްކިތްތަކުގައި ކުރިއަށް ގެންދާ ޤުރުއާން ތަފްސީރު ކްލާސްތައް ރޯދަމަހަށް މެދު ކަނޑާލައިފިއެވެ.
ހަފްތާއަކު 3 ރޭ ޑރ ޢިޔާޟް އަންނަނީ ތަފްސީރު ކްލާސްތައް މިސްކިތްތަކުގައި ނަންގަވައިދެމުންނެވެ. އެގޮތުން އިސްލާމީ މަރުކަޒާއި ފުރުޤާން މިސްކިތުގެ އިތުރުން ހުޅުމާލޭ މަސްޖިދުލް އަޒީޒާ މޫސާގައި ޑރ ޢިޔާޟް ތަފްސީރު ކްލާސްތައް ނަންގަވައިދެއްވައެވެ.
ދިއިސްލާމަށް މައުލޫމާތު ދެއްވަމުން ޑރ ޢިޔާޟް ވިދާޅުވީ ރޯދަމަހަށް ތަފްސީރު ކްލާސްތައް މެދުކަނޑާލުމަށްފަހު ޝައްވާލު މަހުގެ 6 ރޯދައަށްފަހުގައި އިރާދަކުރެއްވިއްޔާ ކްލާސްތައް އަލުން ފެށިގެންދާނެ ކަމަށެވެ.
ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ސިލްސިލާ ގޮތެއްގައި ކުރިއަށްދާ މިކްލާސްތަކުގައި ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ މާނަ ތަފްޞީރުކުރެވި، ޢިލްމީ ގޮތުން ވަރަށް މުހިންމު މަޢުލޫމާތުތަކެއް ލިބިގެން ދެއެވެ. 2014 ވަނަ އަހަރު ފެށި މިކްލާސްތައް އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ ފުރުޤާން މިސްކިތުގައެވެ.
ޑރ އިޔާޟް ފުރަތަމަ ޑިގްރީ ހާސިލްކުރެއްވީ މަދީނަތުލް މުނައްވަރާގެ އިސްލާމިކް ޔުނިވަރސިޓީ އިން ފެކަލްޓީ އޮފް ޤުރުއާނުން ޤުރުއާނާއި އޭގެ ޢިލްމުތަކުންނެވެ. މާސްޓަރސް ޑިގްރީ ޙާޞިލްކުރެއްވީ ޕާކިސްތާނުގެ އިސްލާމްއާބާދުގައި ހުންނަ އިސްލާމިކް ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒުންނެވެ. އިންޓަރޕްރިޓޭޝަން އޮފް ތަފްސީރު އެންޑް ޙަދީޘުން ޑިޝްޓިންކްޝަންއާ އެކު ހެއްދެވި މާސްޓަރސްގެ ތީސިސް ލިޔުއްވާފައިވަނީ އިމާމު އައްޝަވްކާނީ ލިޔުއްވި ނަޔިލުލް އަވްޠާރުގެ މަންހަޖާ ބެހޭ ގޮތުންނެވެ. އަދި 2005މ ވަނަ އަހަރު މެލޭޝިޔާގެ ކުއަލަލަމްޕޫރުގައި ހުންނަ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައި ޕީއެޗްޑީ އަށް ރަޖިސްޓަރކުރައްވާ އިސްލާމިކް ޖުރިސްޕްރުޑެންސް އެންޑް ސައިންސެސް އިން މޭޖަރ ވެލައްވާ ތީސީސް ލިޔުއްވީ ދިވެހިރާއްޖޭގެ ސްޓޮކް މާކެޓްތަކުގައި ޙިއްސާއަށް އިންވެސްޓްކުރުމާ ބެހޭ ގޮތުންނެވެ. އިސްލާމީ ފިޤުހުގެ އަލީގައި ކުރެއްވި މި ނަޒަރީ ދިރާސާއާއެކު ޕީއެޗްޑީ ފުރިހަމަކުރެއްވީ 2013މ ވަނަ އަހަރެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...