މީލާދީން 1800 ގެ އަހަރުތަކުން ފެށިގެން މިއަދާ ހަމަޔަށް، ހުޅަނގުގެ ޤައުމުތަކުގެ ޢާއިލީ ދިރިއުޅުމަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ހުޅަނގުގެ މީހުން ޤަބޫލުކުރާ ގޮތުގައި މިބަދަލަކީ އަންހެނުންގެ މިނިވަންކަމުގެ ތަޙުރީކުގެ ނަތީޖާއެވެ. ނަމަވެސް ތާރީޚަށް ނަޒަރު ހިންގައިލުމުން ފެންނަނީ މުޅީން ތަފާތު އެހެން މަންޒަރެކެވެ.
މީލާދީން 1800 ވަނަ އަހަރުގެ ކުރިޔަށް ބަލާއިރު އެމެރިކާއަކީ ދަނޑުވެރި ޤައުމެކެވެ. އާބާދީގެ ނުވަދިހަ އިންސައްތަ މީހުން ދިރިއުޅެމުން އަދި މަސައްކަތްކުރަމުން ގެންދިޔައީ އަމިއްލަ ދަނޑުތަކުގައެވެ. ޢާންމުގޮތެއްގައި ޢާއިލާތައް ދިރިއުޅެމުން ގެންދިޔައީ އަމިއްލައަށް ކުރާ މަސައްކަތުން ފުދިގެންނެވެ. ދިރިއުޅުމަށް ބޭނުންވާ ހުރިހާ އެއްޗެއްކަހަލަ ގޮތަކަށް އުފައްދަނީ ގޭގައެވެ. ގެއިން ލިބެން ނުހުންނަ މަދު އެއްޗެތި ގަންނަނީ އަވަށުގެ ހުނަރުވެރިންގެ އަތުންނެވެ. އަދި ބައެއް އެހެން ތަކެތި ޚާއްޞަގޮތެއްގައި ޔޫރަޕުގެ އިންޕޯޓް މުދާ ގަނެއުޅުނީ ފިހާރަތަކުންނެވެ. ދަނޑުތަކުގައި މަސައްކަތްކޮށް އުޅުނީ ފިރިހެނުންނެވެ. އަންހެނުންގެ މަސައްކަތަކީ ގޭގެ ކަންތައް ބެލެހެއްޓުމެވެ. އަދި މީގެ އިތުރުން ލިބޭ ހުސްވަގުތުގައި ގޭގައި ތިބެގެން ކުރެވޭ ތަފާތު ބާވަތްތަކުގެ މަސައްކަތާއި ދަނޑުތަކުގައި ގެންގުޅޭ ޖަނަވާރު ބެލެހެއްޓުމަކީވެސް އަންހެނުން ކޮށްއުޅުނު މަސައްކަތްތަކެވެ.
ޞިނާޢީ އިންޤިލާބު
މީލާދީން 1800 ގެ ކުރީކޮޅު ފެށުނު ޞިނާޢީ އިންޤިލާބަކީ ކުރިން މިބަޔާންކުރެވުނު ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލުތަކެއް ގެނުވި ޙަރަކާތެކެވެ. 1807 ވަނަ އަހަރު އިނގިރޭސިންނާ ފަރަންސޭސިންނާ ދެމެދު ހަނގުރާމަ ފެށުމާއެކު އޭރުގެ އެމެރިކާގެ ރައީސަކަށްހުރި ޖެފަރސަން ސޮއިކުރެއްވި ދަތިކުރުމުގެ ފިޔަވަޅު އެޅުމާ ބެހޭ ޤާނޫނުގެ ސަބަބުން ޔޫރަޕާ އެމެރިކާ އާއި ދެމެދު ކުރެވެމުން ދިޔަ ހުރިހާ ވިޔަފާރިއެއް ހުއްޓުމަކަށް އައެވެ. މިޤާނޫނުގެ ނަތީޖާއަކަށް ވެގެންދިޔައީ ޔޫރަޕުގެ މުދާ އެމެރިކާއިން ލިބެން ނުހުރުމެވެ. އަދި އެމެރިކާނުން އަމިއްލަޔަށް އެތަކެތި އުފައްދަން ޖެހުމެވެ. ޔޫރަޕުން އެމެރިކާއަށް އެންމެ ގިނައިން އިންޕޯޓްކުރަމުން ގެންދިޔަ އެއްބާވަތަކީ ފޮއްޗެވެ. އެހެންކަމުން ވިޔަފާރިވެރިން މިފުރުޞަތުގެ ބޭނުން ހިފީ އެމެރިކާގައި ފޮތީގެ ޞިނާޢަތެއް އުފެއްދުމަށެވެ.
އަށާރަސަތޭކަ ސާދަ ވަނަ އަހަރު ބޮސްޓަންގެ މީހެއްކަމުގައިވާ ފްރާންސިސް ކެބޮޓް ލޮވެލް އެންމެ ފުރަތަމަ ޒަމާނީ ކާރުޚާނާ ހުޅުވިއެވެ. އެހެންކަމުން ކުރިން ގޭގައި އަތުންކުރަމުން ގެންދިޔަ މަސައްކަތްތައް އެތައް ގުނައެއް ހަލުއިކަމާއެކު އެތާނގައި ކުރެވެން ފެށުނެވެ. ތަކެތި އުފެއްދުމުގެ ސްޕީޑަށް ވަރަށް ބޮޑު ހަލުއިކަމެއް އައެވެ. އަދި ހުރިހާ މަސައްކަތެއް އެއް ފުރާޅެއްގެ ދަށުން ނިންމާލުމުގެ ފުރުޞަތުލިބުނެވެ. ދެން ލޮވެލްއަށް ބޭނުންވީ ކާރުޚާނާގައި މަސައްކުރާނެ މަސައްކަތްތެރީންނެވެ. އޭނާއަށް ވިސްނުނުގޮތުގައި އަންހެނުން އަދި ވަކިން ޚާއްޞަގޮތެއްގައި ދަނޑުވެރިންގެ ކައިވެނިނުކޮށް ތިބި ޒުވާން އަންހެން ދަރިން ލޭބަރުންގެ ގޮތުގައި ބޭނުންކުރެވިއްޖެނަމަ ލޭބަރުންގެ ގޮތުގައި ފިރިހެނުން ބެނުންކުރުމަށްވުރެ އިޤްތިޞާދީގޮތުން ލިބޭ ފައިދާ ބޮޑުވާނެއެވެ. އަދި ކާރުޚާނާގެ ވަޒީފާގައި އުޅޭ ގިނަ ފިރިހެނުންނަށްވުރެ މާރަގަޅަށް ޝައުޤުވެރިކަމާއެކު އަންހެންވެރިން މަސައްކަތްކުރާނެއެވެ.
ނަމަވެސް އޭނާގެ މި މަޤްޞަދު ޙާޞިލްކުރުމަށްޓަކައި ލޮވެލްއަށް ކުރަން ޖެހުނު އެންމެ ބޮޑު މަސައްކަތަކީ އަންހެނުން ގެއިން ބޭރުގައި މަސައްކަތްކުރުމަކީ މުޖުތަމަޢު ޤަބޫލުކުރާ ކަމަކަށް ހެދުމެވެ. އެމީހުންގެ ދަރިން ރައްކާތެރިކަމާއެކު ރަގަޅަށް ބެލެހެއްޓޭނެކަން އެކުދިންގެ ބެލެނިވެރިންނަށް ޔަޤީންކޮށްދިނުމެވެ. އެކަމަށްޓަކައި އަންހެން މަސައްކަތްތެރީންނަށް އެކުގައި ދިރިއުޅެ އެކުގައި މަސައްކަތްކުރެވޭނެފަދަ ބޯޑިން ކޮމިޔުނިޓީއެއް އޭނާ ޤާއިމްކުރިއެވެ.
އޭގެ ފަހުން ވަރަށް އަވަހަށް އިތުރު ކާރުޚާނާތައް އެމެރިކާގެ ދިގާ ހުރަހުން ފެންނަން ފެށިއެވެ. އަދި އެ ކާރުޚާނާތަކުގެ ވެރިންވެސް ލޮވެލް މިސާލަކަށް ބަލައިގެން ޒަވާޖީޙަޔާތެއްނުފަށައި ތިބި އަންހެންކުދީން މަސައްކަތަށް ނެރެންފެށިއެވެ. މީލާދީން 1850 އާއި ހަމައަށް އައިއިރު ޤައުމަށް ބޭނުންވާ މުދަލުގެ ބޮޑުބައެއް އުފައްދަމުން ގެންދިޔައީ އެމެރިކާގެ ކާރުޚާނާތަކުގައެވެ. އަދި މުދާ އުފެއްދުމުގެ މަސައްކަތް ރަށްފުށުން، ޝަހަރުތަކަށް ބަދަލުވިގޮތަށް މީހުންގެ ދިރިއުޅުންވެސް ރަށްފުށުން ސަހަރުތަކަށް ބަދުލުކުރަން ފެށިއެވެ. މަސައްކަތްކޮށްގެން ފައިސާ ހޯދުމުގެ ބޭނުމުގައި މީހުން އެބައިމިހުންގެ ގޯތި ގެދޮރު ދޫކުރަން ފެށިއެވެ.
އެންމެފަހުން މިގޮތަށް ގެއިން ބޭރުގައި މަސައްކަތްކުރުމަކީ ކައިވެނިނުކުރާ އަންހެނުންގެ ދިރިއުޅުމުގެ ބަޔަކަށް ވެއްޖެއެވެ. ޒަވާޖީ ޙަޔާތެއް ފެށެންދެން އެމީހުން މަސައްކަތްކުރަމުން ގެންދިޔައެވެ. ނަމަވެސް ވަގުތު ފާއިތުވަމުން ދިޔަދިޔަހެން އަންހެންނުންނަށް އިޙުސާސްކުރެވެން ފެށީ އެމީހުންގެ ޢާއިލީ ދިރިއުޅުމުގެ ސަބަބުން މަސައްކަތަށް ހުރަސްއެޅަމުންދާ ކަމުގައެވެ. ގެއިން ބޭރުގައި މަސައްކަތްކުރުމަކީ އިޚުތިޔާރީކަމެއްގެ ގޮތުގައި ދެކެމުން އައި އައުން ބަދަލުވެ، އެންމެފަހުން ގޭތެރޭގެ މަސައްކަތާ މެދު މިގޮތަށް ބެލެވެން ފެށުނެވެ. ވަރަށް ގިނަ އަންހެނުން ކައިވެނިކުރުން އިތުރަށް ލަސްކުރަންފެށިއެވެ. އަދި ބައެއް އަންހެނުން އެކަނި ދިރިއުޅެން ފެށިއެވެ.
އެހެންނަމަވެސް ކައިވެނިކޮށްގެން ތިބި އަންހެނުން ގޭގައި މަޑުކުރިއެވެ. އަދި އެމީހުންގެ ވަގުތުތައް ދަރީންނަށްޓަކައި ޚާއްޞަކުރިއެވެ. އަދި އޭރު ދަނޑުގައި މަސައްކަތްކުރަން ނުޖެހުމާއެކު ގޭތެރޭގެ މަސައްކަތްތަކަށް ކުރިއަށްވުރެވެސް އިތުރަށް ވަގުތު ދެވެން ފެށުނެވެ. މީލާދީން 1900 ވަނަ އަހަރުގެ ހިސާބުތަކަށް ބަލާއިރު ޒަވާޖީ ޙަޔާތެއް ފަށައިގެންތިބި އަންހެނުންގެ ތެރެއިން ގެއިން ބޭރުގައި މަސައްކަތްކުރާކަމަށް ދައްކަނީ %5.6 އަށްވުރެވެސް މަދު ޢަދަދެއްގެ އަންހެނުންނެވެ. އަދި އޭރު ކައިވެނިކޮށްގެން އުޅޭ އަންހެނަކު ބޭރުގައި މަސައްކަތްކުރާނަމަ އެމީހަކާމެދު ބެލެވެނީ އެއީ ފަޤީރު އަންހެނެއްކަމުގައެވެ. ނުވަތަ އޭނާގެ ފިރިމީހާއަކީ އެއްވެސް އުޅުމެއްނެތް މީހެއްކަމުގައެވެ.
އެއްވަނަ ބޮޑު ހަނގުރާމަ
ކައިވެނިކޮށްގެން ތިބި އަންހެނުން އެންމެ ފުރަތަމަ މަސައްކަތުގެ މައިދާނަށް ގިނަ ޢަދަދަކަށް ނުކުންނަށް ފެށީ 1914 ވަނަ އަހަރު ފެށި އެއްވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައެވެ. ފިރިހެނުން ހަނގުރާމައިގެ މައިދާނަށް ނުކުތުމާއެކު އެބައިމީހުން ދޫކޮށްދިޔަ ވަޒީފާތަށް ފުރާނެ މަސައްކަތްތެރީން ބޭނުންވިއެވެ. ހަމައެކަނި ކައިވެނި ނުކޮށްތިބި އަންހެނުން ނެރެގެން ފުދޭކަށްނެތެވެ. އެހެންކަމުން ވަޒީފާދޭ ފަރާތްތަކުން ކައިވެނިކޮށްގެން ތިބި އަންހެނުންނަށްވެސް މަސައްކަތަށް ނުކުތުމަށް ދަޢުވަތުދޭން ފެށިއެވެ. 1919 ވަނަ އަހަރާ ހަމަޔަށް އައިއިރު މަސައްކަތުގެ މައިދާނުގައި ޙަރަކާތްތެރިވާ އަންހެނުންގެ ތެރެއިން %25 އަކީ ކައިވެނިކޮށްގެން އުޅޭ އަންހެނުންނެވެ. ނަމަވެސް މިއީ އަދި ހަމައެކަނި ފެށުމެކެވެ.
އެއްވަނަ ބޮޑު ހަނގުރާމައި ސަބަބުން އައި އަނެއް ބަދަލަކީ ސިފައިންގެ ވަޒީފާއަށް އަންހެނުން ވަންނަން ފެށުމެވެ. ގާތްގަނޑަކަށް ތޭރަހާސް އަންހެނުން އެމެރިކާގެ ކަނޑުގެ ސިފައިންގެ ތެރެއަށް ވެއްދުނެވެ. މިއަންހެނުން ޢާންމުގޮތެއްގައި މަސައްކަތްކުރަމުން ގެންދިޔައީ އޮފީސް ދާއިރާގައެވެ. މިއީ އެމެރިކާގެ ތާރީޚުގައި އަންހެނުންގެ ބަޔަކަށް ސިފައިންގެ ވަޒީފާ ރަސްމީކޮށް ދެވުނު ފުރަތަމަ ފަހަރެވެ.
ގްރޭޓް ޑިޕްރެޝަން
ގްރޭޓް ޑިޕްރެޝަން ލައިގަތީ މީލާދީން 1930 ވަނަ އަހަރެވެ. ވަޒީފާނެތުމުގެ ނިސްބަތް 1929 ވަނަ އަހަރު ހުރީ %3.2 ގައެވެ. ނަމަވެސް 1932 ވަނަ އަހަރާ ހަމަޔަށް އައިރު މިޢަދަދުވަނީ %23.6 މައްޗަށް އުފުލިފައެވެ. ޚާއްޞަކޮށް ހުނަރުވެރިންނަށާ ފިރިހެނުންނަށް ވަޒީފާ ލިބުން ދަތިވެގެން ދިޔައެވެ. ބައްޕައިން ވަޒީފާ ހޯދުމަށްޓަކައި ނުކުތެވެ. ބައެއް މީހުން މާޔޫސްވެގެން އެމީހުންގެ ޢާއިލާތައްވެސް ދޫކޮށްލިއެވެ. އެހެންކަމުން އެފަދަ ވަރަށް ގިނަ ޢާއިލާތައް ބެލެހެއްޓުމުގެ ޒިންމާ މައިންގެ ކޮނޑުގައި އެޅުނެވެ.
ނަމަވެސް އަންހެނުންނާއި ފިރިހެނުންގެ މެދުގައި މަސައްކަތުގެ ބާވަތްތަކާ ދަރަޖަތައް ބެހިފައި އޮތްގޮތުން ފިރިހެނުންނަށް ވުރެ ފަސޭހައިން ގިނަ އަންހެނުންނާ ކުޑަކުދީންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްވެއެވެ. ކަންމިހެންއޮތް ނަމަވެސް ގްރޭޓް ޑިޕްރެޝަންގެ ދުވަސްވަރު %80 ފިރިހެނުން އެމީހުންގެ އަނބީން އެއްވެސް ސިފައެއްގައި މަސައްކަތުގެ މައިދާނަށް ނުކުތުމާ ދެކޮޅުހަދަމުން ގެންދިޔައެވެ. ނަމަވެސް އިޤްތިޞާދީ ސަބަބުތަކާ ހެދި އަންހެނުންނަށް މަސައްކަތަށް ނުކުންނަށް މަޖުބޫރުވަމުން ދިޔައެވެ. ދިގުވަގުތުތަކުގައި ކުރާ މަސައްކަތަށް ލިބެމުން ދިޔައީ ވަރަށް ކުޑަކުޑަ އުޖޫރައެކެވެ. އެދުވަސްވަރު ދޮންއަންހެނުންގެ ވިހި ޕަސެންޓް މީހުން ވަޒިފާތަކުގައި މަސައްކަތްކުރަމުން ގެންދިޔައެވެ.
ދެވަނަ ބޮޑު ހަނގުރާމަ
ދެވަނަ ބޮޑު ހަނގުރަމަ ފެށުނީ މީލާދީން 1940 ގެ ކުރީކޮޅެވެ. ފިރިހެނުންނަށް ހަނގުރާމައިގާ ބައިވެރިވާންޖެހުނެވެ. ހަމަ އެއާއެކު އެމެރިކާއަށް މަސައްކަތްތެރީންނާ މުދާ ބޭނުންވިއެވެ. އަނެއްކާވެސް ވަޒީފާދޭ ފަރާތްތަކުގެ ލޯތައް އަމާޒުވީ އަންހެނުންނަށެވެ. ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރެކޭ އެއްފަދައިން ކައިވެނިނުކޮށް ތިބި އަންހެނުންނާ ކައިވެނިކޮށްގެން ތިބި އަންހެނުންނަށް މަސައްކަތުގެ މައިދާނަށް ނުކުތުމަށް ދަޢުވަތުދެވުނެވެ. އެކަމަކު އޭރުވެސް ގިނަ ބަޔަކު ކައިވެނިކޮށްގެން ތިބި އަންހެނުން ގެއިން ބޭރުގައި މަސައްކަތްކުރުމާ ދެކޮޅެވެ. އެހެންކަމުން މިވިސްނުން ބަދަލުކުރުމަށްޓަކައި ސަރުކާރާ މީޑިއާ ގުޅިގެން ފިސާރި ވަރުގަދަ ޕްރޮޕެގަންޑާ ކެންޕެއިނެއް ފެށުނެވެ. މައި ސަރުކާރުގެ ފަރާތުން އަންހެނުންނަށް ވިސްނައިދެމުން ގެންދިޔައީ މަސައްކަތުގެ މައިދާނަށް އެމީހުން ނުނިކުމެއެއް ހަނގުރާމައިގެ މައިދާނުގައި ކާމިޔާބެއްނުލިބޭނެކަމުގައެވެ. މަސައްކަތްކުރުމަކީ ރަގަޅު ރައްޔަތުމީހެއްކަމުގެ ނިޝާނެއްކަމުގައި ބެލެވެންފެށިއެވެ. މަސައްކަތަށް ނުކުންނަ އަންހެނާއަކީ ޤައުމުދެކެ ލޯބިވާ މީހެއްކަމުގައި ބެލެވެން ފެށިއެވެ.
ނަވާރަސަތޭކަ ސާޅީސްދެވަނަ އަހަރު ސަރުކާރުގެ ފަރާތުން މެގަޒިން ބިޔުރޯއެއް އުފެއްދިއެވެ. މިބިޔުރޯއިން [war guide] ގެ ނަމުގައި މަޖައްލާއެއް ނެރެންފެށިއެވެ. ކޮންމެ މަހަކުވެސް ހަނގުރާމައިގެ ޕްރޮޕަގެންޑާ އަށް އެހީތެރިވުމުގެ ގޮތުން މަޖައްލާގެ މައިގަނޑު މަޥްޟޫއެއް އިޚުތިޔާރުކުރެވުނެވެ. 1943 ވަނަ އަހަރު ސެޕްޓެމްބަރ މަހުގެ މައިގަނޑު މަޥްޟޫޢަކީ "އަންހެނުން މަސައްކަތުގައި" މިއެވެ. މިމަޥްޟޫޢުގެ ޝިޢާރަކީ "ހަނގުރާމަ އަވަހަށް ކާމިޔާބުކުރުމަށް ގިނަ އަންހެނުން މަސައްކަތަށް ނުކުންނާށެވެ!" މިމަޖައްލާތަކުން އެވަގުތަށް ކާރުޚާނާތަކަށް މަސައްކަތު މީހުން ބޭނުންވެފައިވާ އެހެނަސް އަންހެނުން ޢާންމުގޮތެއްގައި ކޮށްނޫޅޭ މަސައްކަތްތަކުގެ ރަގަޅު ވާހަކަ ތަފާތު ގޮތްގޮތަށް ފަތުރަމުން ގެންދިޔައެވެ. އެބައިމީހުންގެ ވިސްނުމަކީ އާދައިގެ ޝައްޤުވެރިނޫން މަސައްކަތްތައްވެސް މީހުން ޝައުޤުވެރިވާގޮތަށް ހުށައެޅިއްޖެނަމަ މަސައްކަތަށް ނުކުންނަ އަންހެނުން އިތުރުވެގެން ދާނެއެވެ.
ކޮންމެއަކަސް ސަރުކާރާއި މީޑިއާ އެކުވެގެން މިހިންގުނު ޕްރޮޕެގަންޑާ ކާމިޔާބު މަސައްކަތަކަށްވިއެވެ. ހަނގުރާމައިގެ ދުވަސްވަރު 6 މިލިޔަނަށްވުރެ ގިނަ އަންހެނުން މަސައްކަތުގެ މައިދާނަށް ނުކުތެވެ. ގިނަ އަންހެނުންނަކީ ކައިވެނިކޮށްގެން ތިބި އަންހެނުންނެވެ. 1940 ވަނަ އަހަރު ހަނގުރާމައިގެ ކުރިއަށް ނަޒަރު ހިންގައިލާއިރު އަންހެން މަސައްކަތްތެރިންގެ ތެރެއިން ކައިވެނިކޮށްގެން ތިބީ އެންމެ %36 އަންހެނުންނެވެ. ނަމަވެސް 1945 ވަނަ އަހަރު ހަނގުރާމަޔަށްފަހު މިނިސްބަތް ވަނީ %50 މައްޗަށް އުފުލިފައެވެ. މެދުފަންތީގެ ޢާއިލާތަކުގައި އަނބިމީހާ މަސައްކަތަށް ނުކުތުމަކީ މަނާކަމެއްގެ ގޮތުގައި ބެލެވެމުން އައި އައުންވަނީ މުޅިން ބަދަލުވެފައެެވެ.
ދެވަނަ ބޮޑު ހަނގުރާމަޔަށްފަހު...
މީލާދީން 1950 ގެ އަހަރުތައް ބެލެވިފައިވަނީ އެމެރިކާގެ ޢާއިލާތަކުގެ ދިރިއުޅުމަށް ތިޔާގިކަން ގެނުވި ދުވަސްވަރެއްގެ ގޮތުގައެވެ. ފިރިހެންވެރިން ހަނގުރާމައިން އެނބުރި އައުމުން އެމީހުންނަށް ވަޒިފާ ބޭނުންވިއެވެ. އަނެއްކާވެސް ސަރުކާރާއި މީޑިޔާ އެކުވެގެން ޢާންމުންގެ ވިސްނުން އެމީހުން ބޭނުންވާ ގޮތަށް ބައްޓަންކުރުމުގެ މަސައްކަތެއް ފެށުނެވެ. އެކަމަކު މިފަހަރު އަންހެނުން ގެއަށް އެނބުރި ރުޖޫޢަވުމަށް އެފަރާތްތަކުން ތަރުޙީބުދެމުން ގެންދިޔައެވެ. މިއިން ދޭހަކޮށްދެނީ އަންހެނުން މަސައްކަތަށް ނެރެވުނީކީ އެބައިމީހުންނަށް "މިނިވަންކަމެއް" ދޭންވެގެން ނޫންކަމެވެ. އަދި ކިއެއްތަ! އޭގެ ސަބަބަކީ މަސައްކަތްކުރާނެ މީހުންނަށް އެމެރިކާ ބޭނުންވުންކަމެވެ.
ނަމަވެސް މިފަހަރުގެ މިމަސައްކަތް ކުރީ ފަހަރުހާ ކަމިޔާބެއްނުވިއެވެ. އެހެންކަމުން އެމަސައްކަތް ވަރަށް އަވަހަށް ހުއްޓައިލިއެވެ. ފުރަތަމަ ސަބަބަކީ އިޤްތިޞާދީ މަޖްބޫރީއަށްޓަކައި އާދައިގެ ވަޒީފާތަކުގައި ތިބި އަންހެނުން މަސައްކަތުގެ މައިދާނުގައި މަޑުކުރުމެވެ. ދެވަނަ ސަބަބަކީ މުދާ ގަންނަ މީހުން އިތުރުވެގެން ދިޔުމުން ވަޒީފާތައް އިތުރުވުމެވެ.
ހަމަ އެފަދައިން 1950 ގެ އަހަރުތަކުގައި ވިހެއުމުގެ ރޭޓްވެސް މައްޗަށް ދިޔައެވެ. މަސައްކަތުގެ މައިދާނުން ގެއަށް އެނބުރި އައި އަންހެނުން އަނެއްކާވެސް އެމީހުންގެ ވަގުތުތައް ޢާއިލާ ބެލެހެއްޓުމަށް ޚާއްޞަކުރިއެވެ. އެކަމަކު ހަމަ މިދުވަސްވަރު އެމެރިކާގެ މުޖުތަމަޢަށް ވަރަށް މުހިއްމު އެހެން ބަދަލެއްވެސް އައެވެ. އެބަދަލަކީ ޓީވީ ޢާންމުވެގެން ދިޔުމެވެ. 1960 ވަނަ އަހަރު އާބާދީގެ ނުވަދިހަ އިންސައްތަ މީހުންގެ އަތުގައި އެންމެ މަދުވެގެން އެއް ޓީވީ ހުއްޓެވެ. ޢާއިލާތަކުން މުނިފޫހިފިލުވައިލުމަށްޓަކައި ޓީވީ ސްކްރީން ދޮށަށް ޖަމާވާން ފެށިއެވެ. އެންމެ ފުރަތަމަ ދުވަސްތަކުގައި އިޝްތިހާރުތަކަށް ދާންދެން ނުހަނު ޝައުޤުވެރިކަމާއެކު ބަލަމުން ގެންދިޔައެވެ.
ނަމަވެސް ދެން ކުރިމަތިވި މައްސަލައަކީ ޙަޔާތުގެ ކޮލިޓީ ހިފެހެއްޓުމަށް ހޯދަންޖެހޭކަމަށް ޓީވީ ޕްރޮގްރާމްތަކުން ދައްކާ ސާމާނުތައް ހޯދުމުގެ ޤާބިލްކަމެއް މެދު ފަންތީގެ ގިނަ ޢާއިލާތަކަށް ލިބިގެނެއްނުވެއެވެ. އެހެންކަމުން ކޮންމެފަދަ ގޮތަކުން ނަމަވެސް އެމެރިކަން ސްޓޭންޑަޑް ދިރިއުޅުމެއް އުޅުމަށްޓަކައި ވަރަށް ގިނަ އަންހެނުން އަނެއްކާވެސް އެނބުރި މަސައްކަތަށް ރުޖޫޢަވާން ނިންމިއެވެ.
1940 ން 1950 އާ ދެމެދު އެމެރިކާގެ އަންހެނުންގެ ތެރެއިން މަސައްކަތުގެ މައިދާނަށް ނުކުންނަ އަންހެނުންގެ ނިސްބަތް 9 ފަސެންޓަށް އިތުރުވެފައިވެއެވެ. ނަމަވެސް 1930 ން 1940 އާ ދެމެދު މިނިސްބަތް އިތުރުވެފައިވަނީ އެންމެ 3 ޕަސެންޓަށެވެ.
އަސަރުތައް
ކުރިންވެސް ބަޔާންކުރެވުނު ފަދައިން މަންމައިން މަސައްކަތަށް އެނބުރި ދާންފެށުމުން، ޓީވީ ހިމެނިގެންދިޔައީ ޅަދަރީންގެ "ބެލެނިވެރިޔާ" ކަމުގައެވެ. 1950 ގެ އަހަރުތަކުގައި ކުޑަކުދިން ހޭލާ ތިބޭ ވަގުތުގެ ތެރެއިން އެންމެ ގިނަ ވަގުތު ހޭދަކުރަނީ ޓީވީގެ ކުރިމަތީގައެވެ.
1940 ވަނަ އަހަރު 18 އަހަރުންދަށުގެ ދަރީން ތިބި މައިންގެ ތެރެއިން މަސައްކަތަށް ދާކަމަށް ރެކޯޑްކުރެވިފައިވަނީ %8.6 އަށްވުރެވެސް މަދު ޢަދަދެއްގެ އަންހެނުންނެވެ. ނަމަވެސް 1987 ވަނަ އަހަރާ ހަމަޔަށް އައިއިރު މިނިސްބަތްވަނީ %60.2 އަށް މައްޗަށް އުފުލިފައެވެ.
ކޮންމެއަކަސް އަންހެނުން އެމީހުންގެ ޢާއިލާއަށް މާލީގޮތުން އެހިތެރިވުމުގައި ކުރިއަށްވުރެ ބޮޑު ހިއްސާއެއް އަދާކުރަން ފެށުމުން، ދަރީންބެލުމާ ގޭތެރޭގެ މަސައްކަތްތަކުގައި ކުރިއަށްވުރެ ބޮޑަށް ފިރިހެނުން ބައިވެރިވުމަށް ޑިމާންޑްކުރަން ފެށުނެވެ. އަހަރުތެރޭގައި ކުރެވޭ ވަރި ދެގުނަޔަށް އުފުލިގެންދިޔައެވެ. ކުރެވޭ ކޮންމެ ދެ ކައިވެންޏަކުން 1 ކައިވެނީގައި ވަރީގެ ސިއްކަޖެހިގެންދާން ފެށިއެވެ. ކައިވެނިކުރާ ނިސްބަތާއި ވިހާ ނިސްބަތް ދަށަށް ދިޔައެވެ. "އެކަނިވެރި މައިން" ގެ ޢާއިލާތައް ވަރަށް ބާރަށް އިތުރުވެގެންދިޔައެވެ. ޓީވީން ދައްކާ މީހުންގެ ދިރިއުޅުމާ އަޅައި ބަލާއިރު ހަޤީޤީ ދިރިއުޅުން މަތީން ފޫހިވާ މީހުން ދިޔައީ އިތުރުވަމުންނެވެ.
އަންހެނުން މަސައްކަތަށް ނުކުންނަން ފެށުމުގެ އަސަރު މުޖުތަމަޢަށް ތަފާތު އެތައް ގޮތަކުން ކުރިއެވެ. އެންމެ ފުރަތަމަ އަދި އެންމެ މުހިއްމު އަސަރަކީ މަސައްކަތު ދާ އަންހެނުންގެ ދަރީން މައިންގެ އަޅާލުމުން މަޙުރޫމުވެ އެކަނި ދޫކޮށްލެވުމެވެ. މަސައްކަތްކުރާ އަންހެނުން އިތުރުވަމުން ދިޔަދިޔަހެން ބެލެހެއްޓުމެއްނެތި ބޮޑެތިވަމުން ދިޔަ ކުދީންގެ ޢަދަދުވެސް އިތުރުވަމުން ދިޔައެވެ. އަދި މިކަމުގެ ސަބަބުން ފުރާވަރު ޢުމުރުގެ ކުދިންގެ މެދުގައި ކުށްކުރުންވެސް އިތުރުވެގެންދިޔައެވެ.
ގިނަ އަންހެނުން އެމީހުންގެ ޢާއިލީ ދިރިއުޅުމަށްވުރެ އެމީހުންގެ ކެރިއަރަށް އިސްކަންދިނުމުގެ ސަބަބުން ޢާއިލީ ދިރިއުޅުމަށް ނުހަނު ނޭދެވޭ އަސަރުތައްކުރިއެވެ. މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑު ފުނޑުފުނޑުވެ ފާޙިޝްކަންތައް ޢާންމުވެގެން ދިޔައެވެ. އަންހެނުންގެ ޢިއްޒަތާ އަބުރު ވެއްޔާ މޮޑެވިގެންދިޔައެވެ. ފިރިހެނުންގެ ކުޅޭ އެއްޗެއްކަމުގައި އަންހެނުން ވެގެންދިޔައެވެ.
މިއަދު
އަންހެނުންގެ ތެރެއިން ގިނަ ބަޔަކު މިއަދުވެސް މަސައްކަތްކުރަމުން ގެންދަނީ އިޤްތިޞާދީ ޕިރަމިޑްގެ ދަށުފަންތީގެ މަޤާމުތަކުގައެވެ. ގިނަ އަންހެނުން މަސައްކަތްކުރަނީ އޮފީސް ދާއިރާގައެވެ. ނުވަތަ ކާރުޚާނާތަކުގައެވެ. ނުވަތަ ރީޓެއިލް ވިޔަފާރީގައެވެ. އަދި ޚިދުމަތްދިނުމުގެ ދާއިރާގައެވެ. ގާތްގަނޑަކަށް ވޯރކްފޯސްގެ %50 އަކީ އަންހެނުންނެވެ. ހުރިހާ ކޭޝިއަރުންގެ %78 އަކީ އަންހެނުންނެވެ. އަދި ސެކެޓްރީންގެ ގޮތުގައި ވަޒީފާއަދަކުރާ މީހުންގެ 99 އިންސަތައަކީވެސް އަންހެނުންެނެވެ. ނަމަވެސް މެނޭޖްމަންޓް އަދި އެޑްމިނިސްޓްރޭޓިވް ލެވެލްގައި މަސައްކަތްކުރަނީ އެންމެ އެއްތިރީސް ޕަސެންޓް އަންހެނުންނެވެ. މަސައްކަތުގެ މައިދާނުގެ ހަމަހަމަކަމަކީ އަވާމެންދުރެއްކަމުގައި ވެއްޖެއެވެ. ނަމަވެސް މިއަވާމެންދުރަށް ހެއްލި ތިމާމެންގެ ޢާއިލީ ދިރިއުޅުން ބަރުބާދުކޮށްލުމަށްފަހު އެތައް މިލިޔަން އަންހެނުންނެއް ދަނީ މަސައްކަތުގެ މައިދާނަށް ނުކުންނަމުންނެވެ.
އަންހެނުން މަސައްކަތުގެ މައިދާނަށް ނެރެވުނީކީ އަޅުގަނޑުމެންނަށް މިއިވޭ ފަދައިން އެކަނބަލުންނަށް މިނިވަންކަން ދިނުމަކަށްނޫނެވެ. އަދި ކިއެއްތަ! އެކަމުގެ ހަމައެކަނި ސަބަބަކީ ސިޔާސީ އަދި އިޤްތިޞާދީ ސަބަބުތަކެވެ. ޞިނާޢީ އިންޤިލާބު، ގްރޭޓް ޑިޕްރެޝަން، ބޮޑު ހަނގުރާމަތައް، މިހުރިހާ ބޮޑެތި ޙާދިޘާތަކެއް އަންހެން މަސައްކަތްތެރީންގެ ޢަދަދު އިތުރުކޮށްދިނެވެ. އަދި ވިޔަފާރިވެރީން އެމީހުންގެ ވިޔަފާރިތައް ކާމިޔާބުކުރުމަށްޓަކައި ގިނަ މަސައްކަތްތެރީންނަށް ބޭނުންވިއެވެ. އަދި އެމީހުންނަށް އެންމެ ފަސޭހައިން އަތުޖެހުނު ބަޔަކީ އަންހެނުންނެވެ.
އަންހެނުން ގެއިން ކާރުޚާނާތަކަށް މިނުކުތް ނުކުތުން އައިސްފައިވަނީ މަޑުމަޑުންނެވެ. އެންމެ ފުރަތަމަ ފަޤީރު ނިކަމެތި އަންހެނުންނެވެ. ދެން ކައިވެނިނުކޮށް ތިބި ޅަފުރައިގެ އަންހެން ކުދިންނެވެ. ދެން ކައިވެނިކޮށްގެން ތިބި ޅަދަރިން ނެތް އަންހެނުންނެވެ. ދެން އެއަށްފަހު ހުރިހާ އަންހެނުންނެވެ. ހަމަ މިމަންޒަރު މިދަނީ ތަރައްޤީވަމުން އަންނަ ޤައުމުތަކުންވެސް ފެންނަމުންނެވެ. ހުޅަނގުން މިދަނީ އަންހެނުން މަސައްކަތުގެ މައިދާނަށް ނެރުމުގެ ޕްރޮޕެގަންޑާތައް އެހެން ޤައުމުތަކުގައިވެސް ފަތުރަމުންނެވެ. މިކަމުގެ ނަތިޖާ ފެނިގެންދާނީ ހަމަ ކުރިންވެސް ފެނިގެންދިޔަ ބީދައިން ކަމާމެދު ޝައްކެތްނެތެވެ. (ނިމުނީ)
ކޮމެންޓް (0)
ލޯޑް ކުރަމުން...