އިންޑިއާގެ ނުރައްކާ - އެހެން ނަޒަރަކުން!

ނަސޭހަތް

ދިވެހި ރާއްޖެ އަކީ ކުޑަކުޑަ ޤައުމެކެވެ. ހުޅުވިފައިވާ މި ދުނިޔޭގެ ހަތަރު ބިތުން ޖެހެމުން އަންނަ ފިކުރީ ވައިރޯޅިތައް ދިވެހި ރަށްތަކަށް ވެސް ޖެހެމުން ދަނީ އެއްވެސް ހުރަހެއް ނެތިއެވެ. ތަފާތު ޤައުމުތަކުގެ އާދަކާދަ ތަކާއި ޘަޤާފަތްތައް އިންޑިއާ ކަނޑުގައި ދެމެމުން އަންނަ ރާޅު ތަކާއި އޮއިވަރާއެކު ދިވެހި ރަށްތަކުގެ ގޮނޑުދޮތްތަކުގައިވެސް ބީހެމުންދެއެވެ. ބަވަނަ ވަމުން މިދާ ދުނިޔޭގައި ދޭދޭ ފަރުދުންގެ ދެމެދުގައި ހިނގާ ހުރިހާ ކަމެއް އަތުގައި އޮންނަ ފޯނުން ބަލައިލެވޭ ފަދަ ޒަމާނެއް މިއަދު މިވަނީ ދިވެހިންނާއި ބައްދަލުކޮށްފައެވެ.

ދުނިޔޭގެ އެއްބައްރުން އަނެއް ބައްރަށް ދަތުރުކުރަމުންދާ ދީނާއި ދުރު އާދަކާދަތަކާއި ޘަޤާފަތްތަކުގެ ނުރައްކާ އެންމެ ބޮޑު އެއް ޤައުމަކީ އަޅުގަނޑުމެންގެ މިކުޑަ ކުޑަ ދިވެހިރާއްޖެއެވެ. އާދެ! ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. އިސްލާމީ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އޮތުމުން އެކަމާ ދެކޮޅަށް ކުރެވޭ ހަނގުރާމަ ހުޅަނގުގެ ޤައުމުތަކުން އެމީހުން ބޭނުންވާ ކަންކަން މިފަސްގަނޑުގައި ފެތުރުމަށް ބާރުއަޅަން ފަށާފައިވަނީ އިއްޔެއަކު މިއަދަކު ނޫނެވެ. މީގެ އެތައް އަހަރުތަކެއް ކުރިން ފެށިގެން އެބައިމީހުންގެ ދަތްތަކާއި ވަކިތަކުން ދިވެހި ރަށްތައް ޝިކާރުކުރަން މަސައްކަތްކޮށްފައިވެއެވެ. ބައެއް ފަހަރު އަސްކަރީ ގޮތުން އަރައިގަނެ އިސްތިއުމާރުކޮށްގެންނެވެ. އަނެއްބައި ފަހަރު އިޤްތިޞާދީ ގޮތުން ފިއްތާ ދަތިކޮށްގެންނެވެ. އަނެއްބައި ފަހަރު އިންސާނީ ޙައްޤުތަކާއި މިނިވަންކަމާއި ޚުދުމުޚުތާރުކަމާއި ދެކޮޅު ހެދުމުގެ ބަހަނާގެ ލިބާސް ލައިގެން، ތަފާތު ޖަމްޢިއްޔާތަކާއި މުޢާޙަދާތައް މެދުވެރިކޮށެވެ. އަނެއްބައިފަހަރު އެބައިމީހުންގެ ފިކުރާއި ޚިޔާލުތަކާއި ސިޔާސަތުތައް ވިއްކައިދޭނެ ދިވެހި ފަސްގަނޑަށް އުފަން އެމީހުންގެ ވަފާތެރިން މެދުވެރިކޮށްށެވެ.

ހުޅަނގުގެ ސިއްރު އެޖެންޑާތަކުގެ ތެރެއިން މުސްލިމް ޤައުމުތަކުގައި ޝަހްވާނީ ވަހްޝީ ކަންކަން ފެތުރުމަކީ އެބައިމީހުންގެ އެންމެ ބޮޑު އެއް އަމާޒެވެ. ފަތުރުވެރިންގެ ގޮތުގައި އަންނަ މީހުން ދިވެހި ރަށްތަކުގައި ހިންގަމުންދާ މުޑުދާރު ޢަމަލުތަކުން މިބުނާ ބުނުމަށް ބާރުދެއެވެ. އެގޮތުން 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެއްޖިންސުން ގުޅުން ހިންގުމަށް ބާރު އަޅާ އެކަމަށް ހިތްވަރުދޭ ދެމީހަކު އއ. އަތޮޅު ތޮއްޑޫއަށް ކުރި ދަތުރަށްފަހު މީޑިއާގައި އެމީހުންގެ އިޙްސާސްތައް ބަޔާންކޮށް އެތަކެއް ލިޔުމެއް ޢާންމުކޮށްފައިވެއެވެ. ގެސްޓު ހައުސްގެ ވިޔަފާރިއާއެކު ރަށްތަކުގެ ގޮނޑުދޮށްތައް މިވަނީ އެބައިމީހުންގެ ގޭތަކުގެ ކޮޓަރިތަކާއި ފާހަނަތަކަށް ބަދަލުވެފައެވެ. އެއްވެސް ލަދެއް ޙަޔާތެއް ނެތި އެބައިމީހުން އެޤަބޫލުކުރާ މިނިވަންކަމާއި ޙައްޤުތަކުގެ ތެރެއިން ދިވެހި ލޯތަކަށް ބަރުހަނާވުން ޢާންމު ކުރަނީ ދުނިޔަވީ މަދު ފައިސާ ކޮޅެއް ދިނުމަށް ފަހުގައެވެ. ދިވެހި ރަށްތަކުގެ އިސްލާމީ ފޭރާން މިބައިމީހުން ވީދަމުންދަނީ ހަމަދިވެހިންގެ ތެރެއިންވެސް ބައެއްގެ އެހީއާއި މަދަދު ލިބިގެންނެވެ.  

ދެން އޮތީ ފަތުރުވެރިންގެ ޗުއްޓީ ތަކާއެކު ތަފާތު ބާޠިލް ދީންތައް ފަތުރާ ވައިރަސްތައް ދިވެހި ޖަޒީރާ ރަށްތަކަށް އެތެރެވަމުންދާ ވާހަކައެވެ. އެބައިމީހުންގެ ޢީދުތަކަށް ދިވެހި ރަށްތައް ތައްޔާރުކޮށްދެނީ މުސްލިމް ނަންތައް ކިޔައިގެން ތިބި ދިވެހިންނެވެ. ކްރިސްމަސް ޑޭއާއި ވެލެންޓައިންސް ޑޭގައި އެބައިމީހުންނަށް ބަނގުރާ އުފުލައިދެނީވެސް ދިވެހި ޒުވާނުންނެވެ.އެބައިމީހުންނަށް ބެރުޖަހާ ނަށައިދެނީވެސް ދިވެހި މައިންނާއި ބަފައިންގެ ދަރިންނެވެ.

ދެން އޮތީ ހުޅަނގުގެ ވާހަކައެއްނޫނެވެ. ނަމަވެސް ދިވެހީންގެ ޒަމާންވީ ބުދު ދީނުގެ އެކުވެރިޔާ އިންޑިޔާގެ ވާހަކައެވެ. މިލިއަނުން ގުނާލެވޭވަރަށް ބުދާއި ގެރިތަކުގެ ކަލާނގެތަކަށް އަޅުކަންކުރާ އަވަށްޓެރިޔާގެ ވާހަކައެވެ. ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ މެޑަލް އަޅައިގެން ތިބެ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު އެޤައުމުގެ ސުޕްރީމް ކޯޓުންވަނީ އެއްޖިންސުން ގުޅުން ހިންގުމަކީ ހުއްދަ ކަމެއް ކަމުގައި އިޢުލާންކޮށްފައެވެ. އޭގެ ދުވަސްތަކެއް ފަހުން ޒިނޭ ކުރުމާއި އިނދެގެން ހުރެވެސް ފިރިމީހާގެ ރުހުމާއެކު އެހެންމީހުންނާއެކު ޖިންސީ ގުޅުން ހިންގުމަކީ ހުއްދަކަމެއް ކަމުގައި ވަނީ ހަދާފައެވެ. އަންހެނުންނާއި ތުއްތު ކުދިން ރޭޕްކުރުމުގެ ރެކޯޑެއް އޮންނަ އިންޑިޔާގައި މިފަދަ ކަންކަން ހުއްދަކުރުމުން ދިވެހިންނަކީ މިކަމާމެދު އެންމެ ބޮޑަށް ފަރުވާތެރިވާންޖެހޭ މީހުންނެވެ. ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް އެބައިމީހުންގެ ނުރައްކާތަކަށް ފާރަވެރިވާންޖެހެއެވެ. ދިވެހި ބިމުގައި ތިބި މިދީނަށް ލޯބިކުރާ ހަމަ ކޮންމެ މީހެއްވެސް މެއެވެ.

150 އަހަރަށްފަހު އިންޑިއާގައި މިދެވުނު ހުއްދައާއެކު ޙަޤީޤީ ސޫރާގައި ފާޅުވި އެންމެ ނުރައްކާތެރި ބަޔަކީ އިންޑިއާގެ ބޮލީވުޑް ތަމްސީލްކުރާ މީހުންނެވެ. ޑައިރެކްޓަރުންނާއި ފިލްމީ ތަރިންނެވެ. ދިވެހި ގެތަކާއި ސިނަމާތައް ފުރިފައިވަނީ އެބަޔެއްގެ މުޑުދާރު ޢަޤީދާތަކުން ފުރިފައިވާ ފިލްމްތަކާއި ޑްރާމާތަކުގެ ބަޠަލުންނާއި ބަޠަލާއިންގެ ވާހަކަތަކުންނެވެ. އެމީހުންގެ ޙާޔާތުގެ ކޮންމެ ފިޔަވަޅަކަށް ޚަބަރު ހަދާ ދިވެހި ނޫސްވެރިންގެ ބުރަ މަސައްކަތުން މިއަދު ދިވެހިންގެ ހިތްތަކުގައިވަނީ އެފާސިޤް ފާޖިރުންނަށް ލޯބި ޖައްސާފައެވެ.

ކުރިޔަށް އޮތް ދުވަސްތަކުގައި އެއްޖިންސުގެ މީހުންގެ ލޯބީގެ ވާހަކަތަކާއި އެފަދަ މަންޒަރުތައް އެކުލެވޭ ފިލްމްތައް ދިވެހި ރާއްޖޭގެ ހަފޮޅަށް އެތެރެވިޔަ ނުދިނުމަށްޓަކައި ކަމާ ބެހޭ ހުރިހާ ފަރާތްތަކުން މި ހިނދުން މި ހިނދަށް މަސައްކަތް ފަށަން ޖެހެއެވެ. ބޭނުންތަކަށް އިންޑިޔާއަށް ދާ ދިވެހިންވެސް އެތަނުގެ ހޮސްޕިޓަލުތަކުގެ ޑޮކްޓަރުންނާއި ކޮލެޖުތަކުގެ މުދައްރިސުންނާއި ދުއްވާ އުޅަނދުފަހަރުތަކުގެ ޑްރައިވަރުންނާމެދުވެސް ސަމާލުވާންޖެހެއެވެ. ބޭރުދުނިޔޭގެ އަސްކަރީ އަދި ފިކުރީ އެންމެހާ ނުފޫޒުތަކުގެ ކުރިމަތީގައި ދިވެހި ދަޢުލަތާއި ޢިލްމުވެރިންނާއި ޢާންމު ފަރުދުން ސާބިތުވާންޖެހެއެވެ. މި ދިވެހި ފަސްގަނޑު، ފާޅުވެގެންވާ އަދި ސިއްރުވެގެންވާ އެންމެހާ ފިތުނަތަކުން ސަލާމަތްކުރައްވާށި!

އާމީން!

އެހެން ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.