އިސްލާމްދީނަށް މަލާމާތްކޮށް ފުރައްސާރަކުރާ ފަރާތްތަައް ހޯދާ ކަމާއިގުޅޭ މުއައްސަސާތައް ގުޅިގެން އެކަންކަން ހުއްޓުވުމަށް މަސައްކަތް ކުރާނެ ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ބުނެފިއެވެ.
އެމިނިސްޓްރީއިން މިއަދު ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ އިސްލާމް ދީނަށް ފުރައްސާރަ ކުރާ ފަރާތްތަކުގެ އިތުރުން ދީނުގެ ނަމުގައި ފޮރުިތިބެ ހަރުކަށިކަމާއި އަނިޔާވެރިކަމަށް ހިތްވަރުދީ ޝަރުއީ ހަމަތަކުގެ ބޭރުން މީހުންގެ ފުރާނައާއި މުދަލަށް ގެއްލުންދޭނެ ކަމުގެ އިންޒާރު ދޭ ފަރާތްތައްވެސް ހޯދާ އެކަންކަން ހުއްޓުވުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އިސްލާމްދީނާ ގުޅޭ ގޮތުން ސައްހަ ނޫން މައުލޫމާތު ފަތުރާކަމުގެ ޝަކުވާ އާއި ދީނަށް ފުރައްސާރަކުރާ ކަމުގެ ޝަކުވާ އެމިނިސްޓްރީއަށް ލިބެމުން އަންނަކަމަށާއި އެފަދަ ވާހަކަތައް ފެތުރުމުން، ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮތް އިސްލާމީ އެއްބައިވަންތަކަމަށް ބުރޫ އަރައި އިސްލާމީ ވަހުދަތު ގެއްލިގެންދާނެ ކަމަށެވެ.
މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ ދީނާއިމެދު ޝައްކާއި ވަހުމް އުފެދޭ ގޮތަށާއި ދީނުގެ ޙުކުމްތައް އޮޅޭގޮތަށް ވާހަކަދެއްކުމާއި ދީނަށް މަލާމާތާއި ފުރައްސާރަކުރުމަކީ އެފަދަ ކަންކަންކުރާ މީހުންނަށް ﷲ ސުބްހާނަހޫ ވަތަޢާލާގެ ވަޢީދުގެ ބަސްފުޅު އައިސްފައިވާ ކަމެއް ކަމަށާއި މިކަންކަން ނުކުރުމަށް ނަސޭހަތްތެރިވާ ކަމަށެވެ. އަދި ޝަރުޢީ މައްސަލަތައް އޮޅުން ފިލުވުމަށް ދީނީ ޢިލްމުވެރިންނާއި ސުވާލުކުރުމަށް މިނިސްޓްރީގެ ބަޔާނުގައި އިރުޝާދު ދީފަވެއެވެ.
އިސްލާމިކް މިނިސްޓްރީއިން ބުނީ ދީނީ ގޮތުން މައުލޫމާތު އޮޅުން ފިލުވަން ބޭނުންވާ ފަރާތްތަކުން އެމިނިސްޓްރީއަށް އައުމުން އެކަމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީއިން މިފަދައިން ބަޔާނެއް ނެރެފައިވާއިރު މީސް މީޑިއާގެ ވަސީލަތްތަކުގައި އިސްލާމްދީނަށް ފުރައްސާރަކުރުމާއި ދީނުގެ ޙުކުމްތަކާއި މެދު ވަހުމާއި ޝައްކު އުފައްދަން ބައެއް ފަރާތްތަކުންދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...