ރިޕޯޓް

ހިތް ހެޔޮކަމުގެ ނަމޫނާއެއް

މިއީ ޙަޤީޤީ ޙާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ. މިޙާދިސާ ހިނގާފައިވަނީ ދާދިމިދާކަށް ދުވަހުއެވެ. މިއީ ޢިބަރަތުން ފުރިގެންވާ ވާހަކައެކެވެ. ހަމަ އަޅުގަނޑުމެންގެ ތެރެއިންވާ ދިވެހިންގެ ވާހަކައެކެވެ. މިލިޔުމުގައި ބޭނުންކޮށްފައިވާނީ ޚިޔާލީ ނަންތަކެކެވެ. މިވާހަކަ އަޅުގަނޑަށް ފެނުނީ 'ފޭސްބުކް' އިންނެވެ. މިޙާދިސާ ލިޔުނު ކުއްޖާގެ އިޒުނައާއިއެކު ކިއުންތެރިންނަށް ޙިއްސާކޮށްލާނަމެވެ. އޭނާ ލިޔެފައިވެއެވެ....

"މިއީ ސީދާ އަހުރެން ދުށް ޙާދިސާއެކެވެ. ދުވަސްވަރަކީ އައުއަހަރަށް ކިޔެވުން ފެށުމަށް ކުޑަތަންވެފައިވާ ދުވަސްވަރެކެވެ. އެހެންކަމުން އަހުރެންގެ ރަޙުމަތްތެރިއެއް ކަމަށްވާ ޙަބީބު އެއްދުވަހަކު އަހުރެންނަށް ގުޅާލިއެވެ. އޭނައަތުގައި ކޮންމެވެސް ވަރަކަށް ފައިސާ ހުރުމުން މާތް ﷲ ގެ މަގުގައި ހޭދަކުރުމުގެ މާތް މަޤްޞަދުގައެވެ. އެފައިސާގެ ދެބައިކޮށްފަ އެއްބައި ސްކޫލަށް ބޭނުންވާ އެއްޗެހި ގަތުމަށް އެހީވެދިނުމުގައި ފަޤީރަކަށް ނުވަތަ އެކަމަށް ބޭނުންޖެހިފައިވާ މީހަކަށް އެހީވެދިނުމަށެވެ. އަދި އެފައިސާގެ އަނެއްބައި ޞަދަޤާތްކުރުމަށެވެ. އަހުރެންނަށް މިފަދަ އެހީއަށް ބޭނުންވާ ޢާއިލާތަކުގެ މަޢުލޫމާތު އިނގޭކަން ޙަބީބު ދަންނާނެއެވެ. އެހެންކަމުން އެފަދަ މީހަކު ހޯދައިދިނުމަށް ޙަބީބު އެދުނެވެ.

ޙަބީބުގެ އެދުމުގެ މަތިން އެފަދަ ޢާއިލާއެއް ހޯދުމުގެ މަސައްކަތް އަހުރެން ފެށީމެވެ. އެމަސައްކަތަށް މާގިނަ ވަގުތެއް ނުނެގިއެވެ. އެހެނީ މިފަދަ އެހީތެރިކަމަށް ބޭނުންޖެހިފައިވާ އެތައްބަޔަކު މިމުޖްތަމަޢުގައި އެބައުޅެއެވެ. އަހުރެން ފޯނުކުރީ ސަލްމާއަށެވެ. ސަލްމާއަކީ އެކެނިވެރި މައެކެވެ. ދަރިންގެ ބައްޕަގެ ފަރާތުން މާބޮޑު އެހީތެރިކަމެއް ނުލިބެއެވެ. ދަރިންގެ ކަންތައް ގިނިކަންޏާ ބަލަހައްޓަމުންދާ ހިތްވަރުގަދަ މަންމައެކެވެ. އޭނަގާތުގައި ދަރިންގެ ސްކޫލު ތަކެތި ގަތުމަށް އެހީވާން މީހަކު ހުރިކަމުގައި އަހުރެން ބުނީމެވެ. ޙަބީބުއަށް، ސަލްމާގެ ފޯނު ނަންބަރު ދިނަސް އެންމެ ރަނގަޅުތޯ އިޒުނައަށް އެދުނީމެވެ.

ސަލްމާގެ ޖަވާބުން އަހުރެންގެ ގައިން ހީބިހިނަގައިގެން ދިޔައެވެ. އޭނަ ބުނީ ތިފަދަ އެހީތެރިކަމަކަށް އޭނަ ނުހަނު ބޭނުންކަމަށެވެ. ނަމަވެސް އޭނައަށްވުރެ ބޮޑަށް ތިފަދަ އެހީތެރިކަމެއް ބޭނުންވާ ޢާއިލާއެއް އޭނަ ދަންނަކަމަށެވެ. އެއީ ޢާފިޔާގެ ވާހަކައެވެ. އޭނަގެ ދަރިންވަނީ ޔަތީމުވެފައެވެ. އަހުރެން ސަލްމާއަށް ބުނީމެވެ. ސްކޫލް ހުޅުވެން ކައިރިވެފައިވަނިކޮށް ސަލްމާގެ ދަރިންނަށް މިއެހީތެރިކަން ވަރަށް މުހިންމުވާނެ ނޫންހެއްޔެވެ. އޭނަ ޖަވާބުގައި ބުނީ އޭނަވެސް އެހީތެރިކަން ބޭނުންކަމަށެވެ. ނަމަވެސް ޢާފިޔާވަނީ ތިފަދަ އެހީތެރިކަމަކަށް މާބޮޑަށްވެސް ބޭނުންޖެހިފައެވެ. މާތް ﷲ ގެ އިރާދަފުޅުން އަހުރެންގެ ކަންތައް ހަމަޖައްސާނަމެވެ. ﷲ އަހުރެންނަށް އެހީވާނެއެވެ. އެކަލާނގެ އަހުރެން އެކަނިކޮށްނުލާނެއެވެ. ﷲ އަށްޓަކައި އަހުރެން ބޭނުންވަނީ، އަހުރެންނަށް އެހީވުމުގެ ކުރިން ޢާފިޔާގެ ޢާއިލާއަށް އެހީވުމަށެވެ.

ސަލްމާ އެހެން ބުނުމުން، ކަންބޮޑުނުވުމުށާއި ތިބާއަށް  ﷲ ގެ އިރާދަފުޅުން ތިއަށްވުރެ ހެޔޮގޮތެއް އެކަލާނގެ މިންވަރުފުޅުގައި ވާނެކަމަށް އަހުރެން ބުނީމެވެ.

ޢާފިޔާގެ މަޢުލޫމާތު ސަލްމާ ދިނުމުން، އަހުރެން ޙަބީބުއަށް ގުޅީމެވެ. އަދި ސަލްމާގެ ވާހަކަ އަހުރެން ޙަބީބުއަށް ކިޔައިދިނީމެވެ. އަދި ޢާފިޔާގެ މަޢުލޫމާތާއި ގުޅޭނެގޮތް ޙިއްސާކުރީމެވެ. ސަލްމާގެ އަޚްލާޤާއި ހިތް ހެޔޮކަންފެނިފައި ޙަބީބަށް ސިހުންގެނުވިއެވެ. ﷲ އިރާދަކުރެއްވިއްޔާ، ޢާފިޔާއަށް އަދި ސަލްމާއަށްވެސް އެހީވާނެކަމުގައި ޙަބީބު ބުންޔެވެ. އަދި ސަލްމާގެ ހިތް ހެޔޮކަމަށްޓަކައި، ސަލްމާ ކައިވެނިކޮށް ހަމަޖެހެންދެން ކޮންމެ މަހަކު އޭނާގެ ޚަރަދުތައް ބަލަހައްޓައިދޭނެކަމުގެ ޔަޤީންކަންވެސްދިނެވެ.

މާތް ﷲ ގެ ކުޅަދުންވަންތަކަމާއެވެ. އަހުރެން ބަސް ހުއްޓުނެވެ. އަހުރެންނަށް ބުނާނެ އެއްޗެއް ނޭންގުނެވެ. މިހުރިހާ ކަމެއް ހިނގައިދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ﷲ އަށްޓަކައި އޭނައަށް ލިބުނު އެއްޗެއް އަނެކާއަށް ދިނުމުން މާތް ﷲ އޭގެ ބަދަލު ދިންގޮތް ނިކަންބަލާށެވެ. އޭނައަށް ލިބުނު އެއްޗަށްވުރެ ގިނައިން ލިބުނީއެވެ. ﷲ އަކްބަރު.

އަހުރެން ސަލްމާއަށް މިވާހަކަ ކިޔައިދިނީމެވެ. އޭނާއަށް އުފަލުން ރޮވުނެވެ. ﷲ އަށް ޙަމްދުކޮށް ޙަބީބުއަށް ވަރަށް ގިނައިން ހެޔޮ ދުޢާކުރިއެވެ."

ސުބްޙާނަﷲ. ކޮންފަދަ މާތް ޚުލްޤެއްގެ ވެރިއެއްތޯއެވެ. މިފަދަ ވާހަކަތައް އަޅުގަނޑުމެން ކިޔައިއުޅެނީ ތާރީޚީ ފޮތްތަކުންނެވެ. ނަމަވެސް މިއީ ދިވެހި ވާހަކައެކެވެ. މި ޙާދިސާއިން އަޅުގަނޑަށް އިޙްސާސްކުރެވުނީ މިފަސްގަނޑުގައިވެސް މިފަދަ ހެޔޮލަފާ މުސްލިމުން އުޅޭކަމުގެ އުފާވެރި އިޙުސާސެވެ. މިއީ ހިތުގައި އީމާންކަންވާކަމުގެ ނިޝާނެކެވެ.

ރަސޫލު ﷲ ﷺ ޙަދީޡް ކުރެވިއެވެ. " لا يؤمن أحدكم حتى يحب لأخيه ما يحب لنفسه‏ "‏ ‏(‏‏متفق عليه‏‏)‏

މާނައީ: "ތިޔަބައިމީހުންގެ އަމިއްލަ ނަފްސަށް ލިބުމަށް ލޯބިކުރާފަދައިން ތިބާގެ އަޚާއަށް ލިބުމަށް ލޯބިކޮށްފުމަށް ދާންދެން ތިޔަބައިމީހުންގެ ތެރެއިން ހަމަ އެކަކުވެސް އީމާންވީކަމުގައިނުވެއެވެ."

ޔާ ﷲ، އަޅަމެންނީ މިފަދަ ވާހަކަތަކުން ޢިބްރަތް ލިބިގަންނަ ބަޔަކުކަމުގައި ލައްވާށި. އާމީން.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް