2017 ވަނަ އަހަރު ހައްޔަރުކޮށް ދައުވާއެއްވެސް ނުކޮށް އަދި ޝަރީއަތެއްވެސް ނުކޮށް ބަހައްޓާފައިހުރި ޔަމަނުގެ ރައްޔިތެއް ކަމުގައިވާ ޔާސިރު ޔަހްޔާ ސާލިހްއާއި ގުޅޭގޮތުން މިހާތަނަށް އާއްމު ވެފައި ވަނީ އެންމެ ރަނގަޅު މައުލޫމާތު ނޫންކަމަށް ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޖަލުތަކުގެ މައްސަލަތަކާއި ގުޅޭގޮތުން ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޝައިޚް އިމްރާން ވިދާޅުވީ ޔާސިރުއާއި ގުޅޭ ގޮތުން އާންމުންނާ ހިސާބަށް އައިސްފައި ވަނީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށާއި އޭނާއާ ގުޅޭ މައުލޫމާތު ހާމަކުރުމަކީ ރާއްޖޭގެ އަމަންއަމާންކަމާއި ރައްކާތެރިކަމަށް ކޮންމެ ވެސް ވަރަކަށް ގޮންޖެހުންތަކެއް ހުރި ކަމެއް ކަމަށެވެ.
"އެކަމުގައި ސީރިއަސް ކަންތައްތަކެއް އެބަހުރި. ޕަބްލިކާ ހަމައަށް އައިސްގެން މިއުޅޭ އަޑުތަކާއި ޚަބަރުތަކަކީ އޭގެ އެންމެ ރަނގަޅު މައުލޫމާތު ނޫންކަމުގައި އަޅުގަނޑަށް މިހާރު ދަންނަވަން ކެރޭ." މިނިސްޓަރު ވިދާޅުވި އެވެ.
ސައުދީ ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީޒް 2017 ވަނަ އަހަރު ރާއްޖެއަށް ދަތުރެއް ކުރައްވަން ހަމަޖެހުނު ދުވަސްވަރެއްގައި ހައްޔަރުކުރި ޔާސިރުއާއި ގުޅޭގޮތުން މިނިސްޓަރ އިތުރަށް ވިދާޅުވި ގޮތުގައި އޭނާއާއި ގުޅޭ ސީރިއަސް ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި އޭނާއާ ގުޅޭ މައުލޫމާތު ހާމަކުރުމަކީ ރާއްޖޭގެ އަމަންއަމާންކަމާއި ރައްކާތެރިކަމަށް ކޮންމެ ވެސް ވަރަކަށް ގޮންޖެހުންތަކެއް ހުރި ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ދިވެހި އަންހެނަކާއި ކައިވެނި ކޮށްގެން ދިރިއުޅެމުންދިޔަ ޔާސިރު ހައްޔަރުކުރި ފަހުން މިދިޔަ އަހަރުގެ އޮގަސްޓްމަހު އޭނާގެ އަންހެނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔާސިރު ބަންދުގައި ބަހައްޓާފައި ހުންނަނީ އެކަހެރިކޮށް ކަމަށާއި އެކަމުގެ ސަބަބުން ނަފްސާނީ ގޮތުންނާއި ސިއްހީ ގޮތުން އޭނާ ބަލިކަށިވެފައިވާ ކަމަށެވެ. އޭނާ ގޮޅިން ނެރެނީ ވެސް ބިޑި އަޅުވައިގެން ކަމަށާއި އޭނާ ބަހައްޓާފައި ހުންނަ ގޮޅިއަކީ ހޫނު ގަދަ ތަނަކަށް ވާއިރު، އެ ތަނުގައި އޭނާ ބަހައްޓައިގެން އެކި މަސައްކަތްތައް ކުރުމުގެ ސަބަބުން އޭނާގެ ނޭވާލުމުގެ ނިޒާމަށް އުނދަގޫވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
"ޖަލު ބަލަހައްޓާ ފަރާތްތަކުން މުއާމަލާތު ކުރުމުގައި އެބިއުސިވް ބަހުރުވަ ބޭނުން ކުރުމާއި ޖަލުގައި ތިބޭ އެހެން ގައިދީން ލައްވައި، ފުރައްސާރަ ކުރޭ. މިކަމުގެ ޝަކުވާ ވާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަދި މޯލްޑިވްސް އިމިގްރޭޝަނަށް އެކި ފަހަރު މަތިން ހުށަހެޅިފައި،" އެ ބަޔާނުގައިވެ އެވެ.
ޔާސިރުއާއި ގުޅޭގޮތުން މިދިޔަ މަހު ކަރެކްޝަންސް އިން ބުނެފައިވަނީ އޭނާ ބަހައްޓާފައިހުރީ ހުޅުމާލޭ ޖަލުގައި ކަމަށާއި އެއީ އިމިގްރޭޝަންއިން އެދިގެން ޑީޕޯޓް ކުރެވެންދެން ބަހައްޓާފައިހުރީ ކަމަށެވެ.
ޔާސިރު ހައްޔަރުކުރިއިރު އޭނާއަކީ އަހުމަދިއްޔާ ސްކޫލާއި އަރަބިއްޔާ ސްކޫލްގައި އަރަބި މާއްދާ ކިޔަވައިދެމުން އައި ޓީޗަރެކެވެ. އޭނާ ހައްޔަރު ކުރިއިރު، އޭނާގެ އަނބިމީހާ އިނީ ބަލިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...