އިރާޤުގެ ކުރީގެ ރައީސް ސައްދާމް ހުސައިން އެޤައުމުގެ ރައްޔިތުންނަށް ދެއްވި އެންމެފަހު މެސެޖް ދަރިކަނބަލުން އާއްމު ކުރައްވައިފިއެވެ.
ސައްދާމުގެ ދަރިކަނބަލުން ރަގްދާ ހުސައިން ޓުވިޓަރގައި އާއްމު ކުރެއްވި މެސެޖުގައި ބުނެފައިވަނީ އެމެސެޖަކީ އޭނާގެ ބައްޕާފުޅު އިރާޤުގެ ރައްޔިތުންނަށް ދެއްވި އެންމެ ފަހު މެސެޖުކަމަށެވެ. އަދި އެމެސެޖު ދެއްވާފައިވަނީ 2006 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 30 ވަނަ ދުވަހު ސައްދާމް ދަންޖައްސާ މެރުމުގެ 6 ދުވަސްކުރިން ކަމަށެވެ.
2003 ވަނަ އަހަރު އެމެރިކާއިން އިރާޤް ހިފުމާއި ގުޅިގެން އުރުދުންގައި ދިރިއުޅެމުން އަންނަ ރަގްދާ މިމެސެޖު އާއްމުކޮށްފައި މިވަނީ ސައްދާމް ހުސައިން ދަންޖެއްސިތާ 12 އަހަރު ފުރުނު ދުވަހުއެވެ.
ސޮޔާއެކު ސައްދާމް ހުސައިން އިރާޤް ރައްޔިތުންނަށް ދެއްވި މެސެޖުގައި ބުނެފައިވެއެވެ. "އޭ އިއްޒަތްތެރި ރައްޔިތުންނެވެ. ތިޔަބައިމީހުންނާއި އަދި އަހުރެންގެ ނަފްސު، އެންމެ އޯގާވަންތަ އިލާހާއި ހަވާލުކުރަމެވެ. އެއިލާހަކީ ތެދުވެރި މުޢުމިނުންނަށް ދެރަގޮތެއް މެދުވެރިކުރައްވާނެ ފަރާތެއް ނޫނެވެ. ﷲ އަކްބަރު…."
އިރާޤުގައި ޤާއިމްކުރި އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރުގެ ބޮޑު ވަޒީރު ނޫރީ އަލް މާލިކީގެ އެންގުމަށް ސައްދާމް ހުސައިން ދަންޖައްސާފައިވަނީ އެއަހަރުގެ އަޟްހާ ޢީދު ދުވަހުއެވެ. އެމެރިކާއިން ނުރައްކާތެރި ހަތިޔާރު އިރާޤުގައި ހުރިކަމަށް ބުނެ އެޤައުމަށް އަރާ މުޅި ޤައުމު ސުންނާފަތި ކޮށްލިއިރުވެސް އެބުނި ނުރައްކާތެރި ހަތިޔާރުގެ އަސަރެއް އެޤައުމުން ފެނިފައެއް ނުވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...