ޤައުމުގައި އުފެދޭ ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮތް އެއްބައިވަންތަކަމުގައި ކޫރުން އެޅިގެންދާކަމަށް ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރ ދުވާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝައިޚް އިމްރާން ވިދާޅުވީ 2004 ވަނަ އަހަރުގެ ސުނާމީގައި ކާބަފައިންގެ ކިބައިން ދިވެހިންނަށް ވާރުތަވެފައިވާ އެއްބައިވަންތަކަން ފެނިގެން ދިޔަކަމަށާއި އެދުވަހުގެ ހާދިސާއިން ދިވެހިންނަކީ އެކުވެރިކަމާއި އޯގާވެރިކަމުގެ މިސާލު ދެއްކޭނެ ބައެއްކަން ސާބިތުކޮށްދިން ކަމަށެވެ.
ޝައިޚް އިމްރާން ވިދާޅުވީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮތް ގާތްގުޅުން ސިޔާސީ ނުތަނަވަސްކަމާއި ގުޅިގެން ހީނަރުވެފައިވާކަމަށާއި އެހެން އޮތްނަމަވެސް ފާއިތުވި 30 އަހަރުވެސް ދިވެހިންގެ ގުޅުން ރަނގަޅު ނުވާ މިންވަރަށް ދިވެހިންގެ ސިޔާސީ ސަފުތައް މިއަދު ގާތްވެފައިވާކަމަށެވެ.
"މި ބަދަހިކަމަށް ކުޑަ ކުޑަ ކޫރުމެއް އެޅިގެން ދަނީ އަޅުގަނޑުމެންގެ ތެރޭގައި އޮތް ސިޔާސީ ކޮންމެވެސް ނުތަނަވަސްކަމަކާ ދަތިތަކެއްގެ ސަބަބުން. ﷲ ސުބްޙާނަހޫ ވަތާއަލާގެ ރަޙުމަތުން އަޅުގަނޑުމެންނަށް މިއަދު މިހިސާބަށް އާދެވުނު އިރު، ﷲގެ ރަހުމަތުގެ ބޮޑުކަމުން އަޅުގަނޑުމެންނަށް މިތިބީ އެކަމުގައި ވެސް މި ވޭތުވެ ދިޔަ 30 އަކަށް އަހަރު އަރައި ނުގަނެވޭ ހިސާބަށް ޖެހިފައި. އަޅުގަނޑުމެންގެ ސިޔާސީ ސަފުތައް މިއަދު މިވަނީ ބަދަހި ގުޅުމަކާ ގާތްކަމެއްގެ ތެރެއަށް އައިސްފައި،" އިމްރާން ވިދާޅުވި އެވެ.
ޤައުމުގެ ހަމަޖެހުމާއި ރައްކާތެރިކަން ކުރިޔަށް އޮތް ތަނުގައި ދެމިގެން ދާނީ ދިވެހިން އެއްބައިވަންތަ ވެގެން ކަމަށާއި އެގޮތުން އެބައެއްގެ ތެރޭގައި އޮންނަ ސިޔާސީ ހަމަޖެހުމާއި މަސްލަހަތަކީ އެއްބައިވަންތަ ކުރުވާނެ ކަމެއް ކަމަށް ޝައިޚް އިމްރާން ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސިޔާސީ ހަމަޖެހުން ޤާއިމްކޮށްފައި ބާއްވަން މަސައްކަތްކުރުމަކީ އެންމެންގެ މައްޗަށް ލާޒިމްކަމެއް ކަމަށް ދެކެވަޑައިގަންނަވާކަމުގައިވެސް ޝައިޚް އިމްރާންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...