ދުވާލަކު ފަސް ފަހަރު މާތް ﷲ ގެ އެއްކައުވަންތަކަމުގެ ކަލިމަ މިފަޒާތެރޭގައި ގޮވާލެއެވެ.
ކޮންމެ ހުކުރު ދުވަހަކު މިންބަރުމަތިން 'ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވާކަމަށް އަޅު ހެކިމަވެ.' މިފަދައިން ކިޔާ އަޑުއިވެއެވެ.
މިއީ ތައުޙީދުގެ ކަލިމައެވެ. ޝިރުކުގެ އިދިކޮޅެވެ. މިދެބާބު އެކުއެކުގައި ޖަމާނުވާނެއެވެ. ޝިރުކުގެ މާނައަކީ މާތް ﷲ އާއިއެކު ބައިވެރިއަކު ނުވަތަ ބައިވެރިންތަކެއް އިޚްތިޔާރު ކުރުމެވެ. މިއީ މުސްލިމުންގެ އަޤީދާއާއި ފުށުއަރާކަމެކެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ އެއްކައުވަންތައޭ ބުނެވޭ ބަހުގެ މުރާދަކީ އެކަލާނގެއީ، އެކަލާނގެ ރައްބުވަންތަކަމާއި، އިލާހުވަންތަކަމާއި އެކަލާނގެއަށް ލިބިވޮޑިގެންވާ އެންމެހާ ނަންފުޅުތަކާއި ސިފަފުޅުތަކާއި ވައްތަރުވެގެންވާ ހަމައެކައްޗެއްވެސް ނުވާކަމެވެ. އިޚްލާސް ސޫރަތުގެ 4 ވަނަ އާޔަތުގެ މާނާގައިވެއެވެ.
"އަދި އެކަލާގެއާ އެއްފަދަވެގެންވާ، ހަމައެކަކުވެސް ނުވެތެވެ."
މުސްލިމަކަށްވުމަށްޓަކައި ޝަހާދަތުގެ ދެކަލިމަކިޔުމަކީ ވާޖިބެކެވެ. މިގޭތެރެއިން ފުރަތަމަ ކަލިމައިގައި އަޅުގަނޑުމެން އިޤްރާރުވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ އެއްކައުވަންތަކަމަށެވެ.
ހުރިހާ ރަސޫލު ބޭކަލުންނާއި ނަބީބޭކަލުންވެސް މަތިވެރިކުރީ މިކަލިމައެވެ. ރެއާއި ދުވާލު މަސައްކަތް ކުރެއްވީ މިކަލިމައިގެ ތެރެއަށް މީސްތަކުން ވެއްދުމަށެވެ. މިކަލިމައިގެ ބަރުދަން އެބޭކަލުންނަށް އިޙްސާސްކުރެވޭތީއެވެ. ޢީސާ ޢަލައިހިއްސަލާމްވެސް ނަޞާރާއިންނަށް ގޮވާލެއްވީ މިމަގަށެވެ. ނަމަވެސް އެބައިމީހުން މަގުފުރެދި ބޮޑުވެގެންވާ ޝިރުކުގެ ތެރެއަށް ގެނބިގެންދިޔައީއެވެ. އެބައިމީހުން ބުނިބަސްތައް މާތް ﷲ ވަނީ ކީރިތި ޤުރުއާނުގެ އެތައްތަނެއްގައި ބަޔާން ކުރައްވާފައެވެ. މިގޮތުން މަރިޔަމް ސޫރަތުގެ 88 ވަނަ އާޔަތުގައި އެކަލާނގެ ވަޙީ ކުރެއްވި އާޔަތުގެ މާނާގައިވެއެވެ. " ރަޙްމާންވަންތަ ރަސްކަލާނގެ، ދަރިކަލަކު ހިއްޕެވިކަމަށް އެ ކާފިރުވީ މީހުން ބުނޫއެވެ." (88/19)
އެބައިމީހުން އެބުނި ބަހުގެ ނުބައިކަމާއި ބޮޑުކަން ބަޔާންކުރައްވާ ޖެހިގެން އަންނަނިވި އާޔަތްތައް އެކަލާނގެ ބާއްވާލެއްވިއެވެ. އެއާޔަތްތަކުގެ މާނާގައިވެއެވެ. "ހަމަކަށަވަރުން ތިޔަބައިމީހުން ތިޔަގެނައީ، ވަރަށްވެސް ނުބައިވެގެންވާ ބަހެކެވެ. އެކަމުގެ ސަބަބުން، އުޑުތައް ފަޅަފަޅައިގެންގޮސް ބިންގަނޑު އިރައިރައިގެންގޮސް، ފަރުބަދަތައް ކުދިކުދިވެ، ވެއްޓިގެންދިއުން ކައިރިވެގެންވެއެވެ. އެއީ ރަޙްމާންވަންތަ ރަސްކަލާނގެއަށް ދަރިކަލަކުވާކަމަށް އެއުރެން ގޮވުމުގެ ސަބަބުންނެވެ. ފަހެ، ދަރިކަލަކު ހިއްޕެވުން ރަޙްމާންވަންތަ ރަސްކަލާނގެއަށް އެކަށިގެނެއްނުވެއެވެ." (92-89/19)
ނަޞާރާއިން ގަބޫލުކުރާގޮތުގައި ތިން ކަލާނގެވެއެވެ. އެބައިމީހުންގެ އެދަޢުވާއަށް ޢިޝާރަތްކޮށް އައްނިސާ ސޫރަތުގެ 171 ވަނަ އާޔަތުގައި އެކަލާނގެ ވަހީ ކުރެއްވި ބަސްފުޅުގެ މާނާގައިވެއެވެ.
" އޭ ފޮތުގެ أهل ވެރިންނޭވެ! ތިޔަބައިމީހުންގެ دين އާމެދު ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! އަދި، اللَّه އާމެދު حق ބަސްމެނުވީ، ތިޔަބައިމީހުން ނުބުނާށެވެ! مريم ގެފާނުންގެ ދަރިކަލުން المسيح عيسى ގެފާނު ވާކަން ކަށަވަރީ، اللَّه ގެ رسول އާ ކަމުގައެވެ. އަދި، އެކަލާނގެ كلمة ފުޅު ކަމުގައެވެ. އެ كلمة ފުޅު އެކަލާނގެ، مريم ގެފާނާ ހަމަޔަށް ފޮނުއްވައި އެކަމަނާގައި، އެ ކަލިމަފުޅު ލެއްވިއެވެ. އަދި، އެކަލާނގެ حضرة ން ލެއްވި روح ފުޅެކެވެ. ފަހެ، اللَّه އާއި، އެކަލާނގެ رسول ންނަށް ތިޔަބައިމީހުން إيمان ވާށެވެ! އަދި، (إله ން) ތިނެކޭ ތިޔަބައިމީހުން ނުބުނާހުށިކަމެވެ! އެ ބުނުން ތިޔަބައިމީހުން ހުއްޓައިލާށެވެ! އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. ހަމަކަށަވަރުން، اللَّه ވާކަން ކަށަވަރީ އެއްކައުވަންތަ ކަލާނގެ ކަމުގައެވެ. އެކަލާނގެއަށް ދަރިކަލަކުވުމުން އެކަލާނގެ ހުސް طاهر ވަންތައެވެ. އުޑުތަކުގައިވާހައި ތަކެއްޗާއި ބިމުގައި ވާހައި ތަކެތި، އެކަލާނގެއަށް މިލްކުވެގެންވެއެވެ. އަދި، وكيل އަކު ކަމުގައި اللَّه ފުދެއެވެ."
އަދި ﷲ ސުބްޙާނަހޫ ވަތަޢާލާ ޢިސާގެފާނާއި ކުރެއްވި ސުވާލު ކީރިތި ޤުރުއާނުގައި އައިސްފައިވެއެވެ. އަލްމާއިދާ ސޫރަތުގެ 116 ވަނަ އާޔަތުގެ މަނާގައިވެއެވެ.
" اللَّه، وحى ކުރެއްވިހިނދު، ހަނދުމަކުރާށެވެ! އޭ مريم ގެފާނުގެ ދަރިކަލުން عيسى ގެފާނެވެ! اللَّه ފިޔަވައި، ތިމަންނާއާއި، ތިމަންގެ މައިކަނބަލުންނީ، ދެ إله ން ކަމުގައި ތިޔަބައިމީހުން ހިފާށޭ ކަލޭގެފާނު މީސްތަކުންނަށް ވިދާޅުވީމުތޯއެވެ؟ އެކަލޭގެފާނު ދެންނެވިއެވެ. އިބަރަސްކަލާނގެ ހުސް طاهر ވަންތަކަމާއެވެ! ބުނުމުގެ حق މިއަޅާޔަށް ލިބިގެންނުވާ ބަހެއްބުނުން، މިއަޅާއަކަށް ނުވެއެވެ. މިއަޅާ އެބަސްބުނިނަމަ، އިބަރަސްކަލާނގެ އެކަން ދެނެވޮޑިގެންވާނެކަން ކަށަވަރެވެ. މިއަޅާގެ ހިތުގައިވާ ކަންތައްވެސް، އިބަރަސްކަލާނގެ ދެނެވޮޑިގެންވަމުއެވެ. އިބަރަސްކަލާނގެ އިރާދަފުޅުގައި ވާކަންތައް، މިއަޅާއަކަށް އެނގިގެނެއް ނުވެއެވެ. ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ވަންހަނާގައި ވާހައި ކަމެއްވެސް، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
އަޅުގަނޑުމެންެގެ މުންނާރުތަކުން ތައުޙީދުގެ ކަލިމަ ފަޒާގައި ގުގުމުމާއިއެކު ފަރުޟު ނަމާދުގެ ވަގުތުތައް ވަދެގެންދެއެވެ. ކޮންމެ ރަކުޢަތެެއްގައިވެސް ފާތިޙާ ސޫރަތް އަޅުގަނޑުމެން ކިޔަމުއެވެ. އެސޫރަތުގެ ފަހުބައިގައި ވަނީ ސީދާވެގެންވާ ތެދުމަގަށް މަގު ދެއްކެވުން އެދި ދުޢާކުރުމެވެ. ޔަހޫދީންނާއި ނަޞާރާއިންގެ މަގު ކަމުނުދާތީ އެމަގުން ރައްކާތެރިވުމަށް އެދި ދުޢާކުރުމެވެ.
ފާތިޙާ ސޫރަތުގެ 6 ވަނަ އާޔަތާއި 7 ވަނަ އާޔަތުގެ މާނާގައިވެއެވެ.
"އަޅަމެންނަށް، ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާނދޭވެ! (އެއީ) އެއުރެންނަށް އިބަރަސްކަލާނގެ نعمة ދެއްވި މީހުންގެ މަގެވެ. އެއުރެންގެ މައްޗަށް ކޯފާލައްވާފައިވާ މީހުންގެ މަގެއްނޫނެވެ. އަދި މަގުފުރެދިފައިވާ މީހުންގެ މަގެއްވެސް ނުމެނޫންމެއެވެ."
ނަޞާރާއިން، ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އަޅުކަންކުރުމުގައި ޝިރުކުކުރީއެވެ. ނަތީޖާއެއްގެ ގޮތުން އެކަލާނގެ ކޯފާ އެބައިމީހުންގެ މައްޗަށް ޙައްޤުވީއެވެ.
ލޮބުވެތި މުސްލިމް އަޚުންނެވެ! އަޅުގަނޑުމެންނަށް އޮތީ މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުން ހޯދުމަށްއެދި ގަދައަޅައި މަސައްކަތްކުރުމެވެ. އެއީ ދެދުނިޔޭގެ ބާއްޖަވެރިކަން ގުޅިފައިވާ ވަޞީލަތެވެ. އެވަޞީލަތަށް ވާޞިލްވުމަށް ކުރަންޖެހޭ އެންމެ ފުރަތަމަ ކަމަކީ މާތް ﷲ ގެ އެއްކައުވަންތަކަމަށް ހިތުގެ އަޑިން އިޤްރާރުވެ، އެއްކަައުވަންތަކަމުގެ ކަލިމަ ލާޒިމްކުރާ އެންމެހާ ޢަމަލުަތައް އިޚްލާސްތެރިކަމާއިއެކު ކުރުމެވެ. އަދި ޝިރުކަށް ނޫނެކޭ ބުނުމެެވެ. އެއަށް އިންކާރުކުރުމެވެ.
މިގޮތުން ޔަހޫދީންނާއި ނަޞާރާއިންގެ ޢީދުތަކާއި މެޙެފިލްތައް ފަޅުފިލުވުމާއި އެޙަފަލާތަކަށް ތައްޔާރުކުރުމާއި އެބައިމީހުނަށް، އެބައިމީހުންގެ ޢީދު ތަކުގައި ތަޙުނިޔާކިޔުމަކީ މުސްލިމުންގެ އަޤީދާއާއި ފުށުއަރާކަމެކެވެ. އެކުރެވެނީ ޝިރުކެވެ. ހާލުގެ ދުލުން އެ އެއްބަސްވެވެނީ ޔަހޫދީންނާއި ނަޞާރާއިންގެ އަޤީދާއަށެވެ.
ކުރިސްމަސް ދުވަހުގައި މަރުޙަބާކިޔުމާއި ބެހޭގޮތުން، އިބްނުލް ޤައްޔިމު ރަޙިމަހުﷲ ވިދާޅުވިއެވެ. "މީހަކު ރާ ބޯތީ، މީހުން މަރާތީ، ޒިނޭކުރާތީ އޭނާއަށް މަރުޙަބާ ކިޔުމުގެ ފާފައަށްވުރެ ކުރިސްމަސްގައި މީހަކަށް މަރުޙަބާކިޔުމުގެ ފާފަ ބޮޑުވެގެންވެއެވެ." (އަޙްކާމް 1/441(
ކޮންމެ ހުކުރު ދުވަހަކު މިންބަރުމަތިން ކިޔެވޭ ތައުޙިދުގެ ކަލިމައާއި ދެކޮޅު ޢަމަލެއް ކޮށްފިނަމަ އެކުރެވެނީ ޝިރުކުގެ ޢަމަލެކެވެ. ޝިރުކުކުރާ ޙާލު ތައުބާނުވެ މަރުވެއްޖެނަމަ އޭނާއަށް އޮތީ ނަރަކައިގެ ވޭންދެނިިވި ޢަޒާބެވެ.
ޔާ ﷲ، އަޅަމެންނަށް ހެޔޮ ވިސްނުންދެއްވައި، ނަރަކައިގެ ވޭންދިނިވި ޢަޒާބުން އަޅަމެން ސަލާމަތް ކުރައްވާށި. އާމީން
ޚިޔާލު