އިސްލާމީ މަރުކަޒުގެ އިމާމްކަމަށް އައްޝައިޚް އިބްރާހިމް ރަޝީދު ހަސަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ހަމަޖައްސަވައިފިއެވެ.
ޤުރުއާން ހިތުދަސް ހާފިޒެއް ކަމުގައިވާ ހދ. ކުޅުދުއްފުށީ، ޝަބްނަމީގޭ، ޝެއިހު އިބްރާހިމް ރަޝީދު އިސްލާމީ މަރުކަޒުގެ އިމާމަކަށް ހަމަޖެއްސެވީ މިނިސްޓަރުގެ ނައިބެއްގެ ފެންވަރުގަ އެވެ.
އިސްލާމީ މަރުކަޒަށް މިނިސްޓަރުގެ ނައިބުންގެ ފެންވަރުގައި އިމާމުން ހަމަޖައްސަންފެށީ ރައީސް ވަހީދު ސަރުކަާރުގައި އޭރުގެ އިސްލާމިކް މިނިސްޓަރ ޑރ ޝަހީމްގެ ލަފައާއެކުގައެވެ.
އެގޮތުން އޭރު އިސްލާމިކް މިނިސްޓްރީއިން ބުނެފައިވަނީ އިސްލާމީ މަރުކަޒުގެ އިމާމުންނަށް އެފަދަ މަތީ މަޤާމެއް ދޭން ނިންމީ މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް އަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތާއި އެއްބައިވަންތަކަން ރަމްޒުކޮށްދޭ ޤައުމީ މިސްކިތް ކަމުން، އެ މިސްކިތުގެ ހައިބަތާއި ޤަދަރު ބޮޑުކުރުމުގެ ގޮތުން ކަމަށެވެ. އަދި އެތަނަށް ނަމާދަށް ވަޑައިގަންނަވާ ވަރަށް ގިނަ ރައްޔިތުންގެ އެދިވަޑައިގަތުމަކަށް ރީތިކޮށް ޤުރްއާން ކިޔަވާ ވިދާޅުވާ، އަދި އިސްލާމީ ތަޢްލީމުން މަތީ ތަޢުލީމް ޙާޞިލްކުރައްވާފައިވާ ޢިލްމުވެރި ބޭފުޅުން ޝަރަފްވެރިކަމާއެކީ އިމާމުންގެ ގޮތުގައި ޢައްޔަންކުރެވުނީ ކަމަށެވެ.
ރައީސް ވަހީދުގެ ސަރުކާރާއި އެއިގެ ފަހުން ރައީސް ޔާމިން ސަރުކާރު ނިމުމާއި ހަމައަށް އިސްލާމީ މަރުކަޒުގެ އިމާމުންގެ ގޮތުގައި ތިއްބެވީ އައްޝައިޚް މުހައްމަދު ލަތީފްއާއި އައްޝައިޚް ހައިޝަމް މުޙައްމަދު އެވެ. އަދި ރައީސް ޔާމިންގެ ސަރުކާރުގެ ވަކި ހިސާބަކުން އަލްޤާރީ އަބްދުލް ޖަލީލް އިސްމާއިލްވެސް އިސްލާމީ މަރުކަޒުގެ އިމާމެއްގެ ގޮތުގައި ހަމަޖެއްސިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...