ޖަޕާނަށް އިއްޔެ ރިކްޓަރ މިންގަނޑުން 8.9 ގެ ބާރު މިނުގައި ކުރިމަތިވި ބިންހެލުމަށްފަހު އެރި ސުނާމީގެ ސަބަބުން އެތައް ސަތޭކަ ބަޔަކު މަރުވެއްޖެއެވެ. މިއީ ފާއިތުވި 20 އަހަރުގެ ތެރޭގައި ޖަޕާނަށް ކުރިމަތިވި އެންމެބޮޑު ބިންހެލުމެވެ. މި ބިންހެލުމުގެ ސަބަބުން ދުނިޔޭގެ މޫސުމާބެހޭ އިދާރާއިން 50 ޤައުމަކަށް ސުނާމީގެ އިންޒާރު ދީފައިވެއެވެ. އަދި މި ބިންހެލުމަށްފަހު އިތުރު ވަރަށްގިނަ ހެލުންތައް އައިސްފައިވެއެވެ.
ޖަޕާނުގެ ވެރިރަށް ޓޯކިޔޯއާ 250 މޭލު ބޭރުން، ރިކްޓާ މިންގަނޑުން 8.9 ގެ ބާރުމިނުގައި އައި އެ ބިންހެލުމާއެކު އުފެދިގެން ދިޔަ 10 މީޓަރުގެ އުސް ސުނާމީގައި ޖަޕާނުގެ އިރުއުތުރު އައްސޭރިފަށް ވަނީ މުޅިން ސުއްނާފަތިވެފަ އެވެ. ބިޔަ ރާޅުތައް އަރައިގެން އައި މަގުތަކުގައި ހުރި ވެހިކަލްތަކާއި، ގެތަކާއި އިމާރާތްތައް ވަނީ ރާޅާއެކު އޮޔާގޮސްފަ އެވެ. އަދި ރާޅާއެކު ބޮޑެތި ބޯޓުފަހަރާއި ލޯންޗްތައް ވަނީ އެއްގަމަށް އެއްލައިލައިފަ އެވެ. ކުނިބުނިތަކުގެ ތެރޭ އެއްބަޔަކު ތާށިވެފައިވާއިރު، އަނެއް ބަޔަކު ތިބީ އުސްއިމާރާތްތަކުގެ މަތީ އެހީގެ އިންތިޒާރުގަ އެވެ.
ބިންހެލުމުގައި ހަތަރު މިލިއަނަށްވުރެ ގިނަ ގެއިން ކަރަންޓު ކަނޑައިގެންގޮސްފައިވާއިރު، ތިން ލައްކައަށް ވުރެ ގިނަ ގެއިން ގޭހުގެ ޚިދުމަތްވެސް ވަނީ ކެނޑިފަ އެވެ. އަދި ފިހާރަތަކުން ކާބޯތަކެތި ހުސްވުމާ ކައިރިވެފައިވާއިރު، ކާބޯތަކެތި ހޯދުމަށް ބައެއް ހިސާބުތަކުގައި ދަތިކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
ދުނިޔޭގެ ރެކޯޑްސްތަކުން ދައްކާގޮތުގައި މިހާތަނަށް ދުނިޔެއަށްއައި އެންމެ ވަރުގަދަ ބިންހެލުންއައިސްފައިވަނީ ޗިލީއަށެވެ. 9.0 މެގްނިޓިއުޑް ގެ ބާރުމިނުގައި އައި މި ބިންހެލުން އައިސްފައިވަނީ އެއީ 22 މެއި 1960 ގައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...