ޔަމަނުގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް "ހެލްޕް މޯލްޑިވްސް ޔަމަން" ގެ ނަމުގައި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ފަރާތުން ކެމްޕެއިނެއް ފަށައިފިއެވެ.
މިކެމްޕެއިން ފެށުމަށް އުނިމާ ގްރޭންޑްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިއޭސީގެ ވައިސް ޗެއަރމަން އާދަމް ނާއިފް ވިދާޅުވީ މި ކެމްޕޭންއަކީ މުސްލިމް ޤައުމުތަކުގައި ޙާލުގައިޖެހިފައިވާ މީހުންނަށް އެހީވުމުގެ ގޮތުން އެ ޖަމްޢިއްޔާއިން ކުރިއަށްގެންދާ ކެމްޕެއިނުގެ ބޮޅެއްކަމަށާއި ހާލުގައިޖެހި ބަނޑުހައި ހޫނުކަމުގައި ދުވަސްތައް ހޭދަކުރަމުންދާ ޔަމަނުގެ ރައްޔިތުންގެ ތެރެއިން 22 މިލިއަނެއްހައި މީހުންނަށް މި ކެމްޕޭންގެ ޒަރިއްޔާއިން އެހީތެރިވުމަށް މަސައްކަތްކުރާނެކަމަށެވެ.
އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން
- 2016 ވަނަ އަހަރު މަސައްކަތް ފެށީ
- 2017 ވަނަ އަހަރުގެ ކުރީކޮޅު “ހެލްޕް ސީރިޔާ” ނަމުގައި ހިންގި ހަރަކާތުން 8 މިލިއަން ރުފިޔާގެ އަގުހުރި ތަކެތި ސޫރިޔާގެ ރައްޔިތުންނަށް ފޮނުވާފަވޭ
- 2017 ވަނަ އަހަރުގެ އޮކްޓޫބަރމަހު ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ހިންގި ހަރަކާތުން 4.2 މިލިއަން ރުފިޔާ ފޮނުވާފަވޭ
- 2018 އަހަރު ޣޫތާ އެމަޖެންސީ ރިލީފް ފަންޑުގެ ނަމުގައި ހިންގި ހަރަކާތުން 1.3 މިލިއަން ރުފިޔާ ފޮނުވާފަވޭ
- މިއަހަރު ރަމަޟާންމަހާއި ދިމާކޮށް ޣާޒާގެ ރައްޔިތުންނަށް “ލޯތްބާއެކު” ނަމުގައި ހިންގި ހަރަކާތުން 2.4 މިލިއަން ރުފިޔާގެ ކާބޯތަކެތި ފޯރުކޮށްދީފައިވޭ
- ޣާޒާގެ ރައްޔިތުންނަށް ސާފު ބޯފެން ރައްކާކުރާނެ ހަމާއި ކަރަންޓް ފޯރުކޮށްދިނުމަށް ޖަނަރޭޓަރ ފަދަތަކެތި ފޯރުކޮށްދިނުމަށްވެސް ހަރަކާތްތަކެއް ހިންގާފަވޭ
- ސޫރިޔާގެ އިދްލިބްގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިވުމަށް މިއަހަރުގެ ސެޕްޓެމްބަރއިން ނޮވެމްބަރއަށް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވޭ
މިފަހަރުގެވެސް ކެމްޕެއިން ތުރުކީގެ އީހާހާ ޖަމިއްޔާއާއި ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޖަމްޢިއްޔާގެ ރީޖަނަލް އެކްސްޕަރޓް މުރާދު ޖުމަޔޭވްވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
އެގޮތުން މުރާދުގެ ވާހަކައިގައި މިފަދަ ކޮންމެ ކެމްޕޭނަކުންވެސް ފެނިގެންދަނީ ދިވެހިންގެ ހިތްހެޔޮކަމާއި އުއްމަތްދެކެ ދިވެހިންވާ ވާލޯބިކަމަށްވަނީ ފާހަގަ ކުރައްވާފައެވެ.
ޑިސެމްބަރ މަހުގެ 25 ގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިކެމްޕެއިންގައި ރާއްޖޭގެ އެކިކަންކޮޅުތަކުން 120 އަށްވުރެ ގިނަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި އެކި ކައުންސިލްތަކުން ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށް އައިއޭސީއިން ހާމަކުރެއެވެ.
"ހެލްޕް ޔަމަން މޯލްޑިވްސް" ކެމްޕެއިންގައި ބައިވެރިވުމަށް ފައިސާ ޖަމާކުރާނީ
ބޭންކް: ބީއެމްއެލް އިސްލާމިކް
އެކައުންޓް ނަން: އެހީ ޖަމިއްޔާ
އެކައުންޓް ނަންބަރ(ރުފިޔާ): 7770000014818
އެކައުންޓް ނަންބަރ(ޑޮލަރ): 7770000014817
ކޮމެންޓް (0)
ލޯޑް ކުރަމުން...