މުއުމިނު މީހާއަށް ޖެހޭ ކޮންމެ މުސީބާތަކަށް ﷲ سُبْحَانَهُ وَ تَعَالَى އެ މުސީބާތުގެ ޒަރިއްޔާއިން އޭނާގެ ފާފަތައް ފުއްސަވައިދެއްވައެވެ. ރަސޫލުﷲ صلى الله عليه وسـلم ޙަދީޡްފުޅު ކުރައްވާފައިވެއެވެ.
"އެއްވެސް މުއުމިނަކަށް ބަނޑުހައިހޫނު ކަމެއް ޖެހުނަސް އަދި އުނދަގޫ ތަކުލީފެއް ޖެހުނު ކަމުގައިވިޔަސް އަދި ހިތާމައެއް ޖެހުނު ކަމުގައިވިޔަސް އަދި ބޭޤަރާރުވުމެއް ޖެހުނުކަމުގައި ވީނަމަވެސް އަދި އޭނަގެ ފަޔަށް ކަށްޓެއް ވަނުނުކަމުގައި ވިޔަސް ﷲ سُبْحَانَهُ وَ تَعَالَى އޭގެ ޒަރިއްޔާއިން އޭނަގެ ފާފަތައް ފުއްސަވައިދެއްވައެވެ."
މުއުމިނު އަޅާއަށް ޖެހޭ ކޮންމެ މުސީބާތަކީ އޭގެ ސަބަބުން އޭނައަށް ފާފަތަކެއް ފޮހެވިގެންދާ ކަމެކެވެ. އޭނާއަށް ބަނޑުހައިހޫނުކަން ޖެހުނީ އޭގެ ސަބަބުން ﷲ އެތައް ފާފައެއް އޭނައަށް ފުއްސަވައި، އޭނާއަށް ހިތާމައެއް ޖެހުނީ އެކަމުގެ މައްޗަށް އޭނަ ކެއްތެރިވީ، އޭގެ ސަބަބުން ﷲ އެތައް ފާފައެއް އޭނައަށް ފުއްސަވައިދެއްވައެވެ. އޭނަގެ ފަޔަށް ކައްޓެއް ވަނުނުކަމުގައިވިޔަސް އެ ތަކުލީފަށް، އެ ކުޑަކުޑަ ތަކުލީފެއް، އެ ތަކުލީފަށްވެސް އޭނަ ކެއްތެރިވެއްޖެ ކަމުގައިވާނަމަ އޭގެ ސަބަބުން ﷲ ބައިވަރު ފާފާތައް އޭނަގެ ފުއްސަވައިދެއްވައެވެ.
އަދި ވެސް ރަސޫލުﷲ صلى الله عليه وسـلم ގެ ކިބައިން ރިވާވެގެންވާ ހަދީޡްފުޅެއްގައި މި ވަނީ
"دَخَلَ عَلَى أُمِّ السَّائِبِ رضي الله عنه"
"ރަސޫލުﷲ صلى الله عليه وسـلم އެއްދުވަހަކު އުއްމު ސާއިބުކިޔާ ސަޙާބިއްޔާއެއްގެ އަރިހަށް ވެދެވަޑައިގަތީ އެކަމަނާ ބަލިވެ އޮންނަވަނިކޮށް އެކަމަނާއަށް ގޮވާލެއްވުމަށްޓަކައެވެ."
އެހިނދު އެކަމަނާއަށް ރަސޫލުﷲ صلى الله عليه وسـلم މިދަންނަވަނީ
"مَا لَكِ تُزَفْزِفِينَ"
"ކަނބުލޭގެ ކީއްވެގެންހޭ ތިކުކުރަނީ؟"
އެހިނދު އެކަމަނާ ވިދާޅުވަނީ
"الْحُمَّى لَا بَارَكَ اللَّهُ فِيهَا"
"މި ހުމުގެ ސަބަބުންނެވެ. ﷲ މިހުމަށް ބަރަކާތް ނުލައްވާށިއެވެ."
ބަދު ދުޢާއެއް މިކުރައްވަނީ ހުމަށެވެ. ހުމާ ދިމާއަށް ހަޑިއެއްޗެއް މި ބުނަނީއެވެ. އެ ހިނދު ރަސޫލުﷲ صلى الله عليه وسـلم ޙަދީޡްފުޅު ކުރައްވަނީ
"لَا تَسُبِّي الْحُمَّى"
"އޭ ކަނބުލޭގެޔާއެވެ. ހުމަށް ހަޑިހުތުރު އެއްޗިހި ނުގޮވާށެވެ."
"فَإِنَّهَا تُذْهِبُ خَطَايَا بَنِي آدَمَ"
"ސަބަބަކީ އެހުމުގެ ސަބަބުން އާދަމުގެ ދަރިޔާގެ ފާފަތައް ފޮހެވިގެން ދެއެވެ."
ކޮން ގޮތަކަށް؟
"كَمَا يُذْهِبُ الْكِيرُ خَبَثَ الْحَدِيدِ"
"އެއީ ޤިރުނބާ ދަގަނޑުގެ މިލަ ފިލުވާލާ ފަދައިންނެވެ."
ހުމަކީ ދަގަނޑު އަލިފާނަށްލީމާ އޭގެ މިލަތައް ފިލައިގެންދާ ފަދައިން އާދަމުގެ ދަރިޔާގެ ފާފަތައް ފުއްސައިދޭ އެއްޗެކެވެ.
ޚިޔާލު